ނެރުއްވުން. 19. މިޞްރުން އިސްރާއީލީން ނުކުތްތާ ތިންވަނަ މަހު ފުރަތަމަ ދުވަހު އެމީހުންނަށް ޠޫރުސީނާއީ ސަހަރާގެ ތެރެއަށް އާދެވިއްޖެއެވެ. އެމީހުން ރަފީދީމު އިން ފޭލިގެ ނަގައިގެން އައިސް ޠޫރުސީނާ ފަރުބަދަ ކައިރީގައި ޖަގަހަ ޖަހައިފިއެވެ. ދެން މޫސާގެފާނު ﷲގެ ހަޒުރަތަށް ކުއްތަންވުމަށް ފަރުބަދަމައްޗަށް ވަޑައިގެންފިއެވެ. މާތްރަސްކަލާނގެ އެ ފަރުބަދައިގެ މަތިން އެކަލޭގެފާނަށް ވަޙީ ބާވައިލެއްވިއެވެ. ”އަހަރެން މި އަންގާ ކަންތައް ޔަޢުޤޫބުގެ ދަރިކޮޅުގެ މީހުންނަށް އަންގާ. ’ކަލޭމެންނަށް ތިމަންކަލާނގެ މިޞްރު މީހުންނާމެދު ކަންތައް ކުރި ގޮތް ވާނީ ފެނިފައޭ. ތިމަންކަލާނގެ ގާތަށް ކަލޭމެން މި ގެނައީ ބާޒެއްގެ ފިޔަގަނޑުގެ މަތީގައި އޭގެ ދަރިންތައް ގެންނާނެ ފަދައިންނޭ. ވީމާ ކަލޭމެން ތިމަންކަލާނގެއަށް ކިޔަމަންވެ ތިމަންކަލާނގެއާ އެކު ކުރެވިފައިވާ ޢަހުދުނާމާއަށް ރައްކާތެރިވާނަމަ، ހުރިހާ ގައުމުތަކެއްގެ ތެރޭން ކަލޭމެން ވާހުށީ ތިމަންކަލާނގެއަށް ޚާއްސަ ކުރެވިފައިވީ ޚަޒާނާ ކަމުގައޭ. މުޅި މި ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއްގެ ވެރިޔަކީ ތިމަން ކަލާނގެ ކަމުގައި ވިޔަސް، ކަލޭމެން ވާހުށީ ތިމަންކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އިމާމުން ކަމުގައޭ. އަދި ކަލޭމެން ތިއީ ތިމަންކަލާނގެ މުޤައްދަސް ޤައުމޭ.‘ މި އެންގުން ކަލޭ ގޮސް ބަނީ އިސްރާއީލީންގެ އެންމެންނަށް އަންގާ.“ ދެން މޫސާގެފާނު ފަރުބަދަ މަތިން ފައިބާ ވަޑައިގެން އިސްރާއީލީންގެ ބޮޑުން އެއްކުރައްވައި މާތްރަސްކަލާނގެ އަންގަވަން ވަޙީކުރެއްވި ހުރިހާ ބަސްފުޅުތަކެއް އިއްވަވައި ދެއްވިއެވެ. އެވަގުތު އެންމެން އެއް އަޑަކުން ދެންނެވިއެވެ. ”މާތްރަސްކަލާނގެ އަންގަވާ ހުރިހާ އެންގެވުންތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންތައް ކުރާނަން.“ އެމީހުންގެ މި ބަސްތައް މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަހަރެން ބޯ ވިލާގަނޑެއްގެ ތެރޭގައި ކަލޭގާތަށް ދާނަން. އޭރުން އަހަރެންގެ އަޑު އެމީހުންނަށް އިވޭނެ. އެއަޑު އިވުމުން އެމީހުން ކަލޭގެ ބަސް އަޑުއަހައި އިތުބާރު ކުރަމުންދާނެ.“ މޫސާގެފާނު އެމީހުން ބުނި ބަސްތައް މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”ގޮސް އަހަރެން އަންނަތަނަށް ދާން އެމީހުން ތައްޔާރު ކުރޭ. މިއަދާ މާދަމާ އެމީހުން އަޅުކަމަށް ތައްޔާރުކޮށް އެމީހުންގެ ހެދުންތައް ދޮއްވައި ސާފުތާހިރުކުރުވާ. ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން. ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދު ރަނގަޅަށް ފާހަގަކޮށްފައި ބަހައްޓާ. އެމީހުން ގާތު ބުނޭ ’އެ ދުވަހު ފަރުބަދަ މައްޗަށް ނާރާށޭ. އަދި އެ ފަރުބަދައިގެ ބުޑާ ކައިރި ވެސް ނުވާށޭ. އެއިން ތަނަކާ ވައި އެޅުނަސް އެމީހަކު މަރުވެދާނެޔޭ. އެއްވެސް މީހަކުވިޔަސް ޖަނަވާރަކުވިޔަސް އެދުވަހު ފަރުބަދައިގެ ސަރަހައްދަށް ވަދެގެން ނުވާނެއޭ. ވަދެއްޖެނަމަ ހިލަ އުކައި ތީރު ޖަހައި އެމީހަކު ނުވަތަ އެ އެއްޗެއް ނައްތާލެވެނެއޭ. ނުވަތަ މަރާލަން ވާނެއޭ. އެތަނަށް ވަނތް މީހެއް ނުވަތަ ޖަނަވާރެއްގެ ގައިގައި ވެސް އެކަކުވެސް އަތްލައިގެން ނުވާނެއޭ.‘ އެމީހުންނަށް ފަރުބަދަ މައްޗަށް އަރަން ވާނީ ފުއްލާދަޅުގެ ތާޅަފިލީގެ ދިގު ތޫލި އަޑު އިވެން ފެށީމާ.“ އެހެންވެ މޫސާގެފާނު އެމީހުންގެ ގާތަށް ވަޑައިގެން އެމީހުން އަޅުކަމަށް ތައްޔާރު ކުރުވައި އެމީހުންގެ އަންނައުނުތައް ސާފު ތާހިރު ކުރުވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިންވަނައަށް ވާ ދުވަހަށް ތައްޔާރުވޭ. އެ ދުވަހާ ހަމަޔަށް އެކަކުވެސް އަނބިފިރިކަމުގެ ގުޅުން ހިންގައިގެނެއް ނުވާނެ.“ ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ. އޭރު މޫސާގެފާނު އެމީހުން ގޮވައިގެން ﷲއަށް ކުއްތަންވުމަށް ވަޑައިގެން ޠޫރުސީނާ ފަރުބަދައިގެ ތިރީގައި ހުންނެވިއެވެ. މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ. ތާޅަފިލީގެ އަޑު ގަދަވަމުން ދިޔައެވެ. މޫސާގެފާނު ބަސްފުޅު ދެންނެވުމުން މާތްﷲގެ ވަޙީގެ ބަސްފުޅު އަންނަނީ ހޮނުގުގުރިއެއް ފަދައިންނެވެ. މާތްރަސްކަލާނގެ ޠޫރުސީނާގެ ކުންނުމައްޗަށް ފައިބާ ވަޑައިގެން މޫސާގެފާނު އަރައި ވަޑައިގަތުމަށް ވަޙީ ކުރެއްވިއެވެ. އެހެންވެ މޫސާގެފާނު ފަރުބަދައިގެ ކުންނަށް އަރާ ވަޑައިގެންނެވިއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ދޭ ގޮސް ބުނޭ ’މާތްރަސްކަލާނގެ ދުށުމަށް ސަރަހައްދު ހުރަސްކޮށް ނާންނައްޗޭ.‘ އެހެންނޫނީ ވަރަށް ގިނަ ބަޔަކު މަރުވެދާނެ. އަހަރެންނަށް ކުއްތަންވެ އުޅޭ އިމާމުންނަށްވެސް މިސަރަހައްދަށް އާދެވޭނީ ނުހަނު ބޮޑަށް ސާފުތާހިރު ވެގެން. އެހެންނޫނީ އެމީހުންވެސް ނެތި ހިނގައިދާނެ.“ ”އެކަމަކު މާތްކަލާނކޯ!“ މޫސާގެފާނު ދެންނެވިއެވެ. ”އެމީހުންނަކަށް މި ފަރުބަދައަށް އަރާކަށް ނުކެރޭނެ. އިނބަރަސްކަލާނގެ ވަނީ ކުރީގައިވެސް އަންގަވާފައި ނޫންތޯ ’ފަރުބަދައިގެ ވަށައިގެން ސަރަހައްދެއް ފާހަގަ ކުރާށޭ. އަދި އެތަނަކީ މާތް ތަނެއްގެގޮތުގައި ކަނޑައަޅުއްވާފައިވާ ތަނެކޭ؟‘“ މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިރިއަށް ގޮސް ހާރޫނު ގޮވައިގެން އާދޭ. އެކަމަކު ބަލާތި، އެއްވެސް އިމާމަކު ވިޔަސް ނުވަތަ އެހެން މީހަކު ވިޔަސް އަހަރެން ދުށުމަށް އިން ފަހަނައަޅައި އާދޭތޯ. އެއިން މީހަކު އަތުވެއްޖެއްޔާ އަހަރެން އެމީހަކު ނައްތާލާފާނަން.“ އެހެންވެ މޫސާގެފާނު ތިރިއަށް ވަޑައިގެން މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުތައް އެމީހުންގެ ގާތު ވިދާޅުވެއްޖެއެވެ.