ނެރުއްވުން. 17. މާތްރަސްކަލާނގެ އަމުރުފުޅަށް އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން ސީން ދޫކޮށް ހަނަފަސްބިމުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔައެވެ. އެންމެ ފަހުން އެމީހުން ރަފީދީމު ކިޔާ ހިސާބަކަށް އައިސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އެކަމަކު އެމީހުން ބޯނެ ފެނެއް އެތާނކު ނެތެވެ. އެހެންވެ އަނެއްކާވެސް އެމީހުން މޫސާގެފާނާ ޝަކުވާ ކުރިއެވެ. ”އަހަރެމެންނަށް ބޯފެން ދީ!“ މޫސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އަހަންނާ ތިޔަ ޝަކުވާ ކުރަނީ ކީއްވެތަ؟ ކަލޭމެން މާތްރަސްކަލާނގެ އިމްތިޙާނު ކުރަން ތިޔަ އުޅެނީ ކީއްވެތަ؟“ އެކަމަކު ފެންބޮވައިގެންގޮސް ނުކުޅަދާނަ ވުމުން އެމީހުން މޫސާގެފާނާ އަރައިރުން ވަމުން ދިޔައެވެ. ”ކަލޭ އަހަރެމެން މިޞްރުން ނެރެގެން ތިޔަ ގެނައީ ކީއްވެ؟ ކަލޭ ތިޔަ އުޅެނީ އަހަރެމެންނާއި އަހަރެމެންގެ ކުދިންނާއި އަހަރެމެންގެ ޖަނަވާރުތަކަށް ފެން ނުދީ މަރާލަންތަ؟“ ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭހާއެކު މުނާޖާ ދެންނެވިއެވެ. ”މިމީހުންނާ މެދު މިއަޅާ ހަދަންވީ ކިހިނެއްތޯ؟ އެމީހުން އެތިބަ ތައްޔާރުވަނީ މިއަޅާ ގަލުންތަޅައި މަރާލަން!“ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އެމީހުންނާ ދުރަށް ކުރިއަށް ދޭ. އަދި އިސްރާއީލީންގެ ޖަމާޢަތުގެ ބޮޑުން ގެންދޭ. ދާއިރު ކަލޭ ނީލަ ކޯރު ފެންމަތީގައި ޖެހި އަސާ ގެންދާތި. އަހަރެން އެވަގުތު ޙޫރީބު ފަރުބަދަ މަތީ ހުންނާނަން. އެ ފަރުބަދައިގެ ހިލައިގައި ކަލޭ ދަނޑިބުރިން ޖަހާ. އޭރުން އެހިލައިން ފެން އޮހިގެން އަންނާނެ. އަދި ކަލޭމެންގެ މީހުންނަށް އޭރުން ފެން ބޯން ލިބޭނެ.“ އެހެންވެ އެގޮތުގެ މަތިން މޫސާގެފާނު އަސާކޮޅުން އެހިލައިގައި ޖެއްސެވުމުން އެތަނުން ފެން އޮހިގަތެވެ. އޭރު އެމީހުންގެ ބޮޑުން އެތަން ބަލަން ތިއްބެވެ. މޫސާގެފާނު އެތަނަށް މައްސާއޭ ވިދާޅުވެ ނަން ދެއްވިއެވެ. އަދި މަރީބާއޭ ވެސް އެތަނަށް ކިޔާއުޅެއެވެ. އެހެނީ އިސްރާއީލުގެ މީހުން އެތަނުގައި އަރާރުންވެ މާތްރަސްކަލާނގެ އިމްތިޙާނު ކުރަން އުޅުނެވެ. އެމީހުން އެއްސެވެ. ”މާތްރަސްކަލާނގެ އަހަރެމެންނާ އެކު މިތަނުގައި ވޮޑިގެން ވޭތަ؟ ނޫނީ ނުވޭތަ؟“ ބަނީ އިސްރާއީލީން ރެފީދީމުގައި ތިއްބައި ޢަމާލީގީންގެ ހަނގުރާމަވެރިން އައިސް އެމީހުންނަށް ހަމަލަ ދީފިއެވެ. މޫސާގެފާނު ޔަޝޫޢުގެފާނަށް ވިދާޅުވިއެވެ. ”ޢަމާލީގީންނާ ހަނގުރާމަ ކުރާނެ ބަޔަކު ހޯދައިގެން ގޮސް އެމީހުންނާ ދިމާ ކުރޭ. މާދަމާ އަހަރެން ފަރުބަދަ މައްޗަށް އަރައި ﷲގެ އަސާކޮޅު ހިފަހައްޓައިގެން ހުންނާނަން.“ އެހެންވެ ޔަޝޫޢުގެފާނު މޫސާގެފާނު އެންގެވި ގޮތަށް ޢަމާލީގީންގެ މީހުންނާ ހަނގުރާމަ ކުރަމުން ދިޔައެވެ. އޭރު މޫސާގެފާނާއި ހާރޫނުގެފާނާއި ޙޫރު އެތާ ކާރީގައި ހުރި ފަރުބަދައަކަށް އަރާ ވަޑައިގެން ތިއްބެވިއެވެ. މޫސާގެފާނުގެ އަސާކޮޅު އުފުއްލަވާފައި ވާހައި ހިނދަކު އިސްރާއީލީންނަށް ފަހިކަން ލިބެމުން ދިޔައެވެ. އެކަމަކު އެކަލޭގެފާނުގެ އަސާކޮޅު ތިރިވާ އިރަށް ޢަމާލީގީންނަށް ފަތަޙަ ލިބެއެވެ. މޫސާގެފާނުގެ އަތްޕުޅުން ވާގި ދޫވެ އަސާކޮޅު އުފުއްލަވައިގެން ހުންނަވަން ދަތިފުޅުވެ ވަޑައިގެންފިއެވެ. އެވަގުތު ހާރޫނުގެފާނާއި ޙޫރު އެކަލޭގެފާނު އިށީނދެ ވަޑައިގެން އިންނަވާނެ ގަލެއް ދެއްކެވިއެވެ. ދެން އެ ދެބޭކަލުން މޫސާގެފާނުގެ ދެފަރާތުގައި ތިއްބަވައިގެން މޫސާގެފާނުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ތިއްބެވިއެވެ. އެގޮތުގެ މަތިން އިރު އޮއްސެންދެން އެކަލޭގެފާނު އަތްޕުޅު ތިރި ވިޔަ ނުދީ އެބޭކަލުން ހިފެހެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން ޔަޝޫޢުއަށް އެހަނގުރާމައިގައި ފަތަޙަ ލިބި ޢަމާލީގީން ބަލިވެއްޖެއެވެ. އޭގެ ފަހުން މާތްރަސްކަލާނގެ މޫސާގެފާނަށް އިރުޝާދު ދެއްވިއެވެ. ”މި ނަސްރުގެ ހަނދާންތައް ދެމިހުންނާނެފަދަ ގޮތަކަށް ލިޔޭ. އަދި ޔަޝޫޢު ގާތު ބުނޭ: ’އަހަރެން ޢަމާލީގީންގެ ވަސްވެސް މި އުޑުދަށުން ފިލުވާލާނަމޭ.‘“ މޫސާގެފާނު އެތަނުގައި ޤުރުބާނީ އައްޓެއް ހެއްދެވިއެވެ. ”މާތްރަސްކަލާނގެއީ އަހަރެންގެ ކާމިޔާބީގެ ދިދަ.“ އަދި މިހެން ވިދާޅުވެ އެތަނަށް ނަންދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”އެމީހުން މާތްރަސްކަލާނގެ އަރުޝިކޮޅާ ދިމާއަށް ގޮށްމުށް އުފުލި. މިހާރު އެމީހުންގެ ޖީލަކަށް ފަހު ޖީލަކަށް ދާނދެން މާތްރަސްކަލާނގެ އެމީހުންނާ ހަނގުރާމަ ކުރައްވާނެ.“