ނެރުއްވުން. 28. ”ކަލޭގެ ބޭބެ ހާރޫނަށާއި އޭނާގެ ފިރިހެން ދަރިން ކަމަށް ވާ ނާދާބު އާއި، އަބީހޫ އާއި، އަލިޢާޒާރު އާއި، އީޘާމާރުއަށް ގޮވާ. ގޮވާ ގެނެސް އެމީހުން ބަނީއިސްރާއީލީންގެ އެހެން މީހުންނާ ވަކި ކުރޭ. އެއީ އަހަރެންގެ އިމާމުންގެ ގޮތުގައި އެމީހުން ބައިތިއްބުމަށް. ހާރޫނަށް އުއްތަމަ އިމާމަކަށް އެކަށީގެންވާ ފަދަ ހައިބަވެތި ރީތި ހެދުންތައް ފަހާދީ. އަހަރެން ރޫޙާނީ ވިސްނުން ދީފައިވާ ހުރިހާ ފަންނުވެރިންނަށް އަންގާ، އަހަރެންގެ ޚިދުމަތުގައި ހުންނަ އިމާމު ހާރޫނަށް އެކަށީގެންވާ އިއްޒަތްތެރި ހެދުމެއް ތައްޔާރު ކުރާށޭ. މިހެދުމުގައި މޭމަތީ ފޮތިގަނޑަކާއި، އަފޫދާއި، ބޭރުން ލާ ޖުއްބާއަކާއި، ގަތާފައިވާ ގަމީހަކާއި، ފަގުޑިއަކާއި، އުނަގަނޑު ކަމަރެއް އެކުލެވިފައި ވާން ވާނެ. މި ހައިބަވެތި ހެދުންތައް ތައްޔާރު ކުރުވާފައި ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ލައްވައި އަހަންނަށް ޚިދުމަތް ކުރުވަން އެމީހުން ބައިތިއްބާ. ހުނަރުވެރިކަން ލިބިފައިވާ މީހުން ރަނާއި، ނުލާއި، ދަނބާއި، ގަދަރަތް ކުލައިގެ ރޮއްޖާއި އަދި އެންމެ މޮޅު ލިނެން ފޮތި ބޭނުންކޮށްގެން މިތަކެތި ތައްޔާރު ކުރަންވާނެ. ފަންނުވެރިން ލައްވައި އަފޫދު ތައްޔާރު ކުރަން ވާނީ މޮޅު ލިނެން ފޮތިން ރަނުންނާއި ނުލުންނާއި ދަނބުންނާއި ގަދަރަތް ރޮދިން ޖަރީކޮށްގެން. މި ހެދުމުގައި ކުރިމައްޗާއި ފުރަގަސް ހުންނަން ވާނީ ކޮނޑުމަތިން ދެ ފޮތިކޮޅަކުން ގުޅިފައި. އަދި އުނަގަނޑުގައި އަޅާ ކަމަރެއް ވެސް ހަމަ އެ ފޮތިން ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްގެން ހަދާ. ދެން ޔަމަނު ޢަޤީޤުގެ ދެ ހިލަ ގެނެސް އޭގައި އިސްރާއީލީންގެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގާ. ކޮންމެ ހިލަކޮޅެއްގައި ލިޔާނީ ހަ ނަން. އެ ނަންތައް ލިޔަން ވާނީ އިސްރާއީލުގެ އެ ދަރިން އުފަންވި ތަރުތީބުން. މި ނަންތައް މި ހިލައިގައި ބިންވަޅު ނަގަން ވާނީ ޖަވާހިރުގެ މަސައްކަތްތެރިއަކު ތަތްގަނޑެއް ކަނޑާނަގައި ހަދާ ފަދައިން. ދެން މި ހިލަކޮޅުތައް ރަނުގެ ވޮއްޓެއްގައި ހަރުކުރޭ. މި ދެހިލަކޮޅު އަފޫދު ހެދުމުގެ ކޮނޑުމަތީ ފޮތިކޮޅުގައި ހަރުކުރޭ. މިކަމުން ދައްކާދޭނީ ހާރޫން އެ ތަމްސީލު ކުރަނީ ބަނީ އިސްރާއީލުގެ އެންމެން ކަން. އަހަރެންގެ ގާތަށް ހާރޫނު އަންނައިރު އޭނާގެ ކޮނޑުމަތީގައި މިނަންތައް އުފުލުމުން އެ ރަމްޒުކޮށް ދެނީ އޭނާ އެއައީ ބަނީ އިސްރާއީލުގެ އެންމެންގެ ފަރާތުން ކަން. ދެން ރަނުގެ އޮނިގަނޑުތަކެއް ހަދާ. އަފޫދު ހެދުމުގެ ކޮނޑު މަތީގައި ބާއްވާ މި ރަތުރަން އޮނިގަނޑުގައި ރަނުން ދެ ރޭނދާ ފަށް ގަތައި މި ދެފަށް އޭގައި ހަރުކުރޭ.“ ”ދެން ވަރަށް ފަންނުވެރި ކަމާއެކު މޭމަތީ ފޮތިގަނޑު އަފޫދާ އެއް ވައްތަރަކަށް ތައްޔާރު ކުރޭ. މި ފޮތިގަނޑު ރަނާއި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ވިޔޭ. އަހަރެންގެ ކިބައިން ކަންކަމަށް މަގުދެއްކުން އެދޭ ހިނދު މި ފޮތިގަނޑު އަޅާ. މި ފޮތިގަނޑު އޮންނަން ވާނީ އެއް ފޮތިގަނޑަކުން ފަށްޖަހާފައި އޮންނަ ދަބަހެއްގެ ގޮތުގައި. މީގެ ދިގު މިނުގައި ނުވަ އިންޗި ފުޅަލުގައި ނުވަ އިންޗި ހުންނަން ވާނެ. މި ދަބަހުގައި ހަތަރު ބަރިއަށް ޖަވާހިރު ޖަހާ. ފުރަތަމަ ބަރީގައި ޖަހަން ވާނީ ރަތް ޢަޤީޤަކާއި، މަޑުފެހި ޒަބަރުޖުދަކާއި ޒުމައްރަދެއް. ދެވަނަ ބަރީގައި ފީރޯޒަކާއި، އަޒުރަޤަކާއި، ހުދު އަލިމަހެއް. ތިންވަނަ ބަރީގައި އޯރެންޖް ޔާގޫތަކާއި، ޢަޤީޤަކާއި އެމަތިސްޓެއް ހަރުކުރޭ. ހަތަރުވަނަ ބަރީގައި ފެހިނޫ ފެންފިޔާޒަކާއި، ޔަމަނު ޢަޤީޤަކާއި، ފެހި ޔަޝްބެއް ހަރުކުރޭ. މި ހުރިހާ ޖަވާހިރެއް ވެސް ހުންނަން ވާނީ ރަނުގެ އޮނިގަނޑެއްގައި ހަރުކޮށްފައި. މިބާރަ ޖަވާހިރު ރަމްޒު ކޮށްދެނީ ބަނީ އިސްރާއީލުގެ ގަބީލާތައް. އެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގައި އޭގައި ލިޔޭ. މި ފޮތިގަނޑު އަފޫދު ހެދުމުގައި އެލުވުމަށް ރަތުރަނުން ގަތާފައިވާ ދެ ރޭނދާފަށް ހަރުކުރޭ. ދެން އެފޮތިގަނޑުގެ މަތީކައިރި ފަށުގެ ދެކަނުގައި ރަނުގެ ދެ ބޮޅު ހަރުކުރޭ. އަދި ރަނުގެ ދެ ރޭނދާފަށް މި ބޮޅުގައި އައްސާ. މި ފަށުގެ އަނެއް ކޮޅު އަފޫދު ހެދުމުގެ ކޮނޑުމަތީ އަޅާއެތިކޮޅުގައި ވާ ރަން ބޮޅުގައި ހަރުކުރޭ. އަދި އިތުރު ރަނުން ދެ ބޮޅު ހަދާ. މި ބޮޅުތައް މޭމަތީ ފޮތިގަނޑުގެ އެތެރޭ ކައިރިިފަށާއި އަފޫދު ހެދުމާ އެއްކޮށް ހަރުކުރޭ. އަދި އިތުރު ދެ ބޮޅު ރަނުން ހަދައި އަފޫދު ހެދުމުގެ ކުރިމަތިން ކޮނޑު އެތިކޮޅުގެ ތިރިން ހަރުކުރޭ. އެއީ ޖަރީކުރި އުނަގަނޑު ބަންދު އަފޫދު ހެދުމުގެ ޖެހުނު ހިސާބު ބަންދުގެ ގޮށާ ދިމާ މަތީ ކައިރިފަށުގައި ހަރުކުރުމަށް. ދެން ތިރީގެ ދެ ބޮޅުގައި ނޫ ފަށެއް ޖަހައި އަފޫދު ހެދުމުގައިވާ ދެ ބޮޅުގައި ހަރުކުރޭ. މި ގޮތުން އަފޫދު ހެދުމުގެ މަތީން މޭމަތީ ފޮތިގަނޑު އުނަގަނޑުގެ ބަންދުގެ މަތީ ކައިރިފަށުގައި ލާފައިވާ ރަނުގެ ބޮޅުގައި ރަނގަޅަށް ހަރުކޮށްލެވޭނެ. މަތިވެރި މަޤާމުފުޅަށް ހާރޫނު ވަންނައިރު އޭނާގެ ހިތާ ދިމާގައިވާ ކަރާމާތްތެރި ފޮތިގަނޑު އިސްރާއީލުގެ ހުރިހާ ގަބީލާއެއްގެ ނަންތައް ގެންދެވޭނެ. މިކަމުން ހަނދާން އާކޮށްދެނީ އަހަރެންގެ ގާތަށް އޭނާ އަންނަނީ އިސްރާއީލީންގެ އެންމެން ތަމްސީލު ކޮށް ދިނުމަށް ކަން. ހާރޫނު އަހަރެންގެ ގާތަށް އަންނަ ކޮންމެ ހިނދަކު ޔުރީމާއި ތުންމިއްޔިމްހިލަކޮޅުތައް މޭމަތީ ފޮތިގަނޑުގެ ތެރެއަށް ލައިގެން އޭނާގެ ހިތާ ދިމާގައި ޖެހިފައި ވާނެ ހެން ބަހައްޓާ. މިގޮތުން އަހަރެންގެ މީހުންނާ މެދު ނިންމާނެ ގޮތެއް އޭނައަށް އެނގޭނެ ވަސީލަތެއް ގެންނަން ވާނެ.“ ”އަފޫދު ހެދުމުގެ ދަށުން ލާ ހެދުން އޮންނަން ވާނީ ނޫކުލައިގައި އެއް ފޮތިގަނޑަކުން. އޭގައި ހާރޫނުގެ ބޯ ވަންނަވަރުގެ ބާގަނޑެއް ކަނޑައި ގިރުއާނެއް ގޮތުގައި އެ ބާގަނޑުގެ ކައިރިފަށް ވިޔެފައި ބަހައްޓާ. އެއީ އެ ފޮތިގަނޑު ވީދުނަ ނުދިނުމަށް. އަދި ނުލާއި، ދަނބާއި، ގަދަރަތް އުއިން އަންނާރު ސިފައިގައި އުއި ގުޅަތައް ވަށައި މި އުއި ގުޅަތައް އެ ހެދުމުގެ ފަސްބައިގައި ހަރުކުރޭ. އޭގެ ދެ އަންނާރު ދެމެދުގައި ރަނުގެ ރަނގަބީލުތައް ހަރުކުރޭ. ރަނުގެ މި ރަނގަބީލުތަކާއި އަންނާރުތައް ހުންނަން ވާނީ އަންނާރެއްގެ ފަހު ރަނގަބީލެއް ހުންނާނެހެން މުޅި ފަސްބާގެ ވަށައިގެން އެލުވާފައި. ހާރޫނު އަހަރެންގެ ގާތަށް އަންނައިރު އަންނަން ވާނީ މި ހެދުން އަޅައިގެން. އޭނާ ވަންނަ އިރާއި ނުކުންނައިރު އެ ކުދި ރަނގަބީލުތައް ތެޅޭ އަޑު އިވެން ޖެހޭނެ. މި ހެދުމުގައި ހުރެ އޭނާ އެތަނަށް ވަނަކަސް އޭނާ މަރެއް ނުވާނެ. ދެން ރަތުރަނުން މެޑެއްޔެއް ހަދައި އޭގައި މިހެން ލިޔެ ބިންވަޅު ނަގާ. ’މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި‘. މި މެޑެލި އޮންނަން ވާނީ ހާރޫނުގެ ފަގުޑީގެ ކުރިމަތީގައި ނޫކުލައިގެ ފަށަކުން އެލުވާފައި. ހާރޫނު އިސްރާއީލުގެ މީހުންގެ މަތިން ޤުރުބާނީ ވެދުން ކުރާއިރު އެމީހުންގެ ފާފަތަކަށް އޭނާ ޒިންމާވެ އޭނާގެ ނިތްކުރީގައި މި އެތި އަޅައިގެން ހުންނަން ވާނެ. އޭރުން އެމީހުން ވެދުން ކުރުމުގައި ކުށެއް ކުރިޔަސް އެވެދުން ކުރާ އެއްޗެއް އަހަރެން ގަބޫލު ކުރާނަން. ހާރޫނުގެ ގަމީސް މޮޅު ލިނެން ފޮތީގައި ވިޔޭ. އޭނާގެ ފަގުޑި ވެސް މި ފޮތިން ވިޔޭ. އަދި އުނަގަނޑު ކަމަރުވެސް ޖަރީކޮށްގެން ހަދާ. ހާރޫނުގެ ދަރިންނަށް ވެސް ހައިބަވެތި ރީތި ގަމީހާއި ބޮލުގައި އަޅާ ތާކިހަލާއި އުނަގަނޑު ކަމަރު ތައްޔާރު ކުރޭ. ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ވެސް މި ހެދުންއަޅުވާ. އަދި އެމީހުން ޚާއްސަ ކުރުމަށް ޒައިތޫނިތެޔޮ އެޅުމުގެ ރަސްމިއްޔާތު ބާއްވާ. އެގޮތުން އެމީހުންނަކީ އިމާމުންގެ ގޮތުގައި އަހަންނަށް ޚިދުމަތް ކުރެވޭ ފަދަ މާތް ހައިބަވެތި ބަޔަކަށް ހަދާ. އެމީހުން އެތެރެއިންލާ ލިނެން ހެދުންވެސް ތައްޔާރު ކުރޭ. އެ ހެދުން ހުންނަން ވާނީ އުނަގަނޑުން ފެށިގެން ފައިގެ ފަލަމަސްގަނޑާ ހަމަޔަށް. ހާރޫނާއި އޭނާގެ ދަރިން ގެކޮޅަށް ވަންނައިރު އަދި މާތް މަޤާމުފުޅު ހުންނަ ޤުރުބާނީ އަށިދޮށަށް ގޮސް ޤުރުބާނީ ހުށަހަޅާއިރު ތިބެން ވާނީ މިހެދުން އަޅައިގެން. އޭރަކުން އެމީހުން ފާފަވެރިވެ އެކުށުގައި މަރުވާކަށް ނުޖެހޭނެ. މިއީ ހާރޫނާއި އޭނާގެ ދަރިކޮޅުގެ އެންމެންނަށް ކުރެވޭ ދާއިމީ އަމުރެއް.“