1 ޞަމޫއީލް. 6. ޢަހުދުނާމާ ފޮށިކޮޅު ފިލިސްޠީނުގެ ބިމުގައި ހުންނަތާ ހަތް މަސް ވެއްޖެއެވެ. ދެން އެމީހުންގެ ކަހީނުންނާއި ރާހިބުން އެއްކޮށްފި އެވެ. އެމީހުންނާ ސުވާލު ކުރިއެވެ. ”އަހަރެމެން މާތްރަސްކަލާނގެ ފޮށިކޮޅާއި މެދު ކަން ކުރަންވީ ކިހިނެއްތަ؟ އަހަރެމެން މި ފޮށިކޮޅު އަނބުރާ އެ ހުރިތަނަށް ފޮނުވަން ހަދާނީ ކިހިނެއްތަ؟“ ”ކަލޭމެން މާތްރަސްކަލާނގެ ފޮށިކޮޅު އަނބުރާ ފޮނުވާލާއިރު ހަދިޔާއަކާ ނުލާ ނުފޮނުވާތި. އެ ފޮށިކޮޅާއެކު ކުށުގެ ކައްފާރާއެއް ވެސް ފޮނުވަން ޖެހޭނެ. އޭރުން ކަލޭމެންގެ ބަލި ފަސޭހަވެދާނެ. އަދި މިހާ ދުވަސްވީ އިރުވެސް ކަލޭމެންނަށް ސަޒާ ދެއްވުމުގައި އެކަލާނގެ ދެމި ހުންނެވީ ކީއްވެކަންވެސް ކަލޭމެންނަށް އޭރުން އެނގޭނެ.“ ”އަހަރެމެން ކުށުގެ ކައްފާރާއެއްގެ ގޮތުގައި އިސްރާއީލްގެ ކަލާނގެއަށް ގެންދަންވީ ކޮން ކަހަލަ ޤުރުބާނީއެއް ތޯ؟“ އެމީހުން ބުނެއްޕެވެ. ”ކަލޭމެންގެ ގައިގައި ނެގި ބަލިމަޑުކަމުގެ ސިފައިގައި ރަނުން އޭގެ ފަސް ސޫރަ ހަދައި ރަނުގެ ފަސް މީދަލުގެ ސޫރަ ހަދައި އެއެއްޗެހި ގެންދޭ. އެހެނީ ކަލޭމެންނެކޭ އެއްގޮތަށް ކަލޭމެން ފިލިސްތީނީންގެ ފަސް ސަހަރުގެ ވެރިންނަށްވެސް ވަނީ އެ ބަލިމަޑުކަން ޖެހިފައި. ކަލޭމެންގެ ގައިގައި ނަގާފައި ހުރި މުލިހީގެ ސޫރައާއި އަދި ގައުމު ހަލާކުކުރަމުން ދާ މީދާތަކުގެ ސޫރަ ހަދައިގެން ގެންގޮސް އިސްރާއީލްގެ ކަލާނގެއަށް މާތްކޮށް ހިތައިފި ނަމަ، ފަހަރުގައި ކަލޭމެންގެ ގައިންނާއި ކަލޭމެންގެ ކަލާނގެތަކުންނާއި ކަލޭމެންގެ ބިމުން އަތްޕުޅު އުފުއްލަވައިފާނެ. މިޞްރުގެ މީހުންނާއި ފިރުޢައުނު ފަދައިން ގޮތް ދޫނުކުރަން ނޫޅޭ. މާތްރަސްކަލާނގެ އެމީހުންނަށް އެތައް މުސީބާތެއް ކުރިމަތި ކުރެއްވީމާ އެންމެފަހުން އިސްރާއީލްގެ މީހުން ދާނެތަނަކަށް ދާން އެމީހުން ދޫކޮށެއް ނުލައްވާ ތަ؟ ކަލޭމެން އާ ގާޑިޔަލެއް ތައްޔާރު ކުރޭ. އަދި ދަރިމައިވެފައިވާ ދެ ގެރި ގެނެސް ގާޑިޔާ ދަމާ ދަނޑީގައި ބަނދޭ. މި ގެރިތަކަކީ މީގެ ކުރީގައި ގާޑިޔާ ދަނޑީގައި ލެވިފައި ނުވާ ގެރިތަކެއް ކަމުގައި ވާން ޖެހޭނެ. އަދި އޭގެ ޅަ ދަރިންތައް ކޮށްޓަށްލައި ބަންދު ކުރޭ. ދެން ކަލޭމެންގެ ކުށުގެ ކައްފާރާ އަކަށް ހުށަހެޅުމަށް ތައްޔާރު ކުރި ރަނުގެ ތަކެތި ފޮއްޓަކަށް ލާފައި އެ ފޮށިކޮޅުގެ ކާރީގައި ބަހައްޓާ. ދެން އެތަކެތި ގާޑިޔަލަށް ލާފައި ގެރިތައް ދާނެ ގޮތަކަށް ދާން ދޫކޮށްލާ. އެކަމަކު ގާޑިޔާ ދަނީ ކޮން ދިމާއަކަށްތޯ ބަލާތި. ގާޑިޔާ އިސްރާއީލުގެ ބައިތުޝަމްސު އާ ދިމާއަށް ދާނަމަ އަހަރެމެންނަށް މި ދިމާވި އާފާތަކީ މާތްރަސްކަލާނގެ ކިބަފުޅުން ދިމާވި ކަންތަކެއް ކަމަށް ބަލާ. ގާޑިޔާ އެ ނޫން ދިމާއަކަށް ދާނަމަ، މި ދިމާވި ކަންތަކުގައި އެކަލާނގެ އަތްޕުޅެއް ނުވޭ. އެ ވާނީ ތަބީޢީ ގޮތުން ދިމާވި އިއްތިފާގަކަށް.“ ކަހީނުންނާއި ރާހިބުން ބުނި ފަދައިން އެމީހުން ގާޑިޔާ ތައްޔާރުކޮށް އެ ބުނި ކަހަލަ ދެ ގެރި ބަނދެ އޭގެ ދަރިންކޮޅު ގެންގޮސް ކޮށްޓަކަށް ލައިފިއެވެ. ދެން ގާޑިޔަލަށް މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އަރުވައި އެމީހުން ތައްޔާރު ކުރި ރަނުގެ މީދާތަކާއި ބަލިމަޑުކަމުގެ ސޫރަ އެހެން ފޮއްޓަކަށް ލާފައި ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައި ބަހައްޓާލިއެވެ. ގެރިތައް މިޞްރާބު ޖެހީ ބައިތުޝަމްސުއާ ދިމާލަށެވެ. އެ ގެރިތައް ދަތުރު ކުރަމުން ދިޔައިރު ފަރާތަކަށް ބަލާވެސް ނުލައި ހޭރެމުން އަޑު ލައްވަމުން މަގު ހުރިގޮތަށް ދަތުރު ކުރަމުން ދިޔައެވެ. ފިލިސްޠީނުގެ ވެރިންވެސް ގާޑިޔަލުގެ ފަސްފަހަތުން ރަށުގެ ސަރަހައްދު ނިމޭ ހިސާބަށް ދިޔައެވެ. ބައިތުޝަމްސުގެ ވާދީތަކުގައި ގޮދަން ކަނޑަން ތިބި ބަޔަކަށް މުގައްދިސް ފޮށިކޮޅު އަންނަތަން ފެނިގެން އެމީހުން އުފަލުން ފުރިގެން ދިޔައެވެ. ގާޑިޔާ ބައިތުޝަމްސު ޔަޝޫޢުގެ ދަނޑަށް އަރައި އެތަނުގައި ހުރި ބޮޑު ހިލައެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. ލާވީންގެ މީހުން އައިސް ގާޑިޔަލުން މުޤައްދަސް ފޮށިކޮޅާއި އަދި ރަނުގެ ތަކެތި އަޅާފައި ހުރި ފޮށި ގެންގޮސް އެ ހިލަމަތީ ބަހައްޓައިފިއެވެ. އަދި ގާޑިޔަލުގެ ލަކުޑި ދަރަށް ކޮށައި އަލިފާން ރޯކޮށް ގެރިތައް ކަތިލައި އޭގެ މަސް ވެދުންކޮށް އަންދައި މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީ ވެދުން ކޮށްފިއެވެ. އެދުވަހު ބައިތު ޝަމްސްގެ މީހުންގެ މީހުންވެސް މާތްރަސްކަލާނގެ ކިބަފުޅަށް އަންދައި ޤުރުބާނީ ވެދުން ކުރިއެވެ. ފިލިސްޠީނުގެ ފަސް ވެރިން މިކަންތައް ބަލަން ތިބެފައި ހަމަ އެދުވަހު ޢަޤްރޫނަށް ހިނގައްޖެ އެވެ. ފިލިސްޠީނުގެ މީހުން ކުށުގެ ކައްފާރާއެއްގެ ގޮތުގައި ގެނައި ރަނުން ހަދާފައިވާ މުލިހީގެ ސޫރަތަކަކީ އެ ހިސާބުގެ ފަސް އަވަށް ކަމަށް ވާ އަޝްދޫދާއި، ޣައްޒާއާއި، އަޝްޤަލޫނާއި ޖައްތުއާއި ޢަޤްރޫން ރަމްޒުކޮށް ހަދާފައިވާ ތަކެއްޗެވެ. ރަނުން ހަދާފައިވާ ފަސް މީދާ ރަމްޒު ކޮށްދެނީ ފަސް ވެރިން ލާފައި ތިބި ފަސް އަވަށެވެ. މީގެ ތެރޭގައި ފާރު ރާނައި އިން ވަކި ކޮށްފައި ހުރި ރަށްތަކާއި އިން ވަކިނުކޮށް ހުރި އަވަށްތައް ހިމެނެއެވެ. މި ކަންތައް ހިނގި ތަނުގައި ހުރި ހިލަ މިލިއުނު އިރުވެސް ޔަޝޫޢު ދަނޑުގައި އެބަހުއްޓެވެ. އެކަމަކު ބައިތުޝަމްސުގެ ހަތްދިހަ މީހުން މަރުވެ ދިޔައެވެ. އެއީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ އެތެރެ ބެލުމުގެ ސަބަބުންނެވެ. މާތްރަސްކަލާނގެ އެމީހުންނަށް މި ދެއްވި ހަރުކަށި އަދަބާ މެދު މީހުން ދެރަވެ ރޮއި ކަރުނަ އެޅިއެވެ. އެހެންކަމުން އެމީހުން ބުންޏެވެ. ”އަހަރެމެންގެ ތެރޭން އެކަކަށްވެސް މި މާތްރަސްކަލާނގެ، މި މުޤައްދަސް ކަލާނގެ ހާޒިރުގައި ހުއްޓި ހުންނާކަށް ނުކެރޭނެ. އެހެންވީއިރު އަހަރެމެން މި ފޮށިކޮޅު ފޮނުވާލަންވީ ކޮން ތާކަށްތަ؟“ ދެން އެމީހުން ޤަރްޔަތު ޔަޢާރީމުގެ މީހުންނަށް ޚަބަރު ފޮނުވިއެވެ. އެމީހުން ބުންޏެވެ. ”ފިލިސްޠީނުގެ މީހުން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ފޮނުވައިފި. ކަލޭމެން މި ފޮށިކޮޅު ގެންދަން ބަލައި އާދޭ.“