ނެރުއްވުން. 23. ”ހަޤީޤަތެއް ނެތް ބުންޏޭ ބުންޏޭ ވާހަކަތައް ނުފަތުރާތި. އަދި ކުށްވެރިޔަކާ އެއްކޮޅަށް ހެކިބަސްދީ އޭނާ ކުށުން ބަރީއަ ކުރަން ނޫޅޭތި. މީހުން ކުރާތީއޭ ކިޔާފަ ގޯސްކަންތައް ނުކުރާތި. އެންމެން ނުރުހުނަސް އިންސާފަށް ހުރަސްނާޅާތި. އަދި ޝަރީއަތުގެ ކުރިމަތީގައި، ކަންހިނގިގޮތް ކިޔާނުދީ ނުހުންނާތި. އެމީހާއަކީ ދެރަ މީހަކަށް ވީތީ އޭނާގެ ކޮޅަށް ވެސް ބުރަ ނުވާތި. ކަލޭމެންގެ އަދާވާތްތެރިޔާގެ ގެރި ނުވަތަ ހިމާރު މަގު ގެއްލިގެން އުޅޭތަން ފެނިއްޖެނަމަ އޭތި ގެނެސް އޭގެ ވެރިމީހާއާ ހަވާލު ކުރާތި. ކަލެއަށް ނަފްރަތު ކުރާ މީހެއްގެ ހިމާރަށް އަރުވާފައިވާ ބަރުދަން ނޫފުލިގެން އޭތި ވެއްޓޭތަން ފެނިއްޖެނަމަ އަޅާނުލައި ނުދާތި. ހުއްޓި އެހީވާތި. ނިކަމެއްޗަކަށް ވީތީ އޭނާއަށް ޝަރީޢަތުގައި ލިބެންޖެހޭ އިންސާފަށް ހުރަސްނާޅާތި. އެކަކުވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި. ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން. ރިޝްވަތު ނުހިފާތި. އެހެނީ ރިޝްވަތަކީ ތިމާގެ ލޯ ޙަޤީޤަތާމެދު ކަނު ކޮށްލާ އެއްޗެއް. ރިޝްވަތަކީ ތެދުވެރިޔަކަށް ވެސް ޙަޤީޤަތް އޮޅުވާލާ އެއްޗެއް. ބީރައްޓެހިންނަށް ދުއްތުރާ ނުކުރާތި. އެހެނީ ކަލޭމެންނަކީވެސް އެއް އިރެއްގައި ބީރައްޓެހިންގެ ގޮތުގައި މިޞްރުގައި އުޅުނު ބައެއް.“ ”ހަ އަހަރު ވަންދެން ގަސް އިންދައި ކަލޭމެންގެ ބިމުން ލިބުނުހާ އެއްޗެއް ޖަމާކުރޭ. އެކަމަކު ހަތްވަނަ އަހަރު ގޮވާން ކުރުން ހުއްޓާލައި އެބިން ތާޒާ ވަންދެން ބާއްވާ. ކަލޭމެންގެ ތެރޭން ފަޤީރު މީހުން އެ ބިމުގައި އޭގެ އަމިއްލަ ޒާތުގައި ހެދޭ އެއްޗެހި ކައިބޮއި ހެދިޔަދީ. ބާކީ ހުރިއެއްޗެއް ވަލު ޖަނަވާރު ކާން ދޫކޮށްލާ. ކަލޭމެންގެ މޭބިސްކަދުރު ވެލާއި ޒައިތޫނި ގަސްތަކާއި މެދުވެސް މިގޮތަށް ކަންތައް ކުރޭ. ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ. މި އެންގުންތަކާ މެދު ކަލޭމެން ރަނގަޅަށް ސަމާލުވެ އަޑުއަހާތި. ކަލޭމެން އެހެން އެއްވެސް އިލާހެއްގެ ކިބައިން އެހީއަކަށް ނޭދޭތި. އެފަދަ އިލާހެއްގެ ނަންވެސް ނުގަންނާތި.“ ”ކޮންމެ އަހަރަކު ތިން ޢީދު އަހަރެންނަށްޓަކައި ކަލޭމެން ފާހަގަކުރާތި. ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކުވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި. ދެވަނައަށް ފާހަގަކުރަން ޖެހޭނީ ގޮވާން ކަނޑާ ޢީދު. އެ ޢީދުގައި ކަލޭމެން ފުރަތަމަ ކަނޑާ ގޮވާން އަހަރެންނަށް ހުށަހަޅަން ވާނެ. އެންމެފަހުން ފާހަގަ ކުރަން ޖެހޭނީ ގޮވާން މޫސުން ނިމޭ ޢީދު. އެއީ އެމޫސުމުގައި ކަލޭމެން އެންމެ ފަހުފަހަރަށް ގޮދަން ކެނޑުން ފާހަގަ ކުރާ ޢީދު. މި ތިން ޢީދުގައި އިސްރާއީލީންގެ ކޮންމެ ފިރިހެނަކުވެސް ސާހިބުވަންތަ މާތްރަސްކަލާނގެ ކުރިމައްޗަށް ކުއްތަން ވާން ޖެހޭނެ. ކަލޭމެން، ލޭ އޮހަރައި ކުރާ ޤުރުބާނީއާއެކު ކަމީރުކުރި ފުށުން ފިހެފައިވާ ރޮއްޓެއް ފަދަ އެއްޗެއް ޤުރުބާނީއަކަށް ހުށަނާޅާތި. އަދި ޤުރުބާނީގެ ސަރުބީތައް އަނެއްދުވަހު ހެނދުނާ ހަމަޔަށް ނުބަހައްޓާތި. ކަލޭމެން ގޮވާން ކަނޑާއިރު އެންމެ ފުރަތަމަ ކަނޑާ އެންމެ ރަނގަޅު ގޮވާން ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ގެކޮޅަށް ހުށަހަޅަން ގެންދަން ވާނެ. ޅަ ބަކަރިއެއް އޭގެ މައިއެތީގެ ކިރުގައި ނުކައްކާތި.“ ”ނިކަން ބަލާ! އަހަރެން ކަލޭމެން ފޮނުވަން ހަމަޖައްސާތަނަށް ސަލާމަތްކަމާއެކު ކަލޭމެން ގެންގޮސްދޭން އެހީވުމަށް އަހަރެން މަލާއިކަތަކު އެބަ ފޮނުވަން. އޭނާ އަންގާ ގޮތަކާ ތަބާވާތި. އޭނާއާ ދެކޮޅު ނަހަދާތި. އެހެނީ އޭނާއަކީ އަހަރެންގެ ނަންމަތީ ފޮނުވާ މަލާއިކަތެއް. ކަލޭމެންގެ ދެކޮޅުވެރިކަމަކަށް އެ މަލާއިކަތާ ކެތެއް ނުކުރާނެ. އެކަމަކު ކަލޭމެން ފަރުވާތެރިކަމާއެކު އަހަރެން އަންގާގޮތް ހަދައި. އެ މަލާއިކަތާއަށް ކިޔަމަންތެރިވާނަމަ، އަހަރެން ކަލޭމެންގެ އަދާވާތްތެރިންނާ ދެކޮޅަށް ހަނގުރާމަ ކޮށްދޭނަން. އަހަރެންގެ މަލާއިކަތާ ކަލޭމެންގެ ކުރީގައި ހުރެގެން އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ކަންޢާނީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް ދާނެ. އޭނާ އެތަނުގައި ކަލޭމެންނަށް އުޅެވޭނެގޮތް ހަދައިދޭނެ. އަދި އަހަރެން އެތަނުގައި ތިބި އެންމެން ނައްތާލަ ދޭނަން. އެމީހުން އަޅުކަން ކޮށްއުޅޭ އިލާހުންތަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ. އަދި އެމީހުން ކުރަމުން ދިޔަކަހަލަ ފާހިޝްކަންތައް ކަލޭމެން ކޮށްގެން ނުވާނެ. ކަލޭމެން ޖެހޭނީ އެމީހުންގެ ކަލާނގެތައް ނައްތާލާ އެމީހުންގެ ހިލައިގެ ތަނބުތައް ވެސް ފުނޑުފުނޑު ކޮށްލަން. ކަލޭމެން އަޅުކަން ކުރަން ޖެހޭނީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެއަށް. ކަލޭމެން އެގޮތަށް ކަންތައް ކުރާނަމަ އަހަރެން ކަލޭމެންނަށް ކާނާއާއި ބޯފެން ދޭނަން. އަދި ބަލިމަޑުކަމުން ރައްކާތެރި ކޮށްދޭނަން. އޭރުން ކަލޭމެންގެ ތެރޭގައި ބައިގެންދިއުމެއް ދަރިމައި ނުވުމެއް ނުވާނެ. އަދި ކަލޭމެންނަށް ފުރާފުރިހަމަ ދިގު އުމުރެއް ލިބިދޭނަން. ކަލޭމެން ދިއުމުގެ ކުރީގައި އެމީހުންގެ މައްޗަށް އަހަރެން ބިރުވެރިކަމެއް ފޮނުވާނަން. ކަލޭމެން ދިޔައިމާ އެމީހުންގެ މެދަށް އޮޅުންބޮޅުންކަން ފޮނުވާނަން ކަލޭމެންގެ ދުޝްމިނުން ބިރުން ފިލަން ދުވާނެ. ކަލޭމެން ދިއުމުގެ ކުރީގައި ޙިއްވީންނާއި ކަންޢާނީންނާއި ޙިއްޘީންގެ މައްޗަށް އަހަރެން ބިރުވެރިކަމެއް ފޮނުވާނަން. އެކަމަކު އެމީހުން އެއް އަހަރުގެ ތެރެއަކު ފައްސައެއް ނުލާނަން. އެހެންނޫނީ އެބިންތައް ހުސްވުމުން ވަލުޖަނަވާރުތައް އެތަނުގައި ގިނަވެ ކަލޭމެންނަށް ނުރައްކަލަކަށް ވެދާނެ. އަހަރެން އެމީހުން ފައްސާލާނީ ލަސްލަހުން، މަދުމަދުން. އެއީ އޭރުން ތިޔަބައިމީހުންގެ އަދަދު ގިނަވެ އެތާގައި ވަޒަންވެރި ވާނެ ވަރަށް މީހުން ތިބޭނެ. އަދި ކަލޭމެންގެ ސަރަހައްދު ކަމުގައި، ރަތްކަނޑުން ފެށިގެން މެދުތެރޭ ކަނޑާ ހަމަޔަށް، އަހަރެން ކަނޑައަޅާނަން. އަދި ސަހަރާއާއި ފުރާތުކޯރާ ދެމެދުގައިވާ ސަރަހައްދު އެއީ ކަލޭމެންގެ ބިންކަމުގައި ހަދައިދޭނަން. އަދި މިހާރު އެ ބިމުގައި ތިބި މީހުން ކަލޭމެންގެ އަތްދަށަށް ގެންގޮސް ކަލޭމެން އެތަނުން އެމީހުން ބޭރުކޮށްލަން ވާނެ. އެމީހުންނާއި އެމީހުންގެ އިލާހުންނާއެކު އެއްބަސްވުމެއް ގާއިމު ނުކުރާތި. ކަލޭމެންގެ ބިމުގައި އެމީހުންނަށް އުޅެވިޔަ ދީގެން ނުވާނެ. އެހެންނޫނީ އެމީހުން ކަލޭމެންގެ ބޮލަށްވަދެ ކަލޭމެން ލައްވާ އެމީހުންގެ އިލާހުންނަށް އަޅުކަން ކުރުވާފާނެ. އޭރުން ކަލޭމެން ޝަރީކު ކުރުމުގެ ނުރައްކާތެރި މަޅީގައި ޖެހިގެން ހިނގައިދާނެ.“