1 ޞަމޫއީލް. 8. ޞަމޫއީލް މުސްކުޅިވުމުން އޭނާގެ ދަރިން އިސްރާއީލްގެ ވެރިންގެ ގޮތުގައި ހަމަޖައްސައިފިއެވެ. ދޮށީ ދަރިފުޅުގެ ނަމަކީ ޔޫއީލް އެވެ. އަނެއްކުއްޖާ އަކީ އަބިއްޔާހު އެވެ. މި ދެބޭންނަކީ ބިއުރުސަބްޢަގެ ވެރިންނެވެ. އެހެނަސް މި ދެބޭން ބައްޕަގެ ފިޔަވަޅުގެ މަތީގައި ހިނގަމަކުން ނުދިޔައެވެ. އެމީހުން ވެރިންގެ ގޮތުގައި ތިބެ ނާޖާއިޒް ފައިދާ ނަގައި ރިޝްވަތަށް އިންސާފު ވިއްކަމުން ގެންދިޔައެވެ. މިހެންވެ އިސްރާއީލުގެ ބޮޑުން އެއްވެ މަޝްވަރާ ކުރުމަށް ފަހު މި ޚަބަރާއިގެން ރާމާއަށް ގޮސް ޞަމޫއީލްގެ ގާތަށް ދިޔައެވެ. އެމީހުން ބުނެއްޕެވެ. ”މިއަދު ކަލޭ ތިހިރީ އަޖޫޒުވެފައި. ކަލޭގެ ދަރިން ކަލޭ ދެއްކި މަގަކުން ނުހިނގި. އެހެނިހެން ޤައުމުތައް ވެސް ފަދައިން އަހަރެމެންގެ މައްޗަށްވެސް ވެރިކަން ކުރާނެ ރަސްކަލަކު ހަމަޖައްސައިދީ.“ މި މީހުން ރަސްކަލަކު އިސްކުރަން ވާހަކަ ދެއްކުމުން އެކަން ޞަމޫއީލަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން. އެމީހުން އެ ބުނާ ގޮތެއް ހަދައިދީ. ތިމަންކަލާނގެ އެމީހުން މިޞްރުން ސަލާމަތް ކޮށް ދިން ދުވަހުން ފެށިގެން ވެސް އެމީހުން އެހެން ކަލުންތަކަށް އަޅުކަންކޮށް ތިމަންކަލާނގެއާ ދެކޮޅުވެރި ވެގެންފި. އެމީހުން ކަލެއާ މެދުވެސް ކަންތައް ކުރަން އެ އުޅެނީ އެ ގޮތަށް. އެމީހުން އެދޭގޮތް ހަދާ ދިނުމުގެ ކުރީން އެމީހުން ރަސްކަލަކު އިސްކުރީމާ ކަންތައް ވާނެ ގޮތްތަކާމެދު ގަދަޔަށް އިންޒާރު ދީ.“ އެމީހުން ރަސްކަލަކަށް އެދުމުން ޞަމޫއީލް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުން އޮޅުން ފިލުވައި ދިނެވެ. ޞަމޫއީލް އެމީހުންގެ ގާތު ބުންޏެވެ. ”ކަލޭމެން ރަސްކަލަކު އިސްކޮށްފިނަމަ ކަލޭމެންގެ ފިރިހެން ދަރިން އޭނާގެ ލަޝްކަރުގައި ޚިދުމަތް ކުރަން ޖައްސާނެ. އެމީހުން އަސްގާޑިޔާ ދުއްވާ މީހުންނާއި އަސްވާރުންގެ ތެރެއަށް ލައި އެރަސްގެފާނުގެ އަސްގާޑިޔާތަކުގެ ކުރިމަތީގައި ދުވަން ޖައްސުވާނެ. އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ. ކަލޭމެންގެ އަންހެންދަރިން ލައްވައި އަތަރު ހައްދައި ކައްކުވައި ހެދިކާ ހައްދަން ޖައްސާނެ. އަދި ކަލޭމެންގެ އެންމެ ރަނގަޅު މޭބިސްކަދުރު ޒައިތޫނި ދަނޑުފަނގު އަތުލައި އެމީހުންގެ އަރިސް މީސްމީހުންނަށް ދޭނެ. އަދި ކަލޭމެންގެ ގޮވާމުންނާއި މޭބިސްކަދުރުން ދިހަބައިކުޅަ އެއްބައި ނަގައި އެމީހުންގެ އިސްވެރިންނާއި އަރިސް މީހުންނަށް ދޭނެ. އަދި ކަލޭމެންގެ އަންހެން ފިރިހެން އަޅުންނާއި ކަލޭމެންގެ ދުޅަހެޔޮ ހިމާރުތަކާއި ގެރިބަކަރި ޖަނަވާރުތައް އެމީހުންގެ ބޭނުމަށް ގެންދާނެ. އަދި ކަލޭމެންގެ ގެރިބަކަރީގެ ދިހަބައިކުޅަ އެއްބައި އަތުލައި އަދި ކަލޭމެންވެސް ރަސްގެފާނުގެ އަޅުންނަށް ހަދާފާނެ. އެދުވަސް އައުމުން ކަލޭމެން އަމިއްލައަށް ޚިޔާރު ކުރި ރަސްގެފާނުގެ ކިބައިން މިންޖު ނުވެވިގެން ކަލޭމެން މާތްރަސްކަލާނގެއަށް ދަންނަވާނެ. އެ ދުވަހަކުން އެކަލާނގެ ކަލޭމެންނަކަށް މަދަދެއް ނުދެއްވާނެ.“ އެކަމަކު އެމީހުން ޞަމޫއީލްގެ އަޑެއް ނޭއްސެވެ. ”ނޫނެކޭ.“ އެމީހުން ބުންޏެވެ. ”އަހަރެމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދީ. އޭރުން އެހެނިހެން ޤައުމުތައް ފަދައިން އަހަރެމެންގެ ހަނގުރާމަ ކޮށްދީ އަހަރެމެންގެ މައްޗަށް ވެރިކަން ކޮށްދޭނެ މީހަކު ހުންނާނެ.“ ޞަމޫއީލް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑު އެހުމަށް ފަހު މާތްރަސްކަލާނގެ ހަޒްރަތުގައި އެވާހަކަތައް ދެންނެވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ އެމީހުން އެދޭ ފަދައިން އެމީހުންގެ މައްޗައް ރަސްކަލަކު އިސްކޮށްދީ!“ ދެން ޞަމޫއީލް އެމީހުންނަށް ބުންޏެވެ. ”ކަލޭމެން އެނބުރި ރަށަށްދޭ. ތިޔަ ކަންތައް ހަމަޖެހޭނެ.“