1 ޞަމޫއީލް. 23. ފިލިސްޠީނުން ޤަޢީލާގެ އަވަށަށް އަރައި އެއަވަށުގެ މީހުންނަށް ހަމަލަދީ ގޮވާން ތޮށިނޮޅާ ދަނޑުބިންތައް ލޫޓުވަމުންދާ ކަމުގެ ޚަބަރު ދާއޫދަށް އިވިއްޖެއެވެ. ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.“ އެކަމަކު ދާއޫދާއެކު ތިބި މީހުން ބުނެއްޕެވެ. ”އަހަރެމެން ޔަހޫޛާގެ މިރަށުގައި ވެސް މިތިބީ ބިރުން. އަހަރެމެން ފިލިސްޠީނުންނާ ހަނގުރާމައަށް ދާން އަދި ކިހާ ބިރެއް ގަންނާނެތަ؟“ ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.“ ދެން ދާއޫދުއާއި އޭނާގެ މީހުން ޤަޢީލާއަށް އަރައި ފިލިސްޠީނުންނަށް ހަމަލަދީ އެމީހުންގެ އެތައް ބަޔަކު މަރާލައި ޖަނަވާރުތައް އަތުލައި އެރަށް ސަލާމަތް ކޮށްފިއެވެ. (މިހިނދު އަބިޔާތަރު ފިލައިގެން ދާއޫދުގެ ގާތަށް އައިއިރު އައީ އަޅުކަމުގެ ޖުއްބާ އަފޫދު ވެސް ހިފައިގެންނެވެ.) ދާއޫދު ޤަޢީލާގައި އުޅޭ ޚަބަރު ޝާއުލްގެފާނަށް އިވި ވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ﷲ އަހަރެންގެ އަތްދަށަށް ދާއޫދު ގެނެސް ދެއްވައިފި. އެހެނީ އެރަށަކީ ބޮޑު ދޮރާއްޓެއް ލައި ތޭރި ޖަހައި ބަންދު ކުރެވޭނެ ގޮތަށް ހުރި ރަށެއް. އޭނާ އަހަރެންގެ ދަންތުރައިގައި ޖެހިއްޖެ.“ ދެން ރަސްގެފާނުގެ އަމުރުފުޅަށް މުޅި ލަޝްކަރު އެއްކުރައްވައި ދާއޫދާއި އޭނާގެ މީހުން ޙިސާރުކުރުމަށް އަމުރު ކުރައްވައިފިއެވެ. މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ. ދާއޫދު ދުޢާ ދެންނެވިއެވެ. ”އޭ އިސްރާއީލީންގެ ވެރި މާތްރަސްކަލާނގެ، މާތްﷲ! މިއަޅާ އަޑު އަހައިފިން ޝާއުލްގެފާނު ޤަޢީލާއަށް ވަޑައިގެން މިއަޅާއާ ހެދި މި ސަހަރު ނައްތާލައްވަން އުޅޭ ޚަބަރު. ޤަޢީލާގެ މީހުން މިއަޅާ ޝާއުލްގެފާނާ ހަވާލު ކޮށްފާނެތޯ؟ އެކަލޭގެފާނު މިރަށަށް ހަމަ ވަޑައިގެންފާނެތޯ؟ އިސްރާއީލުގެ އިލާހު، މާތްކަލާނކޯ! މިއަޅާއަށް އެކަން އަންގަވައި ދެއްވަވާނދޭވެ!“ ”އާނ! އޭނާ އަންނާނެ!“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ. ދާއޫދު ދެންނެވިއެވެ. ”ޤަޢީލާގެ ވެރިން މިއަޅާއާއި މިއަޅާގެ ސިފައިން އެކަލޭގެފާނާ ހަވާލު ކޮށްފާނެތޯ؟“ ”އާނ! އެމީހުން އެހެން ހަދާނެ.“ ދާއޫދުއާއި އޭނާގެ ކައިރީގައި ތިބި ހަ ސަތޭކައެއްހާ ސިފައިން އަވަހަށް ޤަޢީލާއިން ނުކުމެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށައިފިއެވެ. ދާއޫދު އެރަށުން ނުކުތް ޚަބަރު ލިބުމުން ޝާއުލްގެފާނު އެ ރަށަކަށް ވަޑައެއް ނުގެންނެވިއެވެ. ދާއޫދު ފަރުބަދަތަކުގެ ތެރޭގައިއާއި ޒީފު ސަހަރާގެ ތެރޭގައި ފިލަފިލައިގެން އުޅެމުން ދިޔައެވެ. ޝާއުލްގެފާނު ދާއޫދު ހޯދަން ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަކު ﷲ ޝާއުލްގެފާނުގެ އަތްދަށަށް ދާއޫދު ދިޔަކަ ނުދެއްވިއެވެ. ދާއޫދު ޒީފުގެ ހޫރީޝްގައި އުޅެނިކޮށް ޝާއުލްގެފާނު އޭނާ އަތުލައިގަންނަން އަންނަ ޚަބަރު ލިބިއްޖެއެވެ. އެކަމަކު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިން އައިސް ދާއޫދަށް ﷲއަށް އިތުބާރު ކުރުމަށް ހިތްވަރު ދިނެވެ. ”ބިރު ނުގަނޭ. ބައްޕައަކަށް ކަލޭ އަތުލައެއް ނުގަނެވޭނެ. އަސްލުގައި އިސްރާއީލްގެ ރަސްކަލަކަށް ވާނީ ކަލޭ. އަހަރެން ހުންނާނީ ކަލޭގެ ދަށުގައި ދެވަނަ މީހަކަށް. ބައްޕައަށް ވެސް މިކަން އެނގޭ.“ އެދެމީހުންގެ ދެމެދުގައި މިގޮތަށް މާތްރަސްކަލާނގެ ކުރިފުޅުމަތީ ޢަހުދު ކަށަވަރު ކުރުމަށް ފަހު ޔޫނަތައިން އެނބުރި ހިނގައްޖެއެވެ. އެހެނަސް ދާއޫދު ހޫރީޝްގައި ހުރެއްޖެއެވެ. މިހިނދު ޒީފުގެ މީހުން ޖިބްޢާއަށް ގޮސް ޝާއުލް ރަސްގެފާނަށް ދަންނަވައްޕެވެ. ”ދާއޫދު އެބަ އުޅޭ ޔަޝީމޫންގެ ދެކުނުގައިވާ ހޫރީޝް ގައިވާ ޙަޚީލާ ފަރުބަދަ މަތީ ހިސާބުގައި. ކަލޭގެފާނު އޭނާ އަތުލައިގަންނަވަން ބޭނުފުޅުވާވަރު އަޅުގަނޑުމެންނަށް އެނގޭ. ކަލޭގެފާނު ވަޑައިގަންނަވާ އިރަށް އަޅުގަނޑުމެން ކަލޭގެފާނާ އޭނާ ހަވާލު ކުރާނަން.“ ރަސްގެފާނު ވިދާޅުވިއެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި. ކަލޭމެން ތިޔަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް. ދޭ ގޮސް އޭނާ އުޅޭ ތަނަކާ އޭނާ ބައްދަލު ކޮށް އުޅޭ ބަޔަކާ ރަނގަޅަށް އޮޅުން ފިލުވާ. އަހަރެން އަޑު އަހާ ގޮތުގައި އޭނާއަކީ ވަރަށް މަކަރު ގަދަ މީހެއް. އޭނާ ފިލާ ހުންނަ ހުރިހާ ތަނެއް ބަލައި އޮޅުން ފިލުވައިގެން އައިސް އަހަންނަށް އަންގާ. އޭނާ ތިޔަ ސަރަހައްދުގައި ހުރިނަމަ އަހަރެން ކަލޭމެންނާއެކު ދާނަން. އަހަރެން މިހިރީ ޔަހޫޛާގެ ހުރިހާ ސަރަހައްދެއް ހޯދަން ޖެހުނު ކަމުގައިވިޔަސް އޭނާ ހުރި ތަނެއް ހޯދަން ތައްޔާރަށް.“ ޒީފުގެ މީހުން އެނބުރި ހިނގައްޖެއެވެ. އެމީހުން ދިޔަ ތަނާހެން ޝާއުލްގެފާނު ސިފައިންނާއެކު އެރަށަށް ވަޑައިގެންފިއެވެ. އޭރުވެސް ދާއޫދާއި އޭނާގެ މީހުން ވީ މަޢޫނު ސަހަރާގައި ދެކުނުން އޮންނަ ޔަޝީމޫންގެ ސަހަރާތެރޭގައެވެ. ޝާއުލްގެފާނަށް ދާއޫދު ވީ މަޢޫނުގައި ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ސިފައިން އެތަނަށް ދާން ތައްޔާރު ވެއްޖެއެވެ. އެކަމަކު މި ޚަބަރު ދާއޫދަށް އިވުމުން އޭނާ މަޢޫނު ސަހަރާގައި ފިލާ ހުރެވޭނެ ހިލައެއްގެ ފުރަގަހަށް ހިނގައްޖެއެވެ. ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގުމުން މައޫން ސަހަރާއާ ދިމާއަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ. ޝާއުލްގެފާނުގެ ސިފައިން އެފަރުބަދަގަނޑުގެ އެއްފަރާތަށް ދާއިރަށް ދާއޫދުގެ މީހުން އޭގެ އަނެއް ފަރާތަށް ދެއެވެ. ދާއޫދުއާއި އޭނާގެ މީހުން އުޅުނީ ޝާއުލްގެފާނުގެ އަތްދަށުނުވެ ރައްކާވާށެވެ. ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގިވަޑައިގެން އޭނާ އަތުލައިގަންނަވަން ތައްޔާރު ވެއްޖެއެވެ. އެވަގުތު ޚަބަރު ހިފައިގެން އައި މީހަކު އައިސް ޝާއުލްގެފާނަށް ދެންނެވިއެވެ. ”އަވަހަށް ވަޑައިގަންނަވާ. ފިލިސްޠީނުން އައިސް އިސްރާއީލީންނަށް ހަމަލަ ދީ ހުރިހާ އެއްޗެއް ކޮޅައި ނަގަން ފަށައިފި.“ ދެން ޝާއުލްގެފާނު ދާއޫދު ދޫކޮށްލައްވާފައި ފިލިސްޠީނުންނާ ދިމާކުރައްވަން ވަޑައިގެންވި އެވެ. އެ ހިލައަށް ”ސަލާމަތުގެ ހިލައޭ“ ކިޔަނީ އެހެންވެ އެވެ. ދާއޫދު މައޫނު ސަހަރާ ދޫކޮށް ޢައިނު ޖަދްޔި ސަހަރާއަށް ގޮސް އެތަނުގައި ފިލައިފި އެވެ.