1 ޞަމޫއީލް. 17. ފިލިސްޠީނުގެ ހަނގުރާމަވެރިން އައިސް ޔަހޫޛާގެ ސަރަހައްދުގައި އޮންނަ ޝޫކޫއަށް ޖަމާވެއްޖެއެވެ. އެމީހުންގެ ފޭލިގެތައް ސޫކުއާއި ޢަޒީޤަތާ ދެމެދުގައި އޮންނަ އަފަސް ދައްމީމުގައި ރުކުރުވާލިއެވެ. ޝާއުލްގެފާނާއި ބަނީއިސްރާއީލުން އީލާގެ ވާދީތަކުގައި ފޭލިގެ ޖަހަފިއެވެ. އަދި ފިލިސްޠީނުންނާ ހަނގުރާމަ ކުރުމަށް ސަފުހަދައިފި އެވެ. ފިލިސްޠީނުން ތިބީ ފަރުބަދައެއްގެ މަތީގައެވެ. އިސްރާއީލީން ވެސް ތިބީ ކުރިމަތީގައި އޮތް ފަރުބަދައިގެ މަތީގައެވެ. މި ދެމެދުގައި ވަނީ ފުން ވާދީއެކެވެ. ފިލިސްޠީނުންގެ ލަޝްކަރުގެތެރޭ ޖައްތުގެ އަވަށުން އައިސް ހުރި ޖުލިޔާތޭ ކިއުނު ބިޔަ ފަހުލަވާނަކު ނުކުމެގެން އައެވެ. މީނާގެ އިސްކޮޅުގައި ނުވަ ފޫޓު ހުރެއެވެ. އޭނާގެ ބޮލުގައި ކަފުލޮއިގެ ހެލްމެޓެއް އޮވެއެވެ. ހުރީ ފަންސާސް ހަތް ކިލޯ ވަރުގެ ބަރުދަން ހުރި ކަފުލޮއިގެ ދަހަނާއެއް އަޅާފައެވެ. އޭނާގެ ކަށިމަތީގައި ވެސް ވަނީ ކަފުލޮއިގެ ދަހަނާ އަޅާފައެވެ. އޭނާގެ ކޮނޑުމަތިން ފުރަގަހަށް ބަޅުކަނޑިއެއް އެއްލާފައި އޮތެވެ. އޭނާގެ އަތުގައި އޮތް ލޮންސި ފަރުމާނެއް ހާ ފަލަ އެވެ. އޭގެ ކޮޅުގައިވާ ދަގަނޑު ތުނޑުގައި ހަތްކިލޯ ވަރު ހުއްޓެވެ. އޭނާގެ ކުރިމަތީގައި އައްޑަނަ ހިފައިގެން ހުންނަ ހަށިފާރަވެރިއަކު ހުރެއެވެ. ޖުލިޔާތު ނުކުމެ ހަޅޭއްލައިގަތެވެ. ”ކަލޭމެން ކީއްކުރަން ސަފުހަދާފައި ހަނގުރާމަ ކުރަން އައިސް ތިޔަ ތިބީ؟ އަހަރެން މީވެސް ފިލިސްޠީނީއެއް. ކަލޭމެން ތިޔައީ ޝާއުލްގެފާނުގެ މީހުންނެއް ނޫންތަ؟ ކަލޭމެންގެ ތެރޭން މީހަކު ނިކަން މަށާ ކުރިމަތިލާން ނުކުމެބަލަ. އެމީހަކު އަހަންނާ ހަމަލާދީ އަހަރެން މަރައިފިއްޔާ އަހަރެމެންގެ އެންމެން ކަލޭމެންގެ އަޅުންނަށް ވާނެ. އަހަރެން ކަލޭމެންގެ ތެރޭން ނުކުންނަ މީހާ މަރައިފިނަމަ ކަލޭމެން އެންމެނީ އަހަރެމެންގެ އަޅުންނަށް ވާނެ.“ ދެން ފިލިސްޠީނުން ވެސް ބުނެފިއެވެ. ”އަހަރެމެންވެސް މިއަދު ކަލޭމެން އިސްރާއީލުންނަށް ގޮންޖަހަން. އަހަރެމެންނާ ކުރިމަތިލެވޭ ވަރުގެ މީހަކު ފޮނުވާ.“ ޝާއުލްގެފާނާއި އިސްރާއީލީންނަށް ފިލިސްޠީނުންގެ މިވާހަކަތަކުގެ އަޑު އިވުމުން މިވެރިން ވަރަށް ބިރުގެންފިއެވެ. ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ. ޔައްސާގެ ތިން ދަރިންވެސް ފިލިސްޠީނުންނާ ހަނގުރާމައަށް އައިސް ތިއްބެވެ. އެއީ ދޮށީދަރި އަލިޔާބު އާއި ދެވަނަ ދަރި އާބީނާދާބު އާއި ތިންވަނަ ދަރި ޝައްމާ އެވެ. އެންމެ ހަގީ ދާއޫދު އެވެ. އޭނާގެ ދޮށީ ތިން ބެއިން ހުރިހާއިރަކުވެސް ޝާއުލްގެފާނުގެ ލަޝްކަރުގައި ހިމެނިފައިވެއެވެ. ދާއޫދު އޭނާގެ ބައްޕަގެ ބަކަރިތައް ބެލެހެއްޓުމުގައި އެހީތެރިވުމަށް ބައެއް ދުވަސް ދުވަހަށް ބައިތުލަޙަމަށް ގޮސް އުޅެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނާ ހަވީރު ފިލިސްޠީނުންގެ ފަރާތުން ޖުލިޔާތު ނުކުމެ އެހުރި ފަދައިން އޭނާއާ މުގާބިލާ ކުރާނެ ފަހުލަވާނަކު ނެރެ ދިނުމަށް ގޮވަމުން ދިޔައެވެ. މިހެން ކިޔައި ސާޅީސް ދުވަސް ވަންދެން އިސްރާއީލީންނަށް އޭނާ ޖެއްސުން ކުރަމުން ދިޔައެވެ. މީގެ ތެރޭން ދުވަހަކު ޔައްސާ އޭނާގެ ދަރި ދާއޫދުގާތު ބުންޏެވެ. ”މި ބާވީސް ނާޅި ހަނާކުރި ގޮދަންވަށްޓާއި މި ދިހަ ބޯރޮށި ނިކަން އަވަހަށް ގެންގޮސް ކަލޭގެ ބޭބެމެންނަށް ދީބަލަ. އަދި މައިދާނުގައި ތިބި ހަނގުރާމަ ވެރިންގެ އިސް މީހާއަށް މި ދިހަ ޗީޒު ފަޅި ވެސް ގެންގޮސް ދީ. އަދި އަންނައިރު ކަލޭގެ ބޭބެމެން ހެޔޮހާލުގައި ތިބިކަން ދައްކައިދޭނެ ކޮންމެވެސް އެއްޗެއް ގެންނާތި. ޝާއުލް ރަސްގެފާނާއި ކަލޭގެ ބޭބެމެންގެ ލަޝްކަރު ފިލިސްޠީނުންނާ ހަނގުރާމަ ކުރަމުންދަނީ އީލާ ވާދީގައި.“ ޔައްސާ އެންގި ފަދައިން ވަރަށް ހެނދުނާ ކަންބަޅި ބަކަރި ބަލަހައްޓަން މީހަކާ ހަވާލުކޮށްފައި ދާއޫދު ހަނގުރާމަކުރާ ތަނަށް ހިނގައްޖެއެވެ. އޭރު ހަނގުރާމަވެރިން ނަޣަރާ ކުރަމުން މައިދާނަށް ނުކުންނަމުން ދަނީއެވެ. އިސްރާއީލާއި ފިލިސްޠީނުގެ ހަނގުރާމަވެރިން ދެބައިމީހުން ކުރިމަތިލައި ސަފުތައް ރުކުރުވާލާފައި ވެއެވެ. ދާއޫދު ގެނައި ތަކެތި ބަނޑޭރިކަލޭގެއާ ހަވާލުކޮށްފައި ދުވެގޮސް އޭނާގެ ބޭބެމެންނާ ހަނގުރާމައިގެ މައިދާނުން ބައްދަލު ކޮށް ހާލު ކިހިނެއް ހޭ އަހައިފިއެވެ. ދާއޫދު އެމީހުންގެ ގާތު ވާހަކަ ދައްކަން ހުއްޓާ ޖައްތުން އައިސް ހުރި ޖުލިޔާތު ކޮންމެ ދުވަހަކު އެގޮވާ ގޮވެލިފަތީގެ އަޑު އިވިއްޖެ އެވެ. އިސްރާއީލުންނަށް އޭނާ ނުކުތްތަން ފެނުމުން އަވަހަށް ބިރުން އެތަނުން ދުވެ ރައްކާވާން ފަށައިފިއެވެ. އޭރު އެތާ ތިބި އިސްރާއީލީންގެ ތެރޭން ބަޔަކު ބުނެއްޕެވެ. ”މިހިރަ އަންނަ މީހާ ފެނޭތަ؟ މިއީ އިސްރާއީލީން ބަލި ކުރަން އައިސް ހުރި ޖުލިޔާތަކީ. މީނާ ބަލި ކޮށްފި މީހަކަށް ރަސްގެފާނު ވަރަށް ބޮޑު އިނާމެއް ކަނޑައަޅާފަ އިވޭ. ރަސްގެފާނުގެ އަންހެން ދަރިފުޅާ ވެސް ދެވާނެ. އަދި އޭނާގެ ބައްޕަގެ އާއިލާ އިސްރާއީލުންނަށް ދައްކަން ޖެހޭ ޓެކްސް ވެސް ކަނޑާލާނެ.“ ދާއޫދު މިވާހަކަ ދެއްކި މީހުންގެ ގާތު ބުންޏެވެ. ”ތިއީ ދެން ކާކުތަ، ދިރިދެމި ވޮޑިގެންވާ ކަލާނގެ ސިފައިންނާ ކުރިމަތިލާން؟ ތިއީ ޚިތާނު ނުކޮށް ތާނކު ހުރި ފިލިސްޠީއެކޭ. ތިޔަ އެތި މަރައި ތިޔަ ބަލާއިން މިންޖު ކޮށްދިން މީހަކަށް ދޭނީ ކޮން އިނާމެއްތަ؟“ އެމީހުން ބުންޏެވެ. ”ތިޔަ ކަން ކޮށްދިން މީހަކަށް ހަމަ ޔަޤީންވެސް އެބުނި ހުރިހާ އިނާމެއް ލިބޭނެ.“ ދާއޫދުއާ އެމީހާއާއި ދޭތެރޭ މިދެކެވޭ ވާހަކަތައް އެންމެ ދޮށީ ބޭބެ އަލިޔާބަށް އަޑު އިވިގެން ރުޅި އަތުވެއްޖެއެވެ. ”ކަލޭ މިތަނަށް ތިޔަ އައީ ކީއްކުރަން. ކޮބައިތަ ކަލޭ ހަނަފަސްބިމުގައި ބަލަހައްޓަން އުޅުނު ބަކަރިތައް؟ ކާކާ ހަވާލު ކޮށްފަތަ ތިޔައައީ؟ ކަލޭ ތީ ނިކަން ސަކަރާތް ގަންނަ ހިތުން އުޅޭ ނިކަން ފޮނިވެސް މީހެކޭ. ކަލޭ އައިސް ތިހިރީ މިތާ ހަނގުރާމަ ކުރާތަން ބަލަން ކަން އަހަރެމެންނަށް އެނގެޔޭ.“ ދާއޫދު ބުންޏެވެ. ”އަހަރެން ކުރީ ކީއްތަ؟ މަށަށް މީހަކު ގާތުން އެއްޗެއް އަހައެއްވެސް ނުލެވޭނެތަ؟“ ދާއޫދު އެތާތިބި އެހެންމީހުން ގާތުން އެ ވާހަކަ އަހައިފިއެވެ. އެމީހުންވެސް ދިނީ ހަމަ އެ ޖަވާބެވެ. ދާއޫދު ބުނި ބަސްތައް ބަޔަކަށް އަޑުއިވިގެން ގޮސް ޝާއުލްގެފާނަށް ދަންނަވައިފިއެވެ. ރަސްގެފާނު ވަގުތުން ދާއޫދު ގެންނަވައިފިއެވެ. ދާއޫދު ދެންނެވިއެވެ. ”އެ ފިލިސްޠީނު މީހާ ދެކެ ބިރުގަންނާނީ ކާކުތޯ؟ އަޅުގަނޑު ގޮސް އޭނާ ތިރިއަރުވާ ލާނަން.“ ”އުހުނ. ޝާއުލްގެފާނު ވިދާޅުވިއެވެ. ކަލޭ ކިހިނެއްތަ އޭނާ ތިރިއަރުވާނީ؟ ކަލޭ ތީ އަދި ކުޑަކުއްޖެއް ނޫންތަ؟ އޭނާއަކީ ކުޑައިރުން ފެށިގެން ހަނގުރާމައިގައި އުޅެ އެވަރު ވެފައި ހުރި މީހެއް.“ ”މަސާހިބު!“ ދާއޫދު ދެންނެވިއެވެ. ”އަޅުގަނޑު މިވަރު ވެފައި މިހިރީ ކުޑައިރުންފެށިގެން ބައްޕަގެ ކަންބަޅި ހުއިހެއްޕުމުގައި އުޅެ. އޭގެތެރޭން ކަންބަޅިއެއް ސިންގާއެއް ނުވަތަ ސާރިދޯޅައެއްގެ އަތްދަށު ވިޔަސް، އަޅުގަނޑު ގޮސް އޭތި ސަލާމަތް ކުރަން. ސިންގާއެއް ސާރިދޯޅައެއް އައިސް އަޅުގަނޑާ ދިމާ ކުރިޔަސް އަޅުގަނޑު އޭގެ ކަރުގައި ހިފާ މަރާލަން. އަޅުގަނޑު މިއީ ސިންގާއާއި ސާރިދޯޅަ މަރާއުޅޭ މީހެއް. މި ކާފަރު ކަލޭގެ މަރާލާކަށް އެއްވެސް ކަމެއް ނޫން. ތިޔަ ކަލޭގެ ތިޔަ ޖެއްސުން ކުރަނީ ދިރިދެމިވޮޑިގެންވާ މާތްﷲގެ ލަޝްކަރާ. މާތްރަސްކަލާނގެ ވަނީ އަޅުގަނޑު ސިންގާއާއި ސާރިދޯޅައިގެ އަތްދަށުން ސަލާމަތް ކޮށް ދެއްވާފައި. އެކަލާނގެ ތިޔަ މީހާގެ އަތްދަށުން ވެސް އަޅުގަނޑު ސަލާމަތް ކޮށްދެއްވާނެ.“ ”އެންމެ ރަނގަޅު.“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދޭ، މާތްރަސްކަލާނގެ ކަލެއާއެކު ވޮޑިގެންވާހުށި.“ ދެން ރަސްގެފާނުގެ އަމިއްލަފުޅު ދަހަނާތައް ދާއޫދަށް ދެއްވިއެވެ. އެއީ ކަފުލޮއިގެ ހެލްމެޓަކާއި ދަހަނާ އެކެވެ. ދާއޫދު ޝާއުލްގެފާނުގެ ދަހަނާ އަޅައިގެން ރަސްގެފާނުގެ ކަނޑިކޮޅު ހިފައިގެން ތަންކޮޅަކަށް ހިނގައިގެންފައި ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކަށް މި އެއްޗެހި އަޅައިގެނެއް ހަނގުރާމައެއް ނުކުރެވޭނެ. މިއީ އަޅުގަނޑު ކޮށް ފަރިތަ ކަމެއް ނޫން.“ އެހެންވެ އޭނާ އެދަހަނާތައް ބޭލިއެވެ. މިހެން ކިޔާފައި އޭނާ ބަކަރި ބަލަހައްޓަން ގެންގުޅޭ ދަނޑިގަނޑު ނަގައިފިއެވެ. ދެން އެތާ އައްސޭރިފަށުން އޮމާން ފަސް ގާބުރި ނަގައިފިއެވެ. އޭނާ މި ގާ ބުރިތައް އޭނާ ގެންގުޅޭ ސުންބުލި ގަނޑަކަށް ލައިގެން އޭނާގެ އަތުގައި އޮތް ސާޅަނގައެއް ހިފައިގެން ގޮސް ޖުލިޔާތު ކުރިމައްޗަށް އެބަ ހުރެ ނުކުތެވެ. އޭރު ޖުލިޔާތުގެ ކުރިމަތީގައި ހުރެގެން އޭނާގެ ހަށިފާރަވެރިޔާ ވެސް ދާއޫދާ ދިމާއަށް އާދެއެވެ. ޖުލިޔާތަށް އޭނާގެ ކުރިމައްޗަށް ދޮންވަރެއްގެ ސޮރަކު އަންނަތަން ފެނުމުން އައީ އަމަށަކު ހިންޏެއް ނޫނެވެ. އޭނާ ދާއޫދު ކުރެން އަހައްޕެވެ. ”ތީ ކީއްކުރަން ގެންނަ ދަނޑިގަނޑެއްތަ؟ އަހަރެން މީ ކުއްތާއެއް ތަ؟“ ދެން ޖުލިޔާތު އޭނާގެ ކަލުންތަކުގެ ނަން މަތީ ދާއޫދަށް ލަޢުނަތް ލައިފިވެ. ”ނިކަން އާދެބަލަ.“ ދާއޫދާ ދިމާއަށް އޭނާ ބުންޏެވެ. ”ކަލޭގެ ގައިގައި ހުރި މަސްކޮޅު މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާން ދޭނަން.“ ދާއޫދު ބުންޏެވެ. ”ކަލޭ ތިޔަ އަންނަނީ ކަނޑިއާއި ލޮންސިއާއި ބަޅުކަނޑި ހިފާފަ. އަހަރެން ކަލޭ ކުރިމައްޗަށް މި ނުކުތީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅުމަތީ. އެކަލާނގެއީ އިސްރާއީލު ސިފައިންގެ ވެރި ރަސްކަލާނގެ. ކަލޭ ތިޔަ ދިމާކުރަނީ އެކަލާނގެއާ. މިއަދު މާތްރަސްކަލާނގެ ކަލޭގެ މައްޗަށް އަހަރެން ބާރުވެރި ކުރައްވާނެ. އަހަރެން ކަލޭ ބަލިކޮށް ކަލޭގެ ކަރު ބުރިކޮށްލާނަން. އަދި ފިލިސްޠީނުންގެ ހަނގުރާމަވެރިންގެ ގައިގައި ހުރި މަސްތައް މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާންދޭނަން. އޭރުން މި ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ ޙަޤީޤީ ކަލާނގެއަކީ އިސްރާއީލީންގެ ކަލާނގެ މާތް ﷲ ކަން. ގަދަކަން ލިބެނީ ކަނޑިއާއި ލޮންސީގެ ބާރަކުން ނޫންކަން މިތަނުގައި މިތިބަ އެންމެންނަށް ވެސް މި އަދު ފެނިގެންދާނެ. މިއީ މާތްރަސްކަލާނގެ ކުރައްވާ ހަނގުރާމައެއް. އެކަލާނގެ އަހަރެމެންނަށް ނަސްރު ދެއްވާނެ. ކަލޭމެން އެންމެން އަހަރެމެންގެ ބާރުގެ ދަށަށް ގެންދަވާނެ.“ އެ ފިލިސްޠީނު މީހާ ހަމަލަދޭން ނުކުތް ވަގުތު ދާއޫދު ދުވެފައި ގޮސް ކުރި އަރައިފިއެވެ. ދެން އޭނާ ގެނައިތަނުން ގާބުރިއެއް ސާޅަނގައަކަށް ލާފައި ދޫކޮށްލިއެވެ. ގާބުރި ފަތުއަޑު ކިޔާފައި ގޮސް ޖުލިޔާތުގެ ނިތްކުރީގައި ޖެހި ފޫވެއްޓިއްޖެއެވެ. އެވަގުތު އެކަލޭގެ އަނގަވަތަށް ވެއްޓިއްޖެއެވެ. ދާއޫދު ކަނޑިއެއް ލޮންސިއެއް ބޭނުން ނުކޮށް ސާޅަނގައަކަށް ލައި ދޫކޮށްލި ގާގަނޑަކުން ޖަހައި އެއޮތް ވަރުގަދަ ޖުލިޔާތު މަރާ ވައްޓާލިއެވެ. ދާއޫދު ދުވެފައި ގޮސް ޖުލިޔާތުގެ ގައިމައްޗަށް ކޮޅުފައިން އަރައި ޖުލިޔާތުގެ ކަނޑިން ޖެހިޖެހީނުން އެކަލޭގެ ބޯ ކަނޑާ ވައްޓާލައިފިއެވެ. ފިލިސްޠީނުންނަށް އެމީހުންގެ ބިޔަ ފަހުލަވާނު ވެއްޓުނުތަން ފެނިގެން ބިރުން ދުއްވައިގެންފިއެވެ. އިސްރާއީލީންނާއި ޔަހޫޛާގެ ލަޝްކަރު އެމީހުން ފަހައިގަނެ ހަޅޭލަވަމުން ތަޅަމުން މަރަމުން ދުވަމުން ގޮސް ޖައްތުއާއި ޢަޤްރޫންގެ ދޮރާއްޓާ ހަމައަށް ހިނގައްޖެއެވެ. މަރުވެގެން ޖައްތާއި ޝަޢަރާއިމުއާ ދެމެދު މަގުތައް މައްޗަށް ފިލިސްޠީނުން ވެއްޓިފައި ތިއްބެވެ. އިސްރާއީލީން އެމީހުން ފައްސާލާފައި އައިސް ފިލިސްޠީނުގެ ފޭލިގެތައް ލޫޓުވައިފިއެވެ. ދާއޫދު ޖުލިޔާތުގެ ހަތިޔާރުތައް އޭނާގެ އަމިއްލަ ފޭލިގެއަށް ލުމަށް ފަހު އޭނާގެ ބޯބުރި ހިފައިގެން ޖެރޫސަލަމަށް ހިނގައްޖެއެވެ. ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”މީ ކާކުގެ ދަރިއެއްތަ؟“ ”މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.“ ”ގޮސް އަހައި އޮޅުންފިލުވާ!“ ޝާއުލްގެފާނު އަމުރު ކުރެއްވިއެވެ. ޖުލިޔާތު މަރާލައިފައި ދާއޫދު އެނބުރި ފޭލިގެއަށް އައުމުން އަބްނައިރު އޭނާ ގޮވައިގެން ރަސްގެފާނުގެ އަރިހަށް ގެންގޮސްފިއެވެ. އޭރުވެސް ދާއޫދުގެ އަތުގައި ޖުލިޔާތުގެ ބޯބުރި އޮތެވެ. ޝާއުލްގެފާނު އެއްސެވިއެވެ. ”އޭ ޒުވާނާ! ކަލޭ ތީ ކާކުގެ ދަރިއެއްތަ؟“ ”އަޅުގަނޑު މީ މަސާހިބުގެ ޚާދިމު ބައިތުލަޙަމުގެ ޔައްސާގެ ދަރިއެއް.“ ދާއޫދު ދެންނެވިއެވެ.