ނެރުއްވުން. 39. ފަންނުވެރިން އިމާމުންގެ ހެދުންކޮޅުތައް ތައްޔާރުކުރީ ނޫކުލައާއި، ދަނބުކުލައާއި، ގަދަރަތްކުލައިން ޖަރީކޮށް މޮޅަށް ވިޔެވިފައިވާ ފޮތިންނެވެ. މިއީ މާތް މަޤާމުފުޅުގައި އެމީހުން މާތްރަސްކަލާނގެއަށް އަޅުކަން ކުރާއިރު ލާ ހެދުންކޮޅެވެ. ހާރޫނުގެފާނުގެ އިމާމު ހެދުންކޮޅު ތައްޔާރު ކުރެވުނީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ. އެމީހުން އަފޫދު ހެދުންކޮޅު ތައްޔާރު ކުރީ މޮޅު ލިނެން ފޮތިން ރަނުންނާއި ނުލުންނާއި ދަނބުންނާއި ގަދަރަތް ރޮދިން ޖަރީކޮށްގެންނެވެ. އަދި ރަން ތަޅައި ތުނިކޮށްގެން އެއިން ރޮދި ފަށްތައް ހަދާފައި ވަނީ ވަރަށް ކުޅަދާނަކަމާއި ފަރުވާތެރިކަމާ އެކުގައެވެ. އެ ހެދުންކޮޅުގައި ހުރި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ޖަރީކުރުންތަކުގެ ތެރޭގައި މި ރަންފަށްތައްވެސް ވަނީ ހިމަނާފައެވެ. އަފޫދު ހެދުމުގެ ކޮނޑުމަތީ އަޅާ ފޮތިކޮޅެއް އެމީހުން ހެދިއެވެ. އޭގެ ދެ ކަން ވަނީ ގުޅުވައި އެކަތިގަނޑެއްގެ ގޮތުގައެވެ. އަދި ޒީނަތްތެރި ކުރެވިފައިވާ ކަމަރުވެސް ހަދާފައި ވަނީ މޮޅު ލިނެން ފޮތިންނެވެ. އެވެސް ވަނީ ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްފައެވެ. އެއީ ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ. ދެން އޭގައި އެމީހުން ރަނުން ވޮއްޓެއް ހަދައި ޔަމަނު ޢަޤީޤު ހިލަ އެ ވޮށީގައި ހަރުކޮށް އިސްރާއީލީންގެ ބާރަ ގަބީލާގެ ނަންތައް ތަތްގަނޑެއް ކަނޑައި ނަގާ ފަދައިން ކުޅަދާނަ ކަމާއެކު ލިޔެ ބިންވަޅު ނަގައިފިއެވެ. މި ދެހިލަކޮޅު އޭނާ ހަރުކުރީ އަފޫދު ހެދުމުގެ ކޮނޑު ފޮތިކޮޅު މަތީގައެވެ. އެއީ އެއިމާމު އެވަޑައިގަތީ އިސްރާއީލުގެ އެންމެންގެ ފަރާތުން ކަން ރަމްޒު ކުރެވޭ ގޮތުންނެވެ. މި ހުރިހާއެއްޗެއް ހަދާފައި އެވަނީ މާތްރަސްކަލާނގެ މޫސާގެފާނަށް ވެސް އެންގެވި ގޮތަށެވެ. މޭމަތީ ފޮތިގަނޑު ބަޞަލީލު ހެދީ ވަރަށް ވެސް ހުނަރުވެރި ފަރުވާތެރި ގޮތެއްގައެވެ. އޭނާ މި ފޮތިގަނޑު ހެދީވެސް އަފޫދު ހެދުމާ ގުޅޭ ގޮތަށް މޮޅު ލިނެން ފޮތީގައި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮއްޖާއި ރަން ރޮދި ބޭނުންކޮށްގެންނެވެ. އެ ފޮތިގަނޑު އެމީހުން ހެދީ ފަށްޖަހާ ލުމުން ނުވަ އިންޗި ހުންނަ ހަތަރެސްކަން ދަބަހެއް ހެންނެވެ. އެމީހުން އޭގައި ހަތަރުބަރިއަށް ޖަވާހިރު ޖެއްސެވެ. ފުރަތަމަ ބަރީގައި ޖެހީ ރަތް ޢަޤީޤަކާއި މަޑުފެހި ޒަބަރުޖުދަކާއި ޒުމައްރަދެކެވެ. ދެވަނަ ބަރީގައި ޖެހީ ފީރޯޒަކާއި، އަޒުރަޤަކާއި ހުދު އަލިމަހެކެވެ. ތިންވަނަ ބަރީގައި އޯރެންޖް ޔާގޫތަކާއި، ޢަޤީޤަކާއި، އެމަތިސްޓެކެވެ. އަދި ހަތަރުވަނަ ބަރީގައި ފެހިނޫ ފެންފިޔާޒަކާއި ޔަމަނު ޢަޤީޤަކާއި ފެހި ޔަޝްބެކެވެ. މިއިން ކޮންމެ ޖަވާހިރެއް ރަމްޒުކޮށްދެނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ގަބީލާއެކެވެ. އެ ނަންތައް ވަނީ އެ ޖަވާހިރުތަކުގައި ލިޔެ ތަތްގަނޑެއް ފަދައިން ބިންވަޅު ނަގާފައެވެ. މި މޭމަތީ ފޮތިގަނޑު ހެދުންކޮޅުގައި ހަރުކުރުމަށް ރަތުރަން ރޮދިން ގަތައި ދެ ރޭނދާފަށް ވެސް އެމީހުން ވިޔެފިއެވެ. އަދި އެމީހުން ރަނުގެ ދެ ފްރޭމާއި ދެ ބޮޅުވެސް ހަދައި އެފޮތިގަނޑުގެ ދެކަނުގައި ހަރުކުރިއެވެ. ދެން މި ދެ ރޭނދާފަށް ބޮޅުތަކަށް ލައްވައި މޭމަތީ އަޅާ ފޮތިގަނޑުގެ ކަނުގައި އެއްސިއެވެ. އެ ދެ ރޭނދާފަށުގެ އަނެއްކޮޅު އެމީހުން އެއްސީ އަފޫދު ހެދުންކޮޅުގެ ކޮނޑުމަތީ ފޮތިކޮޅުގައި ވާ ދެ ބޮޅުގައެވެ. އެމީހުން ރަނުން އިތުރު ދެ ބޮޅު ހަދައި މޭމަތީ ފޮތިގަނޑުގެ އެތެރޭ ކައިރިފަށުގައި އަފޫދު ހެދުންކޮޅުގައި ޖެހޭގޮތަށް ހަރުކުރިއެވެ. އަދި އެމީހުން އިތުރު ރަނުގެ ދެ ބޮޅު ހަދައި އަފޫދު ހެދުމުގެ ކުރިމަތިން އެ ހެދުންކޮޅުގެ ކޮނޑުފޮތިކޮޅަށް ވުރެން ތިރީގައި ހަރުކުރިއެވެ. އެއީ އަފޫދު ހެދުންކޮޅުގައި ޖަރީކުރި އުނަގަނޑު ބަންދު ހަރުކޮށްފައިވާ ގޮށަށް ވުރެން ތަންކޮޅެއް މަތީގައެވެ. ފޮތިގަނޑުގެ ތިރީ ދެ ބޮޅުގައި ނޫކުލައިގެ ދެ ވާކޮޅުލައި އަފޫދު ހެދުމުގައިވާ ބޮޅުތަކުގައި ހަރުކޮށްފިއެވެ. މިގޮތުން މި މޭމަތީ ފޮތިގަނޑު އަފޫދު ހެދުންކޮޅުގައިވާ ބަންދު މަތިން ރަނގަޅަށް ހަރުކޮށް ނިމުނު އިރު މިހެދުންކޮޅުވެސް މި ތައްޔާރު ވެގެން ދިޔައީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގޮތަށެވެ. އަފޫދު ހެދުންކޮޅު ދަށުން ލާ ހެދުން ވެސް ބަޞަލީލު ތައްޔާރު ކުރީ އެއް ފޮތިގަނޑަކަށް ވިޔެފައިވާ ނޫ ކުލައިގެ ކެހެރި ފޮތިންނެވެ. އޭގެ މެދުގައި ހާރޫނުގެފާނުގެ އިސްތަށިފުޅު ލެއްވުމަށް ކަރެއް ކަނޑާފައި ހުއްޓެވެ. އެ ކަރު ވަށައިގެން ރޮދި ޖަހައި ވީދައިގެން ނުދާނެހެން ގިރުއާނެއް އަޅާފައި ހުއްޓެވެ. އެމީހުން ނޫކުލައާއި ދަނބުކުލައާއި ގަދަރަތްކުލައިގެ ރޮދިން އަންނާރު ގުޅަ ހަދާފައި ހުއްޓެވެ. އަދި އެއެއްޗެހި ހެދުންކޮޅުގެ ފަސްބައިގައި އެލުވިއެވެ. ދެން އެމީހުން ރަތުރަނުން ރަނގަބީލު ހަދައި ފަސްބައިގައި އެލުވާފައިވާ ކޮންމެ ދެ އަންނާރު ގުޅައެއްގެ ދެމެދުގައި އެލުވިއެވެ. އެހެންކަމުން ފަސްބައިގައި އެލުވާފައި ވަނީ އަންނާރު ގުޅައަކާ ޖެހި ރަނގަބީލެކެވެ. މިއީ މާތްރަސްކަލާނގެއަށް ޚިދުމަތް ކުރާ ހިނދު އަޅާ ރިދާކޮޅެކެވެ. މިވެސް މި ތައްޔާރުވީ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވި ގޮތަށެވެ. އެމީހުން ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނަށް ވެސް މޮޅު ލިނެން ފޮތީގެ ގަމީސްތައް ތައްޔާރު ކުރިއެވެ. އެމީހުން ޚާއްސަ ފަގުޑިއާއި ތާކިހާތައް ވެސް މޮޅު ލިނެން ފޮތީގައި ތައްޔާރު ކުރިއެވެ. އަދި އެތެރޭން ލާނެ ހެދުންކޮޅުތައް ވެސް ހަމަ އެހާ މޮޅު ލިނެން ފޮތިން ތައްޔާރު ކުރިއެވެ. އެމީހުން ކަމަރު ހެދީ މޮޅު ލިނެން ފޮތިންނެވެ. އަދި އޭގައި ނުލާއި ދަނބާއި ގަދަރަތް ކުލަ ރޮދިން ޖަރީކުރިއެވެ. އެވެސް އެ ތައްޔާރުވީ މޫސާގެފާނަށް މާތްރަސްކަލާނގެ އަންގަވައިފައިވާ ގޮތަށެވެ. އެންމެ ފަހުން އެމީހުން ކަރާމާތްތެރި މެޑެލިވެސް ރަތުރަނުން ތައްޔާރުކޮށްފިއެވެ. އޭގައި އެމީހުން މި ލަފުޒުތައް ކަނޑައި ބިންވަޅު ނެގިއެވެ. ”މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި.“ އެމީހުން މި މެޑެލް ހާރޫނުގެފާނުގެ ފަގުޑިކޮޅުގައި ނޫފަށަކުން އެލުވިއެވެ. މިކަންވެސް އެ ހިނގީ މޫސާގެފާނުގެ ގާތު މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތަށެވެ. އެންމެފަހުން ފޭލިގެކޮޅުގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާލެވިއްޖެއެވެ. މިހުރިހާ ކަމެއް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ބަނީ އިސްރާއީލީން ކޮށް ނިންމައިފިއެވެ. ދެން އެމީހުން އެ ފޭލިކޮޅު އެއްކޮށް މޫސާގެފާނުގެ އަރިހަށް ގެނަސްފިއެވެ: ފޭލިކޮޅާއި އޭގެ ފެހާމާނުތަކާއި ދަތިތަކާއި އޮނިގަނޑުތަކާއި ހުރަސްދަނޑިތަކާއި ތަނބުތަކާއި އޭގެ ބުޑުތައް. ފޭލިގޭގެ ބޭރުން ލާނެ އުރަކޮޅު. ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ބަކަރި ހަން. ޢަހުދުނާމާ ފޮށިކޮޅު ނިވާކުރުމަށް ބަހައްޓާ ފަރުދާއާއި، ޢަހުދުނާމާ ފޮށިކޮޅާއި އުފުލާ ދަނޑިތަކާއި، ކައްފާރާގެ މަޤާމުފުޅު ކަމަށް ވާ އެ ފޮށިކޮޅުގެ މައްޗާއި، މޭޒުކޮޅާއި އޭގެ ތަށިތެލި ކަންވާރުތައް؛ ހަޒްރަތަށް ހުށަހަޅާ ބޯރޮށިތައް؛ ރަތުރަނުގެ ބައްތިކޮޅާއި އެއާ ގުޅިގެން ހަދާފައި ހުރި ބައްތި ތަކާއި ބައްތި ތަށިތަކާއި އޭގެ ސާމާނުތަކާއި ދިއްލާނެ ޒައިތޫނި ތެޔޮ؛ ރަނުގެ ދުންއަޅާ އައްޓާއި، މީރު ވަސްދުވާ ތެޔޮ؛ ފޭލިގެކޮޅުގެ ދޮރުކޮޅުމަތީ ދަމާ ފަރުދާ؛ ކަފުލޯ އައްޓާއި؛ ކަފުލޯ ޖާލިގަނޑާއި އުފުލާ ދަނޑިތަކާއި އޭގެ އެހެނިހެން ސާމާނުތަކާއި؛ އަތްފައި ދޮންނަ ފެންބިލިގާއާއި އެ ބަހައްޓާ ހަރާއި؛ ގޯތިތެރޭގައި ވަށައިގެން ދަމާނެ ފަރުދާތަކާއި؛ އެ ހަރުކުރާނެ ތަނބުތަކާއި އޭގެ ބުޑުތަކާއި؛ ކުރިމަތީގައި ދަމާ ފަރުދާއާއި ވާވެލާވެއްޔާއި އިލިތަކާއި އަޅުކަން ކުރާއިރު ފޭލިގެކޮޅުގައި ބޭނުންވާނެ އެހެނިހެން ސާމާނު ތަކާއި؛ އަދި މާތްވެގެންވާ މަޤާމުފުޅުގައި އިމާމުން ޚިދުމަތް ކުރާއިރު ތުރުކުރައްވަން ރީއްޗަށް ވިޔެ ޖަރީކޮށްފައިވާ ކަރާމާތްތެރި ހެދުންކޮޅުތަކެވެ. އެއީ ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނަށްޓަކައި ތައްޔާރުކޮށްފައިވާ ހެދުންކޮޅުތަކެވެ. އިސްރާއީލީން މިތަކެތި ތައްޔާރުކޮށްފައި ވަނީ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ. ދެން މޫސާގެފާނު އެތަކެއްޗާއި އެމީހުން ކުރި މަސައްކަތް ބައްލަވައި ލައްވައިފިއެވެ. އެހުރިހާ އެއްޗެއްވެސް ވަނީ މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވި ފަދައިންނެވެ. އެހެންވެ އެކަލޭގެފާނު އެމީހުންގެ މައްޗަށް ރަޙުމަތްލެއްވުން އެދި ދުޢާ ދެންނެވިއެވެ.