ނެރުއްވުން. 38. ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ޤުރުބާނީ އަންދާ އައްޓެއް ހެދިއެވެ. އެއަށި ހެދީ ހަތަރެސް ކަނަށެވެ. އެ އަށީގެ ދިގުމިނުގައި ހަތްފޫޓުބައި، ފުޅާމިނުގައި ހަތްފޫޓުބައި، އުސްމިނުގައި ހަތަރުފޫޓު ބައި ހުއްޓެވެ. އޭގެ ކޮންމެ ކަނެއްގައި ޖަނަވާރު ދަޅެއްފަދައިން އުފުލިފައިވާ ބައެއް، އައްޓާ އެއްކޮށް އެކަތިގަނޑެއްގެ ގޮތުގައި ހަދާފައި ހުއްޓެވެ. މުޅި އަށީގައި ވަނީ ކަފުލޯ ފަށަލައެއް ލާފައެވެ. އަދި އަޅި އަޅާނެ ބަނޑިޔާތަކާއި، ފަކީރާއާއި، މަސްނަގާ އުލާއި ތެލިތާސް ތަވާތައް ވެސް ހެދިއެވެ. މިހުރިހާ ތަކެއްޗެއްވެސް ހެދީ ކަފުލޮއިންނެވެ. ދެން ކަފުލޮއިން ޖާލިގަނޑެއް ހަދައި އޭގެ ހަތަރު ކަނުގައި އެބޮޅުތައް ހަރުކުރިއެވެ. އެއީ އުފުލާ ދަނޑިތައް ލެއްވުމަށެވެ. އަދި ޖާލިގަނޑު އަށީގެ ދެބައިކުޅަ އެއްބައިގައި ވާ އޮޅިގަނޑުގެ ދަށުގައި ހަރުކުރިއެވެ. އަށި އުފުލާނެ ދަނޑިތައް އަކާސިޔާ ލަކުޑިން ހަދައި އޭގައިވެސް ކަފުލޮއިން ފަށަލައެއްލިއެވެ. އަދި މި ދަނޑިތައް އޭގައިވާ ބޮޅުތަކަށް ލެއްވިއެވެ. މި އަށި ހަދާފައި ވަނީ އެތެރޭގައި ހޮއި ހުންނަ ގޮތަށް ލަކުޑި ފިލައިންނެވެ. ބަޞަލީލު ދެން ހެދީ އަތް ފައި ދޮންނަ ބިލިގާ ތައްޓެއް ވެ. މި ބިލިގާއާއި އެ ބަހައްޓާ ހަރުގަނޑު ހަދާފައި ހުރީ ވެސް ކަފުލޮއިންނެވެ. މި ތައްޓާއި ހަރުގަނޑު ހަދަން ކަފުލޮއި ހަދިޔާ ކުރީ ފޭލިގެކޮޅުގެ ދޮރުމަތި ބަލަހައްޓަން ތިބޭ އަންހެންވެރިންނެވެ. މިކަމަށް އެމީހުން ގެންގުޅޭ ކަފުލޯ މޫނުބަލާ ލޯގަނޑުތައް ހަދިޔާކުރިއެވެ. ދެން ބަޞަލީލު ފޭލިގޭގެ ގޯތިތެރެ ހެދިއެވެ. މިތަން ހުރީ ވަށައިގެން މޮޅު ލިނެން ފޮތީގެ ފަރުދާއެއް ދަމާފައެވެ. ދެކުނު ފަރާތުގައި ހުރި ފަރުދާގެ ދިގުމިނުގައި ސަތޭކަ ފަންސާސް ފޫޓެވެ. އެ ފަރުދާ ހަރުކޮށްފައި ހުރީ ކަފުލޯ ވިހި ބުޑުތަކުގެ މަތީ ހުރި ވިހި ތަނބުތަކުގެ މަތީގައެވެ. އޭގެ ބޮޅުތަކާއި ބުޅިތައް ހުރީ ރިހިންނެވެ. އުތުރުގައި ދަމާފައި ހުރި ފަރުދާވެސް ހުރީ މިހެންނެވެ. ހުޅަނގުފަރާތު ފަރުދާގެ ދިގުމިނުގައި ހުރީ ހަތްދިހަ ފަސްފޫޓެވެ. އެވެސް ހުރީ ދިހަ ބުޑުގެ މަތީ ހުރި ދިހަ ތަނބުގައި ރިހި ބުޅިތަކުގައި އެލުވާފައެވެ. ގޯތިތެރެއަށް ވަންނަ ފަރާތްކަމަށް ވާ އިރުމަތީ ފަރާތުގެ ފަރުދާގެފުޅާ މިނުގައިވެސް ހުރީ ހަތްދިހަ ފަސްފޫޓެވެ. އިރުމަތީގައި ހުރި ދޮރުގައި ދެ ފަރުދާ ހަރުކޮށްފައި ހުއްޓެވެ. އޭގެ ކޮންމެ ފަރުދާއެއްގެ ފުޅާ މިނުގައި ބާވީސް ފޫޓު ބައި ހުއްޓެވެ. ކަނާތްފަރާތުގެ ފަރުދާތައް ދަމާފައި ހުރީ ތިން ބުޑުގެ މަތީގައި ތިން ތަނބު ޖަހައިގެންނެވެ. ވައަތްފަރާތުގެ ފަރުދާގައިވެސް ހުރީ ބާވީސްފޫޓު ބައެވެ. މި ވެސް ހުރީ ތިން ބުޑު މަތީ ޖަހާފައި ހުރި ތިން ތަނބުގައި ހަރުކޮށްފައެވެ. ފޭލިގެ ކޮޅުގެ ގޯތި ވަށައިގެން ދަމާފައި ހުރި ހުރިހާ ފަރުދާއެއް ވެސް ތައްޔާރުކޮށްފައި ވަނީ އެންމެ މޮޅުފޮތީންނެވެ. މި ފަރުދާ ހަރުކުރަން ހަދާފައިހުރި ހުރިހާ ތަނބެއްގެ ވެސް މަތީކޮޅުގައި ވަނީ ބޭރުން ރިހި ފަށަލައެއް ލާފައެވެ. އެ ތަނބުތަކުގެ ދެމެދުގައި ހުރި ބޮޅުތަކާއި އޭގައި ހުރި ބުޅިތައް ހުރީ ރިހިންނެވެ. އެ ތަނބުތައް ބަހައްޓާފައި ހުރި ހުރިހާ ބުޑުތަކެއް ވެސް ހުރީ ކަފުލޮއިން ހަދާފައެވެ. މެދުގޯއްޗަށް ވަނުމަށް ހުރި ދޮރުކޮޅުގެ ފަރުދާ ހަދާފައި ހުރީ ނުލާއި ދަނބާއި ގަދަރަތް ރޮދިން ކުރެހުން އަޅާ ޖަރީކޮށްފައި ވާ މޮޅު ލިނެން ފޮތިންނެވެ. އޭގެ ދިގުމިނުގައި ތިރީސްފޫޓު އުސްމިނުގައި ހަތްފޫޓުބައި ހުއްޓެވެ. ގޯތީގެ ވަށައިގެންވާ ފަރުދާގެ އުސްމިނަކީވެސް މިއީއެވެ. އެ ފަރުދާ ހަރުކޮށްފައި ވަނީ ހަތަރު ތަނބުގައެވެ. މިތަނބުތައް ވެސް ބެހެއްޓިފައި ވަނީ ކަފުލޮއިގެ ބުޑުތަކުގެ މަތީގައެވެ. މިތަނބުތަކުގެ ކުރީކޮޅާއި އޭގައިވާ ބުޅިތަކާއި ބޮޅުތަކުގައި ހުރީ ރިހި ފަށަލައެއް ލާފައެވެ. ފޭލިގެކޮޅާއި ގޯތީގައި ދަމާ ފޮތިގަނޑުތައް ހިފަހައްޓާ އިލިތައް ވެސް ހަދާފައިހުރީ ކަފުލޮއިންނެވެ. ތިރީގައި ބަޔާންވެގެން އެވަނީ ޚާއްސަ ދިހަ އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަކޮޅު ރައްކާކުރެވިފައިވާ ފޭލިގެ ކޮޅުގައިވާ ތަކެތީގެ ލިސްޓެކެވެ. މިލިސްޓު ތައްޔާރުކުރީ މޫސާގެފާނުގެ އެންގެވުމުގެ މަތިން، އިމާމު ހާރޫނުގެފާނުގެ ދަރިކަލުން އީޘާމާރު ގެ ބެލުމުގެ ދަށުން، ލާވީ ދަރިކޮޅުގެ މީހުންނެވެ. މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން މި ފޭލިގެކޮޅުގެ ހުރިހާ އެއްޗެއް ހެދީ ޔަހޫޛާގެ ގަބީލާގެ މީހެއްކަމުގައިވާ އޫރީގެ ދަރި އަދި ހުރްގެ ކާފަދަރި ބަޞަލީލު އެވެ. އަދި އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރީ ދާނު ގަބީލާއިން އައިސްހުރި އަޚީސާމާކު ގެ ދަރި އަހޫލިޔާބުއެވެ. މީނާއަކީ ކުރެހުމާއި ކަނޑާނެގުމުގެ ކަޅުދާނަކަން ލިބިފައިހުރި މީހެކެވެ. މީގެ އިތުރުން އޭނާއަކީ ނުލާއި، ދަނބާއި ގަދަރަތްކުލައިގެ ރޮދިން ތިނޯހު މަސައްކަތާއި ޖަރީކުރުމުގެ ފަންނުގައި ވެސް އަރާހުރި މީހެކެވެ. މި މާތް ފޭލިގެކޮޅު ހެދުމަށް މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެއްހާސް ކިލޯގެ ބަރުދަން ހުރި ރަން ހަދިޔާ ކުރިއެވެ. މި ރަން ކިރާފައި ވަނީ ކަރާމާތްތެރި ޝެކެލް ފައިސާފޮތީގެ ބަރުދަނަށް ބަލައިގެންނެވެ. މި ރަންތައް ވަނީ ފޭލިގެކޮޅުގެ އެކި ކަންކަމަށް ބޭނުން ކުރެވިފައެވެ. އަދި އިސްރާއީލީންގެ މީހުން ގެނައި ރިހީގެ ބަރުދަނުގައި ތިންހާސް ހަތަރުސަތޭކަ ތިރީސް ކިލޯ ހުއްޓެވެ. މި ރިހި ކިރާފައި ވަނީ ރިހި ކަރާމާތްތެރި ޝެކެލް ފައިސާފޮތީގެ ބަރުދަނަށް ބަލައިގެންނެވެ. މި ރިއްސަކީ ބޯހިމެނުނު މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ގެނެވުނު ރިއްސެވެ. އެއީ ނަން ލިޔެވުނު ކޮންމެ މީހެއްގެ އަތުން އައުންސެއްގެ ފަސްބައިކޮށް އެއްބައި މަގުންނެވެ. އެމީހުންގެ ތެރޭގައި އުމުރުން ވިހި އަހަރުވެފައިވާ ފިރިހެނުންގެ ހަ ލައްކަ ތިންހާސް ފަސްސަތޭކަ ފަންސާހަކަށް މީހުން ތިއްބެވެ. ފޭލިގެކޮޅުގެ އެންމެ އެތެރެ ބައިގެ ބިތާއި ތަނބުތަކާއި އެތެރޭ ފަރުދާ ހަރުކުރާ ބުޑުތައް ހަދަން ތިރީސް ހަތަރު ކިލޯ ރިހި ބޭނުން ކުރެވުނެވެ. އަދި ތަނބުތަކުގެ ބުޑަކަށް ހަތްދިހަ ފަސްރާތާ ރިހި ބޭނުން ކުރެވުނެވެ. ބާކީހުރި ތިރީސް ކިލޯ ރިހި ބޭނުން ކުރެވުނީ ބުޅިތަކާއި ބޮޅުތައް ހެދުމަށާއި ތަނބުތަކުގެ ކޮޅުގައި ރިހި ފަށަލަ ލުމަށެވެ. އަދި މީސްތަކުން ވެދުމެއްގެ ގޮތުގައި ދެހާސް ހަތަރުސަތޭކަ ފަންސަވީސް ކިލޯގެ ކަފުލޯ ގެނައެވެ. މިތަކެތި ބޭނުން ކުރެވުނީ ފޭލިގެކޮޅަށް ވަންނަ ދޮރުމަތީގައި ހުރި ތަނބުތަކުގެ ބުޑުތައް ހެދުމަށާއި ކަފުލޯ އައްޓާއި ފުރޭން ޖާލިގަނޑާއި އެއާ ބެހޭ އެހެނިހެން ސާމާނު ފެހާމާނުތަކާއި ތަކެތި ހެދުމަށެވެ. އަދި ވަށައިގެން ދަމާފައިވާ ފަރުދާ ހިފަހައްޓާ ތަނބުތައް ބެހެއްޓުމަށް ބުޑުތައް ހަދާފައި ވަނީ ވެސް މި ކަފުލޮއިންނެވެ. ފޭލިގެކޮޅަށް ވަންނަ ދޮރުކޮޅުގެ ފަރުދާ ހިފަހައްޓާ ތަނބުތަކުގެ ބުޑުތައް ވެސް ހަދާފައި ވަނީ މި ކަފުލޮއިންނެވެ. އަދި ފޭލިގެކޮޅާއި ގޯތިތެރޭގައި ފޭލިކޮޅު ވަށައިގެން ހިފެހެއްޓުމަށް ބަނދެފައި ހުންނަ އިލިތައް ވެސް ވަނީ މި ކަފުލޮއިން ހަދާފައެވެ.