ނެރުއްވުން. 29. ”އަހަރެންނަށް ޚިދުމަތް ކުރުމަށް ހާރޫނާއި އޭނާގެ ދަރިން އައްޔަން ކުރާއިރު އެކަމުގެ ރަސްމިއްޔާތެއް އޮންނަން ޖެހޭނެ: އެކަމަށްޓަކައި އެއްވެސް ލަކެއް އައިބެއް ނެތް ޅަ ފިރިހެން ގެރިއަކާއި ފިރިހެން ދެ ކަންބަޅި ހޯދާ. ދެން ކަމީރު ނުލައި މޮޅުފުށުގައި ރޮށިފިހެ ޒައިތޫނި ތެލުގައި ކޭކު އަޅައި، ތެޔޮ ހާކައިގެން ތުނި ފޮޅި ފިހޭ. މި އެއްޗެހި އެއް ވަށިގަނޑަކަށް އަޅައި ގެރިޔާއި ކަންބަޅިތައް ފޭލިގެކޮޅުގެ ދޮރުމަތީ ބައިތިއްބާ. ދެން ހާރޫނާއި އޭނާގެ ދަރިން އެތަނަށް ހާޒިރުކޮށް އެމީހުން ފެންވަރުވާ. ހާރޫނު އިމާމު ކަމުގެ ހެދުން ލައްވާ. އެއީ ގަމީހާއި އަފޫދު ހެދުންކޮޅުގެ ދަށުން ލާ ޖުއްބާއާއި، އަފޫދު ހެދުންކޮޅާއި މޭމަތީ އަޅާ ފޮތިގަނޑު. އަދި ކުރެހުން އެޅި ކަމަރުން އަފޫދު ހަރުކުރޭ. ދެން އޭނާގެ ބޮލުގައި ފަގުޑި އަޅުވާ. އަދި އޭގައި ކަރާމާތުގެ މެޑެލި ހަރުކުރޭ. ދެން އޭނާގެ ބޮލަށް ޒައިތޫނި ތެޔޮ އަޅައި އެކަމަށް އައްޔަން ކުރޭ. އޭގެ ފަހުން އޭނާގެ ދަރިން ގެނެސް އެމީހުން ގަމީސް ލައްވައި އުނަގަނޑުގައި ކަމަރު އަޅައި ތާކިހާ ހަރުކުރޭ. އޭގެ ފަހުން އެމީހުންނަކީ އިމާމުން ކަމަށް ދާއިމަށް ހަމަޖެހިގެންދާނެ. މިގޮތުގެ މަތިން ހާރޫނާއި އޭނާގެ ދަރިންނަށް އެމަޤާމު ހަމަޖައްސާ. ދެން ޅަ ފިރިހެން ގެރި، ގެކޮޅުގެ ކުރިމައްޗަށް ގެނޭ. އެއަށް ފަހު ހާރޫނާއި އޭނާގެ ދަރިން އެސޮރުމެންގެ ބޯމަތީގައި އަތް ބާއްވާލާ. ދެން އެ އެތި ގެކޮޅުގެ ކުރިމައްޗަށް ގެނެސް އަހަރެންގެ ކުރިމަތީ ކަތިލާ. އޭގެ ލެއިން ބައެއް ޤުރުބާނީ އަށީގައިވާ ދަޅުތަކުގައި ކަލޭގެ އިނގިލިން ހާކާ. ބާކީ ހުރިލޭ އަށީގެ ބުޑަށް އޮއްސާލާ. ގެރީގެ މެއާއި، އޭގައި ގުޅިފައިވާ ބައިތަކާއި، ދެ ކިޑްނީއާއި، އޭގެ ވަށައިގެން ހުރި ސަރުބީ ނަގައި އެ ހުރިހާ އެއްޗެއް އަށިމަތީ އަންދާލާ. ދެން އޭގެ ބާކީ ހުރި މަހާއި، ކެހެރިގަނޑާއި، ގޮހޮރާއި މިތަކެތި ފޭލިގޭގެ ގޯތީގެ ބޭރުގައި ބަހައްޓައިގެން ފާފައިގެ ކައްފާރާއެއްގެ ގޮތުގައި އަންދާލާ. އެއަށް ފަހު ހާރޫނާއި އޭނާގެ ދަރިން ފިރިހެން ކަންބަޅި ބޯމަތީ އަތް ބާއްވައިލުމަށް ފަހު، އެ އެތި ކަތިލައި އޭގެ ލޭ ޤުރުބާނީ އަށީގެ ހުރިހާ ފަރާތަކަށް ބުރުވާލާ. ދެން އެ ކަންބަޅި ކުދިކުދިކޮށް ކޮށައި ދޮވެ އެތެރޭގެ ގުނަވަންތަކާއި ފައިތައް ދޮވެ އޭގެ ބޮލުގެ މަތީ ބަހައްޓާ. ދެން އެ ޖަނަވާރު އެއްކޮށް ޤުރުބާނީ އަށިމަތީ އަންދާލާ. މިއީ ތިމަންރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއެއް. މިއީ އެކަލާނގެއަށް ވެދުން ކުރެވޭ ވަސްމީރު ހަދިޔާއެއް. ދެން އަނެއް ފިރިހެން ކަންބަޅި ގެނެސް އޭތީގެ ބޮލުގައި ހާރޫނާއި އޭނާގެ ދަރިންގެ އަތް ބާއްވާލާ. މިއެތި ކަތިލުމަށް ފަހު އޭގެ ލެއިން ބައެއް ހާރޫނާއި އޭނާގެ ދަރިންގެ ކަނާތްފަރާތު ކަންފަތު ފޫޅުގައި ހާކާލާ. އަދި އެ ލޭގެ ބައެއް އެމީހުންގެ ކަނާތު ބޮޑުވާ އިނގިއްޔާއި ފައިގެ ބޮޑުވާ އިނގިލީގައި ވެސް ހާކާ. ބާކީ ހުރިލޭ ޤުރުބާނީ އަށީގެ ވަށައިގެން ބުރުވާލާ. ދެން މިތަނުން ލޭފޮދަކާއި ކަރާމާތްތެރި ތެޔޮފޮދަކާ އެއްކޮށް ހާރޫނުގެ ގަޔަށާއި ހެދުމަށް ބުރުވާލާ. އަދި އޭނާގެ ދަރިންގެ ގަޔަށާއި އެމީހުންގެ ހެދުމަށް ވެސް ބުރުވާލާ. އޭރުން އެމީހުންނާއި އެމީހުންގެ ހެދުންތައް ކަރާމާތްތެރިވެ މާތް ވެދާނެ. މިއީ ހާރޫނާއި އޭނާގެ ދަރިން އަހަރެންގެ ޚިދުމަތަށް ޚިޔާރު ކުރުމަށް ކުރެވޭ ކަމެއް. އެހެންވެ އެކަންބަޅީގެ ސަރުބީއާއި ނަގުލުގެ ބޮޑުބަޔާއި އެތެރޭގެ ގުނަވަންތަކުގެ ސަރުބީއާއި މޭގަނޑާއި ގުރުދާއާއި ކަނާތު ފައިގެ ފަލަމަސްގަނޑުގެ ބައެއް ނަގާ. ދެން މާތްކަލާނގެ ކުރިފުޅުމަތީ މިހިރަ ކަމީރު ނުލާ ފިހުނު ރޮށި ޓުކުރިން ޒައިތޫނި ތެލުގައި އަޅާފައި ހުރި ކޭކާއި، ކަމީރުނުލާ ތުނިފޮޅިތަކުތެރޭން ވައްތަރަކުން އެއްޗެއް ނަގާ. މިތަކެތި ހާރޫނާއި އޭނާގެ ދަރިންގެ އަތަށް ދީ އެމީހުން ލައްވައި އެއެއްޗެހި އުފުލައި އަހަންނަށް ވެދުން ހުށަހަޅާ. އޭގެ ފަހުން އެހެނިހެން ތަކެއްޗާއެކު ޤުރުބާނީ އަށިމަތީގައި މިތަކެތި ވެސް އަންދާލާ. އެއީ އަހަންނަށް ހުށެހެޅޭ ވަސްމީރު ޚާއްސަ ވެދުމެއް. ދެން ހާރޫނު އިސްކުރުމަށް ޤުރުބާނީ ކުރެވުނު ކަންބަޅީގެ މޭމަތީގެ މަސްތައް އުފުލައި އަހަންނަށް ހުށަހަޅާ. އެ ތަކެއްޗަކީ ކަލެއަށް ވީ ބައި. ހާރޫނުގެ ދަރިން އިސްކުރުމަށް އަހަރެންގެ ކުރިމަތީގައި އުފުލުނު ކަންބަޅީގެ މޭމައްޗާއި ފައިގެ ފަލަ މަސްގަނޑުވެސް އިމާމުންނަށް ދިނުމަށްޓަކައި ވަކިންބަހައްޓާ. މީގެ ފަހުން އިސްރާއީލީން އަހަންނާމެދު ގުޅުންބަދަހި ކުރުމުގެ ޤުރުބާނީތަކުން ވެސް މި ބައިތައް ވަކި ކުރޭ. މިއީ އަބަދުވެސް އިމާމުންނަށް ޙައްޤުވާ ބައި. މިއީ އަހަރެންގެ ކިބައަށް އިސްރާއީލީން ހުށަހަޅާ ކަރާމާތްތެރި ތަކެތި. ހާރޫނުގެ ކަރާމާތްތެރި ހެދުންތައް އޭނާގެ ދަރިކޮޅު މީހުންނަށްޓަކައި ރައްކާ ކުރަން ވާނެ. އެމީހުންވެސް އިމާމުކަމަށް އައްޔަން ވުމުން އެ ހެދުން ލާން ވާނެ. އޭނާގެ ދަރިކޮޅު މީހުންގެ ތެރޭން އުއްތަމަ އިމާމުގެ ހެދުން ލާމީހާ ހަތްދުވަސް ވަންދެން ފޭލިގެކޮޅުގެ މާތް މަޤާމުފުޅުގައި މި ހެދުމުގައި ހޭދަ ކުރަން ވާނެ. މި މީހުން އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ގެންގުޅުނު ފިރިހެން ކަންބަޅި މުޤައްދަސް ތަނަކަށް ގެންގޮސް ފެނުކައްކާ. ދެން ހާރޫނާއި އޭނާގެ ދަރިން އެވަށިގަނޑުގައި ދެން ހުރި ރޮއްޓާއި މަސްތައް ފޭލިގޭގެ ދޮރުމަތީގައި ތިބެގެން ކައި. މި ކެއުމުގެ ހުއްދަ އޮންނާނީ ހަމަ އެކަނި އެމީހުންނަށް. މިއީ އެމީހުންގެ ސާފުތާހިރު ކުރުމުގެ ރަސްމިއްޔާތަށް ތައްޔާރު ކުރެވުނު އެއްޗެއް. މިއީ ކަރާމާތްތެރި ތަކެތި. އެމީހުން ކައި ނިމިގެން އެއްޗެއް ހެނދުނު ވަންދެން ބާކީވެފައި ހުރެއްޖެ ނަމަ އެއެއްޗެއް އަންދާލެވެން ވާނެ. ހާރޫނާއި އޭނާގެ ދަރިން މި މަޤާމަށް ހޮވުމުގެ ރަސްމިއްޔާތު އޮންނަންވީ ގޮތަކީ މިއީ. މިކަން ކުރަން ވާނީ އަހަރެން މި އެންގި ގޮތަށް. މި ރަސްމު ހަތް ދުވަހަށް ދެމިގެން ދާން ވާނެ. ހަފްތާގެ ކޮންމެ ދުވަހަކު އެމީހުންގެ ކައްފާރާއެއްގެ ގޮތުގައި ފިރިހެން ގެރިއެއް އަހަންނަށް ހުށަހަޅަން ވާނެ. އެއީ އަހަރެންގެ ކުރިމަތީ ކުރެވޭ ކައްފާރާއެއް. އެއަށް ފަހު އަށި ސާފުތާހިރު ކުރޭ. އަދި ޒައިތޫނި ތެޔޮ އަޅަން އެތަން މުޤައްދަސް ކުރޭ. އަދި މިގޮތަށް ހަތް ދުވަސް ވަންދެން ކަންތައްކޮށް ޤުރުބާނީ އަށި ތާހިރުކޮށް މުޤައްދަސް ކުރަން ވާނެ. އޭގެ ފަހުން އެތަން ވާނީ އެންމެ ކަރާމާތްތެރި ވެގެން ވާ ތަނަށް. އެތަނުގައި އަތްލައިފި މީހަކަށް އެކަރާމާތް ލިބިގެންދާނެ. މި ޤުރުބާނީތައް އެ އަށިމަތީގައި އާދަވެގެން ކުރަން ޖެހޭނެ. ކޮންމެ ދުވަހަކުވެސް އެއް އަހަރުގެ ދެ ކަންބަޅި ކަތިލަން ވާނެ އެކަތި ހެނދުނު. އަނެކަތި އިރުއޮއްސޭދޮނުގައި. ފުރަތަމަ އެއްޗާއެކު އެއް ކިލޯ މޮޅު ފުށާއި، ސާފު ޒައިތޫނި ތެޔޮ ލީޓަރަކާއި، އެއް ލީޓަރު މޭބިސްކަދުރު ދިޔަ އެއްކޮށް ގިރާފައި ހުށަހަޅަން ވާނެ. އަނެއް ޅަ ކަންބަޅި އިރުއޮއްސޭދޮނުގައި ހުށަހަޅާ. މިފަހަރުވެސް ހެނދުނު ފަދައިން ފުށާއި ޒައިތޫނިތެލާއި މޭބިސްކަދުރު ދިޔަ ހުށަހަޅާ. އެއީ އަހަރެންނަށް ވެދުން ކުރެވޭ ވަސްމީރު ޚާއްސަ ހަދިޔާއެއް. މި އެންދުމުގެ ޤުރުބާނީ އަކީ ކޮންމެ ދުވަހަކު ކަލޭމެންގެ ދަރިކޮޅަށް ދެމިގެން ދާނެހެން އަބަދުވެސް އަހަރެންގެ މައްޗަށް ކުރަން ޖެހޭނެ ޤުރުބާނީއެއް. މި ޤުރުބާނީ ހުށަހަޅަން ވާނީ މި ފޭލިގޭގެ ދޮރުމަތީގައި. އެތަނުގައި އަހަރެން ކަލޭމެންގެ ގާތަށް އައިސް ބައްދަލުކޮށް ވާހަކަ ދައްކާނަން. އެތަނުގައި އަހަރެން އިސްރާއީލީންގެ މީހުންނާ ބައްދަލު ކުރާނަން. އެއީ އަހަރެންނަށް ޚާއްސަ ކުރެވި ކަރާމާތްތެރި ވެގެންވާ ޖަލާލަތުގެ މަޤާމު. އަހަރެން އެ ފޭލިގެކޮޅާއި ޤުރުބާނީ އަށި ކަރާމާތްތެރި ކުރާނަން. އަދި ހާރޫނާއި އޭނާގެ ދަރިން އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރުމަށް އައްޔަން ކުރާނަން. ދެން އަހަރެން އެމީހުންނާ އެކުގައި އެމީހުންގެ އިލާހުގެ ގޮތުގައި އެމީހުންގެ ތެރޭގައި ހުންނާނަން. އަދި އޭރުން އަހަރެންނަކީ އެމީހުންގެ އިލާހު، މާތްރަސްކަލާނގެ ކަން އެމީހުންނަށް އެނގިގެން ދާނެ. އަހަރެން ކަލޭމެން މިޞްރުން ނެރުނީ ކަލޭމެންނާ އެކު އަހަންނަށް އުޅެވޭނީ އެގޮތުން ކަމަށް ވާތީ. އެހެނީ ތިމަން ﷲ އަކީ ކަލޭމެންގެ މާތްރަސްކަލާނގެ.“