1 ޞަމޫއީލް. 13. ޝާއުލްގެފާނު ރަސްކަމަށް އިސްކުރެވުނީ އެ ކަލޭގެފާނުގެ އުމުރުފުޅުން ތިރީސް އަހަރުގައެވެ. އޭގެ ފަހުން ސާޅީސް ދެއަހަރު ވަންދެން ރަސްކަމުގައި ހުންނެވިއެވެ. ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށް ވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ. ޖިބްޢައިގެ ސަރަހައްދުގައިވާ ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަށް ޔޫނަތައިން ހަމަލަ ދީފިއެވެ. މި ޚަބަރު ފިލިސްޠީނުންނަށް ވެސް ލިބިއްޖެއެވެ. ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”ކަންތައް ހިނގިގޮތް ޢިބްރާނީންނަށް ވެސް އަންގާ!“ ދެން އެމީހުން ދުންމާރި ފުމެ މުޅިރަށަށް އެ ޚަބަރު އަންގައިފި އެވެ. އެމީހުން ގޮވަމުން ދިޔައެވެ. ”ޝާއުލްގެފާނު ފިލިސްޠީނުންގެ މަރުކަޒަކަށް ހަމަލަ ދެއްވައި އެމީހުން ބަލިކުރައްވައިފި. އެހެންވެ ފިލިސްޠީނު މީހުން ވަނީ އިސްރާއީލީން ދެކެ ރުޅި އަރައިގެންފައި.“ މި އަޑު ޢިބްރާނީން ވެސް އަހައިފިއެވެ. ދެން އެ އެންމެން ޝާއުލްގެފާނުގެ ގާތަށް ޖިލްޖާލަށް ޖަމާ ވެއްޖެއެވެ. ފިލިސްޠީނުންގެ ލަޝްކަރުގައި ތިންހާސް އަސްގާޑިޔަލާއި ހަ ހާސް އަސްވާރުންނާއި އަދި ބިމުގައި ހުރި ވެއްޔެކޭ އެއްވަރަށް ހަނގުރާމަވެރިން ތިއްބެވެ. އެ ލަޝްކަރު ބައިތު އާވިނުގެ އިރުން އޮންނަ މިޚްމާސްގައި ރުކުރުވާލިއެވެ. އިސްރާއީލުގެ މީހުންނަށް މި ލަޝްކަރު ފެނުމުން އެމީހުންނަށް ގަދަ ނުވެވޭނެކަން ވިސްނިގެން ވަލުތެރެއަށާއި ހޮހަޅައަށާއި ގާ ގަލުގެ ފުރަގަހަށާއި ވަޅު ވަޅަށް ފައިބައި ފިލައްޕެވެ. ބައެއް ޢިބްރާނީން އުރުދުން ކޯރު ހުރަސްކޮށް ޖާދުއަށާއި ޖިލްޢާދުއަށް ވެސް ދަތުރު ކޮށްފި އެވެ. އެހެންނަމަވެސް ޝާއުލްގެފާނު ހުންނެވީ ޖިލްޖާލުގަ އެވެ. އެކަލޭގެފާނުގެ ކާރީގައި ތިބި ހަނގުރާމަވެރިން ބިރުން ރޫރޫ އަޅަމުން ދިޔައެވެ. ޞަމޫއީލްގެފާނު ޖިލްޖާލަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވުމާއެކު ވެސް ހަތްދުވަސް ވީއިރުވެސް އެކަލޭގެފާނު ވަޑައެއް ނުގެންނެވިއެވެ. އެހެންވެ ޝާއުލްގެފާނުގެ ކާރީގައި ތިބި ސިފައިން އެކަލޭގެފާނު ދޫކޮށް ދާން ފަށައިފިއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ގާތަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ އާއި އެންދުމުގެ ޤުރުބާނީ ގެނޭ.“ ދެން ޝާއުލްގެފާނު މި ޤުރުބާނީތައް ހުށަހަޅައިފި އެވެ. އެކަލޭގެފާނު މި ކަންތަކުގެ ތެރޭ އުޅުއްވަނިކޮށް ޞަމޫއީލްގެފާނު ވަޑައިގެންފިއެވެ. ދެން ޝާއުލްގެފާނު އެކަލޭގެފާނަށް މަރުހަބާ ކިޔަން ވަޑައިގެންފިއެވެ. ޞަމޫއީލްގެފާނު އެއްސެވިއެވެ. ”ކަލޭގެފާނު ތިޔަ ހެއްދެވީ ކިހިނެއް؟“ ޝާއުލްގެފާނު ދެންނެވިއެވެ. ”އަޅުގަނޑު ދޫކޮށް ހުރިހާ ހަނގުރާމަވެރިން ދާން ފަށައިފި. ކަލޭގެފާނުވެސް ހަތް ދުވަސް ވީއިރުވެސް ވަޑައެއް ނުގެންނެވި. ފިލިސްޠީނުން މިޚްމާސްއަށް ޖަމާވަމުން ދާން ފަށައިފި. އަޅުގަނޑު ހިތަށް އަރައިފި. ފިލިސްޠީނުން ޖިލްޖާލަށް އައިސް އަޅުގަނޑަށް ހަމަލަ ދީފާނެއޭ. މިހާތަނަށް އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެހީއަކަށް އެދި ދަންނަވާފައެއް ނޯންނާނެ. އެހެންކަމުން އަޅުގަނޑު އަމިލައަށް ޤުރުބާނީ ވެދުން ކުރަން މަޖްބޫރުވީ.“ ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށްވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކުވެސް އިސްރާއީލްގެ ވެރިކަމުގައި ލެހެއްޓެވީސް. އެކަމަކު ދެން ކަލޭގެފާނުގެ ރަސްކަމެއް ދެމިއެއް ނޯންނާނެ. އެހެނީ ކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެފައި. މިހާރު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހަކު ހޯއްދަވައި އިސްރާއީލްގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި.“ ދެން ޞަމޫއީލްގެފާނު ޖިލްޖާލުން އެނބުރި ވަޑައިގެން ބަންޔާމީންގެ ރަށެއް ކަމުގައިވާ ޖިބްޢާ އަށް ވަޑައިގެންފިއެވެ. ޝާއުލްގެފާނުގެ ލަޝްކަރުގައި ބާކީ ތިބި މީހުންގެ އަދަދު ގުނިއިރު އަދިވެސް ހަ ސަތޭކަ މީހުން އެބަތިއްބެވެ. ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ދެކަލުން ތިއްބެވީ ބަންޔާމީންގެ ޖިބްޢައިިގައެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރު މިޚްމާސްގައި ފޭލިގެ ޖަހައިފިއެވެ. ދެން ފިލިސްޠީނުންގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ ގަދަފަދަ ފަހުލަވާނުންގެ ތިން ފިރުޤާއެއް އެކުލަވައި މީގެ އެއް ފިރުޤާ ޝުއާލްގެ ޢަފްރާއާ ވީ މަގުން ދީމާކޮށްފިއެވެ. އަނެއް ފިރުޤާ ބައިތު ޙޫރޫންއާ ދިމާލުން އެރިއެވެ. ތިންވަނަ ފިރުޤާ ދިޔައީ ޒަބޫއީމުގެ ވާދީތަކާ ދިމާ މަތީގައި އޮންނަ ސަހަރާގެ އިމާ ދިމާއަށެވެ. އިސްރާއީލްގެ އެއްވެސް ރަށެއްގައި ކަނބުރުވެރިޔަކު ނުހުރެއެވެ. އެއީ ފިލިސްޠީނުން ބުނާގޮތުގައި އޭގެ މީހަކު ހުރެއްޖެނަމަ ޢިބްރާނީން ކަނޑިއާއި ލޮންސި ހަދާފާނެތީއެވެ. އެމީހުން ބޭނުންވާ ފުރޯތަކާއި މުޅޯތަކާއި އުދެލިތަކާއި ފާންތިލަ ތަކާއި ފަސްގަނޑުޖެހި ފަދަ ތަކެތި ހައްދައި ތޫނު ކޮށް ހަދަނީ ފިލިސްޠީނުން ލައްވައެވެ. އެމީހުން އުދެއްޔެއް ތޫނު ކޮށް ދެނީ ރިހި އައުންސެއްގެ ހަތަރުބައިކުޅަ އެއްބަޔަށެވެ. އަދި މުޅޮއެއް ފުރޯއެއް ބިންކޮންނަ ކަށްޓެއް ނުވަތަ އަސްގާޑިޔަލުގެ ދަނޑިއެއް ތޫނު ކޮށް ހަދާދެނީ ރިހި އައުންސެއްގެ އަށްބައިކުޅަ އެއްބަޔަށެވެ. ހަނގުރާމައެއް ކުރަން ދިމާވިއަސް ޝާއުލްގެފާނުގެ ލަޝްކަރުގެ މީހެއްގެ އަތުގައި ކަނޑިއެއް ލޮންސިއެއް ނޯވެއެވެ. ހުރި އެއްޗެއް ހުންނަނީ ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ އަތުގައެވެ. ފިލިސްޠީނުންގެ ލަޝްކަރުގެ ބަޔަކު މިހާރު މިޚްމާސްގެ ދެފަރުބަދަ ދޭތެރޭ އަޑިމަގު ހުރަސްކޮށް ކުރިއަށް ދާން ފަށައިފިއެވެ.