1 ޞަމޫއީލް. 3. ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ. ޢާލީ ވަނީ ލޯ އަނދިރިވެ ފެނުން ގެއްލެން ކައިރިވެފައެވެ. އެއްރެއަކު އޭނާގެ ކޮޓަރީގައި ނިދަން އޮށޯވެ އޮތެވެ. އޭރު އަދި މާތްރަސްކަލާނގެ ގެކޮޅުގެ ބައްތި ވެސް ނުނިވެއެވެ. ޞަމޫއީލް މާތްރަސްކަލާނގެ ގެކޮޅުގައި ހުރި ޢަހުދުނާމާ ފޮށިކޮޅު ކައިރީގައި ތަންމަތި އަޅައިގެން އޮށޯވެ އޮތެވެ. އެވަގުތު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވިއެވެ. ޞަމޫއީލް ޖަވާބު ދެންނެވިއެވެ. ”އަޅުގަނޑު ހާޒިރުވެ ހުރިން.“ ދެން ޞަމޫއީލް ދުވެފައި ޢާލީގެ ކޮޓަރިއަށް ދިޔައެވެ. ”އަޅުގަނޑަށް ގޮވާލެއްވީމާ އައިސް މިހިރީ.“ ޢާލީ ޖަވާބުގައި ބުންޏެވެ. ”އަހަރެން ކަލެއަކަށް ނުގޮވަން. ދޭ، ގޮސް އޮށޯވޭ.“ މިހެން ބުނުމުން އޭނާގޮސް އޮށޯވެއްޖެއެވެ. ދެވަނަ ފަހަރު މާތްރަސްކަލާނގެ ޞަމޫއީލަށް ގޮވާލެއްވިއެވެ. ޞަމޫއީލް ދުވެފައި ޢާލީގެ ގާތަށް ހިނގައްޖެއެވެ. ”އަޅުގަނޑަށް ގޮވާލެއްވީމާ މިއައީ.“ ”ދަރިފުޅާ. އަހަރެން ކަލެއަކަށް ނުގޮވަން. ދޭ ނިދަން.“ ޞަމޫއީލަށް މިހާތަނަށް މާތްރަސްކަލާނގެއާ ގާތް ގުޅުމެއް އުފެދިފައެއް ނުވެއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް ބަސްފުޅު ވަޙީ ކުރައްވާފައެއް ވެސް ނުވެއެވެ. ތިންވަނަ ފަހަރު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވުމުން ވެސް އޭނާ ދިޔައީ ޢާލީގެ ގާތަށެވެ. ”އަޅުގަނޑު އައިސް މިހިރީ ކަލޭގެފާނު ގޮވާލެއްވީމާ.“ ޢާލީއަށް އެއީ މާތްރަސްކަލާނގެ ގޮވާލައްވަނީކަން އެނގިއްޖެއެވެ. އޭނާ ބުންޏެވެ. ”ގޮސް އޮށޯވޭ. ކަލެއަށް މާތްރަސްކަލާނގެ އަލުން ގޮވާލައްވައިފި ނަމަ ދަންނަވާ. ’މާތްރަސްކަލާނކޮ! މިއަޅާއަށް ބަސްފުޅު ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.‘“ ދެން ޞަމޫއީލް ގޮސް ނިދަން އޮށޯވެއްޖެއެވެ. މާތްރަސްކަލާނގެ ޞަމޫއީލް ކައިރީ ވޮޑިގެން ހުންނަވައި ވަޙީކުރެއްވިއެވެ. ”ޞަމޫއީލް! ޞަމޫއީލް!“ ޞަމޫއީލް ދެންނެވިއެވެ. ”ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.“ ”ތިމަންކަލާނގެ ދާދި އަވަހަށް އިސްރާއީލްގެ މީހުން ސިހޭ ވަރުގެ ކަމެއް ކުރައްވާނަން. ތިމަންކަލާނގެ މީގެ ކުރިންވެސް އިންޒާރު ދެއްވާފައި ވާނޭ ފަދައިން ޢާލީގެ އާއިލާއާއި މެދު ފެށުނީއްސުރެ ނިމެންދެން އަދުލު އިންސާފު ގާއިމު ކުރައްވާނަން. ތިމަންކަލާނގެ އޭނާގެ އާއިލާއަށް އަބަދުގެ އަބަދަށް ނިޔާކަނޑައަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިން. އެހެނީ ޢާލީގެ ދަރިން އެދަނީ ތިމަން ކަލާނގެއާ މެދު އިހާނާތްތެރި ވަމުން. އެކަން އޭނާއަށް ވެސް އެނގޭ. އެކަމަކު ޢާލީ އެކަން މާބޮޑު ކަމަކަށް ނުހެދި. އެހެންކަމުން ތިމަންކަލާނގެ ވަޢުދު ބަސް ބުނަން. ’އެމީހުން ކުރާ އެއްވެސް ޤުރުބާނީއަކުން ނުވަތަ ކުރާ ވެދުމަކުން އެ އާއިލާގެ ކުށްތަކުން ބަރީއަ ވެއެއް ނުގަނެވޭނެ.‘“ ޞަމޫއީލް ފަތިސް ވަންދެން އެނދުގައި އޮތެވެ. އޭނާ ތެދުވެ ގެކޮޅުގެ ދޮރު ހުޅުވައިފިއެވެ. އޭނާ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި ވާހަކަފުޅު އައިލީ ގާތު ބުނަން އޭނާ ޖެހިލުންވިއެވެ. އެހެނެއް ކަމަކު ޢާލީ ގޮވާލިއެވެ. ”ދަރިފުޅާ ޞަމޫއީލް!“ ޞަމޫއީލް ޖަވާބު ދިނެވެ. ”އާދެ، ސާހިބާ!“ ”ކީކޭތަ މާތްރަސްކަލާނގެ އެންގެވީ؟“ ޢާލީ އެއްސެވެ. ”އެކަލާނގެ އެންގެވި އެއްވެސް ކަމެއް މަށަށް ފޮރުވައިފި ނަމަ ﷲ ކަލޭގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.“ ދެން ޞަމޫއީލް އެއްވެސް ކަމެއް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޢާލީ ބުންޏެވެ. ”އެއީ މާތްރަސްކަލާނގެ! އެކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާ ގޮތަކަށް އެ ކަމެއް ހިންމަވާފާނެ.“ ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ. އިސާހިތަކު ދާނުން ފެށިގެން ބިއުރުސަބްޢަ އާ ދެމެދުގައިވާ ހުރިހާ އިސްރާއީލުގެ މީހުންނަށް ޞަމޫއީލް ނަބީބޭކަލަކަށް ވެއްޖެކަން އެނގިއްޖެއެވެ. ޝީލޫހުގައި މާތްރަސްކަލާނގެ ޞަމޫއީލަށް ފެނިދެނިވެ ވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ސީދާ ޞަމޫއީލަށް ބަސްފުޅު ވަޙީކުރައްވަމުން ގެންދެވިއެވެ.