1 ޞަމޫއީލް. 2. ދެން ޙައްނާ ހަރުއަޑުން ދުޢާ ކުރިއެވެ. ”މާތްރަސްކަލާނގެއަށްޓަކައި މިއަޅާގެ ހިތް އުފަލުން ފުރިގެން ހިނގައްޖެ. އިނބަކަލާނގެ އިރާދަފުޅުން މިއަޅާގެ ދުޝްމިނުންގެ ކުރިމަތީގައި އިސް އުފުލާލެވިއްޖެ. އެގޮތަކީ މިއަދު މާތްރަސްކަލާނގެ މިވަނީ މިއަޅާ ނަޖާ ކޮށްދެއްވާފަ. އެކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް މިއަޅާ ސަނާ ދަންނަވަން. އިނބަރަސްކަލާނގެ ފިޔަވައި މުޤައްދަސް ވަންތަ ކަލަކު ނުވޭ. އިނބަރަސްކަލާނގެ ފިޔަވައި ރައްކާތެރިކަމުގެ ނިވަލެއް ދެވޭނެ އެހެން ފަރާތެއް ނުވޭ. ބޮޑާ ކަމާއެކު ފޮނިކެނޑުމުގެ ބަސްތަކުން ދޫ ރައްކާތެރިކުރޭ. އެހެނީ މާތްރަސްކަލާނގެ އަކީ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހު. އެ ކަލާނގެއީ އަޅަމެންގެ އަމަލުތަކަށް ބައްލަވާ ވޮޑިގަންނަވައި އިންސާފު ކުރައްވާ ކަލާނގެ. ގަދަފަދަ ހަނގުރާމަވެރިންގެ ދުނިދަނޑި ބިންދާލެވިއްޖެ. ވެއްޓެމުންދިޔަ ދެރަ މީހުން ބާރުވެރި ކުރައްވައިފި. ކުރީގައި ބަނޑު ފުރިފައި ހުރި މީހާ މިހާރު އެވަނީ ކާއެތިކޮޅަކަށްޓަކައި ބުރަ އުފުލަން ޖެހިފައި. ކުރީގައި ބަނޑުހައިވެފައި ހުރިމީހާ އެވަނީ ބަނޑު ފުރިފައި. ކުރީގައި ދަރިޔަކު ނުލިބޭ މީހާއަށް އެވަނީ ހަތް ދަރިން ލިބިފައި. ކުރީގައި ދަރިން ތިބި މީހާ އެވަނީ އެ ދަރިން ގެއްލި ބިކަވެފައި. މީސްތަކުން މަރުގަންނަވަނީ ވެސް އަދި ދިރުން ދެއްވަނީ ވެސް މާތްރަސްކަލާނގެ. ކަށްވަޅަށް ފޮނުއްވަނީ ވެސް އެކަލާނގެ. ކަށްވަޅުން ނަންގަވަނީ ވެސް އެކަލާނގެ. މީހުން ފަޤީރު ކުރައްވައި މީހުން މުއްސަނދި ކުރައްވަނީ މާތްރަސްކަލާނގެ. އެއްބަޔަކު ނިކަމެތި ކުރައްވައި އަނެއްބަޔަކު މަތިވެރި ކުރައްވަނީ ވެސް އެކަލާނގެ. ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ. އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ. އެކަލާނގެއަށް ވަފާތެރިވާ ބައެއްގެ ފިޔަވަޅުތައް ރައްކާތެރި ކުރައްވާނެ. ނުބައިވެގެންވީ މީހުން އަނދިރިކަމުގެ ތެރޭގައި ފަނާ ކުރައްވާނެ. އެކަކަށްވެސް އޭނާގެ އަމިއްލަ ބާރުގައި ކާމިޔާބު ވުމެއް ނުވޭ. މިއަޅާގެ މާތްރަސްކަލާނގެއާ ދެކޮޅުވެރިވާ ފަރާތެއް ފުނޑުފުނޑުވެ ހަލާކުވެދާނެ. އަދި އުޑުން ގަދަވެގެންވާ ގުގުރުމަކާއެކު ފޮނުއްވާ ކޯފާއަކުން އެމީހުން ކުދިކުދިވެގެން ދާނެ. އަދި އެކަލާނގެ ދުނިޔޭގެ ކަންކޮޅުތަކަށް ބައްލަވައި ވޮޑިގެން އިންސާފު ކުރައްވާނެ. އަދި އެކަލާނގެ ހޮއްވަވާ ރަސްކަލަކު ބާރުވެރި ކުރައްވާނެ. އެކަލާނގެ ޚިޔާރުކުރެއްވި ޚާދިމަށް ގަދަކަން ދެއްވާނެ.“ އަލްޤާނާ އެނބުރި ރާމާއަށް ދިޔައީ އެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމަށް ޢާލީގެ ގާތު ޝީލާހްގައި ބަހައްޓާފައެވެ. ޢާލީގެ ދަރިންނަކީ މާތްރަސްކަލާނގެ އަށް ޙުރުމަތެއް ނުބަހައްޓާ ވިޔާނުދާ ބައެކެވެ. މިހާރު މި އިމާމުންގެ ތެރޭގައި ކަންތައް ކުރެވޭ ގޮތަކީ ޤުރުބާނީގެ މަސް ކައްކަން އުދާފައި ހުންނަ ވަގުތު އިމާމުންގެ ޚާދިމުން އައިސް ތިންކަށިލީ އުލެއް ތެއްޔަށް ގަންބައި އެއަށް އެމުނުނުހާ މަހެއް އިމާމުން އަމިއްލައަށް ނަގަނީ އެވެ. މިއީ ޝީލޫހަށް އަންނަ ހުރިހާ ބަނީއިސްރާއީލުގެ މީހުންނާ މެދުވެސް ކަންތައް ކުރެވޭގޮތެވެ. މަސްތަކުގެ ސަރުބީ އެނދުމުގެ ކުރިން މި ޚާދިމުން އައިސް ޤުރުބާނީ ގެންނަ މީހާގެ ގާތުގައި ބުނެއެވެ. ”އިމާމުން ތެލުލަން މަސް ދީ. އެބޭކަލުން ކެއްކި މަހެއް ބޭނުމެއް ނޫން. ބޭނުމީ ރޯމަސް.“ ”ފުރަތަމަ ޖެހޭނީ ސަރުބީ އަންދަން. އޭގެ ފަހު ކަލޭމެން ބޭނުން ވަރަކަށް ގެންދޭ.“ ޤުރުބާނީ ގެންނަ މީހާ ބުނެއެވެ. ޚާދިމުން އޭގެ ޖަވާބުގައި ބުނެއެވެ. ”ހަމަ މިހާރު ދީ! އެހެން ނޫނީ ގަދަކަމުންވެސް ގެންދާނަން.“ ޢާލީގެ ދެދަރިން މާތްރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއާ މެދު މިކުރަނީ ވަރަށްބޮޑު ކުށެއް ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންނެވި އެވެ. އެއީ އެކަމުން މާތްރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއާ މެދު އިހާނާތްތެރި ވެވޭތީއެވެ. ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ. ޙައްނާގެ ދެމަފިރިން ކޮންމެ އަހަރަކު ޤުރުބާނީއަށް ޝީލާހަށް އަންނަ އިރު އޭނާއަށް ކުޑަ ޖުއްބާއެއް ފަހައިގެން ގެނެސް ދެއެވެ. ޢާލީ އަލްޤާނާގެ ދެމަފިރިންނަށް ރަޙުމަތަށް އެދި މިފަދައިން ދުޢާ ކުރެއެވެ. ”މިއަންހެނާ ދުޢާ ދަންނަވައިގެން ލިބުނު ދަރިފުޅު އިނބަރަސްކަލާނގެއަށް ވެދުން ކޮށްފައި ވާތީ އެކުއްޖާގެ ބަދަލުގައި މިއަންހެނާގެ ކިބައިން ކަލެއަށް ގިނަ ދަރިންތަކެއް ދެއްވާފާނދޭވެ!“ ދެން އެ ދެމަފިރިން ރަށަށް ހިނގައި ދެއެވެ. ޙައްނާ އާއި މެދު މާތްރަސްކަލާނގެ އޯގާވެރިވެ ވޮޑިގަތެވެ. ޙައްނާ ފަސް ފަހަރު ބަލިވެ އިނދެ ތިން ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ލިބުނެވެ. އޭރު އޭނާގެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމުގައި އުޅެ ބޮޑުވަމުން ދިޔައެވެ. މިހާރު ޢާލީ ވަނީ މުސްކުޅިވެފަ އެވެ. އޭނާގެ ދަރިން ބަނީއިސްރާއީލްގެ މީހުންނާމެދު ކަންތައް ކުރާ ގޮތާއި، މުޤައްދަސް ފޭލިގެކޮޅު ދޮރުމަތީގައި އުޅޭ މަސައްކަތު އަންހެނުންނާ އެކު ހިންގާ ނަހަމަ ގުޅުމުގެ ވާހަކަ އޭނާގެ ކަންފަތަށް އަރަމުން ދިޔައެވެ. އޭނާ އެކުދިން ކުރެން އެއްސެވެ. ”ކަލޭމެން މިކަހަލަ ވިޔާނުދާ ކަންތައް ކުރަނީ ކީއްވެ؟ ކަލޭމެން ކުރާ ނުބައި ކަންތަކުގެ ވާހަކަ މީސްމީހުން އައިސް އަހަރެންގެ ގާތުގައި އެބަ ބުނޭ. ދަރިފުޅުމެންނޭ! މާތްރަސްކަލާނގެއަށް އީމާންވެ ތިބި އަޅުވެރިންގެ ފަރާތުން ލިބެނީ ކަލޭމެންގެ ގޯސްކަމުގެ ރިޕޯޓުތައް. މިކަހަލަ ވިޔާނުދާ ކަންތައް ނުކުރޭ! އެކަކު އަނެކަކާ ދެމެދު ކުރާ އިހާނާތެއް ނަމަ ﷲ އެކަމުގައި އެހީތެރިކަން ދެއްވާފާނެ. އެކަމަކު މާތްރަސްކަލާނގެއާ މެދު ކަލޭމެން ކުރާ އިހާނާތެއް ނަމަ އެހީތެރިވެ ދެވޭނީ ކާކަށް؟“ ޢާލީގެ ދަރިން މި ނަސޭހަތެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން މަރުގެންނެވުމަށް މާތްރަސްކަލާނގެ އޭރު ވަނީ ހިންމަވައިފައެވެ. ކުޑަކުޑަ ޞަމޫއީލް ބޮޑުވެ ރޫފަ ޖެހިއްޖެއެވެ. މީސްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހުން އޭނާ ހޯދިއެވެ. މިކަންތައް މިހެން ދަނިކޮށް މާތްﷲ ފޮނުއްވި ބޭކަލަކު ޢާލީގެ ގާތަށް އައިސް ބުންޏެވެ. ”މިއީ މާތްރަސްކަލާނގެ އެންގެވި އެންގެވުން: ’އިސްރާއީލުގެ މީހުން މިޞްރުގެ ފިރުޢައުނުގެ އަޅުންގެ ގޮތުގައި ތިބި އިރު ކަލޭގެ ކާބަފައިންގެ ގާތަށް ތިމަންކަލާނގެ ފާޅުވެވޮޑިއެއް ނުގަންނަންތަ؟ އެތަނުގައި ވީ ގަބީލާތަކުގެ ތެރޭން ކަލޭގެ ބައްޕަ ހޮއްވަވައި ޤުރުބާނީ ޖަގަހައިގައި ދުން ބަހައްޓައި އަފޫދު ހެދުމުގައި އިމާމެއްގެ ގޮތުގައި ހުރެ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމާއި މަތިކުރިން. ތިމަންކަލާނގެ މައްޗަށް އިސްރާއީލުގެ މީހުން ގިނި އަންދައި ކުރާ ޤުރުބާނީގެ ބައެއް ކަލޭގެ އާއިލާ ބޭނުން ކުރުމުގެ ހުއްދަ ދިނިން. ތިމަން ކަލާނގެއަށްޓަކައި ޚާލިސްކޮށް އިސްރާއީލުގެ މީހުން ގެނައުމަށް އެންގުނު ޤުރުބާނީ ތަކެއްޗާއި މެދު ކަލޭމެން އިހާނާތްތެރި ވަނީ ކީއްވެ؟ ތިމަން ކަލާނގެއަށް ވުރެން ބޮޑަށް ކަލޭ ޤަދަރު ކުރަނީ ކަލޭގެ ދަރިންނަށް. ތިމަންކަލާނގެއަށް އިސްރާއީލީން ގެންނަ ވެދުންތަކުގެ އެންމެ ރަނގަޅުބައި ކައި ކައިގެން ކަލޭމެން ފަލަވަމުން ތިޔަ ދަނީ ކީއްވެތަ؟ ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި ﷲ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ. ކަލެއާއި ކަލޭގެ މުޅި އާއިލާގެ ބާރު ކަނޑުއްވައި ނިކަމެތި ކުރުމުގެ ދުވަސް މިވަނީ ކުޑަތަން ވެފާ. ކަލޭގެ ދަރިކޮޅުގައި އުމުރުން ދުވަސްވެގެން މަރުވާ މީހަކު ދެނެއް ނުބަހައްޓަވާނަން. ތިމަންކަލާނގެ އިސްރާއީލްގެ މީހުންނާ މެދު ރަނގަޅު ކަންތައް މެދުވެރި ކުރައްވާއިރު ގެކޮޅުތެރެއަށް މުސީބާތް އަންނަތަން ކަލެއަށް ފެނިގެންދާނެ. ކަލޭގެ ދަރިފަސްކޮޅުގެ އެކަކަށްވެސް މުސްކުޅި އުމުރެއް ނުދައްކަވާނަން. އެކަމަކު ތިމަންކަލާނގެ ޖަގަހައިން ކަލޭމެން އެންމެން މުޅީން ވަކިކޮށެއް ނުލާނަން. ތިމަންކަލާނގެ ކަލޭގެ ދަރިކޮޅުގެ އެކަކު ދުނިޔޭގައި ލަހައްޓައި އިމާމަކަށް ހަދާނަން. އެކަމަކު އޭނާގެ ލޯ އަނދިރިވެ އުންމީދު ގެއްލިގެން ދާނެ. ކަލޭގެ އާއިލާގެ އެހެން އެންމެން މަރުވެގެން ދާނީ އަނިޔާވެރިކަމާއެކު. މިކަމުގެ ހެއްކެއްގެ ގޮތުން ކަލޭގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް އެއްދުވަހަކުމެ މަރުވާނެ ގޮތް މެދުވެރި ކުރާނަން. އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް. އަދި ކަލޭގެ އާއިލާގެ ތެރޭން ސަލާމަތްވީ މީހަކު ނަމަ އޭނާގެ ގާތަށް ގޮސް ކުރުނީސްކޮށް ފައިސާ ފޮއްޗަކަށް، ނުވަތަ ކާއެތިކޮޅަކަށް އެދި ސަލާން ޖަހާނެ. އަދި ކާންބޯން އަދާކުރާނެ އިމާމުންގެ ވަޒީފާއެއް ދޭށޭ ކިޔާ އާދޭސް ވެސް ކުރާނެ.‘“