ނެރުއްވުން. 37. ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ޢަހުދުނާމާ ފޮށިކޮޅު ހެދިއެވެ. އެފޮށީގެ ދިގުމިނުގައި ސާޅީސްފަސް އިންޗި، ފުޅާމިނުގައި ހަތާވީސް އިންޗި، އަދި އުސްމިނުގައި ހަތާވީސް އިންޗި ހުއްޓެވެ. އޭގެ އެތެރެ އާއި ބޭރުގައި ރަނުން ފަށަލަ ލައި މަތިގަނޑުގެ ކައިރިފަށުގައި ސާފު ރަނުން ދާރަ އަޅާފައި ހުއްޓެވެ. އަދި ރަނުން ހަތަރު ބޮޅު ހަދައި އެފޮށީގެ ހަތަރު ފަރާތުގައި ފައިތަކާ ދިމާލަށް އެބޮޅުތައް ހަރުކުރިއެވެ. ދެން އަކާސިޔާ ލަކުޑިން ދެ ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅިއެވެ. އަދި އެފޮށިކޮޅު އުފުލުމަށް އެ ދަނޑިތައް އެ ބޮޅުތަކުގެ ތެރެއަށް ލެއްވިއެވެ. ދެން އެމީހުން ކައްފާރާގެ މަޤާމުފުޅު ކަމަށް ވާ އެފޮށިކޮޅުގެ މަތިގަނޑު ސާފު ރަނުން ހެދިއެވެ. އެއީ އޭގެ ދިގުމިނުގައި ސާޅީސް ފަސް އިންޗި، ފުޅާމިނުގައި ހަތާވީސް އިންޗި ހުއްޓެވެ. ދެން އޭނާ ރަނުން އަތްކަން ކޮށްގެން މަރުތޭލުން ތަޅައި ދެ ކަރޫބީމު ހެދިއެވެ. އަދި މި ދޭތި މަތިގަނޑުގެ ދެ ކޮޅުގައި ބެހެއްޓިއެވެ. މި ދެ ސޫރަވެ ވެސް ހަދާފައި ވަނީ މަތިގަނޑުގެ ބައެއް ފަދައިން ރަނުން އަތްކަންކޮށް މަރުތޭލުން ތަޅައިގެންނެވެ. އަދި އެ ދެ ސޫރަ އަތްކަންކޮށް މަތިގަނޑާ އެއްކޮށް މަރުތޭލުން ތަޅައި އެކަތިގަނޑަކަށް ހެދިއެވެ. މި ކަރޫބީމުތައް ހަދާފައި ހުރީ އެކަތި އަނެކައްޗާ ކުރިމަތިލައިގެން މަތިގަނޑުގެ މެދާ ދިމާއަށް ބަލަހައްޓައިގެން އޭގެ ފިޔަގަނޑުން މަތިގަނޑަށް ހިޔާ އަޅައިގެން ތިބޭ ގޮތަށެވެ. ދެން ބަޞަލީލު އަކާސިޔާ ލަކުޑިން މޭޒުކޮޅެއް ހެދިއެވެ. އޭގެ ދިގުމިނުގައި ތިރީސްހަ އިންޗި ފުޅާމިނުގައި އަށާރަ އިންޗި އުސްމިނުގައި ހަތާވީސް އިންޗި ހުއްޓެވެ. އޭނާ މުޅި އެމޭޒުކޮޅު ރަތުރަނުން ޖަރީކޮށް އޭގެ ކައިރިފަށުގައި ރަނުގެ ދާރައެއް އެޅިއެވެ. ދެން ރަނުން ތިން އިންޗީގެ ފުޅާމިނުގެ ދާރައެއް ޖަހައި ރަނުގެ ކައިރިފަށެއް އެޅިއެވެ. އަދި ރަނުގެ ހަތަރު ބޮޅު ހަދައި އެ މޭޒުކޮޅުގެ ކޮންމެ ފަޔަކާ ދިމާލުގައި ހަރުކުރިއެވެ. މި ބޮޅުތައް ހަރުކުރެވިފައި ވަނީ މޭޒުކޮޅުގައި އަޅާފައި ހުރި ރަނުގެ ކައިރިފަށުގައެވެ. އެއީ އެމޭޒުކޮޅު އުފުލާ ދަނޑިތައް ލެއްވުމަށް ހަރުކުރި ބޮޅުތަކެވެ. އަދި އޭނާ އަކާސިޔާ ލަކުޑިން ދެ ދަނޑި ހަދައި އޭގައި ވެސް ރަން ފަށަލައެއް ލިއެވެ. އެމޭޒުކޮޅުގެ މަތީގައި ބެހެއްޓުމަށް ޚާއްސަކޮށް ބޯތައްޓާއި، ތިލަ ތައްޓާއި، ގުޅިތަކާއި ޖޯޑުތައްޓާއި އޭނާ ހެދިއެވެ. މިއީ ދިޔާތަކެތީގެ ޤުރުބާނީ ވެދުން ކުރަން ތައްޔާރު ކުރި ތަކެއްޗެވެ. ދެން ބަޞަލީލު އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރިއެވެ. ބައްތިއާއި ބައްތި ދަނޑި ޖަރީކޮށް ބިންވަޅު ނަގާފައި ހުރީ އެކަތިގަނޑެއްގެ ގޮތުގައެވެ. އޭގެ ބުޑާއި، މެދުގައި ހުރި ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުރީ މިގޮތުގައެވެ. ބައްތި ދަނޑީގެ ދެފަރާތުގައި ފަރާތެއްގައި ތިން ގޮފި ހުންނަ ގޮތަށް ހަ ގޮފި ހަރުކުރިއެވެ. އެ ބައްތި ތަށިތައް ހުރީ އަލްމަންޑް މަލެއް ފޮޅިފައި ހުންނަ ފަދަ ގޮތަކަށެވެ. އޭގެ ތަނޑުތަކާއި ފަތްތައް ވެސް ހުރީ އަލްމަންޑް މަލުގެ ފިޔަތަކާއި ބުޑުގަނޑު ވެސް ހުންނަ ގޮތަށެވެ. އަދި ބައްތި ދަނޑީގެ މެދުތެރޭގައި ހަތަރު ބައްތިތަށި ހަރުކުރިއެވެ. އެ ވެސް ހުރީ ފޮޅިފައިވާ އަލްމަންޑް މަލެއްގެ ސިފައިގައެވެ. އެ އަލްމަންޑް މާތައް ހަރުކޮށްފައި ވަނީ ބައްތި ދަނޑިން ފަޅާފައިވާ ކޮންމެ ދެ ގޮފިގަނޑެއްގެ ދެމެދުގައެވެ. މި ގޮފިތަކާއި ތަނޑުތައް ވެސް ހުރީ ބައްތި ދަނޑިއާއެކު އެކަތިގަނޑެއްގެ ގޮތުގައެވެ. މިވެސް ތަޅާފައި ހުރީ އެއް ރަތު ރަންގަނޑަކުންނެވެ. ދެން ބަޞަލީލު ރަނުގެ ހަތްބައްތި ހެދިއެވެ. ބައްތީގެ ފީތާ ލައްވާ ގިނިފައްޗާއި ދެލިކަނޑާ ތަށިތައް ވެސް ހަދާފައި ހުރީ ރަތުރަނުންނެވެ. މި ބައްތިކޮޅާއި އޭގައި ހުރި ހުރިހާ އެއްޗެއް ހެދުނީ ތިރީސްފަސް ކިލޯ ހާ ރަތު ރަނުންނެވެ. ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ދުން އަޅާނެ އައްޓެއް ހެދިއެވެ. މި އަށި ހަދާފައި ވަނީ އަށާރަ އިންޗި އަށާރަ އިންޗި ތިރީސް ހަ އިންޗި އުސްމިނުގައެވެ. އޭގައިވެސް ހަތަރު ކަނުގައި ދަޅުތަކެއްގެ ގޮތުގައި މައްޗަށް އުފުލާފައިވާ ލަކުޑި ދަނޑިތަކެއް ހުއްޓެވެ. އެވެސް ހަދާފައި ހުރީ އައްޓާ އެކަތިގަނޑެއްގެ ގޮތުގައެވެ. އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ވަނީ ރަނުން ފަށައެއް ލާފައެވެ. ދެން ރަނުގެ ދެ ބޮޅު ހަދައި އަށީގެ ދެފަރާތުގައި ހަރުކުރިއެވެ. އެ ބޮޅުތައް ހަރުކޮށްފައި ވަނީ ވަށައިގެން އެޅިފައިވާ ރަން ދާރައިގެ ތިރީގައެވެ. އެއީ އަށި އުފުލާ ދަނޑި ލެއްވުމަށެވެ. އަކާސިޔާ ލަކުޑިން ދަނޑި ހަދައި އޭގައިވެސް ރަން އުނގުޅާފައިވެއެވެ. ދެން އިޚުތިޔާރު ކުރެވޭ މީހުންގެ ގައިގައި އުނގުޅާ ކަރާމާތްތެރި ތެލާއި މީރުވަސްދުވާ އަތަރު ލީ ދުންދަނޑި ތައްޔާރު ކުރިއެވެ. މިކަންތައް އޭނާ ކުރީ އަތަރު އުފެއްދުމުގެ ތަޖުރިބާ ލިބިފައިވާ މީހުންގެ ހުނަރުތައް ބޭނުން ކޮށްގެންނެވެ.