ރާޢޫތު. 1. އިސްރާއީލުގައި ރަސްކަލުން ނެތި ފަނޑިޔާރުންގެ އަތްމަތީގައި ހުރިހާ ބާރެއް އޮތް ދުވަސްވަރު އެރަށަށް ވަރަށް ބޮޑު ތަދަކާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެދުވަސްވަރު އިސްރާއީލްގެ ބޮޑު ސަހަރެއްކަމުގައިވާ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު މީހަކު މިތަދުގެ ސަބަބުން އޭނާގެ އަންހެނުންނާއި ދެފިރިހެން ދަރިން ގޮވައިގެން މުއާބުއޭ ކިޔުނު ރަށަށް ބަދަލު ވިއެވެ. އޭނާގެ ނަމަކީ އަލީމާލިކު އެވެ. އަންހެނުންނަކީ ނުޢުމީއެވެ. އޭނާގެ ދެ ދަރިންނަކީ މަޙުލޫންއާއި ކިލްޔޫން އެވެ. އެމީހުންނަކީ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު އަފްރާތީންގެ އައުލާދުގެ ބަޔެކެވެ. އެމީހުން މުއާބަށް އައިސް ވަޒަންވެރިވިއެވެ. އެމީހުން މިރަށުގައި އުޅެމުން ގެންދިޔަ ދުވަސްވަރު ނުޢުމީގެ ފިރިމީހާ އަލީމާލިކު ނިޔާވެ އޭނާއާއި ދެފިރިހެން ދަރިން އެކަނިވެރި ވެއްޖެއެވެ. އެއަށް ފަހު ނުޢުމީގެ ދެފިރިހެން ދަރިން މުއާބީންގެ ދެއަންހެން ދަރިންނާއި ކައިވެނި ކޮށްފިއެވެ. އެތަނުން އެއް ކުއްޖެއްގެ ނަމަކީ ޢުރުފާއެވެ. އަނެއް ކުއްޖާގެ ނަމަކީ ރާޢޫތު އެވެ. އެމީހުން އެރަށުގައި ދިހަ ވަރަކަށް އަހަރު ވަންދެން ދިރިއުޅުނެވެ. އޭގެފަހުން ނުޢުމީގެ ދެފިރިހެން ދަރިންކަމަށްވާ މަޙުލޫންއާއި ކިލްޔޫން ވެސް މަރުވެއްޖެއެވެ. ފިރިމީހާއާ ދަރިންކޮޅު މަރުވެ ދިއުމުން ނުޢުމީ ވަނީ ބިކަވެފައެވެ. މިދުވަސްވަރު މީހުންގެ ފަރާތުން ނުޢުމީއަށް އިވުނު ގޮތުގައި މާތްރަސްކަލާނގެ އިސްރާއީލްގެ މީހުންނަށް ތަނަވަސްކަން ދެއްވައި ދަނޑު ގޮވާމުގައި ބަރަކާތް ލައްވައިފިއެވެ. އެހެން ކަމުން ނުޢުމީއާއި އޭނާގެ ދެ ދަނބިދަރިން މުއާބުން އެނބުރި އޭނާގެ އަމިއްލަ ވަޒަނަށް، ދިއުމަށް ދަތުރު ހަދަން ފެށިއެވެ. އެމީހުން އުޅުނުތަން ދޫކޮށް ޔަހޫޛާއަށް ދަތުރު ކުރުމުގެ މަގުމައްޗަށް ނުކުމެއްޖެއެވެ. ދެން ނުޢުމީ އޭނާގެ ދެ ދަނބި ދަރިންނަށް ބުންޏެވެ. ”ދަރިފުޅުމެން އެނބުރި ދަރިފުޅުމެންގެ މައިންބަފައިންގެ ގާތަށް ދާންވީނު. ތިޔައިގެ ދެކުދިން އަހަރެންނަށާއި އަހަރެންގެ ފިރިމީހާއާއި ދަރިންނަށް ދިންފަދަ އޯގާވެރިކަމުގެ އިނާމެއް މާތްކަލާނގެ ތިޔަ ދެކުދިންނަށް ވެސް ދެއްވާށި! އަދި އެކަލާނގެ ތިޔަދެކުދިންނަށް ކަމޭ ހިތައި ބަލަހައްޓާނެ ފިރީން ވެސް ދެއްވާށި!“ ދެން ނުޢުމީ އެ ދެކުދިންނަށް ބޮސް ދީ އަލްވަދާޢު ކިޔެވެ. އެވަގުތު އެދެކުދިން ހަރުއަޑުން ރޮއި ގެންފައި ބުންޏެވެ. ”އަހަރެމެން ބޭނުމީ މަންމަ އާއި އެކު މަންމަގެ ރަށަށް ގޮސް އެރަށުގެ މީހުންނާއެކު ދިރިއުޅުމަށް.“ އެކަމަކު ނުޢުމީ ބުންޏެވެ. ”އަހަންނާ އެކު ދިއުމުން ދަރިފުޅުމެންނަށް ހުރީ ކޮން ފައިދާއެއް؟ އަހަރެންގެ ބަނޑުން އެހެން ފިރިހެން ދަރިން ތިޔަކުދިން ކައިވެނި ކުރުމަށްޓަކައި އުފަން ވާނޭ ކަމަށް ތިޔަކުދިން ދެކެނީތަ؟ ދަރިފުޅުމެންނޭ. ތިޔަ ދެކުދިން އެނބުރި ރަށަށް ދޭ. އަހަރެން އަލުން ކާވެންޏެއް ކުރާވަރަށް ވުރެން މާ މުސްކުޅިވެއްޖެ. އަދި ކިއެއްތަ، އަހަރެން މިރޭ ކާވެންޏެއް ކޮށް ފިރިހެން ދަރިންތަކެއް ލިބުނަސް، އެކުދިން ކާވެންޏެއް ކުރެވޭވަރަށް ބޮޑެތިވާ ދުވަހެއްގެ އިންތިޒާރުގައި ތިޔަކުދިންނަށް ތިބެވިދާނެތަ؟ ނޫން، މަންމަގެ ދަރިންނޭ. ދަރިފުޅުމެންގެ ޙަޔާތަށް ވުރެ މަންމަގެ ޙަޔާތް މިވަނީ މާ ދަތިކޮށް. އެހެނީ މާތްރަސްކަލާނގެ މަންމައަށް ފުރަގަސް ދެއްވައިފި.“ ދެން ޢުރުފާ އާއި ރާޢޫތު އަޑުންއަޑުނަގާ ރޮއިގެންފިއެވެ. އަދި ޢުރުފާ ނުޢުމީއަށް ބޮސްދީ އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް ރާޢޫތު އޭނާގެ މައިދައިތަ ގައިގައި އެލިގަތެވެ. ނުޢުމީ ރާޢޫތު އަށް ބުންޏެވެ. ”ކަލޭގެ ފަހަރިކޮއިވެސް އޭނާގެ ރަށަށާއި އޭނާގެ ކަލުން ގާތަށް އެދަނީ. ކަލޭ ވެސް އޭނާޔާއި އެކު ދާންވީނު؟“ ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”އާދޭސް ކޮށްފައި ބުނަން. މަންމާ! މަންމަ ދޫކޮށް އެނބުރި އަޅުގަނޑުގެ އަމިއްލަ ރަށަށް ދިއުމަށް އަޅުގަނޑުގެ ކިބައިން ނޭދޭ. އަޅުގަނޑު ދާނީ މަންމަ ދާ ތާކަށް. އަދި ދިރި އުޅޭނީ ވެސް މަންމައާ އެކުގައި. މަންމަގެ މީހުންނަކީ އަޅުގަނޑުގެ ވެސް މީހުން. އަދި މަންމަގެ ކަލާނގެ އަކީ އަޅުގަނޑުގެ ވެސް ކަލާނގެ. އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!“ ރާޢޫތުގެ މިބަސްތަކުން ނުޢުމީއަށް ޔަޤީންވީ ގޮތުގައި އޭނާ ނުޢުމީ ދޫކޮށް ނުދިއުމަށް އަޒުމް ކަނޑައަޅައިފިއެވެ. ވީމާ އެއަށް ފަހު ނުޢުމީ ވެސް އޭނާ އަނބުރާ ފޮނުވާލުމަކަށް ބާރެއް ނޭޅިއެވެ. ނުޢުމީ އާއި ރާޢޫތުއަށް ބައިތުލަޙަމްއަށް އާދެވުނުއިރު އެއަވަށުގެ އެންމެން ވެސް އެދެމީހުން ފެނި އަޖައިބު ވިއެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ހަމަ އެ ނުޢުމީ ތަ؟“ ނަމަވެސް ނުޢުމީ އެ މީހުންނަށް ބުންޏެވެ. ”އަހަރެންނަށް ނުޢުމީ އޭ ނުކިޔާ. އަހަރެންނަށް މުއްރަތު އޭ ކިޔާ. އެހެނީ ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ދިރިއުޅުން ހިތި އެއްޗަކަށް ބަދަލު ކޮށްލައްވައިފި. އަހަރެން މިރަށުން ދިޔައިރު އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް ހުރި. ނަމަވެސް މާތްރަސްކަލާނގެ އަހަރެން އެނބުރި ގެންނެވީ އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނުވާ ހާލުގަ. ކުޅަދުންވަންތަ ކަލާނގެ އަހަރެންނާ ދެކޮޅުވެރިވެވޮޑިގެން އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮށްލެއްވުމުން ތިޔަބައިމީހުން އަހަންނަށް ނުޢުމީއޭ ކިޔައި ގޮވޭނެތަ؟“ ނުޢުމީއާއި މުއާބީންގެ ދަނބިދަރި ރާޢޫތު މުއާބު ދޫކޮށް ބައިތުލަޙަމް އަށް އައިއިރު ގޮދަންކަނޑާ މޫސުން ހަމަ ކިރިޔާ ފެށުނީއެވެ.