1 ޞަމޫއީލް. 20. ދާއޫދު ރާމަތުގެ ނައިވަތުން ފިލައިގެންގޮސް ޔޫނަތައިންއާ ބައްދަލު ކޮށްފައި އަހައިފިއެވެ. ”ކަލޭގެ ބައްޕަ އަހަރެން މަރާލަން އެ އުޅުއްވަނީ އަހަރެން އެކަލޭގެފާނަށް ކުރި ކޮން ދުއްތުރާލަކާ ހެދި ތަ؟ އަހަރެން ކުރީ ކީއްތަ؟“ ޔޫނަތައިން ބުންޏެވެ. ”ތިޔަ ބުނީއަކީ ރަނގަޅަކަށް ނޫން. އަހަރެންގެ ބައްޕަ ކަލޭ މަރާލަން އުޅުއްވާ ނަމަ އެވާހަކަ އަހަރެންގެ ގާތު ވިދާޅު ނުވެއެއް ނުހުންނަވާނެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް ބޮޑު ކަމެއް ވިޔަސް ބައްޕަ ކުރައްވާނީ އަހަރެންގެ ގާތު ވިދާޅުވެފަ. ބައްޕަ ނޫޅުއްވާ ކަލޭ މަރާލާކަށް.“ ދާއޫދު ބުންޏެވެ. ”އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.“ ޔޫނަތައިން ބުންޏެވެ. ”އެހެންވިއްޔާ ހަދަންވީ ގޮތެއް ކަލޭ ބުނޭ. ކަލޭ ބުނި ގޮތެއް ހަދަން އަހަރެން މިހިރީ ތައްޔާރަށް.“ ދާއޫދު ބުންޏެވެ. ”މާދަމާ މިއަންނަ ހަނދު ބަލާ ޢީދުގައި ކަލޭގެ ބައްޕަ ދެއްވާ ޖާފަތަށް އަހަރެން ދާން ޖެހޭނެ. އެކަމަކު މާދަމާ ނޫން އަނެއް ދުވަހު އަހަރެން ހުންނާނީ އިރު އޮއްސެންދެން ފިލާ. ކަލޭގެ ބައްޕައަށް އަހަރެން ނުފެނިގެން ސުވާލު ކޮށްފި ނަމަ ބުނޭ އަހަރެން ދިޔައީ އާއިލާގެ ގާތަށް ބައިތުލަޙަމަށް ދާން ހުއްދަ ހޯދައިގެންނޭ. އެއީ ގަބީލާގެ އެންމެން އަހަރީ ޤުރުބާނީ ވެދުން ކުރާ ދުވަސް ވީމަ އޭ. ދެން ކަލޭގެ ބައްޕަ ކޯފާވެގެން ތިމަން ގާތު ނުވެސް ބުނެއޭ އެ ދިޔައީ ވިދާޅުވެއްޖެނަމަ އަހަރެން އެވަނީ ނުރައްކަލުގެ ތެރޭގައި. އެކަމަކު އެހެން ދޯއޭ، އެންމެ ރަނގަޅޭ ވިދާޅުވެއްޖެ ނަމަ އަހަރެންގެ މައްޗަކަށް ބިރެއް ނެތް. އަހަންނާމެދު އޯގާތެރިވޭ. ކަލޭ ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އަހަންނާއެކު ޢަހުދު ގާއިމުކޮށްފަ. އަހަރެންގެ ފަރާތުން ގޯހެއް ހިނގާފައި ވާނަމަ ކަލޭ އަމިއްލައަށް އަހަރެން މަރާލާ. ކަލޭގެ ބައްޕަ ގާތަށް އަހަރެން ނުގެންދާތި.“ ”ފަހަރެއްގައިވެސް އެހެންނެއް ނަހަދާނަން.“ ޔޫނަތައިން ބުންޏެވެ. ”ކަލެއަށް ދެރަގޮތެއް ހައްދަވަން ބައްޕަ އުޅުއްވާ ކަމުގެ ކިރިޔާ ނިޝާނެއް ފެނުނަސް އެކަމެއް ކަލެއަށް ނާންގައި އަހަރެން ހުންނާނެތަ؟“ ”ކަލޭގެ ބައްޕަ ކޯފާވެ ހުންނަވައި ޖަވާބު ދެއްވިއްޔާ އަހަންނަށް އެނގޭނީ ކިހިނެއްތަ؟“ ދާއޫދު އެއްސެވެ. ޔޫނަތައިން ބުންޏެވެ. ”ހިނގާ ދަނޑު ތެރެއަށް.“ ދެން އެދެމީހުން ގޮސް ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ. ”އަހަރެން މާތްރަސްކަލާނގެ އިސްރާއީލްގެ ކަލާނގެ ﷲ ގަންދީ ބުނަން، ބައްޕަ ކަލެއާމެދު ރުހި ވަޑައިގެން ހުންނެވިނަމަ އެކަން އަހަރެން ކަލެއަށް މާދަމާ ނޫނީ އަނެއް ދުވަހުން އަންގާނަން. ބައްޕަ ކޯފާވެފައި ހުންނެވި ނަމަ އެކަން ކަލެއަށް އަންގައި ކަލެއަށް ރައްކާތެރިކަން ދޭނަން. މި ގޮތުގެ މަތިން އަހަރެން ކަންތައް ނުކޮށްފިނަމަ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ކިތަންމެ ބޮޑު ކޯފާއެއް ފޮނުއްވިޔަސް ހެޔޮ. އަހަރެންގެ ބައްޕައާއެކު މާތްރަސްކަލާނގެ ވޮޑިގެން ވީފަދައިން ކަލެއާއެކު ވެސް އެކަލާނގެ ވޮޑިގެން ވާށި. އަހަރެން ދުނިޔޭގައި ހުރިހާތައް ދުވަހު މާތްރަސްކަލާނގެ ލޯބިވެ ވޮޑިގަންނަވާ ފަދައިން އަހަންނާމެދު ވެސް އޯގާވެރިކަން ބަހައްޓަން ވާނެ. އަހަންނަށް ދެރަގޮތެއް ދިމާވެއްޖެ ނަމަ އަހަރެންގެ އާއިލާއާ މެދު ކަލޭވެސް އެހީތެރި ވެދޭތި. އެއީ ކަލޭގެ އަދާވާތްތެރިން މާތްރަސްކަލާނގެ މި ބިންމަތިން ނައްތާ ލެއްވުމަށް ދާނދެން.“ ޔޫނަތައިން ދާއޫދުގެ އާއިލާއާ މެދު މިގޮތަށް އިގްރާރު ވެއްޖެއެވެ. ޔޫނަތައިން ބުންޏެވެ. ”ދާއޫދުގެ އަދާވާތްތެރިންގެ ކިބައިން މާތްރަސްކަލާނގެ ބަދަލު ހިއްޕަވާށި.“ މިފަދައިން ޔޫނަތައިން އަލުން މި ޢަހުދު އާކުރީ ދާއޫދު ދެކެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިޖެހިފައި ވާތީއެވެ. ޔޫނަތައިން ބުންޏެވެ. ”މާދަމާ ހަނދުބަލާ ޢީދު ފާހަގަކުރާ އިރު ކަލޭގެ ގޮނޑި ހުންނާނީ ހުހަށް. މާދަމާ ނޫން އަނެއް ދުވަހުން ކުރީގައިވެސް ކަލޭ ފިލާ އޮތް އަޒަލް ގަލުގެ ފުރަގަހުގައި ފިލާ އޮވޭ. އަހަރެން އެތާ ހުރި އެއްޗަކަށް ތީރު ޖަހަން އުޅޭގޮތް ދައްކައި ތިން ތީރު ފޮނުވާލާނަން. ދެން އެ ތީރު ބަލާ އަހަރެން ކުއްޖަކު ފޮނުވާނަށް. އަހަރެން ގޮވާލާނަން. ތީރުތައް ހުރީ ކަލެއާ ގާތުގައޭ. މިހެން ބުނީމާ ބިރެއްނެތި ނުކުމެގެން އަންނާތި. މާތްރަސްކަލާނގެ ގަންދީ ބުނަން އޭރަކުން ކަލޭގެ މައްޗަކަށް ބިރެއް ނޯންނާނެ. އަހަރެން ފޮނުވާ ކުއްޖާގެ ގާތުގައި ތީރުތައް ހުރީ ކަލެއާ ދުރުގައޭ ބުނެފިއްޔާ ކަލޭ އަވަހަށް އެތަނުން ދުވެ ރައްކާ ވާތި. އެއީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތް. އަހަރެމެން ދެމީހުންގެ ދެމެދުގައި މި ވެވުނު އިޤުރާރުގެ މަތިން އަބަދުވެސް ހަނދާން ބަހައްޓާތި. އެގޮތަކީ މާތްރަސްކަލާނގެ އެކަމަށް ދާއިމަށް ހެކިވެ ވޮޑިގަންނަވާނެ.“ ދެން ދާއޫދު ވަލުތެރެއަށް ވަދެ ފިލައިފި އެވެ. އޭގެ އަނެއް ދުވަހު ހަނދުބަލާ ޢީދުގެ ޖާފަތް ތައްޔާރުވުމުން އާދަކާދައިގެ މަތިން ފާރު ކާރީގައި ހުންނަ ގޮނޑިކޮޅުގައި ރަސްގެފާނު އިށީނދެ ވަޑައިގެންފި އެވެ. އަބްނައިރު އިނީ ރަސްގެފާނާ ޖެހިގެންނެވެ. ޔޫނަތައިން އިނީ އެކަލޭގެފާނުގެ ކުރިފުޅުމަތީ އަނެއްފަރާތު އިށީނދެގެންނެވެ. ހުސްކޮށް ހުރީ ދާއޫދުގެ ގޮނޑި އެވެ. އެދުވަހު ރަސްގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ރަސްގެފާނު ހީފުޅުކުރެއްވީ ދާއޫދަށް ކޮންމެވެސް ކަމެއް ދިމާވެގެން އެ މުނާސަބާ ހަޑި ވެދާނެތީ ނައީ ކަމަށެވެ. އެކަމަކު އޭގެ އަނެއް ދުވަހު ވެސް ދާއޫދުގެ ގޮނޑި ހުރީ ހުސްކޮށެވެ. ދެން ރަސްގެފާނު ދަރިކަލުން ޔޫނަތައިނަށް ވިދާޅުވިއެވެ. ”ޔައްސާގެ ދަރި ދާއޫދު އިއްޔެ އަކު ވެސް މިއަދަކު ވެސް ޖާފަތަކަށް ނާދޭ. އެއީ ކީއްވެތަ؟“ ޔޫނަތައިން ދެންނެވިއެވެ. ”ދާއޫދު އަޅުގަނޑުގާތު އާދޭސް ކޮށްފައި ބުނި އޭނާ ބައިތުލަޙަމަށް ފޮނުވައި ދޭށޭ. އެއީ ރަށުގައި އާއިލާގެ ޤުރުބާނީ ކުރުމެއް އޮވެގެން އޭނާގެ ބޭބެމެން އޭނާ ދިއުމަށް އެދިފައިވާތީ އޭ. އެހެންވީމާ ބޭބެމެން ގާތަށް ފޮނުވާ ދޭށޭ. އެހެންވެ އޭނާ މި ޖާފަތަށް ނައީ.“ ރަސްގެފާނު ކޯފާވެ ހުޅުފަޅައިގެން ދިޔައެވެ. ”ކަލޭ ތީ ކޮންތާނކު ހުރި ވިޔާނުދާ ކަސްބީ އަންހެނެއްގެ ދަރިއެއްތަ؟ ކަލޭ ހުންނަނީ ދާއޫދާ އެއްކޮޅަށް ކަން އަހަންނަށް ނޭނގެނީ ތަ. ކަލޭ ލަދެއް ވެސް ނުގަނޭތަ؟ ކަލޭ ވިހޭ އަމާ ވެސް ލަދުގަންނަން ޖެހޭނެ. ޔައްސާގެ ދަރި ދުނިޔޭގައި ހުރެއްޖެނަމަ ކަލޭވެސް ކަލޭގެ ރަސްކަން ވެސް ދެމިއެއް ނޯންނާނެ. ހަމަ މިހާރު އޭނާ ބަލާ ފޮނުވައިގެން ގެނޭ. އޭނާ ޖެހޭނީ މަރާލަން!“ ޔޫނަތައިން ދަންނަވައިފިއެވެ. ”އޭނާ މަރާލަން ޖެހެނީ އޭނާ ކުރި ކޮން ކުށަކާހެދި ތޯ؟“ އެއާއެކު ރަސްގެފާނު އަތްޕުޅުގައި އޮތް ލޮންސި ޔޫނަތައިންއާ ދިމާއަށް ހޫރާ ލައްވައި އޭނާ މަރާލަން އުޅުއްވިއެވެ. އެހެންކަމުން ބައްޕާފުޅު އެ އުޅުއްވަނީ ދާއޫދު މަރާލަން ކަން އޭނާއަށް ޔަޤީން ވެއްޖެއެވެ. ޔޫނަތައިން އައި ރުޅީގައި އޭނާ އިން ގޮނޑިން ތެދުވިއެވެ. އޭނާ ކެއުން ހުއްޓާލައި ޖާފަތް ދޫކޮށް ހިނގައްޖެއެވެ. އޭނާ ހުރީ ދާއޫދާ މެދު ބައްޕާފުޅު މިކަންތައް ކުރައްވާ ލަދުގަންނަން ޖެހޭ ފަދަ ގޮތާ މެދު ނުރުހިފަ އެވެ. އޭގެ އަނެއް ދުވަހު ހެނދުނު ޔޫނަތައިން ވަލުތެރެއަށް ހިނގައްޖެއެވެ. އޭނާ ދިޔައީ ކުޑަ ސޮރަކު ވެސް ގޮވައިގެން ނެވެ. އޭނާ ބުނެފިއެވެ. ”ދުވެ ގޮސް ތީރު ހިފައިގެން އާދޭ.“ އެ ކުއްޖާ ދުއްވައިގަތީމާ ޔޫނަތައިން އެކުއްޖާގެ ކުރިއަށް ތީރު ދޫކޮށްލިއެވެ. އެކުއްޖާ ތީރު ވެއްޓުނު ހިސާބަށް ދިޔަ ތަނުން ޔޫނަތައިން ގޮވާލިއެވެ. ”ތީރު އޮތީ ކަލެއާ ދުރުގައި ދޯ.“ ދެން އޭނާ ގޮވާލިއެވެ. ”އަވަސް ކުރޭ. އަވަހަށް ދުވޭ! މަޑުނުކުރޭ.“ އެ ސޮރު ތީރު ހިފައިގެން ދުވެފައި އައިސް އެސޮރުގެ ސާހިބުގެ އަތަށް ތީރު ދިނެވެ. އެސޮރަކަށް މީން އެކައްޗެއްވެސް ރޭކައެއް ނުލައެވެ. އެކަމަކު ޔޫނަތައިންއާއި ދާއޫދަށް މި ކަންތައް އޮޅިފައެއް ނެތެވެ. ދެން ޔޫނަތައިން އޭނާ ގެނައި ދުނިދަނޑި އެކުއްޖާގެ އަތަށް ދީފައި ބުންޏެވެ. ”މި ހިފައިގެން ގޭދޮށަށް ދޭ.“ އެކުއްޖާ ދިޔައިމާ އެ ހިލައިގެ ދެކުނު ފަރާތުން ދާއޫދު ނުކުމެ ޔޫނަތައިންގެ ކުރިމައްޗަށް ހުއްޓި ބިންމަތީ މޫނު ޖެހޭހާ ވަރަށް ތިންފަހަރު ގުދު ވިއެވެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ރޮއި ހަދައިފި އެވެ. އެންމެ ބޮޑަށް ރުއީ ދާއޫދު އެވެ. ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.