ނެރުއްވުން. 26. ”ފޭލިގެ ތައްޔާރު ކުރަން ވާނީ މޮޅަށް ވިޔެފައިވާ ފޮތީގެ ދިހަ ފަރުދާ ބޭނުންކޮށްގެން. ފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަ ރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީ ކޮށްފައި ބަހައްޓަން ވާނެ. މި ފަރުދާތައް ހުންނަން ވާނީ އެއް މިނަކަށް، މި ދިހަ ފަރުދާގެ ދިގުމިނުގައި ސާޅީސް ދެފޫޓު ފުޅަލުގައި ހަ ފޫޓް ހުންނަންވާނެ. މި ފަރުދާތަކުގެ ތެރޭން ފަސް ފަރުދާ އެއްކޮށް ބޮޑު އެއް ފަރުދާއަކަށް ހަދާ. ދެވަނަ ފަރުދާވެސް ފަސް ފަރުދާ ގުޅުވައިގެން ހަދާ. ކޮންމެ ފަރުދާއެއް ގުޅޭ ހުންނަ ފަރުދާގައި ނޫކުލައިގެ ފަލަރޮދިން މަޅި ހަދާ. މި ފަންސާސް މަޅި، ޖެހިގެން ހުންނަ ފަރުދާގެ ކައިރިފަށުގައި ހުންނަ ބުޅިތަކުގައި އަޅުވާލެވޭނެ ހެން އެއް މިނަކަށް ހަދާ. ދެން ރަނުގެ ފަންސާސް ބުޅި ހަދައި ބޮޑު ދެ ފަރުދާގައި ފުޅާ ކާރި ފަށުގައި ހަރުކުރޭ. އަދި އޭގައި ފަންސާސް ރަނުގެ ބުޅި ހަރުކޮށް އަނެއް ފަރުދާގައި ހުންނަ މަޅިތަކުގައި އަޅުވާ. މިގޮތުން ހެދިފައި ހުންނަ އިރު މުޅި ފޭލިގެ ވެސް ހުންނާނީ އެއް ފަރުދާއެއްގެ ގޮތުގައި. އަދި ބަކަރި ކެހެރި ފޮތިން ހިޔާ ކުރާ އެގާރަ ފަރުދާ ހަދާ. އެއީ ފޭލިގޭގެ މަތީގައި އެޅުމަށް. މި އެގާރަ ފަރުދާވެސް ހުންނަން ވާނީ އެއް މިނަކަށް. އެއީ ސާޅީސް ފަސް ފޫޓު ދިގު ހަ ފޫޓު ފުޅާ މިނުގައި. މީގެ ފަސް ފަރުދާ ގުޅައިގެން ދިގު އެއް ފޮތިގަނޑަކަށް ހަދާ. އަދި އަނެއް ހަ ފަރުދާ ގުޅައިގެން ވެސް ދިގު އެއް ފޮތިގަނޑަކަށް ހަދާ. ދެވަނަ ފަރުދާގެ ތިން ފޫޓެއްހާ ތަން ފޭލިގެކޮޅުގެ ކުރިމަތީ ފައްޖަހާފައި ބަހައްޓާ. މިއިން ކޮންމެ ބޮޑު ފަރުދާއެއްގެ ކޮޅުގައި ފަންސާސް މަޅި ހަރުކޮށްފައި ބަހައްޓާ. ދެން ކަފުލޯ ފަންސާސް ދަތި ހަރުކޮށް އަނެއް ފަރުދާގައި ހުރި މަޅިތަކުގައި ހަރުކުރޭ. މިގޮތުން މުޅި ފޭލިގޭގެ އުރަ ހުންނާނީ އެއް ފޮތިގަނޑަކުން. މި ފަރުދާއިން ބާކީވާ ތިންފޫޓު ފޭލިގެ ފުރަގަހުގައި އެލުވާ. މި ފަރުދާގެ ބާކީވާ އަށާރަ އިންޗި ދަށުގައިވާ ފަރުދާގެ މަތިން އަޅާ. އޭރުން ފޭލިގެކޮޅު އެއްކޮށް ނިވާކޮށް ފޮރުވާލެވޭނެ. މި ފޭލިގޭގެ އުރަކޮޅެއްގެ ގޮތުން، ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅީގެ ހަމުގެ ފަށަލައަކާއި މޮޅު ބަކަރި ހަމުގެ ފަށަލައެއް މަތީގައި އަޅާ. މި ފޭލިގޭގެ އޮނިގަނޑު ހަދަން ވާނީ އަކާސިޔާ ލަކުޑިން. މިއިން ކޮންމެ އޮނިގަނޑެއް ގެ އުސްމިނުގައި ފަނަރަފޫޓު، ފުޅާމިނުގައި ހަތާވީސް އިންޗް ބަހައްޓާ. ކޮންމެ އޮނިގަނޑެއް އެކަތި އަނެކައްޗާ ގުޅުވުމަށް ދެ އިލި ހަރުކުރޭ. ހުރިހާ އޮނިގަނޑެއްވެސް ހުންނަންޖެހޭނީ އެއްގޮތަކަށް. ފޭލިގެކޮޅުގެ ދެކުނުފަރާތުގައި ބެހެއްޓުމަށް މިކަހަލަ ވިހި އޮނިގަނޑު ހަދާ. އަދި މި ވިހި އޮނިގަނޑުގެ ދަށުގައި ރިހީން ސާޅީސް ބުޑު ބަހައްޓާ. އެއީ އެ ދެ އޮނިގަނޑުގައި ވާ އިލިތައް މި ބުޑުތަކުގައި ވާ ލޯވަޅުތަކަށް ވަދެ ރަނގަޅަށް ފިޓުވެފައި ހުންނާނެ ހެން. ފޭލިގޭގެ އުތުރު ފަރާތަށްވެސް މިކަހަލަ ވިހި އޮނިގަނޑު ހަދާ. ކޮންމެ އޮނިގަނޑެއްގެ ދަށުގައިވެސް ދެ ބުޑު ބެހެއްޓޭނެ ހެން މީގެ ސާޅީސް ބުޑު ރިހީން ހަދާ. އަދި ފޭލިގޭގެ ފުރަގަސް ދިމާވާ ހުޅަނގު ފަރާތުގައި ބެހެއްޓުމަށް ވެސް މިކަހަލަ ހަ އޮނިގަނޑު ތައްޔާރުކުރޭ. އަދި އިތުރު ދެ އޮނިގަނޑު ހުޅަނގުފަރާތު ދެކަނުގައި ބަހައްޓާ. މި ދެ ކަނުގައި ހުންނަން ވާނީ ތިރީން ފެށިގެން މައްޗަށް އެއްގޮތަކަށް ދެ އޮނިގަނޑު ހަދައި އެއް ބޮޅަކުން ގުޅުވާފައި. މި ދެ ކަނުގައި ވެސް އޮނިގަނޑުތައް ހުންނަންވާނީ އެއް ގޮތަކަށް. ފޭލިގޭގެ ފަހަތުބައިގައި ހުންނާނީ މިކަހަލަ އަށް އޮނިގަނޑު. މި އޮނިގަނޑުތައް ހުންނަން ވާނީ ރިހީގެ ސޯޅަ ބުޑު މަތީގައި. އެއީ ކޮންމެ އޮނިގަނޑެއްގެ ދަށުގައި ދެ ބުޑު ބެހެއްޓިފައި ވާނެ ހެން. މި އޮނިގަނޑުތައް ހަރުކުރުމަށް އަކާސިޔާ ލަކުޑިން ހުރަސް ބެރި އަޅާ. އުތުރުފަރާތުގައި ފަސްބެރި އަޅާ. އަދި ދެކުނު ފަރާތުގައިވެސް ފަސްބެރި އަޅާ. އަދި ފޭލިގޭގެ ފަހަތް ކަމަށް ވާ ހުޅަނގު ފަރާތުގައި ވެސް ފަސް ހުރަސްބެރި އަޅާ. އޮނިގަނޑުތަކުގެ ދެބައި ހަމައިގައި އަޅާ ހުރަސްބެރި، އޮނިގަނޑުގެ އެއްކޮޅުން އަނެއް ކޮޅަށް ފޯރަން ވާނެ. މި އޮނިގަނޑުތަކާއި ހުރަސް ބެރިތަކުގައި ވެސް ރަން އުނގުޅައި ހުރަސް ބެރިތައް ރަނުގެ ބޮޅުތަކުން ހަރުކުރޭ. ފަރުބަދަ މަތީގައި ކަލެއަށް ދެއްކުނު ނަމޫނާއާ އެއްގޮތަށް މި ފޭލިގެ ހަދައި ތައްޔާރު ކުރޭ. ފޭލިގޭގެ ތެރޭގައި ލިނެން ފޮތިން ވިޔެފައިވާ ޚާއްސަ ފަރުދާއެއް ދަމާ. އެ ފަރުދާގައި ނުލާއި ދަނބު ކުލައާއި ގަދަރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ހުންނަންވާނެ. މި ފަރުދާ އަކާސިޔާ ލަކުޑީގެ ހަތަރު ތަނބުގައި ރަނުގެ ބުޅިތައް ލައި ހަރު ކުރޭ. މި ތަނބުތަކުގައި ވެސް ހުންނަން ވާނީ ރަން އުނގުޅާފައި. މި ތަނބުތައް ރިހިން ހަތަރު ބުޑު ހަދައި އޭގެ މަތީގައި ބަހައްޓާ. އެތެރޭ ފަރުދާ ފުރާޅު ދަށުގައި ވާ ބުޅި ބަރީގައި އަޅުވާ. އަދި ޢަހުދުނާމާ ފޮށިކޮޅު އޭގެ ފުރަގަހުގައިވާ ކޮޓަރިއަށް ލާ. މި ފަރުދާ އަކީ މާތް މަޤާމުފުޅާއި އެންމެ މުޤައްދަސް މަޤާމުފުޅާ ދެމެދުގައި ވަކި ކޮށްލަން ބަހައްޓާ ފަރުދާއެއް. ދެން ޢަހުދުނާމާ ފޮށިކޮޅުގެ މަތިޖަހާ. އެ މަތިކޮޅަކީ ކައްފާރާގެ މަޤާމުފުޅު. އެ ފޮށިކޮޅު ގުދުސްވަންތަ އެންމެ ޤުދުސީ މަގާމުފުޅުގައި ބަހައްޓާ. އަދި މޭޒުކޮޅު އުތުރުފަރާތު އެންމެ އެތެރޭގެ ފަރުދާގެ ބޭރުގައި ބަހައްޓާ، އަދި ދެކުނު ފަރާތުގައި ބައްތި ބަހައްޓާ. ފޭލިގެއަށް ވަންނަ ދޮރުމަތީގައި އެހެން ފަރުދާއެއް ދަމާ. އެއީވެސް މޮޅަށް ވިޔެފައިވާ ފޮތީގެ ފަރުދާއަކަށް ވާންވާނެ. އޭގައިވެސް ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރޭ. އަދި އަކާސިޔާ ލަކުޑިން ފަސް ތަނބު ހަދައި އޭގައި ރަން އުނގުޅައި އެ ފަރުދާ ރަނުގެ ބުޅީގައި އަޅުވާ. މި ތަނބުތައް ކަފުލޮއިން ފަސް ބުޑު ހަދައި އޭގެ މަތީގައި ބަހައްޓާ.“