ނެރުއްވުން. 34. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކުރީގެ ހިލަފޮތި ގޮތަށް ދެ ހިލަފޮތި ހަދާ. ކަލޭ ތަޅާލި ހިލަ ފޮތީގައި އަހަރެން ލިއުނު ބަސްތައް އަލުން ލިއެދޭނަން. މާދަމާ ހެނދުނު ޠޫރުސީނާ ފަރުބަދައަށް އަރައި އަހަރެންގެ ގާތަށް ހާޒިރުވާން ތައްޔާރުގައި ހުރޭ. ކަލެއާއެކު އެކަކުވެސް އައިސްގެން ނުވާނެ. އަދި އެ ފަރުބަދައިގެ މަތީ އެއްވެސް ހިސާބެއްގައި މީހަކު ހުރެގެން ނުވާނެ. ޖަނަވާރުތައް ވެސް ފަރުބަދަ ކާރީ ވިނަކާން ތިއްބަ ދީގެން ނުވާނެ.“ ދެން މޫސާގެފާނު ދެ ހިލަގަނޑު ކޮށައިގެން ކުރީގެ ހިލަކޮޅުތައް ފަދައިން ތައްޔާރު ކުރައްވައިފިއެވެ. އަދި މާތްރަސްކަލާނގެ އެންގެވި ފަދައިން އެ ދެ ހިލަކޮޅު ހިއްޕަވައިގެން ހެނދުނުހެނދުނާ ޠޫރުސީނާ ފަރުބަދައަށް އަރާ ވަޑައިގެންފިއެވެ. ދެން މާތްރަސްކަލާނގެ ވިލާގަނޑެއްގެ ތެރޭން ފާޅުވެ ވޮޑިގެން އެކަލޭގެފާނުގެ ގާތުގައި ހުއްޓިވޮޑިގެންފިއެވެ. އެކަލޭގެފާނު އެކަލާނގެ ނަންފުޅު ”ޔަހޫވޭ“ އޭ ވިދާޅުވިއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނުގެ ކުރިފުޅުމަތިން ހުރަސްކުރެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”އަހަރެންނަކީ ޔަހޫވޭ! އަދި މާތްރަސްކަލާނގެ! އަހަރެންނަކީ އޯގާވަންތަ ރަޙުމަތްވަންތަ ކަލާނގެ! އަހަރެންނަކީ ކޯފާވުން ލަސް، ދެގޮތެއްނުވެ ލޯބިވާ ވަފާތެރި ކަލާނގެ. އަހަރެންގެ ދެގޮތެއް ނުވާ ލޯބި އެތައް ހާސް ދަރިފަސްކޮޅަކާ ހަމަޔަށް ދެމިގެންދާނެ. އަހަރެން މީސްތަކުން ކުރާ އެކިކަހަލަ ނުބައިނުލަފާ ކަންތަކާއި ދެކޮޅުވެރިކަމާއި ފާފަތައް އަފޫ ކުރަން. އެކަމަކު އަހަރެންނާ މެދު ކުށް ކުރާ މީހުންނާއި އެމީހުންގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެމީހުން ކުރާ ކުށުގެ އަދަބު ނުދީއެއް ނުބަހައްޓާނަން. އެކަމުން މުޅި އާއިލާއަށް އަސަރުކުރާނެ، އަދި އެމީހުންގެ ކާފަ ދަރިންނާއި މުނިކާފަ ދަރިންނާ ހަމަޔަށްވެސް އެކަމުގެ އަސަރު ފޯރާނެ.“ މޫސާގެފާނު ވަގުތުން ތިރިވެ ސަޖިދައަށް ވަޑައިގެން އަޅުކަން ކުރައްވައިފިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. ”އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންވާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާނދޭވެ!“ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަޑުއަހާ! އަހަރެން ކަލޭމެންނަށް މި ޢަހުދު ކުރަނީ، މީގެ ކުރީގައި ދުނިޔެމަތީގައި އެއްވެސް ތަނަކުން ފެނިފައިނުވާފަދަ މުޢުޖިޒާތްތަކެއް ކަލޭމެން އެންމެންނަށް އަހަރެން ދައްކައިދޭނެކަމަށް. ކަލޭމެންގެ ވަށައިގެން ތިބިހާ ބަޔަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަ މޮޅެތި ކަންތައް ދައްކައިދޭނަން. ކަލޭމެންނަށް މިއަދު އަހަރެން ކުރާ އަމުރުތައް ރަނގަޅަށް ކަނުލާ އަހާތި. އަހަރެން ކަލޭމެންނަށް ވުރެ ކުރީގައި ގޮސް އަމޫރީންނާއި ކަންޢާނީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީންނާއި މިއެންމެން ފައްސާލާ ފޮނުވާލާނަން. ކަލޭމެން ތިޔަ ދާ ޤައުމުތަކުގެ މީހުންނާއެކު ސުލްޙައިގެ އެއްވެސް އެއްބަސްވުމެއް ނުބާއްވަން ހަނދާން ކުރާތި. އެގޮތަށް ހަދައިފިނަމަ ކަލޭމެންވެސް އެމީހުންގެ ގޮތަށް ތަބާވެ ދަންތުރައެއްގައި ޖެހި އެމަގަށް އެނބުރިދާނެ. އޭގެ ބަދަލުގައި ކަލޭމެން ގޮސް އެމީހުންގެ ބުދުތަކާއި ޤުރުބާނީ އަށިތައް ތަޅައި ކުދިކުދިކޮށް އެމީހުންގެ އަޅުކަމުގެ ތަނބުތަކާއި އެމީހުންގެ އަޝީރާ މުޑިތައް ވައްޓާލަން ވާނެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. އަހަރެން ފިޔަވައި އެހެން ކަލަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ. އެ ބިމުގައި އުޅޭ އެއްވެސް ބަޔަކާއެކު ކަލޭމެން ސުލްޙައިގެ އެއްބަސްވުމެއް ގާއިމުކޮށްގެން ނުވާނެ. އެހެނީ އެމީހުންގެ އިލާހުންނަށް އެމީހުން އެދަނީ އެދުންވެރި ވަމުން. އެކަލުންނަށް އެދަނީ ޤުރުބާނީތައް ކުރަމުން. އެމީހުންގެ ޤުރުބާނީގެ ޖާފަތްތަކަށް ކަލޭމެންނަށް ދައުވަތު ދޭނެ. ކަލޭމެން ވެސް އިސާހިތަކު އެމަގަށް އެނބުރިދާނެ. އަދި ކަލޭމެންގެ ފިރިހެން ދަރިން އެމީހުންގެ އަންހެން ދަރިންނާ އިންނަން ފަށާފާނެ. ދެން އެއަންހެނުން ކަލޭމެންގެ ފިރިހެން ދަރިން ލައްވައި އަހަރެންނަށް އުރެދި އެމީހުންގެ އިލާހުންނަށް އެދުންވެރި ކުރުވަން ފަށާފާނެ. ކަލޭމެން އަމިއްލައަށް މައުދަނުން އިލާހަކު ވިރުވައި ނާޅާތި. ކަލޭމެން ކަމީރުނުލާ ބޯރޮށީގެ ޢީދު ފާހަގަކުރަން ވާނެ. އަހަރަކު އެއްފަހަރު އަބީބު މަހު އަންނަ ބަހާރު މޫސުމުގައި ހަތްދުވަސް ވަންދެން ޢީދެއް ފާހަގަކުރަން އަހަރެން ވާނީ ކަލޭމެންނަށް އަންގާފައި. އެއީ ކަލޭމެން މިސްރުން ނެރެވުނު ދުވަސް ފާހަގަ ކުރުމަށް. ކޮންމެ އިންސާނަކަށް ނުވަތަ ޖަނަވާރަކަށް ލިބޭ ފުރަތަމަ ފިރިހެންދަރިއަކީ އަހަރެންނަށް ޚާއްސަ އެއްޗެއް. ކަލޭމެންގެ ގެރިބަކަރިތަކުގެ ތެރޭން އުފަންވާ ކޮންމެ ފިރިހެން އެއްޗަކީ ވެސް އަހަރެންގެ އެއްޗެއް. ކަލޭމެންގެ ޖަނަވާރުތަކުގެ ތެރެއިން އެންމެފުރަތަމަ އުފަންވާ ފިރިހެން ހިމާރުގެ ބަދަލުގައި ޅަކަންބަޅިއެއް ހުށައަޅައި އެ އެތި ޤުރުބާނުން ސަލާމަތް ކުރޭ. ކަލޭމެން އެހެން ހަދަން ބޭނުން ނޫންނަމަ އެ ހިމާރުގެކަރު ބިންދާލާ. އެކަމަކު ކަލޭމެން ގެ ދޮށީ ފިރިހެން ދަރީގެ ބަދަލުގައި ޖަނަވާރެއް ޤުރުބާން ކުރަންޖެހޭނެ. އެކަކުވެސް ހުސްއަތާ އައިސްގެން ނުވާނެ. ކަލޭމެން މަސައްކަތް ކުރަން ހަފްތާއަކު ހަދުވަސް އޮންނާނެ. ހަތްވަނަ ދުވަހަކީ ގޮވާން އިންދަން ފަށާ ދުވަސް ވިޔަސް ނުވަތަ ގޮވާން ކަނޑާ ދުވަސް ވިޔަސް އެދުވަހު މަސައްކަތެއް ކޮށްގެން ނުވާނެ. ކަލޭމެން ފުރަތަމައިން ގޮދަން ކަނޑާ ދުވަސްވަރު ގޮވާން ކަނޑާ ޢީދު ފާހަގަކުރޭ. އަދި ޚަރީފު މޫސުން އައިސް މޭވާ ބިނދެ ހިޔަލަށް ވަންނަ އީދު ވެސް ފާހަގަކުރޭ. އަހަރަކު ތިންފަހަރު އިސްރާއީލީންގެ ކޮންމެ ފިރިހެނަކުވެސް އަޅުކަން ކުރުމަށް އަހަރެންގެ ކުރިމައްޗަށް އަންނަން ވާނެ. އަހަރެންނަކީ ކަލޭމެންގެ އިލާހު، ކަލޭމެންގެ ސާހިބުވަންތަ މާތްރަސްކަލާނގެ. ކަލޭމެންގެ ސަރަހައްދު ބޮޑުކޮށް ދިނުމަށް އަހަރެން އެހެން ޤައުމުތަކުގެ މީހުން ފައްސާލާނަން. ކަލޭމެން އެތިން ޢީދު ފާހަގަކުރުމަށް އަހަރެންގެ ކުރިމައްޗަށް އަންނަމުންދާހާ ދުވަހަކު ކަލޭމެން ދެކެ އެއްވެސް ބަޔަކަށް ހަސަދަވެރިވެ ކަލޭމެންގެ ބިމަށް ގަދަވެއެއް ނުގަނެވޭނެ. އަހަރެންނަށް ހުށަހަޅާ ޤުރުބާނީގެ ލެޔާއެކު ކަމީރު ކުރި ބޯރޮށި ހުށަހަޅައިގެން ނުވާނެ. ފަހަނަޅައި ދިއުމުގެ ޢީދުގައި ކުރެވޭ ޤުރުބާނީގެ މަސް އަނެއްދުވަހުގެ ހެނދުނާ ހަމަޔަށް ބަހައްޓައިގެން ނުވާނެ. ކޮންމެ އަހަރަކު ކަލޭމެން ފުރަތަމަ ކަނޑާ ގޮވާން ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ގެކޮޅަށް ގެންނަން ވާނެ. ކަލޭމެން ނަމަނަމަ ޅަ ބަކަރިއެއް އޭގެ މައިއެތީގެ ކިރުގައި ނުކައްކާތި.“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”މި ހުރިހާ އެންގުންތަކެއް ކަލޭ ލިޔޭ. އެހެނީ މިއީ އަހަރެންނާއި ކަލެއާއި ކަލޭމެންގެ މީހުންނާ ދެމެދު ކުރެވޭ ޢަހުދު ނާމާއެއް.“ މޫސާގެފާނު މާތްރަސްކަލާނގެ ހަޒުރަތުގައި އެ ފަރުބަދަމަތީ ސާޅީސްރޭ ސާޅީސް ދުވަސް ވަންދެން ހުންނެވިއެވެ. އެހުރިހާ ދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައެއް ނަހައްދަވައެވެ. އެކަލޭގެފާނު އެ ހިލަކޮޅުތަކުގައި ޢަހުދުނާމާގެ އެއްބަސްވުން ލިޔުއްވިއެވެ. އެއީ ދިހަ އަމުރުފުޅެވެ. މޫސާގެފާނު އެ ހިލަފޮތިތައް ހިއްޕަވައިގެން ޠޫރުސީނާ ފަރުބަދައިން ފައިބައި ވަޑައިގެންނެވި އިރަކު އެކަލޭގެފާނުގެ މޫނުފުޅުން އުޖާލާ ނޫރެއް ފާޅުވަމުންދާކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއީ އެކަލޭގެފާނު މާތްރަސްކަލާނގެއަށް ކުއްތަންވެ އެކަލާނގެއާ އެކު ބަސްފުޅު ވިދާޅުވި ފަހުން ފާޅުވަމުން އައި ނޫރުފުޅެކެވެ. ހާރޫނުގެފާނާއި ދެންތިބި ބަނީ އިސްރާއީލުންނަށް އެކަލޭގެފާނުގެ މޫނުފުޅުން ފާޅުވެފައިވާ ނޫރުފުޅު ފެނިފައި ބިރުން އެކަލޭގެފާނުގެ ގާތަށް ދާކަށް ނުކެރުނެވެ. އެކަމަކު މޫސާގެފާނު އެބޭކަލުންނަށް ގޮވާލެއްވިއެވެ. އަދި ހާރޫނުގެފާނާއި އިސްރާއީލީންގެ ޖަމާޢަތްތަކުގެ އިސްވެރިން އެކަލޭގެފާނުގެ ގާތަށް އައުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު އެމީހުންނާ ވާހަކަ ދެއްކެވިއެވެ. ދެން އިސްރާއީލީންގެ އެންމެންމެ އެތަނަށް އަތުވެއްޖެއެވެ. މޫސާގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ޠޫރުސީނާ ފަރުބަދައިގައި އެންގެވި އަމުރުފުޅުތައް ވިދާޅުވެ ދެއްވިއެވެ. މޫސާގެފާނު އެމީހުންނާ ވާހަކަ ދައްކަވައި ނިމި ވަޑައިގަތުމުން އެކަލޭގެފާނުގެ މޫނުފުޅު ނިވާކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެއަށް ކުއްތަން ވުމަށް ވަޑައިގަންނަވާއިރު އެކަލޭގެފާނު މޫނުފުޅުގައި އަޅުއްވާފައިވާ ފަރުދާ ނަންގަވައެވެ. އެކަމަކު އެތަނުން ނިކުމެ ވަޑައިގެން އަނެއްކާވެސް މޫނުފުޅު ނިވާކުރައްވައެވެ. އަދި މާތްރަސްކަލާނގެ އަންގަވާ އެންގެވުމެއް އެމީހުންނަށް އަންގަވައި ދެއްވައެވެ. ބަނީ އިސްރާއީލީންނަށް އެކަލޭގެފާނުގެ މޫނުފުޅުން ނޫރުފުޅެއް ވިދާބަބުޅާތަން ފެނެއެވެ. އެހެންކަމުން މާތްރަސްކަލާނގެ ހަޒްރަތަށް ކުއްތަން ވާން ވަޑައިގަންނަވަން ވަންދެން އެކަލޭގެފާނު އުޅުއްވަނީ މޫނުފުޅު ނިވާ ކުރައްވައިގެންނެވެ.