1 ޞަމޫއީލް. 25. ޞަމޫއީލްގެފާނު އަވަހާރަ ވެއްޖެއެވެ. އިސްރާއީލީން އެންމެން އައިސް އެކަލޭގެފާނަށް އިޙުތިރާމް އަދާކުރުމަށް ފަހު ރާމާގައި އެކަލޭގެފާނު ވަޅުފުޅުލައިފިއެވެ. ދާއޫދު ގޮސް ހުރީ ފާރާންގެ ސަހަރާ ތެރޭގައެވެ. އޭރު މަޢޫނު ސަހަރާއިން އައިސް ހުރި ވަރަށް މުއްސަނދި މަހުޖަނަކު އުޅެއެވެ. އޭނާގެ ނަމަކީ ނާބާލް އެވެ. އޭނާގެ އަންހެނުން އަބީޖާއިލް އަކީ ވަރަށް ރީތި ވިސްނުންތެރި އަންހެނެކެވެ. އެކަމަކު އޭނާގެ ފިރިމީހާ އަކީ ކަލީބީ ގަބީލާގެ މީހަކަށް ވެފައި ނުހަނު ހަރުކަށި އަނިޔާވެރި ނުބައި ނުލަފާ މީހެކެވެ. ކަރުމަލުގައި އޭނާގެ އަތުގައި ތިންހާސް ކަންބަޅިއާއި އެއްހާސް ބަކަރި އޮވެއެވެ. އޭނާ އައިސް މި އުޅެނީ ކަންބަޅި ކެހެރި ކޮށާށެވެ. ދާއޫދު ސަހަރާ ތެރޭ އުޅެނިކޮށް އެރަށުގައި ނާބާލް ކަންބަޅި ކެހެރި ކޮށަން އުޅޭ ޚަބަރު ލިބިއްޖެއެވެ. އޭނާ ދިހަ ޒުވާނުން ނާބާލްގެ ގާތަށް ފޮނުވައިފިއެވެ. އޭނާ އެމީހުންނަށް އެންގީ ކަރްމަލަށް ގޮސް ނާބާލް ހޯދާފައި އޭނާގެ ސަލާމް ރައްދުކޮށް ދޭށޭ އެވެ. އަދި އޭނާގެ ގާތު މިހެން ބުނާށޭ ވެސް ބުންޏެވެ. ”ދާއޫދު ކަލެއަށާއި ކަލޭގެ އާއިލާއަށް ދިގު އުމުރެއް ދެއްވައި ތަނަވަސްކަން އިތުރު ކުރެއްވުން އެދި ހެޔޮ ދުޢާ ސަލާމް ފޮނުވައޭ. އޭނާއަށް ކަލޭ މިތަނުގައި ކަންބަޅި ކެހެރި ކޮށަން އުޅޭ ޚަބަރު އިވިގެން އަހަރެމެން ފޮނުވީއޭ. އޭނާ ބުނީ ކަލެއަށް އަންގާށޭ ކަލޭގެ ބަކަރި ބަލަހައްޓާ މީހުން އޭނާގެ ކައިރީގައި ކަރްމަލްގައި ސަލާމަތުން އެބަތިއްބޭ. އެމީހުންގެ އަތުން އެއްވެސް އެއްޗެއް ނުގެއްލެޔޭ. އެމީހުން ކުރެން މިހެން އެހިޔަސް އެމީހުންވެސް ބުނާނެއޭ އެއީ ތެދެކޭ. ސާހިބު ގާތު ދަންނަވާށޭ، މި ޒުވާނުންނާ މެދު ހެޔޮކޮށް ހިއްތަވާށޭ. މިއީ ޢީދު ދުވަސްވަރު ކަމަށް ވާތީ ތިމަން މީހުންނަކީ ވެސް ސާހިބުގެ ޚާދިމުން ކަމަށް ބައްލަވައި ސާހިބުގެ އަތުގައި ހުރިއްޔާ ހުރި ކާއެއްޗެއް ކަލޭގެ ރަޙުމަތްތެރި ދާއޫދުއަށާއި ތިމަންމެނަށް ވެސް ދެއްވާށޭ.“ ދާއޫދުގެ ފަރާތުން މިޚަބަރު ނާބާލްއަށް ގެނައުމަށް ފަހު އޭނާ ދޭ ޖަވާބެއްގެ އިންތިޒާރުގައި އެމީހުން ތިއްބެވެ. ނާބާލް ޖަވާބު ދިނެވެ. ”ދާއޫދުއޭ ތަ؟ ތިޔަ ޔައްސާގެ ދަރިއަކީ ތީ ދެން ކާކުތަ؟ މިރަށުގައި މިހާރަކަށް އައިސް ތިހެން ފިލައިގެން އުޅޭ ލައްކަ ގިނަ އަޅުންތައް އެބަ އުޅޭ! އަހަރެންގެ އަތުގައި ހުރި ރޮއްޓަކާއި ފެނެއް އަދި އެއްގަމު މަހެއް ތިޔަހެން އައި ނައި ތަނެއް ނޭނގި އަންނަ ބަޔަކަށެއް ނުދޭނަން. އެއީ ކެހެރި ކޮށާ މީހުންނަށް ދޭން ހުރި އެއްޗެހި.“ ދާއޫދުގެ މީހުން އަނބުރާލާފައި ގޮސް މި ޚަބަރު ދާއޫދަށް ދީފިއެވެ. ދާއޫދުގެ މީހުން ގާތު އޭނާ ބުންޏެވެ. ”ހޭވައްލާ ތައްޔާރު! ކަނޑިތައް މަހާލާ!“ ދެން އެމީހުން ދާއޫދު އެންގި ގޮތަށް ކަންތައް ކޮށްފިއެވެ. ދާއޫދު ވެސް ކަނޑި މަހާލިއެވެ. ދެން ހަތަރު ސަތޭކަ ސިފައިން ދާއޫދާއެކު ނުކުމެއްޖެއެވެ. ދުއިސައްތަ މީހުން ކާބޯތަކެއްޗާއި މުދާތައް ބަލަހައްޓަން ތިއްބެވެ. އެއިރު ނާބާލްގެ ޚާދިމަކު ގޮސް އޭނާގެ އަނބި އަބީޖާއިލްގެ ގާތުގައި ބުނެއްޕެވެ. ”ސާހިބުގެ ގާތަށް ސަހަރާގެ ތެރޭގައި އުޅޭ ދާއޫދު ބަޔަކު އޭނާގެ ގާތަށް ވެދުމާގެން ފޮނުވީމާ އެމީހުންނާމެދު ސާހިބު އިހާނާތްތެރިކޮށް ހިތާފައި އެމީހުން ލަދު ގަންނަވާލައި ފޮނުވާލައިފި. އެކަމަކު އެމީހުންނަކީ އަހަރެމެންނާ މެދު ވަރަށް ހެޔޮކޮށް ހިތި ބައެއް. އެމީހުންގެ ގާތުގައި ހާމަ ބިމުގައި އަހަރެމެން އުޅުނު އިރު އެމީހުން ފާރެއްހެން އަހަރެމެންގެ ވަށައިގެން ތިބި. އެހެންވެ އަހަރެމެންގެ އަތުން ދުވަހަކުވެސް އެއްޗެއް ގެއްލިފައެއް ނުވޭ. މިކަމާމެދު ކަމަނާ ގޮތެއް ނިންމަވަ ބަލަ. މިހާރު މިވީ ގޮތުން މިގޭގެ އެންމެންނަށް މިއޮތީ ނުރައްކާވެފައި. ސާހިބުގެ ރުޅިގަދަކަން ހުންނަވަރުން އޭނާ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނެ މީހަކުވެސް ނެތް.“ އަބީޖާއިލް ހިނދުކޮޅެއް ވެސް ލަހެއް ނުކުރިއެވެ. އޭނާ ދުއިސައްތަ ރޮއްޓާއި ދެ ހަމުގެ މޭބިސްކަދުރު ދިޔައާއި ތިރީސް ހަތް ނާޅި ހަނާކުރި ގޮދަނާއި ނޮޅާފައިވާ ފަސް ކަންބަޅިއާއި މޭބިސްކަދުރު ކޭކުގެ ސަތޭކަ ކޭކާއި ވައްތީނި ބޯކިބާގެ ދުއިސައްތަ ކޭކާއި މި އެއްޗެހި ހިމާރަތަކަށް ލައިފިއެވެ. ދެން އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”ކުރީގައި ތިބެގެން ދޭ. އަހަރެން ފަހަތުން އެބަ އަންނަން.“ އޭނާ މިކަންތައް ކުރީ ނާބާލްއަށް އެންގުމެއް ނެތިއެވެ. އަބީޖާއިލް ހިމާރު މަތީގައި ފަރުބަދައިގެ ކައިރިފަށުން ދަނިކޮށް ދާއޫދާއި އޭނާގެ މީހުން އަންނަތަން ފެނިއްޖެއެވެ. އެމީހުން އޭނާއާ އަރާހަމަ ކޮށްފިއެވެ. އޭރު ދާއޫދު ހިތާހިތާ ބުނަމުން ދިޔައެވެ. ”އަހަރެމެން މިއޮތްހާ ދުވަހު އެކަލޭގެ މުދާތައް ސަހަރާގެ ތެރޭ ރައްކާތެރިކޮށްދީ އެކަލޭގެ އެއްޗެއް ގެއްލުނަ ނުދީ ބެލެހެއްޓީމާ އަހަރެމެންނާ ދޭތެރޭ އެކަލޭގެ ކަންތައް ކުރީ މިހެން. އަހަރެމެން ކޮށްދިންހާ ކަންތަކެއް ދިޔައީ ފަނުފުލުން. މާދަމާ އިރު އަރާއިރަށް އެކަލޭގެ ގެންގުޅޭ އެންމެ ފިރިހެނަކު ދިރި ހުއްޓަސް މާތް ﷲ މި ދާއޫދުގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!“ އަބީޖާއިލް އަށް ދާއޫދު ފެނުމުން އޭނާ ހިމާރު މަތިން ފައިބައި ދާއޫދުގެ ކުރިމަތީގައި ބިމުގައި މޫނު ޖެހޭވަރަށް ގުދު ވެއްޖެއެވެ. އޭނާ ދާއޫދުގެ ފައިމައްޗަށް ވެއްޓިގެންފައި ބުނެފިއެވެ. ”ސާހިބާ! ތިޔަ ކަމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑުގެ މައްޗަށް އަޅުވާ. ސާހިބުގެ ޚާދިމާ މި ދަންނަވާ އެއްޗެއް އަޑުއައްސަވާ! ސާހިބު އެ ނުލަފާ ނާބާލް ބުނާއެއްޗެއް އަޑު ނާހާ. އޭނާއަށް އެނަން ކިޔަނީ ވެސް އެހެންވެ. އޭނާއަކީ މޮޔައެއް. ސާހިބު ފޮނުވި މީހުން އަޅުގަނޑު ނުވެސް ދެކެން. ސާހިބުގެ އަތުން އަދާވާތްތެރިންގެ ލޭ އޮހުރުވުން ހުއްޓުވީ މާތްރަސްކަލާނގެ. ދިރިދެމިވޮޑިގެންވާ ކަލާނގެ ސާހިބުގެ އުމުރު ދަންމަވާށި. އަދި ސާހިބަށް ގެއްލުން ދިނުމަށް ނުކުންނަ އެންމެންނަށް ނާބާލް އެކޭ އެއްފަދައިން ކަންތައް ހިންމަވާށި. އަޅުގަނޑު މި ގެނައި ހަދިޔާ ސާހިބުގެ ފަހަތުން އަންނަ ޒުވާނުންނަށް ދެއްވާ. ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި. ސާހިބުގެ ފުރާނައަށް ގެއްލުން ދީ އަނިޔާއެއް ކުރަން އަންނަ މީހެއްގެ ކިބައިން، މީހަކު ޚަޒާނާއެއް ފޮރުވައި ރައްކާ ކުރާނެ ފަދައިން، ސާހިބުގެ އިލާހު، މާތްރަސްކަލާނގެ ސާހިބަށް ސަލާމަތްތެރިކަން ދެއްވައި ހިމާޔަތް ކުރައްވާށި. އަދި އެ ނިޔަތުގައި އަންނަ މީހަކު ސާޅަގައަކަށް ލައި ދޫކޮށްލެވޭ ފަދައިން ހޫރާ ލައްވާށި. މާތްރަސްކަލާނގެ ސާހިބަށް ހުރިހާކަމެއް ކޮށް ދެއްވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދަ ފުރިހަމަ ގޮތުގައި. އަދި އިސްރާއީލުގެ ވެރިކަން ވެސް ސާހިބަށް ދެއްވާފައިވޭ. މިކަންތައް މިގޮތުގައި ވުމުން ސާހިބުގެ އަތުން ކަމަކާ ނުލާ ބައެއްގެ ލޭ އޮހޮރިގެން އެކަމުގެ ދެރަ ހީވެ ބަދަލު ހިފުން ފަދަ ބޭކާރު ކަމެއް ސާހިބު ކުރައްވާކަށް މެދުވެރިއެއް ނުވާނެ. ސާހިބަށް މާތްރަސްކަލާނގެ އެ މަތިވެރި ކާމިޔާބު ދެއްވީމާ މި ޚާދިމާގެ މަތިން ހަނދާން ބަހައްޓަވާތި.“ ދާއޫދު އަބީޖާއިލް ގާތު ބުންޏެވެ. ”އަހަރެންގެ ގާތަށް މިއަދު ކަލޭ ފޮނުއްވި އިސްރާއީލްގެ އިލާހު، މާތްރަސްކަލާނގެއަށް ހަމްދުކުރަން. މިއަދު އަހަރެންގެ އަތުން އެތައްބައެއްގެ ލޭ އޮހޮރި ބަދަލުހިފިދާނެ ގޮތް މެދުވެރި ނުވީ ކަލޭގެ ހެޔޮ ވިސްނުމުގެ ސަބަބުން. އެކަމަށްޓަކައި ﷲގެ ބަރަކާތް ހުރި. ކަލޭ އައިސް މިއަދު އަހަންނާ ބައްދަލު ނުކުރި ނަމަ، އިސްރާއީލްގެ އިލާހު، ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި މިބުނީ މާދަމާ އިރު އަރާއިރު ނާބާލްއާއި އޭނާގެ އާއިލާގެ ދިރިހުރި އެންމެ ފިރިހެނަކު ވެސް ނުހުންނާނެ.“ އަބީޖާއިލް ގެނައި ހަދިޔާތައް ދާއޫދު ގަބޫލު ކޮށްފިއެވެ. އަދި ބުންޏެވެ. ”ސަލާމަތްތެރި ކަމާއެކު ގެއަށް ދޭ. ކަލޭގެ ކަންތައް ކަލޭ އެދުނު ގޮތުގެ މަތިން ފުރިހަމަ ކޮށްދޭނަން.“ އަބީޖާއިލް ގެއަށް ދިޔައިރު ނާބާލް އިނީ ރަސްކަލެއް ފަދައިން ކާށެވެ. އޭނާ ވަނީ ރާބޮއި މަސްތުވެ ފޯރި ގަދަވެފަ އެވެ. އެހެންކަމުން އެރެއަކު އޭނާގެ ގާތަކު މީން ވާހަކައެއް އޭނާ ނުދައްކައެވެ. ހެނދުނު ނާސްތާގެ ވަގުތު އޭނާގެ މަސްތުކަން ފިލުމުން މި ހުރިހާ ވާހަކައެއް ނާބާލްއަށް އޭނާ ކިޔާ ދިނެވެ. އެއާއެކު އޭނާގެ ހަރަކާތް ހުއްޓި ހިލައެއް ފަދައިން ގާ ވެއްޖެއެވެ. އޭގެ ދިހަ ދުވަސްފަހުން މާތްރަސްކަލާނގެ އޭނާ މަރު ގަންނަވައިފި އެވެ. ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”ހަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.“ ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ. ދާއޫދުގެ ޚާދިމުން ކަރްމަލްއަށް ގޮސް އަބީޖާއިލް ގާތު ބުންޏެވެ. ”އަހަރެމެން މިއައީ ދާއޫދު ފޮނުވައިގެން ކަލޭ އޭނާއާ އިނުމަށް ގޮވައިގެން ދާން.“ އަބީޖާއިލް ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެފައި ބުންޏެވެ. ”އަހަރެން މީ އޭނާގެ އަޅެއް. އޭނާގެ ޚާދިމުންގެ ފައިތިލަ ދޮވެ ދޭން ވެސް މިހިރީ ތައްޔާރަށް.“ ދެން އޭނާ އަވަހަށް ތައްޔާރުވެ ފަސް ޚާދިމާއިން ގޮވައިގެން ހިމާރެއްގައި އެމީހުންނާއެކު ގޮސް ދާއޫދާ ކައިވެނި ކޮށްފިއެވެ. ދާއޫދު ވަނީ ޔަޒްރަޢީލުގެ އަޚީނޫޢަމް ވެސް އިނދެގެން ނެވެ. މިހާރު އަބީ ޖާއިލްއަކީ ވެސް އޭނާގެ އަނތްބެކެވެ. އެހިނދު ޝާއުލް ރަސްގެފާނު ވަނީ ދާއޫދު އިނދެގެން އުޅުނު މީކާލް ޖައްލިމު އަވަށުން އައިސް ހުރި ލައިޝްގެ ދަރި ޕަލްތީއާ ދެވާފައެވެ.