ނެރުއްވުން. 30. ”ދެން އަކާސިޔާ ލަކުޑިން ދުން އަޅާނެ އައްޓެއް ހަދާ. މިއަށި ހަދަން ވާނީ އަށާރަ އިންޗި އަށާރަ އިންޗި ތިރީސް ހަ އިންޗި އުސްމިނުގައި. އޭގައިވެސް ހަތަރު ކަނުގައި ދަޅުތަކެއްގެ ގޮތުގައި މައްޗަށް އުފުލާފައިވާ ލަކުޑި ދަނޑިތަކެއް ހުންނަން ވާނެ. އެ ހުންނަން ވާނީ އައްޓާ އެކަތިގަނޑެއްގެ ގޮތުގައި. އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ރަން އުނގުޅާ. އަދި މުޅި އަށީގެ ވަށައިގެން ރަނުގެ ކައިރިފަށެއް އަޅާ. ދެން ރަނުގެ ދެ ބޮޅު ހަދައި އަށީގެ ދެފަރާތުގައި ހަރުކުރޭ. އެ ބޮޅުތައް ހަރުކުރަން ވާނީ ވަށައިގެން އެޅިފައިވާ ރަން ދާރައިގެ ތިރީގައި. އެއީ އަށި ގެންދިޔުމަށް އުފުލާ ދަނޑި ލެއްވުމަށް. އަކާސިޔާ ލަކުޑިން ދަނޑި ހަދައި އޭގައިވެސް ރަން އުނގުޅާ. މި އަށި ބަހައްޓަން ވާނީ ޢަހުދުނާމާ ފޮށިކޮޅު ކުރިމަތީ އެލުވާފައިވާ ފަރުދާގެ ބޭރުގައި. އަހަރެން ކަލެއާ ބައްދަލު ކުރާނީ ޢަހުދުނާމާ ފޮށިކޮޅުގެ ކައްފާރާގެ މަގާމުފުޅު ކަމުގައިވާ މަތިގަނޑުގެ މަތީން. ކޮންމެ ދުވަހަކު ހެނދުނު ހާރޫނު އައިސް ބައްތި ސާފުކޮށް ހަދާއިރު އެތަނުގައި މީރު ވަސް ދުވާ ތަކެތިން ދުން އަޅަން ވާނެ. އަދި ކޮންމެ ދުވަހަކު އިރުއޮއްސޭދޮނުގައި ބައްތި ދިއްލަން އައިސް އަހަރެންގެ ކުރިމަތީގައި ދުން އަޅަން ވާނެ. މި ކަންތައް ކަލޭމެންގެ ދަރިދަރިކޮޅާ ހަމައަށް ކުރަމުން ގެންދަން ވާނެ. މިއައްޓަށް ނުތާހިރު ދުންބުރުވާ ތަކެއްޗެއް ހުށަހަޅައިގެން ނުވާނެ. މިތަނުގައި ޤުރުބާނީ އަންދައި ގޮދަނާއި، ދިޔާތަކެތީގެ ވެދުން ހުށަހަޅައިގެން ނުވާނެ. އަހަރަކު އެއްފަހަރު ޤުރުބާނީކުރެވޭ ތަކެތީގެ ލޭ އޭގެ ދަޅުގައި ހާކަން ވާނެ. އެއީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއްގެ ގޮތުން. މިއީ ކޮންމެ އަހަރަކުވެސް ދާއިމީގޮތަކަށް ކުރަން ޖެހޭނެ ކަމެއް. އެހެނީ މި އައްޓަކީ ކަލޭމެންގެ މާތްރަސްކަލާނގެ، އަހަރެން އެންމެ މާތްކޮށްފައިވާ މަޤާމެއް.“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭ އިސްރާއީލީން ބޯ ހިމަނާއިރު ގުނާލެވޭ ކޮންމެ ފިރިހެނެއްގެ އަތުން އޭނާގެ ނަފްސުގެ އަގުނަގާ. އެމީހުން އެ އަގުދައްކަމުން ދާހާ ހިނދަކު އެމީހުންގެ މައްޗަކަށް ބަލިމަޑުކަމެއް ނާންނާނެ. ބޯހިމެނޭ ކޮންމެ މީހަކު އަހަރެންނަށް ރިހި ލާރިއެއް ހުށަހަޅަން ވާނެ. މިއީ ކަރާމާތްތެރި ޝެކެލްއެއްގެ ދެބައިކުޅަ އެއްބައި. އެއީ ވިހި ގެރާހްގެ މިންވަރެއް. އުމުރުން ވިހި އަހަރުވެފައިވާ ކޮންމެ މީހަކު އަހަންނަށްޓަކައި މި ކީރިތި ސޮދަގާތް ހުށަހަޅަން ޖެހޭނެ. މި ސޮދަގާތް ދިނުމުން އެމީހެއްގެ ފުރާނަ ސަލާމަތް ކޮށް އަހަރެންނާ ކުއްތަންވުމަށް އެކަށީގެން ވެދާނެ. މުއްސަނދިން ގިނައިން ދީ ފަޤީރުން މަދުން ދީ ހަދައިގެން ނުވާނެ. އިސްރާއީލީންގެ އަތުން މިނަގާ ފައިސާއިން ފޭލިގެކޮޅު ބަލަހައްޓާ. އެކަމުގެ ސަބަބުން އަހަރެން އެ މީހުންގެ މަތިން ދުވަހަކުވެސް ހަނދުމަ ނެތި ނުވާނަން. ސަމާލު ކަންދީ އެމީހުންގެ ނަފްސުތައް ފާފައިން ސާފުތާހިރު ކުރުމުގެ ކައްފާރާ ދޭނަން.“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަފުލޮއިން ބޮޑު ބިލިގާއެއް ހަދައި ހަމަ އެއިން ސްޓޭންޑެއް ހަދައި ފޭލިގެކޮޅާއި އައްޓާ ދެމެދު ބަހައްޓައި އެއަށް ފެން އަޅާ. ހާރޫނާއި އޭނާގެ ދަރިން އަތްފައި ދޮންނަން ވާނީ އެ ފެނުން. އެމީހުން ފޭލިގެކޮޅަށް ވަދެ އަހަރެންގެ ގާތަށް އައިސް ޤުރުބާނީ އަންދައި ހަދިޔާބަދިޔާ ވެދުން ކުރާއިރު ތިބެން ވާނީ މިފެނުން ދޮވެ ތާހިރުވެގެން. އެހެންނޫނީ އެމީހުންގެ ފުރާނަ ހިނގައިދާނެ! އެމީހުން އަބަދުވެސް ތިބެން ޖެހޭނީ އަތާ ފައި ދޮވެގެން. އެހެންނޫނީ އެމީހުން މަރުވެދާނެ. މިއީ ހާރޫނާއި އޭނާގެ ދަރިންނާއި ދަރިކޮޅު ތާ އަބަދަށް ކިޔަމަން ވާން ޖެހޭނެ ޤާނޫނެއް.“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އެންމެ މޮޅު މީރު ވަސްދުވާ ތަކެތި އެއްކުރޭ. އެއީ ހަ ކިލޯ މުއްރި ތެލާއި، ތިން ކިލޯ މީރު ވަސް ދުވާ ފޮނިތޮށި، ތިން ކިލޯ މީރު ވަސްދުވާ އެއްތެޔޮ، ހަ ކިލޯ ކާސިއާ. މިތަކެތި ރިހި ޝެކެލްއެއްގެ ބަރުދަން ހަމަކޮށް ކިރާ. އަދި ޒައިތޫނި ތެޔޮ ހަތަރު ލިޓަރު ވެސް ގެނޭ. އަދި ކުޅަދާނަ އަތަރުހަދާ މީހަކު ފަދައިން މިއެއްޗެހި އެއްކޮށްގެން މީރު ވަސް ދުވާ ކަރާމާތްތެރި އަތަރު ހަދާ. މި އަތަރު ގެކޮޅުގައިއާއި ޢަހުދުނާމާ ފޮށިކޮޅުގައި އުނގުޅާ. އަދި އެތަނުގައި ހުންނަ މޭޒާއި، ތަށި ކަންވާރުތަކުގައި އާއި، ބައްތި ދަނޑިއާއި، ދުންއަޅާ އައްޓާއި އޭގައި އެކުލެވޭ ތަކެތީގައި އެ އުނގުޅާ. އަދި އަންދައި ޤުރުބާނީ ކުރާ އަށީގައި އާއި ގެންގުޅޭ ތަކެއްޗާއި، ފެންދޮލަނގާއި، އޭގެ ސްޓޭންޑްގައި ވެސް އުނގުޅާ. މި ހުރިހާ އެއްޗެހި ކަރާމާތްތެރިކޮށް މި ތަން މާތް ތަނަކަށް ހަދާ. އޭގެ ފަހުން މިއިން ތަނެއްގައި އަތްލައިފި މީހަކުވެސް ކަރާމާތްތެރި ވެގެން ދާނެ. އަދި ހާރޫނާއި އޭނާގެ ދަރިން ވެސް އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރެވޭ ވަރަށް ކަރާމާތްތެރި ކުރޭ. ދެން ބަނީ އިސްރާއީލީންގެ ގާތުގައި ބުނޭ ’ކަލޭމެންގެ ދަރިދަރި ކޮޅާ ހަމަޔަށްވެސް މި ތެލަކީ ތިމަންކަލާނގެއަށްޓަކައި އެމީހުންނަށް ޚާއްސަ ކުރެވިފައިވާ ތެލެކޭ. މި ތެޔޮ އެހެން ކަމަކަށް ބޭނުން ކޮށްގެން ނުވާނެއޭ. އަދި ކަލޭމެން އަމިއްލައަށް މި ތެޔޮ ހަދައިގެންވެސް ނުވާނެއޭ. މިއީ ކަރާމާތް ތެރި އެއްޗެކޭ. ކަލޭމެން އެއަށް މާތްކޮށް ހިތަން ވާނެއޭ. މި ތެޔޮ މިގޮތަށް އިމާމަކާ ނުލައި އަމިއްލަ އަމިއްލައަށް ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރުކޮށްލެވޭނެޔޭ.‘“ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”މީރު ވަސް ދުވާ ތަކެތި އެއްކުރޭ. އެއީ ގަސްތަކުގެ ތޮށިން ނުކުންނަ މީރު ވަސްދުވާ ކިރު ތިކިތަކާއި ސަނދަރަ ބޮލި ތޮއްޓާއި، ގަލްބަނުމް އަދި އެންމެ މޮޅު ފުރަންކަންސެންސް. މި އެއްޗެހި އެއް ވަޒަނަކަށް ކިރައި މީރު ވަސްދުވާ އަތަރާ އެއްކުރޭ. ދުން ތައްޔާރު ކުރާ މީހުން ބޭނުންކުރާ އުކުޅުތައް ބޭނުންކޮށް މި ތަކެތި އެއްކޮށް ގަށައި އަދި މާތްކަމާއި ސާފު ތާހިރުކަން މަތީ ބެހެއްޓުމަށް އެއަށް ލޮނު އަޅާ. މީގެ ބައެއް ހިމުންކޮށް ފުނޑައި ފޭލިގެ ތެރޭގައި އަހަރެން ކަލެއާ ބައްދަލު ކުރާތަނުގައި، ޢަހުދުނާމާ ފޮށި ކުރިމަތީގައި ބަހައްޓާ. މިއީ މާތް އެއްޗެއްކަން ކަލޭމެން ދަންނަން ވާނެ. މި މިނަށް ތަކެތި އެއްކޮށް މީރު ވަސްދުވާ ތަކެތި ކަލޭމެން އަމިއްލައަށް ހަދައިގެން ނުވާނެ. މިއީ އަހަންނަށް ޚާއްސަ އެއްޗެއް. އެކަކުވެސް އެމީހެއްގެ އަމިއްލަ ބޭނުމަކަށް މިގޮތަށް ދުން އުފައްދައި ހަދައިފިނަމަ އެމީހަކު ޖަމާޢަތުން ބޭރު ކޮށްލަން ޖެހޭނެ.“