1 ޞަމޫއީލް. 22. ދާއޫދު ޖައްތުން ފިލައިގެން ޢަދުއްލާމްގެ ފަރުބަދައެއްގެ ހޮހޮޅައަކަށް ވަދެއްޖެއެވެ. މި ޚަބަރު އޭނާގެ އާއިލާއަށް އިވުމުން އެމީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ. އަދި އެއާއެކު އެކިކަހަލަ މުސީބާތުގައި ތިބި މީހުންނާއި ދަރަނިވެރިންނާއި އެކި ކަންކަމާ ހެދި ހިތްހަމަ ނުޖެހިފައި ތިބި މީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ. އަދި ދާއޫދު މިމީހުންގެ ވެރިއަކަށް ހަދައިފިއެވެ. މި މީހުންގެ އަދަދު ހަތަރު ސަތޭކަ އަށް އަރައެވެ. ދާއޫދު އަދޫލާމުގެ ހޮހަޅައިން ނުކުމެ މިޞްބާހުގެ މުއާބަށް ހިނގައްޖެއެވެ. އަދި މުއާބުގެ ރަސްގެފާނުގެ ފައިންޕުޅު ދެކެ ދެންނެވިއެވެ. ”އަޅުގަނޑާއި މެދު މާތްﷲ ނިންމަވާ ގޮތެއް އެނގެން ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ، ރަސްގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަވާ ދެއްވަފާނަން ތޯ.“ ދެން ދާއޫދުގެ މައިންބަފައިން ގެނެސް މުއާބުގެ ރަސްގެފާނުގެ ބެލުމުގެ ދަށަށް ލައިފިއެވެ. ދާއޫދު އެތަނުގައި ފިލާ ހުރިހާތައް ދުވަހު އެމީހުން ތިބީ ރަސްގެފާނުގެ ހިމާޔަތުގަ އެވެ. އެކަމަކު ޖާދު ނަބީކަލޭގެފާނު ދާއޫދުގާތު ވިދާޅުވެއްޖެ އެވެ. ”މިތާ ނުހުރެ ޔަހޫޛާއަށް ދޭ.“ ދެން ދާއޫދުމެން އެތަނުން ނުކުމެ ޚޭރެތުގެ ޖަންގަލި ތެރެއަށް ހިނގައްޖެއެވެ. ޝާއުލްގެފާނަށް ދާއޫދުމެން ވީތަން އެނގުނު ޚަބަރު ލިބިވަޑައިގެންފި އެވެ. އޭރު އެކަލޭގެފާނު އިންނެވީ ޖިބްޢާގެ ފަރުބަދަތަކުގެ ތެރޭ ތަމަރިސްކު ގަހެއްގެ ދަށުގައެވެ. އަތްޕުޅުގައި ލޮންސި އޮތެވެ. ރަސްގެފާނުގެ ހުރިހާ އަރިހުބޭކަލުން އެންމެންވެސް އެތަނުގައި ތިއްބެވެ. ރަސްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ބަންޔާމީންގެ ދަރިކޮޅު ފިރިހެނުންނޭވެ. ޔައްސާގެ ދަރި ކަލޭމެންނަށް ގޮވާން ދަނޑުތަކާއި މޭބިސްކަދުރު ދަނޑުތައް ދޭނެތަ؟ ސިފައިންގެ ތެރޭގައި ކަލޭމެންގެ ދަރަޖަ މަތިވެރި ކޮށް މަތީ މަޤާމު ދޭނެ ތަ؟ އެހެންވީމާ ތަ ކަލޭމެން އަހަރެންނާ ދެކޮޅުވެރި ވަމުން ތިޔަ ދަނީ؟ އަހަރެންގެ އުފަން އަހަރެންގެ ދަރިޔަކު ޔައްސާގެ ދަރިއާ އެކު ކަންކަމަށް ޢަހުދުކޮށް ހަދާއިރު ކަލޭމެންގެ އެކަކުވެސް އަހަރެންނަށް އެކަން ނާންގާ ތިޔަ ތިބެނީ؟ ކަލޭމެން މީހަކު އަހަންނާމެދު ކުޑަވެސް ކުލުނެއް ނެތެއްނު؟ އަހަރެންގެ ދަރިފުޅާ ގުޅިގެން އަހަރެންގެ އަދާވާތްތެރިޔާ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަމުން ދާއިރު އެކަން އަހަންނަކަށް އެކަކުވެސް ނާންގަމެއްނު.“ އޭރު އެތަނުގައި އަދޫމީންގެ ދުވާޣު ވެސް ހުއްޓެވެ. އޭނާ ދަންނަވައްޕެވެ. ”އަޅުގަނޑު ދުށިން ޔައްސާގެ ދަރި އަޚީތޫބުގެ ދަރި އަޚީމާލިކުގެ ގާތަށް ނޫބަށް ގޮސް އުޅެނިކޮށް. އަޚީމާލިކު މާތްރަސްކަލާނގެ ކިބަފުޅުން އޭނާއަށް އެހީތެރިކަން ލިބުން އެދި ދުޢާ ވެސް ދެންނެވި. އަދި އޭނާއަށް ކާއެއްޗެހި ދީ ޖުލިޔާތުގެ ކަނޑި ވެސް ދިން.“ މިވާހަކަ އިވުމުން ޝާއުލްގެފާނު އަޚީމާލިކު އާއި ނައުބުގެ އިމާމުންގެ ގޮތުގައި ތިބި އޭނާގެ ގާތްތިމާގެ އެންމެން ހާޒިރު ކުރަން އަންގަވައިފި އެވެ. އެއެންމެން އަތުވެއްޖެއެވެ. ޝާއުލްގެފާނު އަޚީމާލިކަށް ވިދާޅުވިއެވެ. ”އަޚީތޫބްގެ ދަރިޔާ، ކަނުލައި އަހާ!“ ”މަނިކުފާނުގެ ޚިދުމަތުގައި ހުރީމު!“ އަޚީމާލިކު ދެންނެވިއެވެ. ”ކަލޭ ޔައްސާގެ ދަރި ދާއޫދާ ގުޅިގެން މަށާ ދެކޮޅު ރޭވުންތައް ރޭވީ ކީއްވެތަ؟ ޖުލިޔާތުގެ ކަނޑި އޭނާއަށް ދީ ﷲއަށް ދުޢާ ދަންނަވައިދީ ކާއެއްޗެހި ދީހަދާފައި ފޮނުވާލީ ކީއްވެ؟ އޭނާ މިއަދުވެސް ފިލާ އެ އޮތީ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަން.“ ”ދާއޫދަށް ވުރެން މަނިކުފާނަށް ވަފާތެރި ވާނީ ކާކުތޯ؟ އޭނާ އަކީ މަނިކުފާނުގެ އިސް ހަށިފާރަވެރިޔާ. އަދި މަނިކުފާނުގެ ދަނބި ދަރިފުޅު. އަދި ސިފައިންގެ ލަޝްކަރުގައި އޭނާއަށް ވުރެން އިސް މަޤާމެއްގައި ހުރީ ކާކުތޯ؟ އަޅުގަނޑު އޭނާއަށް މަދަދު ދެއްވުން އެދި ﷲގެ ހަޒްރަތުގައި ދުޢާ ދަންނަވައި ދިން އެއަކީ ފުރަތަމަ ފަހަރެއްވެސް ނޫން އިނގޭތޯ؟ އޭނާ މަނިކުފާނަށް ހަމަލައެއް ދޭން އުޅޭކަމެއް މަނިކުފާނުގެ ޚާދިމު އަޅުގަނޑަކަށް ވެސް އަދި އަޅުގަނޑުގެ ތިމާގެ މީހަކަށް ވެސް އެނގިއެއް ނެތް!“ ރަސްގެފާނު ވިދާޅުވިއެވެ. ”ކަލެއާއި ކަލޭގެ ބައްޕަގެ އާއިލާގެ އެންމެން ޖެހޭނީ މަރާލަން.“ ދެން ރަސްގެފާނުގެ ހަށިފާރަވެރިންނަށް އެންގެވިއެވެ. ”މާތްރަސްކަލާނގެ އިމާމުން މަރާލާ. އެއީ ދާއޫދު އަހަރެންނާ ދެކޮޅުވެރިވެ ފިލައިގެން ދިއުމަށް މިމީހުން އެހީވެ އެކަން ނާންގައި ތިބީމަ.“ އެކަމަކު ރަސްގެފާނުގެ އަރިހުބޭކަލުންގެ ތެރޭން އެކަކުވެސް މާތްރަސްކަލާނގެ އިމާމުން މަރާލާކަށް އަތެއް ނު އުފުލި އެވެ. ދެން ރަސްގެފާނު ދުވާޣުއަށް ވިދާޅުވިއެވެ. ”ކަލޭ މި އެންމެން މަރާލާ!“ ދެން ދުވާޣު އެ އެންމެން މަރާލައިފިއެވެ. އެމީހުންގެ ތެރޭގައި މާތްރަސްކަލާނގެ އިމާމުންގެ ގޮތުގައި އަފޫދު ޖުއްބާ ލައި އުޅޭ އައްޑިހަ ފަސް އިމާމުން ހިމެނެއެވެ. ޝާއުލްގެފާނުގެ އަމުރުފުޅަށް އިމާމުންގެ ރަށް ކަމަށް ވާ ނައުބުގެ އަންހެނުންނާއި ކުޑަކުދިންނާއި ޅަދަރިންނާއި ގެރިބަކަރި ހިމާރު ކަންބަޅި ފަދަ ހުރިހާއެއްޗެއް މަރައި ސުންނާފަތި ކޮށްފިއެވެ. މި ހަމަލައިން ސަލާމަތްވީ އަޚީމާލިކުގެ ދަރި އަބިޔާތަރު އެކަންޏެވެ. އޭނާ ފިލައިގެން ދިޔައީ ދާއޫދުގެ ގާތަށެވެ. ދާއޫދުގެ ގާތުގައި އެ ގަތުލުއާންމުގެ ކަންތައް ހިނގިގޮތް އޭނާ ކިޔައިދިނެވެ. ދާއޫދު އޭނާ ގާތުގައި ބުންޏެވެ. ”އެދުވަހު ދުވާޣު އެތަނުން ފެނުނީމަ ވެސް އަހަންނަށް އެނގުނު އޭނާ ގޮސް އެވާހަކަ ރަސްގެފާނުގެ ގާތު ދަންނަވާނެ ކަން. ތިޔަ އާއިލާގެ އެންމެންގެ މަރުގެ ޒިންމާ އުފުލަން ޖެހޭ މީހަކީ އަހަރެން. ބިރުގަންނާނެ ކަމެއް ނެތް. ކަލޭ މަރާލަން ތިޔަ އުޅޭ މީހަކީ އަހަރެން މަރާލަން އުޅޭ މީހާ. އަހަރެންގެ ގާތު ހުރޭ. ކަލެއަކަށް ނުރައްކަލެއް ނުފޯރާނެ.“