ނެރުއްވުން. 15. ދެން މޫސާގެފާނާއި ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް މިފަދައިން އެމީހުން ހަމްދު ސަނާ ދެންނެވިއެވެ. ”މާތްރަސްކަލާނގެއަށް މިއަޅާ މިހެން މަދަހަސަނާ ދަންނަވަން. އެކަލާނގެއަކީ ކާމިޔާބު ދެއްވާ ޖަލާލުވަންތަ ކަލާނގެ. އެކަލާނގެ އަހާއި އަސްވާރު ކަނޑު ލެއްވި. މިއަޅާގެ ގަދަފަދަ ކިއްލާއަކީ އެ މާތްރަސްކަލާނގެ. މިއަޅާ ސަލާމަތް ކޮށް ދެއްވީ އެކަލާނގެ. އެކަލާނގެއަކީ މިއަޅާގެ ކަލާނގެ. އެހެންވެ އެކަލާނގެއަށް ސަނާ ދަންނަވައި މިއަޅާ ލަވަކިޔަން. އެކަލާނގެއީ މިއަޅާގެ ކާބަފައިންގެ ވެރި އިލާހު. އެކަލާނގެ މަތިވެރި ކަމަށްޓަކައި މިއަޅާ ސަނާ ދަންނަވަން. އެ މާތްރަސްކަލާނގެއަކީ އެންމެ މޮޅަށް ހަނގުރާމަ ކުރައްވާ ފަހުލަވާނު. އެކަލާނގެ ނަންފުޅަކީ ޔަހޫވޭ. އެކަލާނގެ މިޞްރުގެ ލަޝްކަރާއި އަސްގާޑިޔާތައް ކަނޑުލެއްވި. އެމީހުންގެ ތެރޭގައި ތިބި އެންމެ މަތީ އޮފިސަރުން ރަތް ކަނޑަށް ޣަރަގު ކުރެއްވި. އެ ފުންކަނޑު އައިސް އެމީހުން ވަށާލި. އަދި އެމީހުން ގަލެއް ހެން ކަނޑުގެ އަޑިއަށް ގެނބިގެން ދިޔަ. މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ކަނާތްޕުޅުގެ މަތިވެރި ބާރުފުޅު ކިހާގަދަ! އެ އަތްޕުޅުން ދުޝްމަނުންގެ ލަޝްކަރު އެއްކޮށް ފުނޑުފުނޑުކޮށްލެއްވި. އެމަތިވެރި ބާރުފުޅުން އިނބަރަސްކަލާނގެ އަދާވާތްތެރިންގެ މައްޗަށް ފަތަޙަ ހޯއްދެވި. އިނބަރަސްކަލާނގެ ކޯފާއިން އެމީހުން ހުއިކޮޅެއް ފަދައިން އަނދައިގެން ދިޔަ. އިނބަރަސްކަލާނގެ ފުމެލެއްވުމުން ކަނޑު ކެވިއަރައިގެން ދިޔަ. ބޮޑު ފާރެއް ހެން ދެފަރާތުގައި ކަނޑުގެ ލޮނުގަނޑު އަރާފައި ހުރި. ކަނޑުގެ ފުނުގައިވާ ލޮނުގަނޑު ހަރުވެ އުފުލިފައި ހުރި. އަދާވާތްތެރިޔާ ބުނި. ’އަހަރެން އެމީހުން ފަހައިގޮސް އަތުލާނަން. އަހަރެން އެމީހުންގެ މުދާތައް ބަހައިލާނަން. އަހަރެން ބޭނުން އެއްޗެއް ދަމައިގަންނާނަން. އަހަރެންގެ ކަނޑީގެ ބާރުގައި އެހުރިހާ އެއްޗެއް ފޭރިގަންނާނަން.‘ އެކަމަކު އިނބަރަސްކަލާނގެ އެންމެ ފަހަރަކު ފުމެލައްވާ އިރަށް މިޞްރުގެ އެންމެން ނެތިވެ ހިނގައްޖެ. އެގަދަފަދަ ކަނޑުތެރެއަށް އެމީހުން ތިމަރަ ބަރިތަކެއް ފަދައިން ގެނބިގެން ހިނގައްޖެ. ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟ އިނބަރަސްކަލާނގެ ޖަލާލުވަންތަ ކަމާއި މާތްކަމުގެ ކޮޅެއް ކޮބައިތޯ؟ މަތިވެރި ތިޔަފަދަ މުޢުޖިޒާތެއް ދެއްކޭނެ އެކަކުވެސް ކޮބައިތޯ؟ އިނބަރަސްކަލާނގެ ކަނާތްޕުޅު އުފުއްލަވައިލެއްވުމުން ބިންގަނޑު އައިސް އަދާވާތްތެރިން ދިރުވައިލި. ދެގޮތެއްނުވާ ލޯބިފުޅަކާއެކު އިނބަރަސްކަލާނގެ މިންޖުކުރެއްވި މީހުންތަކަށް މަގު ދެއްކެވި. އިނބަރަސްކަލާނގެ ކުޅަދުންވަންތަ ކަމުން މާތްވެގެންވާ މަޤާމުފުޅަށް އެމީހުން ގެންދެވި. މިވާހަކަ އަޑު އަހައި މީސްތަކުން ބިރުން ތުރުތުރުލައިގެން ދިޔަ. ފިލިސްޠިޔާގައި އުޅޭ މީހުން ބިރުން ފިތްކަނޑައިގެން ދިޔަ. އަދޫމުގެ ވެރިން ގަތް ބިރުގެ ކޮޅެއް ވެސް ނެތް. މުއާބުގެ ގަދަ ފަހުލަވާނުން ތުރުތުރު އެޅި. ކަންޢާނުގެ އަހުލުވެރިން ބިރުން ވިރިގެން ދިޔަ. އެމީހުންގެ މައްޗަށް ބިރާއި ހާސްކަން ވެރިވެގެން ދިޔަ. އިނބަރަސްކަލާނގެ އަތްޕުޅުގެ މަތިވެރި ބާރުފުޅުން އެމީހުން ހިލަތަކެއް ފަދައިން ފުރާނަ ނެތިފައި ތިބި. އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ހުރަސްކުރަންދެން. އެއީ އިނބަރަސްކަލާނގެ އަޅުވެތިކަމުން ސަލާމަތް ކުރި މީހުން. އިނބަރަސްކަލާނގެ އެމީހުން މުޤައްދަސް ފަރުބަދަމައްޗަށް ގެންނަވައި އެތާގައި ގަސްތަކެއް ފަދައިން އިންދަވާނެ. އޭ މާތްރަސްކަލާނކޯ! އެތަނަކީ އިނބަރަސްކަލާނގެ ގެކޮޅުގެ ގޮތުގައި ޚާއްސަ ކުރައްވައި ބާއްވާފައިވާ މަޤާމުފުޅު. އެއީ އިނބަރަސްކަލާނގެ އަތްޕުޅުން މާތްކުރެއްވި މަޤާމުފުޅެއް. މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެއަކީ ދާއިމަށް ދިރި ދެމިވޮޑިގެންވާ ރަސްގެފާނު!“ ފިރުޢައުނުގެ އަސްތަކާއި އަސްގާޑިޔާތަކާއި އަސްވާރުންތައް ކަނޑުން ހިކިފައިވާ ތަނަށް އެރުނެވެ. ދެން މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ކަނޑުގެ ލޮނުގަނޑު އޮއްސެވިއެވެ. އެއާއެކު އެމީހުން ގެނބިގެން ދިޔައެވެ. އިސްރާއީލީންގެ މީހުން ދިޔައީ ކަނޑުމެދުން ހެދިފައިވާ ހިކި ފަސްގަނޑުގެ މަތިންނެވެ! ދެން ހާރޫނުގެފާނުގެ ދައްތަ ނަބީ މަރިޔަމް ތާރައެއް ހިފައިގެން އައިސް ޖަހަން ފެށުމުން ދެންތިބި އަންހެންވެރިން ވެސް ތާރަ ޖަހައި ނަށަން ފަށައިފިއެވެ. މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ: ”މާތްރަސްކަލާނގެއަށް މަދަހަސަނާ ކިޔަމާ ހިނގާ. އެހެނީ އެކަލާނގެ ޖަލާލަތުވަންތަ ކަމުގައި ކާމިޔާބު ވެއްޖެ. އަހާއި އަސްދުއްވާ މީހާ އެކަލާނގެ ކަނޑުލައްވައިފި.“ ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެތެރޭގައި ތިންދުވަސްވަންދެން ހިނގި އިރުވެސް އެތަނަކުން ފެނެއް ނުފެނުނެވެ. ދެން އެމީހުން މާއްރާގެ ފެންއާރާ ހަމައަށް އައިސް ރަހަބަލާލިއިރު އެފެން ހިތިކަމުން ބޮވޭވަރެއް ނުވެއެވެ. އެހެންވެ އެމީހުން އެތަނަށް މާއްރާ އޭ ކިޔާ ނަންދިނެވެ. ދެން އެމީހުން އެކަމާ ބެހޭގޮތުން މޫސާގެފާނަށް ޝަކުވާ ދެންނެވިއެވެ. ”އަހަރެމެން ބޯނީ ކޮން އެއްޗެއް؟“ ދެން މޫސާގެފާނު މާތްރަސްކަލާނގެއަށް ޚުޝޫއަތްތެރި ކަމާއެކު ދުޢާ ދެންނެވުމުން އެކަލާނގެ މޫސާގެފާނަށް ލަކުޑިކޮޅެއް ދެއްކެވިއެވެ. އެކަލޭގެފާނު އެލަކުޑިކޮޅު އެފެންއާރު ތެރެއަށް އެއްލަވާ ލެއްވުމާއެކު އެ ފެން، ބޯން ކަމުދާ ފެނަކަށް ވެއްޖެއެވެ. މާތްރަސްކަލާނގެ އެތަނުގައި އެމީހުންނަށް އަމުރުފުޅެއް ކުރެއްވިއެވެ. އަދި އެމީހުންގެ އީމާންކަން އިމްތިޙާނު ކުރެއްވިއެވެ. އެކަލާނގެ އެންގެވިއެވެ. ”ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.“ މައްރާ ދޫކޮށް އިސްރާއީލީން ދަތުރުކުރަމުން ގޮސް އީލީމް ފެންއާރު ދޮށަށް ހިނގައްޖެއެވެ. އެތަނުގައި ފެންއަރާ ބާރަ ފެންއާރާއި ހަތްދިހަ ރުއް ހުއްޓެވެ. އެމީހުން އެފެންއާރުތަކުގެ ކާރީގައި ފޭލިގެ ޖަހައިފިއެވެ.