ނެރުއްވުން. 33. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭމެން މިޞްރުން އައި އެންމެން ދެން ދާން އުޅޭ. އަހަރެން އިބްރާހީމް އަށާއި އިސްޙާޤަށާއި ޔަޢުޤޫބަށް ދޭން ވަޢުދު ކުރި ބިމަށް ކަލޭމެން ދަތުރުކުރޭ! އަހަރެން އެމީހުން ގާތު ބުނެފައިވާނެ އެމީހުންގެ ދަރިކޮޅަށް އެ ބިން ދޭނަމޭ. ކަލޭމެން ދާން ވާއިރަށް އެ ބިންތަކުން ކަންޢާނީންނާއި އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީން ނެރުމަށް އަހަރެންގެ މަލާއިކަތު ފޮނުވާނަން. ކަލޭމެން ތިޔަ ދަނީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް. އެކަމަކު ކަލޭމެންނާއެކު އަހަރެނެއް ނުދާނަން. އެހެނީ ކަލޭމެންނަކީ ބަސް ގަބޫލުނުކުރާ ބޯހަރު ބައެއް. އަހަރެން ކަލޭމެންނާއެކު ދާން ވެއްޖެއްޔާ ދާ މަގުމަތީގައި އެ އެންމެން ނައްތާލެވިދާނެ.“ މީސްތަކުންނަށް އެކަލާނގެ މި ހަރުކަށި ބަސްފުޅުތައް އިވުމުން އެމީހުން ރޮއި ހިތާމަކޮށް، ރީތި ހެދުންތަކާއި ގަހަނާ އެޅުން ހުއްޓާލިއެވެ. އެހެނީ މާތްރަސްކަލާނގެ މޫސާގެފާނު ގާތު މިހެން ބުނާށޭ ވަޙީ ކުރައްވާފައިވެއެވެ. ”ކަލޭމެންނީ ބޯހަރު ނުކިޔަމަންތެރި ބައެކޭ. އަހަރެން ކަލޭމެންނާއެކު ދަތުރު ކުރަން ވެއްޖެނަމަ ކަލޭމެން ނައްތާލެވިދާނެޔޭ. ކަލޭމެންގެ ޖަވާހިރާއި ރީތި ހެދުންތައް ބާލާށޭ. އޭރުން ކަލޭމެންނާ މެދު ކަންތައް ކުރަންވީ ގޮތެއް ތިމަންކަލާނގެ ހިންމަވާފާނަމޭ.“ އެހެންވެ ޠޫރުސީނާއާ ދުރަށް އެމީހުން ދިޔަފަހުން ރީތި ހެދުމެއް ޖަވާހިރެއް ގަހަނާއެއް އެއިން މީހަކު ނާޅައެވެ. އެމީހުން ތަނަކަށް ގޮސް ބަނޑަހަ ޖެހުމުން އެތަނާ ދުރުގައި މޫސާގެފާނުގެ ފޭލިގެކޮޅު ޖައްސަވައިފިއެވެ. މާތްރަސްކަލާނގެ ހަޒުރަތުން ކަމަކަށް އެދޭމީހަކު ނަމަ އެ ފޭލިގެކޮޅު ހުރި ހިސާބަކަށް ދަނީއެވެ. މި ފޭލިގެކޮޅަށް އެކަލޭގެފާނު ނަންދެއްވީ ”ކުއްތަންވުމުގެ ފޭލިގެކޮޅު“ އެވެ. އެ ފޭލިގެކޮޅަށް މޫސާގެފާނު ވަޑައިގަންނަވާ އިރު، ފޭލިގެތަކުގެ ކުރިމަތީގައި ތިބޭ އެންމެންވެސް ކޮޅަށް ތެދުވެއެވެ. މޫސާގެފާނު އެ ފޭލިގެކޮޅަށް ވަދެ ވަޑައިގެން ނިވާ ވަންދެން އެމީހުން ބަލަން ތިބެއެވެ. މޫސާގެފާނު އެތެރެއަށް ވެދެ ވަޑައިގަތުމުން ވިލާގެ ތަނބު ތިރިޔަށް އައިސް ފޭލިގެކޮޅުގެ ދޮރުމަތީގައި ހުރެއެވެ. އަދި މާތްރަސްކަލާނގެ އެ ތަނބުގެ ތެރޭން މޫސާގެފާނަށް ބަސްފުޅު ވަޙީކުރައްވައެވެ. މީސްތަކުންނަށް ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ވިލާގެ ތަނބުހުއްޓާ ފެނުމުން އެމީހުން ތެދުވެ އެމީހުންގެ ފޭލިގެކުރިމަތީގައި ސަޖިދަ ކުރެއެވެ. ފޭލިގެކޮޅުގެ ތެރޭގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވަނީ މީހަކު ރައްޓެއްސަކާ ވާހަކަ ދައްކާ ބީދައިން މޫނާމޫނު ކުރިމަތީގައެވެ. އެއަށް ފަހު މޫސާގެފާނު އެނބުރި ފޭލިގެތަކަށް ވަޑައިގަންނަވައެވެ. އެކަމަކު އެކަލޭގެފާނުގެ އެހީތެރިޔާ ނޫނުގެ ދަރި ޒުވާން ޔަޝޫޢު އެފޭލިގެކޮޅުގެ ޚިދުމަތުގައި އެތަނުގައި ހުރެއެވެ. އެއްދުވަހަކު މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”އިނބަރަސްކަލާނގެ މިއަޅާގެ ގާތު ތިޔަ ވަޙީ ކުރައްވަނީ މި މީހުން ގޮވައިގެން ވަޢުދު ކުރެއްވި ބިމަށް ދާށޭ. އެކަމަކު އިނބަ ރަސްކަލާނގެ ވަޙީއެއް ނުކުރައްވާ މިއަޅާއާއެކު އިނބަރަސްކަލާނގެ ފޮނުއްވާނީ ކާކު ކަމެއް. އިނބަރަސްކަލާނގެ ވަޙީކުރެއްވި، މިއަޅާ ދެނެވޮޑިގަންނަވަމޭ، އަދި މިއަޅާދެކެ ރުހިވޮޑިގަންނަވަމޭ. ހަމަ އަސްލުގައިވެސް އިނބަރަސްކަލާނގެ މިއަޅާދެކެ ރުހިވޮޑިގަންނަވަނީ ނަމަ، އިނބަރަސްކަލާނގެ މިކަންތައް ކުރައްވާނެ ގޮތް މިއަޅާއަށް އަންގަވާ ދެއްވާ. އޭރުން އިނބަރަސްކަލާނގެ ގަސްތު ކުރައްވާގޮތް މިއަޅާއަށް އެނގި އިނބަރަސްކަލާނގެއަށް ޚިދުމަތްކޮށް، އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތުގެ މަތީގައި ދެމިހުންނަ ހިތް ވާނެ. އިނބަރަސްކަލާނގެ ހަނދުމަފުޅު ކުރައްވާ، މި ޤައުމަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ޤައުމު.“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލެއާއެކުގައި ދާނީ ޚުދު އަހަރެން. އަހަރެން ކަލެއަށް އަރާމު ހޯދައިދޭނަން.“ ދެން މޫސާގެފާނު ދެންނެވިއެވެ. ”އިނބަރަސްކަލާނގެ އަޅަމެންނާއެކު ވޮޑިގެން ނުވާނެ ނަމަ އަޅަމެން މިތަނުން ފޮނުއްވާ ނުލައްވާ! އިނބަރަސްކަލާނގެ މިއަޅާއާއި އިނބަރަސްކަލާނގެ މީހުންނާމެދު ރުހިވޮޑިގަންނަވާކަން މީހަކަށް އެނގޭނެ ގޮތަކީ ކޮބައިތޯ؟ އިނބަރަސްކަލާނގެ އަޅަމެންނާ އެކުގައި ވޮޑިގެން ނުވާނަމަ ބިންމަތީގައި އުޅޭ އެހެން މީހުންނާ އަޅުގަނޑުމެންނާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ؟“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ އެދުނު ފަދައިން އަހަރެން ހަމަ ރަނގަޅަށްވެސް ކަންތައް ކުރާނަން. އެހެނީ އަހަރެންނަށް ކަލޭ ރަނގަޅަށް އެނގޭ. އަދި ކަލެއާމެދު އަހަރެން ރުހިގެން ވަމު.“ މޫސާގެފާނު ދެންނެވިއެވެ. ”ތިހެން ކަމަށް ވާނަމަ މިއަޅާއަށް އިނބަރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅު ދައްކަވާ!“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭގެ ކުރިމަތިން އަހަރެންގެ ހުރިހާ އޯގާވެރިކަމެއް ހުރަސް ކުރާތަން ބަލަން ހުރޭ. އަދި އަހަރެންގެ ކަރާމާތްތެރި ނަން ކަމަށްވާ ޔަހޫވޭގެ ނަން ކަލެއަށް ހާމަ ކޮށްދޭނަން. އެހެނީ އަހަރެންގެ ރަޙުމަތާއި އޯގާވެރިކަން އަހަރެން ބޭނުން މީހަކަށް ދައްކަމު. އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.“ މާތްރަސްކަލާނގެ އަދިވެސް ވަޙީކުރެއްވިއެވެ. ”ނިކަން ބަލާ. މި ހިލައިގެ ކާރީގައި އަހަރެންގެ ކާރީގައި ކޮޅަށްހުރޭ. އަހަރެންގެ ޖަލާލަތުގެ ނޫރު މިތަން ހުރަސްކޮށް ގޮސް ނިމެންދެން އަހަރެން މިހިލައިގެ ކެންޑުމެއްގައި ކަލޭ ފޮރުވައި ކަލޭގެ ލޯމަތީ އަތް އަޅާނަން. ދެން އަހަރެން ކަލޭގެ ލޯމަތިން އަތް ނެނގުމުން ކަލެއަށް އަހަރެން ފުރަގަހުން ފެންނާނެ. އޭރަކުން ކަލެއަކަށް ސީދާ އަހަރެންގެ މޫނެއް ނުފެންނާނެ.“