1 ޞަމޫއީލް. 16. މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.“ ”ކިހިނެއްތޯ އަޅުގަނޑު ތިޔަ ތަނަށް ދާނީ؟“ ޞަމޫއީލްގެފާނު ދެންނެވިއެވެ. ”ތިޔަ ޚަބަރު ލިބިއްޖެއްޔާ ޝާއުލްގެފާނު އަޅުގަނޑު މަރާލާނެ.“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ޅަ ގެރިއެއް ހިފައިގެން ދޭ. ގޮސް ބުނޭ މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރާށޭ. ދެން ޔައްސާއަށް އެ ޤުރުބާނީއަށް ދައުވަތުދީ. ތިމަންކަލާނގެ ދައްކަވާ މީހެއްގެ ބޮލަށް ތެޔޮއަޅާ.“ ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟“ ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”އާނއެކެވެ. އަމާންކަން މަތީގައެވެ. އަހަރެން މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރަން. ކަލޭމެން ސާފުތާހިރުވެ އަޅުކަމަށް ތައްޔާރުވެގެން އަހަންނާއެކު ޤުރުބާނީ ކުރަން އާދޭ.“ ދެން އެކަލޭގެފާނު ޔައްސާ އާއި އޭނާގެ ދަރިން ސާފުތާހިރު ކުރުވައި ތައްޔާރު ކުރެއްވުމަށް ފަހު ޤުރުބާނީ ވެދުން ކުރުމަށް އެމީހުންނަށް ވެސް ދައުވަތު ދެއްވިއެވެ. އެމީހުން އައުމުން ޞަމޫއީލްގެފާނަށް އޭގެތެރޭގައި އަލިޔާބު ހުއްޓާ ފެނިވަޑައިގަތުމުން ހީފުޅު ކުރެއްވިއެވެ. ”ޔަޤީންވެސް ރަސްކަލަކަށް މާތްރަސްކަލާނގެ ހޮއްވެވީ މީހަކީ މިއީ.“ މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.“ ދެން ޔައްސާ އަބީނާދާބުއަށް ގޮވައި ޞަމޫއީލްގެފާނު ކުރިފުޅުމައްޗަށް ގެނައެވެ. އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ މީނާވެސް ނުއެއް ހޮއްވެވި.“ ދެން ޔައްސާ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝައްމާ ގެނައެވެ. ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ މީނާއެއްވެސް ނުހޮއްވެވި.“ ދެން ޔައްސާ އޭނާގެ ހަތް ފިރިހެން ދަރިން ގެނަސްފިއެވެ. ”މިއިން އެއްވެސް ދަރިޔަކު މާތްރަސްކަލާނގެ ނުހޮއްވެވި.“ އެހެންވެ އެކަލޭގެފާނު އެއްސެވިއެވެ. ”ދެން އެހެން ދަރިޔަކު ނެތްތަ؟“ ”ނޫން އެންމެ ހަގު ކުއްޖާ ވެއްޖެ ބަކަރި ހުއިހައްޕަން ގޮސް.“ ޔައްސާ ދެންނެވިއެވެ. ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”އޭނާ ބަލާ ފޮނުވާ. އޭނާ ނާންނަނީސް ކައިބޮއި ހަދާކަށް ނުއިށީންނާނަން.“ ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.“ ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ. މިހާރު މާތްރަސްކަލާނގެ ރޫޙުފުޅު ވަނީ ޝާއުލްގެފާނުގެ ކިބައިން ގެންދަވާފައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ މައްޗަށް ފޮނުއްވާފައިވާ ބަދު ރޫޙެއްގެ ސަބަބުން އެކަލޭގެފާނަށް ދުއްތުރާތަކާ ކުރިމަތިވަމުން ދިޔައެވެ. ޝާއުލްގެފާނުގެ އަރިހުބޭކަލުން ބުނަމުން ދިޔައެވެ. ”ބައްލަވާ! ކަލޭގެފާނަށް ތިޔަ ކުރިމަތިވެ ވަޑައިގަންނަވަނީ ﷲ ފޮނުއްވި ބަދު ރޫޙެއްގެ ދުއްތުރާތަކެއް. ތިޔަ ކަންތައް ލައިގަންނަ ވަގުތު އޫދު ކުޅޭނެ މީހަކު ހޯދައިގެން ގެނައުމުގެ އަމުރުފުޅު ދެއްވާ. ﷲ ބަދު ރޫޙު ފޮނުއްވާ ވަގުތު އޫދު ކުޅެންފެށީމާ ކަލޭގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވާނެ.“ ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”މޮޅަށް ނަރުކޮއްޓި ކުޅޭ މީހަކު ހޯދައިގެން މާގޭ ގާތަށް ގެނޭ.“ އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރިި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.“ ދެން ޝާއުލްގެފާނު ޔައްސާގެ ގާތަށް މީހަކު ފޮނުއްވިއެވެ. އެމީހާ ރަސްގެފާނުގެ ވިދާޅުބަސްފުޅު އިއްވިއެވެ. ”ކަލޭގެ ކަންބަޅި ހުއިހައްޕަން އުޅޭ ދަރި ދާއޫދު މަގޭގާތަށް ފޮނުވާ.“ އެހެންވެ ޔައްސާ ޝާއުލްގެފާނަށް އެރުވުމަށް ހަދިޔާ ތައްޔާރު ކުރިއެވެ. އޭނާ ހިމާރަކަށް ލާފައި ރޮއްޓާއި މޭބިސްކަދުރު ދިޔައިގެ ހަމަކާއި ޅަބަކަރިއެއް ދާއޫދުގެ އަތުގައި ފޮނުވިއެވެ. ދާއޫދު އައުމުން އެކަލޭގެފާނުގެ ޚާދިމުންގެ ތެރެއަށް އޭނާ ލެއްވިއެވެ. ޝާއުލްގެފާނު ދާއޫދާމެދު ހިތްޕުޅާ ހަމަވީވަރުން އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާގެ މަޤާމު އޭނާއަށް ދެއްވިއެވެ. ޝާއުލްގެފާނު ޔައްސާއަށް މިގޮތަށް ޚަބަރު އެންގެވިއެވެ. ”ދާއޫދު އަހަރެން ކާރީގައި ހުއްޓަދީ. އެހެނީ އޭނާއަކީ އަހަރެންނަށް ވަރަށް ކަމުދާ މަގުބޫލު މީހެއް.“ ޝާއުލްގެފާނުގެ ގާތަށް ﷲ ބަދު ރޫޙެއް ފޮނުއްވުމުން ދާއޫދު އޫދު ކުޅެން ފަށައެވެ. އެއާއެކު އެ ބަދު ރޫޙު ދުރަށް ގޮސް ޝާއުލްގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވައެވެ.