ނެރުއްވުން. 31. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ނިކަން ބަލާބަލަ. އަހަރެން މިވަނީ އޫރީގެ ދަރި ބަޞަލީލު އެ ކަންތައް ކުރުމަށް މެދުވެރިކޮށްފައި. އޭނާއަކީ ޔަހޫޛާގެ ދަރިކޮޅުން އައިސްފައިވާ ޙޫރުގެ ކާފަ ދަރިއެއް. ތިމަން ﷲ ވަނީ އޭނާއަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފުރާދީފައި. އެގޮތުން އޭނާއަށް ހުރިހާ ބާވަތެއްގެ ޙިކުމަތަކާއި ހުނަރަކާއި ފަންނުވެރިކަން ލިބިފައިވާނެ. އަދި އޭނާގެ ކިބައިގައި ފާޑުވެރިކަމާއެކު ރަނާއި ރިހިންނާއި ކަފުލޮއިން ތަކެތި ހެދުމުގެ ތަޖުރިބާ ހުންނާނެ. އޭނާއަށް ޖަވާހިރު ހިލަ ކަނޑައިނަގަން އެނގޭނެ. އަދި ލަކުޑީގައި ކުރެހުން އަޅައި ބިންވަޅުނަގަން އެނގޭނެ. އަދި އަހަރެން އަޚީސާމާކުގެ ދަރި އަހޫލިޔާބު ވެސް އޭނާއަށް އެހީވުމަށް ޚިޔާރު ކޮށްފިން. އޭނާއަކީ ދާނުގެ ދަރިކޮޅުގެ މީހެއް. އޭގެ އިތުރުން ހުނަރުވެރި އެންމެންނަށް އަހަރެން ޚާއްސަ ހުނަރުތަކެއް ދީފައިވާނެ. އެއީ ކަލެއަށް އަހަރެން އެންގި ކަންތައް ފުރިހަމަ ކުރުމަށް: ފޭލިގެ ކޮޅާއި ޢަހުދުނާމާ ފޮށިކޮޅާއި ކައްފާރާގެ މަޤާމު ކަމަށް ވާ އެފޮށީގެ މަތިގަނޑާއި އަދި ފޭލިގެކޮޅުގައިވާ އެންމެހާ ތަކެއްޗާއި މޭޒުކޮޅާއި އޭގެ މަތީގައިވާ ހިފާގެންގުޅޭ ތަކެއްޗާއި ރަން ބައްތިކޮޅާއި އޭގައި ހިމެނޭ ތަކެއްޗާއި ދުންބުރުވާ އައްޓާއި ޤުރުބާނީ އަންދާ އައްޓާއި ފެން ބިލިގާއާއި އޭގެ ހަރާއި އަދި އުއްތަމަ އިމާމު ހާރޫނަށާއި އޭނާގެ ދަރިންނަށް ފަހާފައިވާ އިމާމުންގެ ކަރާމާތްތެރި ހެދުން ކޮޅުތަކާއި މަޤާމު ހަވާލުކުރުމަށް އުނގުޅާ ތެލާއި މީރު ވަސްދުވާ އަތަރާއި. މިއީ ކަރާމާތްތެރި މަޤާމުފުޅަށް ޚާއްސަވެގެންވާ ތަކެތި. ފަންނުވެރިން މިތަކެތި ތައްޔާރު ކުރަން ވާނީ އަހަރެން ކަލެއަށް އެންގި ގޮތަށް.“ މާތްރަސްކަލާނގެ މިގޮތަށް މޫސާގެފާނަށް އެންގެވިއެވެ. ”ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’ސަބަތުގެ ދުވަސް ތިމަންކަލާނގެއަށްޓަކައި ޚާއްސަ ކުރާށޭ.‘ އެހެނީ ސަބަތުގެ ދުވަހަކީ ކަލޭމެންނާ ކަލޭމެންގެ ދަރިންގެ ދަރިންނާއި މިރިމިރީންނަށް ތިމަންކަލާނގެއާ ދެމެދު ކުރެވިފައިވާ ޢަހުދުނާމާގެ ހަނދާނުގައި ފާހަގަ ކުރެވޭ ދުވަހެއް. އެދުވަސް ކަލޭމެންނަށް ޚާއްސަ ކުރެވިފައި ވަނީ ތިމަންކަލާނގެ ކަލޭމެން މާތް ކޮށްފައި ވާކަން ދެނެގަތުމަށް. ކަލޭމެން ސަބަތުގެ ދުވަސް ފާހަގަ ކުރަން ވާނެ. އެއީ ކަލޭމެންނަށް މާތް ދުވަހެއް. އެދުވަހާ އެކަކުވެސް ޚިލާފު ވެއްޖެނަމަ އެމީހަކަށް މަރު ޙައްޤު ވެއްޖެ. އެދުވަހު އެކަކުވެސް މަސައްކަތެއް ކޮށްފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލެވެން ވާނެ. މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކުވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ. ބަނީ އިސްރާއީލީންގެ ދަރިދަރިކޮޅާ ހަމަޔަށް މި ދުވަސް ފާހަގަ ކުރަމުން ދާން ޖެހޭނެ. މިއީ އަބަދަށްޓަކައި ޢަހުދު ކަށަވަރު ކުރެވިފައިވާ ކަމެއް. މިއީ އަހަރެންނާ އިސްރާއީލީންގެ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދާއިމީ ރަމްޒެއް. އެހެނީ އަހަރެން އުޑާއި ބިން އުފެއްދީ ހަ ދުވަހުން. ހަތްވަނައަށް ވީދުވަހު އަހަރެން އެމަސައްކަތް ހުއްޓާލައި އަރާމު ކުރީ.“ މާތްރަސްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.