ނެރުއްވުން. 36. މާތްވެގެންވާ ފޭލިގެކޮޅު އެކަލާނގެ އެންގެވި ފަދައިން ތައްޔާރުކުރުމަށް ބަޞަލީލުއާއި އަހޫލިޔާބުއާއި އަދި މާތްރަސްކަލާނގެ ފަންނުވެރިކަމުގެ ކުޅަދާނަކަން ދެއްވި އެންމެންނާ ހަވާލު ކުރެވިއްޖެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ހުރި ހުރިހާބަޔަކު ގެންނަވައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް މޫސާގެފާނު އެންގެވިއެވެ. ބަނީއިސްރާއީލުގެ މީސްތަކުން އެފޭލިގެކޮޅު ހެދުމަށްގެނައި ތަކެތި މޫސާގެފާނު އެމީހުންނާ ހަވާލު ކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު މެދުކެނޑުމެއްނެތި މީސްތަކުން ތަކެތި ގެނެސް ދެމުން ގެންދިޔައެވެ. ދެން އެފޭލިގެ ކޮޅު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން މަސައްކަތް ހުއްޓާލާފައި ހިނގައްޖެއެވެ. އެމީހުން ގޮސް މޫސާގެފާނަށް ދެންނެވިއެވެ. ”މިމީހުން މިތަކެތި ގެންނަނީ މާތްރަސްކަލާނގެ ކުރަން އެންގެވި މަސައްކަތަށް ބޭނުންވާ ވަރަށް ވުރެން މާ ގިނައިން.“ ދެން މޫސާގެފާނު ބަނީއިސްރާއީލުން އުޅޭ ފޭލިގެތަކަށް އެންގެވުމެއް ފޮނުއްވައިފިއެވެ. ”އެކަކުވެސް ދެން އިތުރަށް މާތްރަސްކަލާނގެ ފޭލިގެކޮޅު ހެދުމަށް އެއްވެސް އެއްޗެއް ގެނަސްގެން ނުވާނެ.“ އޭގެ ފަހުން އެކަކުވެސް ދެން އިތުރަކަށް އެއްޗެއް ނުގެނެއެވެ. އެއީ މީސްތަކުން ހަދިޔާކުރި ތަކެތި ހުރިހާ މަސައްކަތެއް ކޮށް ނިމި އިތުރުވާ ވަރަށް ވެސް ހުރީމައެވެ. ކަމުގެ ފަންނުވެރިން އައިސް ފޭލިގެކޮޅާއި އެތާނގެ ފަރުދާތައް ތައްޔާރުކޮށްފިއެވެ. އެމީހުން ނޫކުލައާއި ދަނބުކުލައާއި ގަދަރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީކޮށްގެން މޮޅު ލިނެން ފޮތީގެ ދިހަ ފަރުދާ ތައްޔާރު ކުރިއެވެ. އޭގެ ކޮންމެ ފަރުދާއެއްގެ ދިގުމިނުގައި ސާޅީސް ދެ ފޫޓު ފުޅާމިނުގައި ހަފޫޓު ހުއްޓެވެ. މި ހުރިހާ ފަރުދާތަކެއް ހުރީ އެއް މިނަކަށެވެ. އެމީހުން އެ ފަރުދާތައް ދެބަޔަށް ބަހައި ކޮންމެ ބައެއްގައި ފަސް ފަރުދާ އެއްކޮށް ގުޅުވިއެވެ. ދެން އޭގެ އެންމެ ފަހު ފަރުދާގެ ކައިރިފަށުގައި ނޫކުލައިގެ ފޮތިން މަޅިތަކެއް ހަދައި ހަރުކުރިއެވެ. އޭގެ އެއް ފަރުދާގެ އަރިމަތީގައި ފަންސާސް މަޅި އަދި އަނެއް ފަރުދާގެ އަރިމަތީގައި ފަންސާސް މަޅި ހަރުކުރިއެވެ. ދެން ރަނުގެ ފަންސާސް ބުޅި ހަދައި އެދެފޮތިގަނޑު އެއްފޮތިގަނޑަށް ވާނެ ފަދައިން ގުޅުވާލިއެވެ. ދެން އެމީހުން ބަކަރީގެ ކެހެރިން ވިޔެފައިވާ އެގާރަ ފޮތިގަނޑު އެއްކޮށް ފޭލިގެކޮޅުގެ ބޭރުގައި ލުމަށް އުރަކޮޅެއް ހެދިއެވެ. އޭގެ ކޮންމެ ފޮތިގަނޑެއް ވެސް ހެދީ އެއްމިނަކަށެވެ. އެއިން ކޮންމެ ފޮތިގަނޑެއްގެ ދިގުމިނުގައި ސާޅީސް ފަސްފޫޓު އަދި ފުޅާމިނުގައި ހަފޫޓު ހުންނަ ގޮތަށެވެ. އަދި އެމީހުން މި ފަރުދާތައް ދެބަޔަކަށް ބަހާލިއެވެ. އެއްބައިގައި ހަ ފަރުދާ އަނެއް ބައިގައި ފަސްފަރުދާ ވާ ގޮތަށް ގުޅުވާލިއެވެ. މި ފަރުދާތަކުގެ ބޭރުކައިރިފަށުގައި އެމީހުން ފަންސާސް މަޅި ހަރުކުރިއެވެ. އަދި އަނެއް ފަރުދާއާގުޅޭ ކައިރިފަށުގައި ފަންސާސް މަޅި ހަރުކުރިއެވެ. ދެން ކަފުލޮއިން ފަންސާސް ބުޅިގަނޑު ހަދައި އެދެފޮތިގަނޑު ގުޅުވައިގެން ފޭލިގެކޮޅުގެ އުރަކޮޅު ތައްޔާރު ކުރިއެވެ. އެމީހުން އިތުރު ދެ އުރަކޮޅެއް ވެސް ހެދިއެވެ. އެއް އުރަކޮޅު ހެދީ ހިއްކައި ރަތް ކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމުން ވެ. އަނެއް އުރަކޮޅު ހެދީ މޮޅު ބަކަރި ހަމުން ވެ. ދެން އަކާސިޔާ ލަކުޑިން ފޭލިގެކޮޅުގައި ކޮޅަށް ބަހައްޓާ އޮނިގަނޑުތައް ހެދިއެވެ. އޭގެ ކޮންމެ އޮނިގަނޑެއްގެ އުސްމިނުގައި ފަނަރަ ފޫޓު އަދި ފުޅާ މިނުގައި ހަތާވީސް އިންޗް ހުއްޓެވެ. އޮނިގަނޑުތަކުގެ ދަށުގައިވެސް އެ ހަރުކުރާނެ ދެ އިލި ހަދާފައިވެއެވެ. މި ހުރިހާ އޮނިގަނޑުތަކެއްވެސް ހެދީ އެއް މިނަކަށެވެ. ފޭލިގެކޮޅުގެ ދެކުނު ބައިގައި ހަރުކުރުމަށް މީގެ ވިހި އޮނިގަނޑު އެމީހުން ހެދިއެވެ. އަދި މި އޮނިގަނޑުތައް ބަހައްޓަން ރިހީގެ ސާޅީސް ބުޑު ތައްޔާރު ކުރިއެވެ. އެއީ ކޮންމެ އޮނިގަނޑެއްގެ ދަށުގައި ދެ ބުޑު ހަރުކުރުމަށް ދެ އިލި ހުންނާނެހެންނެވެ. އަދި ފޭލިގެކޮޅުގެ އުތުރުބައިގައި ހަރުކުރުމަށް ވެސް ވިހި އޮނިގަނޑު ހެދިއެވެ. އޭގެ ކޮންމެ އޮނިގަނޑެއްގެ ދަށަށް ލެއްވުމަށް ދެ ބުޑު މަގުން ރިހީގެ ސާޅީސް ބުޑު ހެދިއެވެ. ފޭލިގެކޮޅުގެ ފަހަތުބައި ހުޅަނގު ބިތުގައި ހަރުކުރުމަށް އެމީހުން ހަ އޮނިގަނޑު ތައްޔާރުކުރިއެވެ. އަދި ކަންކަނުގައި ހަރުކުރުމަށް ވެސް ދެ އޮނިގަނޑު ތައްޔާރުކުރިއެވެ. ކަނުގައި ބެހެއްޓި އޮނިގަނޑުގެ ތިރިއާއި މަތި ހަރުކުރީ އެއް ބޮޅަކުންނެވެ. ކަނުގެ މި ދެ އޮނިގަނޑުވެސް ހަދާފައި ހުރީ އެއްގޮތަކަށެވެ. މިގޮތަށް އެމީހުން އަށް އޮނިގަނޑު ހެދިއެވެ. އޭގެ ކޮންމެ އޮނިގަނޑެއްގެ ދަށަށް ދެ ބުޑު ވާނޭހެން ސޯޅަ ބުޑު ތައްޔާރު ކުރިއެވެ. ދެން އެމީހުން އަކާސިޔާ ލަކުޑިން ފަނަރަ ހުރަސް ބެރި ހެދިއެވެ. އެއީ ފޭލިގޭގެ އެއް އަރިމަތީގައި ހުރި އޮނިގަނޑުތަކަށް ފަސް ބެރި ވާނެހެންނެވެ. އަދި އަނެއް އަރިމައްޗައް ވެސް ފަސް ބެރި ހެދިއެވެ. އަދި ހުޅަނގު ފަރާތަށް ފަސް ބެރި ހެދިއެވެ. އަދި އޮނިގަނޑުތަކުގެ ދެބައި ހަމަ ހިސާބުގައިވާ އެޅި ހުރަސް ބެރި ފޭލިގޭގެ އެއްކޮޅުން އަނެއްކޮޅަށް ފޯރައެވެ. މިއޮނިގަނޑުތަކާއި ހުރަސް ބެރިތަކުގައި ވަނީ ރަން އުނގުޅާފައެވެ. އަދި ހުރަސްދަނޑީގައި ހަރުކުރާނެ ރަނުގެ ބޮޅުތައް ހެދިއެވެ. ފޭލިގެކޮޅުގެ އެތެރޭގައި ހުރި ފަރުދާ އެމީހުން ތައްޔާރު ކުރީ މޮޅަށްވިޔެފައިވާ ފޮތިންނެވެ. އަދި އެފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަރަތްކުލައިގެ ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ވެއެވެ. ދެން އެމީހުން އަކާސިޔާ ލަކުޑީގެ ހަތަރު ތަނބު ހަދައި އޭގައި ރަން އުނގުޅައި ރަނުގެ ހަތަރު ބުޅި ހަރުކުރިއެވެ. މި ތަނބުތައް އެމީހުން ހަރުކުރީ ރިހީގެ ހަތަރު ބުޑުތަކުގެ މަތީގައެވެ. ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ދެމުމަށް މޮޅަށް ވިޔެފައިވާ ލިނެން ފޮތީގެ ފަރުދާއެއް އެމީހުން ތައްޔާރު ކުރިއެވެ. އަދި އޭގައި ނޫކުލައާއި ދަނބު ކުލައާއި ގަދަރަތްކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރިއެވެ. އަދި މި ފަރުދާކޮޅު ހަރުކުރުމަށް އެމީހުން އަކާސިޔާ ލަކުޑިން ފަސް ތަނބު ހަދައި އޭގައި ބުޅި ހަރުކުރިއެވެ. އޭގެ މަތިން ވެސް ރަނުގެ ފަށަލައެއް ލިއެވެ. އަދި މި ތަނބުތައް ބަހައްޓާނެ ފަސް ބުޑުވެސް ކަފުލޮއިން ތައްޔާރު ކުރިއެވެ.