ނެރުއްވުން. 16. ދެން އިސްރާއީލީންގެ ޖަމާޢަތުގެ މީހުން ދަތުރުކޮށް ޠޫރުސީނާ ފަރުބަދައާއި އީލީމް އާ ދެމެދުގައި އޮންނަ ސަހަރާ ކަމަށް ވާ ސީންއާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ. އެމީހުންނަށް އެތަނަށް އާދެވުނީ މިޞްރުން ފުރިތާ ދެވަނައަށް ވީ މަހު ފަނަރަވަނަ ދުވަހުއެވެ. އެތަނުގައިވެސް އިސްރާއީލު ޖަމާޢަތުގެ އެންމެން ގޮސް މޫސާގެފާނާއި ހާރޫނުގެފާނަށް ޝަކުވާ ދެންނެވިއެވެ. ”އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަހަރެން ކަލޭމެންނަށް ސުވަރުގޭގެ ކާނާ ވާރޭ ފަދައިން ވެއްސާނަން. ކޮންމެ ދުވަހަކުވެސް އެމީހުން ގޮސް ކާނެ ވަރަކަށް ކާން ކާއެއްޗެހި ހިފައިގެން އަންނަންވީ. އަހަރެން ބަލާނަން އެމީހުންނަށް އަންގާ އެންގުންތަކަށް އެމީހުން ތަބާވާ ވަރެއް. ހަވަނައަށް ވާ ދުވަހު އެއެއްޗެހި ދެ ގުނައަށް ގެންނަން ވާނެ. އަދި އެމީހުން އެއިން ދެ ދުވަހަށް ވާ ވަރަށް ކާއެއްޗެހި ތައްޔާރު ކުރަން ވާނެ.“ އެހެންވެ މޫސާގެފާނާއި ހާރޫނުގެފާނު އިސްރާއީލީންގެ ގާތު ވިދާޅުވިއެވެ. ”މިއަދު ހަވީރުވާން ވާއިރަށް ކަލޭމެންނަށް އެނގޭނެ ކަލޭމެން މިޞްރުން ނެރުއްވައިގެން ގެންނެވީ މާތްރަސްކަލާނގެ ކަން. މާދަމާ ހެނދުނު މާތްރަސްކަލާނގެ ޖަލާލަތު ވަންތަކަން ކަލޭމެންނަށް ފެނިގެންދާނެ. އެހެނީ އެކަލާނގެ ކަލޭމެންގެ ޝަކުވާތައް އައްސަވައިފި. ކަލޭމެން އަހަރެމެންނާ ޝަކުވާ ކުރަން އަހަރެމެން މީ ކޮންބައެއް؟“ އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.“ ދެން މޫސާގެފާނު ހާރޫނުގެފާނަށް ވިދާޅުވިއެވެ. ”މިކަން ބަނީ އިސްރާއީލީންގެ ހުރިހާ ޖަމާޢަތްތަކަށް އަންގާ: ’މާތްރަސްކަލާނގެ ހަޒްރަތަށް ކުއްތަންވޭ. އެކަލާނގެ ކަލޭމެންގެ ޝަކުވާތައް އައްސަވައިފި.‘“ ހާރޫނުގެފާނު އިސްރާއީލީންގެ ޖަމާޢަތުގެ މީހުންނާ ވާހަކަ ދައްކަވަން ހުންނަވަނިކޮށް ސަހަރާގެ ތެރެއަށް އެމީހުން ބަލާލިއިރު ވިލާގަނޑެއްގެ ސިފައިގައި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ކަމުގެ މަތިވެރިކަން ފެނިގެން ދިޔައެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަހަރެން އިސްރާއީލީން ކުރި ޝަކުވާގެ އަޑު އަހައިފިން. އެމީހުން ގާތު ބުނޭ، ’އިރުއޮއްސުމުން ކަލޭމެން ކާނެ މަސް ލިބޭނެޔޭ، އަދި ހެނދުނު ކަލޭމެން ކާނެ ކާއެއްޗެހި ލިބޭނެޔޭ. މިކަމުން ކަލޭމެންނަށް އެނގޭނެޔޭ ކަލޭމެންގެ ކަލާނގެއަކީ ތިމަންކަލާނގެކަން.‘“ އެދުވަހު އިރުއޮއްސުނުތަނާ ގިނަ އަދައެއްގެ ސަލްވާ ދޫނިތައް އެމީހުން ޖަގަހަ ޖަހައިގެން ތިބިތަނަށް އަތުވެއްޖެއެވެ. އަނެއް ދުވަހު ހެނދުނު މުޅި އެ ސަރަހައްދަށް ވަނީ ތެތް ފިންޏެއް ފައިބާފައެވެ. ތެތް ފިނިކަން ހިކުނު އިރު ހުރީ ހިކިތޮށިތަކެއް ކަހަލަ ހިމުން އެތިކޮޅުތަކެއް މުޅި އެބިމަށް ފެތުރިފައެވެ. މިއެއްޗެހި ފެނުމުން އިސްރާއީލީން ތިބީ ހަދާނެގޮތް ނޭނގިފައެވެ. ”މީ ކޯނޗެއް ތަ؟“ އެމީހުން އެކަކު އަނެކެއްގެ ކުރެން އެހިއެވެ. މޫސާގެފާނު ވިދާޅުވިއެވެ. ”ތިއީ ކަލޭމެންނަށް މާތްރަސްކަލާނގެ ފޮނުއްވި ރިޒުގު. މާތްރަސްކަލާނގެ އެންގެވީ މިހެން: ’ކޮންމެ އާއިލާއަކުންވެސް އެބަޔަކަށް ވާވަރަށް ގެންދާށޭ. ފޭލިގޭގައި އުޅޭ ކޮންމެ މީހަކަށް ދެ ނާޅި ގެންދާށޭ.‘“ އިސްރާއީލީންގެ މީހުންނަށް އެންގެވުނުގޮތަށް އެމީހުން ކަންތައް ކުރިއެވެ. އެއްބަޔަކު ގިނައިން ގެންދިޔައިރު އަނެއް ބަޔަކު ގެންދިޔައީ މަދުންނެވެ. އެކަމަކު އެމީހުން މިނާއިރު އޭގައި ހުންނަނީ މީހަކަށް ވާވަރަށެވެ. ގިނައިން ގެންދިޔަ މީހުންނަކަށް ވެސް ބާކީ އެއްޗެއް ނެތެވެ. މަދުން ގެންދިޔަ މީހުންނަކަށް ވެސް މަދެއް ނުވިއެވެ. ދެން މޫސާގެފާނު ވިދާޅުވިއެވެ. ”ހެނދުނު ވަންދެން އެއްވެސް އެއްޗެއް ބާކީކޮށްފަ ނުބަހައްޓާތި.“ އެކަމަކު އެއްބަޔަކު އެ ބަސްފުޅު އަޑެއް ނޭހިއެވެ. އެމީހުން ހެނދުނަށް ބައެއް ބެހެއްޓިއެވެ. އެކަމަކު ހެނދުނު ވީއިރު އެއެއްޗެހި ހުރީ ކުނިވެ ފުޅައަޅާފައެވެ. ދުވާވަހުން ނުކުޅަދާނައެވެ. އެކަމާ މޫސާގެފާނު ވަރަށް ކޯފާވިއެވެ. އޭގެ ފަހުން އެމީހުން ހެނދުނު ނަގަނީ އެދުވަހަށް ވާ ވަރަށެވެ. އިރުއަރައި ހޫނުވުމުން ބާކީ ހުރި އެތިކޮޅުތައް ވިރިގެން ދެއެވެ. ހަވަނަ ދުވަހު އެމީހުން ދެގުނަ އެއްކުރިއެވެ. އެއީ މީހަކަށް ހަތަރު ނާޅިއެވެ. ދެން އެ ޖަމާޢަތުގެ ވެރިން އައިސް މޫސާގެފާނު ގާތު މިވާގޮތެއް އޮޅުން ފިލުއްވައި ދެއްވުމަށް ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވީ މިހެން: ’މާދަމައަކީ މުޅީން އަރާމުގެ ދުވަހެއް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. ކަލޭމެން ބޭނުންވަރަކަށް މިއަދު ފިހެ ކައްކައި ހަދާފައި ބަހައްޓާ. ބާކީ ހުރި އެއްޗެއް މާދަމާ ހެނދުނަށް ބަހައްޓާ.‘“ ދެން އެމީހުން މޫސާގެފާނު ވިދާޅުވި ފަދައިން އެއެއްޗެހި ހެނދުނަށް ބަހައްޓައިފިއެވެ. ހެނދުނު ބަލާލި އިރު އެއެއްޗެހި ހުރީ ނުހަނު ތާޒާކޮށް ރަނގަޅަށެވެ. ކުނިވަހެއް ފުޅައެއް ނެތެވެ. މޫސާގެފާނު ވިދާޅުވިއެވެ. ”މިއަދު މި ކާނާ ކައި. މިއަދަކީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. މިއަދަކު ކާނާއެއް ނުފައިބާނެ. ކަލޭމެންނަށް ހަ ދުވަހު ކާނާލިބޭނެ. ހަތްވަނައަށް ވާ ދުވަހަކީ ސަބަތުގެ ދުވަސް. އެދުވަހަކު ކަލޭމެން ނަގާނެ ކާނާއެއް ބިންމައްޗަކު ނުހުންނާނެ.“ އެއްބަޔަކު ކާނާ ހުރިތޯ ބަލަން ދިޔަވެސް މެއެވެ. އެކަމަކު އެދުވަހަކު އެކައްޗެއް ވެސް ނެތެވެ. މާތްރަސްކަލާނގެ މޫސާގެފާނު ކުރެން އެއްސެވިއެވެ. ”ކަލޭމެން މީހުން އަހަރެން އަންގާ ބަސް ގަބޫލުކޮށް ކިޔަމަން ވާނީ ކޮން ދުވަހަކުން؟ ތިޔަ މީހުންނަށް މިހާރު އެނގެން ވެއްޖެއެއްނު ސަބަތަކީ އަހަރެން ކަލޭމެންނަށްދޭ ހަދިޔާއެއްކަން. ކަލޭމެންނަށް ހަވަނަ ދުވަހު، ދެދުވަހަށް ވާވަރަށް ކާނާ ދެނީ އެހެންވީމައެއް ނޫންތަ؟ ސަބަތުގެ ދުވަހު ކަލޭމެން ކާނާ ހޯދަން ނުގޮސް ތިބިތާނކު ތިބޭ. އެދުވަހު ކާނާ ހޯދަން ދާނެ ކަމެއް ނެތް.“ އޭގެ ފަހުން ހަތްވަނަ ދުވަހު ކާނާ ހޯދަން ނުގޮސް އަރާމު ކުރީއެވެ. އިސްރާއީލީން އެ ކާނާއަށް ކިޔަނީ މަންނާ އެވެ. އެއީ ކޮތަނބިރި އޮށްތަކެއް ކަހަލަ ހުދު އެއްޗެކެވެ. އޭގައި ދެނީ މާމުއި ލައިފައި ހުންނަ ތުނި ބިސްކޯދު ރަހައެވެ. މޫސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވީ މިހެން: ’މީގެ ދެނާޅި ކަލޭމެން އެއްޗަކަށް އަޅާފައި ބަހައްޓާ. އެއީ ކަލޭމެންގެ އަންނަން އޮތް ދަރިކޮޅަށް ދައްކަން ފޮރުވާފައި ބަހައްޓަން. އޭރުން އެ ޖީލުގެ މީހުންނަށް ވެސް އެނގޭނެ ތިމަން ކަލާނގެ ކަލޭމެން މިޞްރުން މިންޖުކޮށް ސަހަރާތެރޭގައި ކާނާ ދިންކަން.‘“ ދެން މޫސާގެފާނު ހާރޫނުގެފާނަށް ވިދާޅުވިއެވެ. ”ގުޅިއެއް ހޯދައިގެން ގެނޭ. އެއަށް ދެނާޅި މަންނާ އަޅާފައި މާތްރަސްކަލާނގެއަށް ޚާލިސްކޮށް މާތްވެގެންވާ ތާނކު ބަހައްޓާ. އެއީ އަންނަން އޮތް ޖީލުތަކަށް ދެއްކުމަށްޓަކައި.“ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ހާރޫނުގެފާނު ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ފަހުން އެ ގުޅި ބެހެއްޓެވީ ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައެވެ. ބަނީ އިސްރާއީލީން ސާޅީސް އަހަރުފަހުން އެމީހުންގެ ބިމަށް އައިސް ވަޒަންވެރި ވަންދެން ކައިއުޅުނީ މަންނާ އެވެ. އެމީހުން ކަންޢާނުގެ ސަރަހައްދާ ހަމަޔަށް އާދެވެންދެން އެ ކެއުން ކައި ހެދިއެވެ. އެމީހުން މަންނާ މިނަން ގެންގުޅުނު ކަންވާރަށް ކިޔަނީ ޣުމްރު އެވެ. މިއީ ޤުއްފާއެއްގެ ދިހަބައިކުޅައެއްބައެވެ. އެއަށް ދެނާޅި މަންނާ އެޅެއެވެ.