ނެރުއްވުން. 40. މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އާ އަހަރުގެ ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ. ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ. ދެން މޭޒުކޮޅު ގެނެސް ތަށި ކަންވާރު އަތުރައި، ބައްތިކޮޅުތައް ވެސް އެ ހަރު ކުރަމަށް ހެދުނު ހަރުގަނޑުގައި ބަހައްޓާ. ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ. ޤުރުބާނީ އަންދާ އަށި ފޭލިގޭގެ ދޮރުން ބޭރުގައި ބަހައްޓާ. އަތްފައި ދޮންނަ ތަށި އައްޓާއި ފޭލިގެކޮޅުގެ ދޮރާއި ދެމެދުގައި ބަހައްޓާ އެއަށް ފެން އަޅާ. ދެން ގޯތި ތެރެ ތައްޔާރުކޮށް ވަށައިގެންނާއި ދޮރުމަތީގައި ފަރުދާތައް ދަމާ. މަޤާމަށް އިސްކުރަން އުނގުޅާ ތެޔޮ ފޭލިގެކޮޅުގެ ހުރިހާ ސާމާނު ފެހާމާނުތަކެއްގައި އުނގުޅައި އެތަން ކަރާމާތްތެރި ކުރޭ. ޤުރުބާނީ އަންދާ އައްޓާއި އޭގައި ބޭނުންކުރާ ތަކެތީގައި ވެސް ތެޔޮ އުނގުޅައި އެތައް ކަރާމާތްތެރި ކުރޭ. އެގޮތުން އެ އައްޓަކީ މާތް ތަނަކަށް ވެގެން ދާނެ. އަދި ހަމަ އެފަދައިން އެ އަތްފައި ދޮންނަ ތައްޓާއި އެބަހައްޓާ ހަރުވެސް ކަރާމާތްތެރި ކުރޭ. ހާރޫނު އާއި އޭނާގެ ދަރިން ފޭލިގެކޮޅުގެ ކުރިމައްޗަށް ގެނެސް އެތަނުގައި އެމީހުން އެ ފެނުން ތާހިރު ކުރޭ. ދެން ހާރޫނު ހައިބަވެތި ހެދުންކޮޅު ލައްވައި އަހަރެންގެ އިމާމެއްގެ މަޤާމަށް އިސްކުރުމަށް އޭނާ ގައިގައި ތެޔޮ އުނގުޅައި ކަރާމާތްތެރި ކުރޭ. އޭގެ ފަހުން އޭނާގެ ދަރިން ގެނެސް އެމީހުންވެސް ގަމީސް ލައްވާ. އެމީހުންގެ ބައްޕަ އިސްކުރި ފަދައިން އެމީހުންވެސް މަޤާމަށް އިސްކުރޭ. މިހެން ކަންކުރަމުން އެމީހުން އެވަނީ ޖީލަކަށް ފަހު ޖީލަކާ ހަމަޔަށް އިމާމު ކަމަށް ޚާއްސަ ކުރެވިފައި.“ އެހުރިހާކަމެއް މާތްރަސްކަލާނގެ އެންގެވި ފަދައިން މޫސާގެފާނު ކުރެއްވިއެވެ. މިގޮތުން ދެވަނަ އަހަރު ފުރަތަމަ މަހު ފުރަތަމަ ދުވަހު ފޭލިކޮޅު ބަހައްޓައި ނިންމާ ލެވިއްޖެއެވެ. މޫސާގެފާނު އެފޭލިގެކޮޅު ޖެއްސެވުމަށް ފުރަތަމަ ކުރެއްވި ކަމަކީ އޮނިގަނޑުތައް ބަހައްޓަން ހަދާފައިވާ ބުޑުތައް ބެހެއްޓެވީއެވެ. ދެން އޮނިގަނޑުތައް އެ ބުޑުތަކުގައި ހަރުކުރެއްވީއެވެ. އޭގެ ފަހުން ހުރަސް ދަނޑިތަށް އެފުރޭމުގައިވާ ބޮޅުތަކުގެ ތެރެއަށް ލައްވާ ތަނބުތައް ކޮއްޅަށް ޖެއްސެވީއެވެ. އެއަށް ފަހު ބޭރުންލުމަށް ހަދާފައިވާ އުރަކޮޅު ފަތުރުއްވައި ފޭލިގެ ކޮޅުގެ ފުރާޅުމަތީ ދެމުމަށް ހަދާފައިވާ ސަނދުވާ އަޅުއްވައި މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތީން އެކަންތައް އެކަލޭގެފާނު ފުރިހަމަ ކުރެއްވީއެވެ. އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށް ވާ މަތިގަނޑު ޖެއްސެވިއެވެ. ދެން އެކަލޭގެފާނު ޢަހުދުނާމާ ފޮށިކޮޅު ފޭލިގޭތެރޭގައި ބަހައްޓަވައި އޭގެ ވަށައިގެން ދެމުމަށް ހެދިފައިވާ ފަރުދާކޮޅު ދެންމެވިއެވެ. މިގޮތުގެ މަތިން އެ ފޮށިކޮޅު މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތިން ނިވާކުރެއްވިއެވެ. އޭގެ ފަހުން މޭޒުކޮޅު ގެންދަވައި ފޭލިގެކޮޅުގެ އުތުރު ފަރާތުގައި މާތްވެގެންވާ މަޤާމުފުޅު ކާރީ ހުރި ފަރުދާގެ ބޭރުގައި ބަހައްޓަވައިފިއެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅާ ބޯރޮށިތައް ގެންދަވައި އެކަލާނގެ އެންގެވި ފަދައިން އެތަކެތި ބެހެއްޓެވިއެވެ. އޭގެ ފަހުން ބައްތިކޮޅު ގެންދަވައި މޭޒުކޮޅުގެ އަނެއްފަރާތުގައި ފޭލިގެކޮޅުގެ ދެކުނު ފަރާތުގައި ބެހެއްޓެވިއެވެ. ދެން މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެ ހަޒްރަތުގައި އެބައްތިކޮޅު ދިއްލެވިއެވެ. އަދި ދުންއަޅާ ރަންއަށި ގެންދަވައި މާތްވެގެންވާ މަޤާމުފުޅުގެ ފަރުދާ ކާރީގައި ބެހެއްޓެވިއެވެ. މާތްރަސްކަލާނގެ އެންގެވި ފަދައިން އެތަނުގައި މީރު ވަސްދުވާ ތަކެތި އަންދަވައި ދުން އެޅުއްވިއެވެ. އޭގެ ފަހުން ފޭލިގެކޮޅުގެ ކުރިމަތީގައި ދަމާ ފަރުދާ ވެސް އެކަލޭގެފާނު ދަންމަވައިފިއެވެ. އަދި ޤުރުބާނީ އަންދާ އަށިވެސް ފޭލިގެކޮޅު ކުރިމަތީގައި ބަހައްޓަވައިފިއެވެ. އެތަނުގައި އެކަލޭގެފާނު ޤުރުބާނީއެއް އަންދަވައި ގޮދަން ވެދުން ކުރެއްވިއެވެ. އެއީ ވެސް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ. އެއަށް ފަހު އިމާމުން އަތްފައި ދޮވުމަށް ހުރި ބިލިގާ ގެންދަވައި ޤުރުބާނީ އައްޓާއި ފޭލިގެކޮޅާ ދެމެދު ބަހައްޓަވައި އެއަށް ފެން އަޅުއްވައިފިއެވެ. މޫސާގެފާނާއި ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންތައް އެ ފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައިފިއެވެ. އެބޭކަލުން ފޭލިގެކޮޅުތެރަށް ނުވަތަ އަށިކޮޅާ ކައިރިއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައެވެ. އެއީ މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ. ދެން އެއަށް ފަހު މާތްވެގެންވާ ފޭލިގެކޮޅާއި ޤުރުބާނީ އަށީގެ ވަށައިގެން ފަރުދާ ދަންމަވައި ދޮރުކޮޅުމަތީގެ ފަރުދާ ވެސް ދަންމަވައިފިއެވެ. އެއާއެކު ފޭލިގެ ޖެއްސެވުމުގެ ހުރިހާކަމެއް ފުރިހަމަ ވެއްޖެއެވެ. އެވަގުތު ވިލާގަނޑު އައިސް ފޭލިގެކޮޅުގެ މައްޗަށް ފެތުރިއްޖެއެވެ. އަދި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން އެ ފޭލިގެކޮޅު ދިއްލި ފުރިގެން އަތުވެއްޖެއެވެ. އެވަގުތު މޫސާގެފާނަކަށް އެ ފޭލިގެކޮޅަކަށް ވެދެވަޑައެއް ނުގެންނެވުނެވެ. އެހެނީ އޭރު ފޭލިގެކޮޅު މައްޗަށް ވަނީ އެބޯ ވިލާގަނޑު ފެތުރި މާތްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން ފުރިފައި ވެއެވެ. އެވިލާނގަނޑު ފޭލިގެކޮޅު މަތިން އުފުލި ކުރިއަށް ދާ ދިމާއަކަށް ބަނީ އިސްރާއީލީން ދަތުރުކުރަމުން ދިޔައެވެ. ވިލާގަނޑު ނުއުފުލޭނަމަ އެމީހުން ތިބި ތަނެއްގައި ތިބެނީއެވެ. ދުވާލުގެ ވަގުތުގައި މާތްރަސްކަލާނގެ ފޮނުއްވި މިވިލާގަނޑު ފޭލިގެމަތީ ބުރުއަޅަމުން ދެއެވެ. ރޭގަނޑު ވިލާގަނޑުގެ ތެރޭގައި އަލިފާން ރޯވެފައި ހުރެއެވެ. މިތަން ބަނީ އިސްރާއީލުގެ ހުރިހާ އާއިލާތަކަށް ފެންނަން ހުރެއެވެ. އެމީހުން ކުރި ދަތުރު ނިމެންދެންވެސް މިކަންތައް މިގޮތުގައި ހިނގަމުން ދިޔައެވެ.