1 ޞަމޫއީލް. 14. އެއް ދުވަހަކު ހަތިޔާރު އުފުލާ ޒުވާނާގެ ގާތު ޔޫނަތައިން ބުންޏެވެ. ”ހިނގާ އަހަރެމެން ފިލިސްޠީނުންގެ ޖަގަހައިގެ ފުރަގަހުން ގޮސް ދިމާކުރަން.“ މިވާހަކަ އޭނާގެ ބައްޕަ ޝާއުލްގެފާނަކަށް ނުދަންނަވައެވެ. އޭރު ޝާއުލްގެފާނު ޖިބްޢާގެ ރަށްބޭރު އަވަށެއް ކަމަށް ވާ މަޖްރޫންގެ އަންނާރުގަހެއްގެ ހިޔަލުގައި އިންނެވިއެވެ. އެކަލޭގެފާނާއެކު ހަ ސަތޭކަ ހަނގުރާމަވެރިން ތިއްބެވެ. މި މީހުންގެ ތެރޭގައި އިމާމުންގެ އަފޫދު ހެދުން ލާފައި ހުރި އެކަކީ އަޚިއްޔާ އެވެ. މީނާއަކީ ޔަކުބޫދުގެ ބޭބެ އަޚީތޫބްގެ ދަރިއެކެވެ. ޔަކްބޫދު އަކީ ޝީލޫހުގައި މާތްރަސްކަލާނގެ އިމާމެއްގެ ގޮތުގައި ހުރި ޢާލީ ދަރި ފީނަޙާސް ގެ ދަރިއެކެވެ. މިއިން އެކަކަށްވެސް ޔޫނަތައިން އެތަނުން ދިޔަކަމެއް އެނގިފައެއް ނެތެވެ. ފިލިސްޠީނުންގެ ލަޝްކަރާ ހަމަޔަށް ދާން އޮންނަ މަގުގެ ދެފަރާތުގައި ހިލައިގެ ދެ އުސްގަނޑު އޮވެއެވެ. އެއް އުސްގަނޑަށް ކިޔަނީ ބޫޞީޞް އެވެ. އަނެއް އުސްގަނޑަކީ ސެނޭއެވެ. އެއް އުސްގަނޑު ވަނީ މިޚްމާސް އާދިމާ އުތުރުގައެވެ. އަނެއް އުސްގަނޑު ވަނީ ޖިބްޢައިގެ ކުރިމަތީ ދެކުނުގައެވެ. ޔޫނަތައިން ހަތިޔާރު އުފުލާ މީހާގެ ގާތު ބުންޏެވެ. ”ހިނގާ މިތިބަ ޚިތާނު ނުކުރާ މީހުންނަށް ހަމަލަ ދޭން. މާތްރަސްކަލާނގެ ހިންމަވައި ދެއްވައިފިނަމަ އަހަރެމެންގެ ދެމީހުން އެކަނި ދިމާކޮށްލިޔަސް ކާމިޔާބު ވެދާނެ. އެހެނީ ކާމިޔާބު ވަނީ ލަޝްކަރުގެ ކުޑަ ބޮޑުމިނަކުން ނޫން. މާތްރަސްކަލާނގެ އެހީތެރިވެ ވޮޑިގެންފިނަމަ ކިތަންމެ މަދު ބަޔަކަށް ވެސް ކިތަންމެ ބޮޑު ލަޝްކަރެއް ވެސް ބަލި ކޮށްލެވިދާނެ.“ ހަތިޔާރު އުފުލާމީހާ ބުންޏެވެ. ”ހަދަންވީ ގޮތެއް ބޮޑަށް އެނގޭނީ ތިޔަ ބޭފުޅާއަށް. ވިދާޅުވި ގޮތެއް އަޅުގަނޑު ހަދާނަން.“ ”ތިހެންވީ އިރު ހިނގާ. އަހަރެމެން ގޮސް އެމީހުންނަށް ފެންނަ ހިސާބަށް ނުކުންނަމާ. އެމީހުން އަހަރެމެންގާތު ތިމަންމެން އަންނަންދެން ތިބޭށޭ ބުނެފިނަމަ އަހަރެމެން އެމީހުންގެ ގާތަށް ނުގޮސް އެތާ ތިބޭނީ. އެމީހުން އަހަރެމެންގެ ގާތު އަރާށޭ ބުނެފިއްޔާ އަހަރެން އެތަނަށް އަރާނީ. އެއީ މާތްރަސްކަލާނގެ އަހަރެމެންނާ އެކުގައިވާ ކަން އަންގައި ދޭނެ ހެކި.“ މިހެން ކިޔާފައި މި ދެމީހުން ގޮސް ފިލިސްޠީނުގެ ފޭލިގެތަކުގެ ކުރިމައްޗަށް ނުކުމެ އެމީހުންނަށް ފެނިގެންފިއެވެ. ފިލިސްޠީނުން ބުނެއްޕެވެ. ”ޢިބްރާނީން ފިލާތިބި ހޮރުހޮރުން ނުކުމެގެން މިތިބަ ފިރުކެނީ.“ ދެން ފިލިސްޠީނުގެ ހަނގުރާމަވެރިން ބުންޏެވެ. ”މިތާ މައްޗަށް އަރާ. ކަލޭމެންނަށް ކުޅިސަމާ ދައްކާނަން.“ ދެން ޔޫނަތައިން އޭނާގެ އެހީތެރިޔާ އަށް ބުންޏެވެ. ”ކަލޭ އަހަރެންގެ ފަހަތުން އަރާ. މާތްރަސްކަލާނގެ ފިލިސްޠީނުން އިސްރާއީލްގެ އަތްދަށަށް ގެންދަވައިފި.“ ޔޫނަތައިން އަތްފައިން ލޫދިގެން އެތަނަށް އަރައިފިއެވެ. ޔޫނަތައިން ކުރިމައްޗަށް އަންނަ ފިލިސްޠީނުންތައް ޖަހާ ވައްޓަން ފަށައިފިއެވެ. އެހީތެރިޔާ ދިޔައީ އެމީހުން މަރަމުންނެވެ. ފުރަތަމަ ހަމަލާގައި ވެސް ތިރީސް މީޓަރުގެ ދުރުމިނުގެ ތެރޭ ވިއްސަކަށް ފިލިސްޠީނުން މަރާލައިފިއެވެ. މިހެންވެ ފިލިސްޠީނުންގެ ލަޝްކަރުގެ ފޭލިގެތަކުގައިއާއި ދަނޑުމަތީގައި ތިބި މީހުންނާއި ބުރުޒުތަކުގެ މަތީ ފޯރިމަރަން ތިބި މީހުންނާއި ކުރިއަރައިގެން އައި ހަނގުރާމަވެރިން ބިރުގެންފިއެވެ. އެވަގުތު ބިންގަނޑު ގުޑުގުޑު އަޅައިގެންފިއެވެ. އެވަގުތު މާތްﷲ އެވަނީ އެމީހުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި ކަމެއް ފޮނުއްވާފައެވެ. ޖިބްޢާގައި ތިބި ޝާއުލްގެފާނުގެ ލަޝްކަރަށް ފިލިސްޠީނުން ހޭލަމޭލިވެ ކޮޅުކޮޅު މައްޗަށް ކެވިއަރައިގެން ދާތަން ފެނިއްޖެއެވެ. ދެން ޝާއުލްގެފާނު އެންގެވިއެވެ. ”މި ލަޝްކަރުގެ ތެރޭން ވަކިވެގެން ދިޔައީ ކޮންބައެއްތޯ ބަލާ!“ ދެން އެމީހުން ގުނާ ބެލިއިރު މަދުވަނީ ޔޫނަތައިން އާއި އޭނާގެ ހަތިޔާރު އުފުލާ މީހާއެވެ. ޝާއުލްގެފާނު އަޚިއްޔާ ގާތު ވިދާޅުވިއެވެ. ”އަފޫދު މިތަނަށް ގެނޭ.“ އޭރު އިމާމު ވަނީ އިސްރާއީލީންގެ މެދުގައި އަފޫދު ހެދުމުގައެވެ. މިވާހަކަ ދައްކަމުން ދިޔައިރު ފިލިސްޠީނުން ހާވިޔާވެ ހަމައިންނެއްޓި ދާތަން ފެނިވަޑައިގެން ޝާއުލްގެފާނު އަޚިޔާއަށް ވިދާޅުވިއެވެ. ”ދެން އަޅާލާނެ ކަމެއް ނެތް.“ ދެން ޝާއުލްގެފާނު އަރިހުގައި ތިބި ލަޝްކަރު ރުކުރުވާލައި ހަނގުރާމައަށް ނުކުމެއްޖެއެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރަށް އޮޅުން އަރާފައިވާ ވަރުން އެމީހުންގެ ކަނޑިތަކުން އެކަކު އަނެކަކަށްވެސް ހަމަލަ ދެމުން ގެންދެއެވެ. ދެން ކުރީގައި ފިލިސްޠީނުގެ ލަޝްކަރުގެ ތެރޭ ހިމެނުނު ޢިބްރާނީ ލަޝްކަރު ވެސް ޝާއުލްގެ ފާނާއި ޔޫނަތައިންގެ ލަޝްކަރާ ގުޅިއްޖެއެވެ. އަދި އަފްރާއީމުގެ ފަރުބަދަތަކާއި ހިލަތަކުގެ ފުރަގަހަށް ވަދެ ފިލާ ތިބި މީހުންނަށްވެސް މި ޚަބަރު ލިބިގެން ނުކުމެ ފިލިސްޠީނުގެ ހަނގުރާމަވެރިން ފަހަތުން ގޮސް ތަޅާ ތިރި ކުރަން ފަށައިފިއެވެ. އެ ދުވަހު މާތްރަސްކަލާނގެ އިސްރާއީލުންނަށް ނަސްރު ދެއްވައި ހަނގުރާމަ ބައިތު އާވިން ފަހަނަޅައި ދިޔައެވެ. އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”އެކަކުވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.“ އެހެންވެ އެދުވަހު އެކަކުވެސް ކާއެއްޗެއް ނުކައެވެ. ލަޝްކަރު ވަލުތެރެއަށް ދިޔައިރު ބިންމަތީ އެތަންމިތާނގައި މާމުއި ހަތާތައް ހުއްޓެވެ. އެހެންނަމަވެސް ޝާއުލްގެފާނު އެމީހުންގެ މައްޗަށް ހުވައެއް މަތި ކުރައްވާފައިވާތީ އެކަކަށްވެސް އަނގަޔާ އަތާ ދިމާކުރާކަށް ނުކެރުނެވެ. އެހެނަސް ޔޫނަތައިން އަކަށް އޭނާގެ ބައްޕަގެ މި މަތިކުރުވި ހުވާގެ ޚަބަރު އިވިފައެއް ނެތެވެ. އެހެންކަމުން އޭނާ ދަޑިބުރިއަކުން އެތަނުން މާމުއި ހަތައެއްގައި ޖައްސައި ތެންމައިގެން އަނގަޔަށް ލިއެވެ. އެއާއެކު އޭނާގެ ގައިގައި ވަރުޖެހިއްޖެ އެވެ. އެވަގުތު އޭގެ ތެރޭން މީހަކު އޭނާގެ ގާތު ބުންޏެވެ. ”ކަލޭގެ ބައްޕަ ވަނީ މިއަދު އަހަރެމެންނާ ހުވައެއް މަތި ކުރައްވާފައި. އެއީ ދުޝްމަނުން ބަލި ނުވަނީސް އެކަކުވެސް ކާ އެއްޗެއް ނުކެއުމަށް. އެހެންނޫނީ އެމީހަކަށް ލަޢުނަތް ލެވިދާނެޔޭ. އެހެންވެ އެންމެން މިތިބީ ހާންތިވެފަ“ ޔޫނަތައިން ބުންޏެވެ. ”ބައްޕާފުޅު މި އެންމެންނަށް އެ ޖެއްސެވީ ކިހާ ބޮޑު ތަކުލީފެއް. ނިކަން ދެކެބަލަ، އަހަރެން އޭގެ ކުޑަ އެތިފޮދެއް ރަހަ ބަލާލީމަވެސް އަހަރެން ގައިގައި ވަރު ޖެހި ތާޒާ ވީވަރު. މިއަދު ފިލިސްޠީނުންގެ އަތުން ޣަނީމާ ކުރެވުނު ތަކެތި އެމީހުން ކޭނަމަ އެމީހުންގެ ގައިގައި ވަރު ޖެހި ކިހާ ގިނަ ފިލިސްޠީނުންނެއް މަރާލެވުނީސްތަ؟“ އެދުވަހު އިސްރާއީލީން ފިލިސްޠީނުންނާ މިޚްމާސްއާއި އައްޔަލޫންއާ ދެމެދު ގަދަފަދައަށް ހަނގުރާމަކޮށް އެމީހުން ވަނީ ބަޑުހައިވެ ވަރުދެރަ ވެފައެވެ. އިރުއޮއްސުމާއެކު އެމީހުން ބަޑުހައިގެންފައިވާ ވަރުން ފިލިސްޠީނުންގެ އަތުން އަތުލައިގަތް ގެރިބަކަރި ކަންބަޅި ކަތިލައި އޭގެ ލޭވެސް ފިލުވާނުލާ ކައިގެންފިއެވެ. ދެން މީހަކު އައިސް ޝާއުލްގެފާނުގާތު ދެންނެވިއެވެ. ”ނިކަން ދެކެވަޑައިގެން ބައްލަވަ! އެމީހުން އެތިބަ ކައިގަތީ ލޭވެސް ފިލުވާނުލައި. އެމީހުން މާތްރަސްކަލާނގެ ކިބަފުޅަށް އެކުރަނީ ކިހާވަރެއްގެ ބޮޑު ފާފައެއް.“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ކުރީ ވަރަށް ބޮޑު ފާފައެއް. ކަލޭމެން ތިޔަ މަސްތައް ކައިގަތީ ލޭވެސް ނުފިލުވާ. އަވަހަށް މިތަނަށް ބޮޑު ގަލެއް ފުރޮޅައިގެން ގެނޭ.“ ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދޭ، ގޮސް އެމީހުންގެ ގާތުގައި ބުނޭ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ގެރިއާއި ބަކަރި ގެނެސް ކަތިލައިގެން މިތަނުގައި ތިބެ ކާށޭ. އެކަމަކު އޭގެ ލޭ އޮހޮރައި ހުސް ނުކޮށް ކައި ހަދައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކޮށްގެން ނުވާނެޔޭ.“ އެރޭ އެންމެންވެސް އެމީހެއްގެ ޖަނަވާރެއް އެތަނަށް ގެނެސް ކަތިލައިގެން ކައިފިއެވެ. ދެން ޝާއުލްގެފާނު އެތަނުގައި މާތްރަސްކަލާނގެއަށް ޤުރުބާނީ ހުށަހަޅާނެ އައްޓެއް ތައްޔާރު ކުރެއްވިއެވެ. މިއީ އެކަލޭގެފާނު މާތްރަސްކަލާނގެއަށް ޓަކައި ހެއްދެވި ފުރަތަމަ ޤުރުބާނީ އައްޓެވެ. ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”މިރޭ ފިލިސްޠީނުންނާއި ހަނގުރާމަކޮށް އިރުއަރަންވާ އިރަށް އެ އެންމެންގެ ކަންތައް ނިންމާލަމާ ހިނގާ.“ ފައުޖުގެ މީހުން ބުންޏެވެ. ”ކަލޭގެފާނަށް ރަނގަޅުހެން ހީފުޅުވާ ގޮތަކަށް ކަންތައް ކުރައްވާ.“ އެކަމަކު އިމާމު ބުންޏެވެ. ”ރަނގަޅުވާނީ މާތްﷲއަށް ދަންނަވާލިއްޔާ.“ އެހެންވެ ޝާއުލްގެފާނު މާތްﷲގެ ކިބަފުޅަށް ދަންނަވައިފިއެވެ. ”އަޅަމެން ފިލިސްޠީނުންނާ ދެކޮޅަށް ނުކުންނަންވީތޯ؟ އޭރުން އަޅަމެންނަށް ނަސްރު ދެއްވާނަންތޯ؟“ އެހެންނަމަވެސް އެކަލާނގެ އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެހެންވެ ޝާއުލްގެފާނު އަމުރުކުރެއްވިއެވެ. ”މިތަނަށް ފައުޖުގެ ހުރިހާ ސަރުދާރުން ގެނޭ. ގެނެސް އަހާ އަހަރެމެންނަށް މާތްރަސްކަލާނގެ ޖަވާބެއް ނުދެއްވީ އެމީހުން ކުރި ކޮން ކުށެއްގެ ސަބަބުންތޯ. އިސްރާއީލަށް ނަސްރު ދެއްވާ މާތްރަސްކަލާނގެ ގަންދީ ބުނަން. އަހަރެންގެ ދަރި ޔޫނަތައިން އެފަދަ ފާފައެއް ކުރިޔަސް އޭނާ މަރާލާނަން.“ އެކަކުވެސް އެއްޗެއް ނުބުންޏެވެ. ދެން އިސްރާއީލީންނަށް ވިދާޅުވިއެވެ. ”ކަލޭމެން އެންމެން އެއްފަރާތަކަށް ޖެހޭ. އަހަންނާއި އަހަރެންގެ ދަރިފުޅު ޔޫނަތައިން އަނެއް ފަރާތަށް ދޭ.“ ހަނގުރާމަވެރިން ދެންނެވިއެވެ. ”ކަލޭގެފާނު ވިދާޅުވި ގޮތެއް.“ ދެން ޝާއުލްގެފާނު އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. ”އިނބަރަސްކަލާނގެ އަޅުންނަށް މިއަދު ޖަވާބު ނުދެއްވީ ކީއްވެތޯ؟ އަޅާއި އަޅުގެ ދަރިފުޅުގެ ފަރާތުން ވީކަމެއް ނަމަ އެކަން ގުރުއަތުން ދައްކަވައި ދެއްވާ“ މި ގުރުއަތުން ނުކުތީ ޔޫނަތައިން އާއި ޝާއުލްގެފާނުގެ ނަންފުޅެވެ. ދެން އެހެންމީހުން ތުހުމަތުން ބަރީއަ ވެއްޖެއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަހަރެމެން ދެބަފައިން ކުރެން ކާކުގެ ކުށެއްތޯ ބަލަން ޖެހޭނީ އަލުން ގުރުލާން.“ މި ފަހަރު އައީ ޔޫނަތައިންގެ ނަމެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”ކަލޭ ކުރީ ކީއްތަ؟ މަގޭ ގާތު ބުނޭ!“ ޔޫނަތައިން ބުންޏެވެ. ”އަޅުގަނޑު ދަނޑިބުރިއަކުން ކުޑަ މާމުއިކޮޅެއް ނަގައި ރަހަބެލީ. އެކަމާހެދި އަޅުގަނޑު މަރާލަން ވީތޯ؟“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”ކަލޭ މަރާ ނުލައިފި ނަމަ ﷲ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.“ ދެން މީސްތަކުން ދެންނެވިއެވެ. ”އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާވެސް މަރާލަން ޖެހޭނެތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ. ދެން ޝާއުލް ފިލިސްޠީނުންނާ ކުރިމައްޗެއް ނުލެއްވިއެވެ. ފިލިސްޠީނުން އެމީހުންގެ ރަށަށް އެނބުރި ހިނގައްޖެއެވެ. ޝާއުލްގެފާނު އިސްރާއީލްގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫންވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށްވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ. އެކަލޭގެފާނު ވަރަށް ހިއްވަރާއެކު ހަނގުރާމަ ކުރައްވައި ޢަމާލިޤީންވެސް ބަލި ކުރެއްވިއެވެ. އަދި އިސްރާއީލު ލޫޓުވާލަން އައި ކޮންމެ ބައެއްގެ އަތްދަށުން އިސްރާއީލު ސަލާމަތް ކުރެއްވިއެވެ. ޝާއުލްގެފާނުގެ ފިރިހެން ދަރިންނަކީ ޔޫނަތައިންއާއި ޔަޝްވީއާއި މަލްކިޝޫޢު އެވެ. އެކަލޭގެފާނުގެ ދޮށީ އަންހެން ދަރިފުޅުގެ ނަމަކީ މައިރަބު އެވެ. ހަގު އަންހެން ދަރިފުޅަކީ މީކާލްއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ އަޚީމައަސްގެ ދަރި އަޚީނޫޢަމް އެވެ. އެކަލޭގެފާނުގެ ސިފައިންގެ ވެރިޔަކީ އަބްނައިރު އެވެ. އެއީ ޝާއުލްގެފާނުގެ ބޮޑުބޭބެ ނައިރުގެ ދަރިއެކެވެ. ޝާއުލްގެފާނުގެ ބައްޕަ ޤައިޝްއާއި އަބްނައިރުގެ ބައްޕަ ނައިރު އަކީ އަބިޔީލްގެ ދަރިންނެވެ. ޝާއުލްގެފާނުގެ މުޅި އުމުރުގައި ފިލިސްޠީނުންނާއި ދެމެދު ހޫނު ހަނގުރާމަތައް ކުރައްވަން ޖެހިވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ތަނަކުން ގަދަފަދަ ނުވަތަ ހިތްވަރުގަދަ މީހަކު ފެނިއްޖެނަމަ އެމީހަކު އެކަލޭގެފާނުގެ ޚިދުމަތަށް ގެންނެވިއެވެ.