ނެރުއްވުން. 14. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އިސްރާއީލީން އަނބުރާލާފައި މަޖްދަލު އާއި ކަނޑާއި ދެމެދުގައިވާ ފީހަޚީރޫތުގައި މަޑު ކުރަން އަންގާ. އަދި ބަޢަލް ޞަފޫނުގެ ކައިރި އައްސޭރިފަށުގައި ފޭލިގެ ޖަހާ. އޭރުން ފިރުޢައުނު ހީކޮށްފާނެ، އިސްރާއީލީންނަށް މަގުއޮޅިއްޖެޔޭ. އެމީހުން ސަހަރާތެރޭގައި ބެދިއްޖެޔޭ! އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ. ފިރުޢައުނު ރަސްގެފާނަށް އިސްރާއީލީން ފިލައިގެން ދިޔަ ޚަބަރު ލިބި ވަޑައިގަތުމުން ރަސްގެފާނާއި ވަޒީރުންގެ ޚިޔާލު ބަދަލުވެއްޖެއެވެ. ”އަހަރެމެން އިސްރާއީލު އަޅުން ދިޔަ ދިނީ ކީއްވެ؟ އަހަރެމެން މިކުރީ ކީއް ހޭ؟“ ކިޔައިގެން އެމީހުން ސުވާލު ކުރިއެވެ. ދެން ފިރުޢައުނު ރަސްގެފާނު އެރަސްގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ލަޝްކަރު ނެރުއްވައިފިއެވެ. ރަސްގެފާނާއެކު މިޞްރުގެ އެންމެ މޮޅު ހަސަތޭކަ އަސްގާޑިޔަލާއި ދެންވެސް މިޞްރުގައި ހުރިއްޔާ ހުރި އަސްގާޑިޔާތަކަށް ވެސް ވެރިޔަކު ލައިގެން ގެންދެވިއެވެ. މާތްރަސްކަލާނގެ ފިރުޢައުނުގެ ހިތްޕުޅު ހަރު ކުރައްވާފައި ވާތީ އެ ރަސްގެފާނު އިސްރާއީލުގެ މީހުންގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭރު އިސްރާއީލީން ދެކޮޅުވެރިކަމާއެކު ގޮށްމުށް އުކަމުން ކުރިޔަށް ދިޔައެވެ. މިޞްރު މީހުން ފިރުޢައުނު ރަސްގެފާނުގެ އަސްތަކާއި އަސްގާޑިޔާތަކާއި އަސްވާރުންނާއި، ސިފައިންނާއެކު އިސްރާއީލީންގެ ފަހަތުން ދިޔައެވެ. އެމީހުންނަށް އިސްރާއީލީން ފެނުނީ ބަޢަލް ޞަފޫނު ކައިރިފަށުގައި ފަމިލްޙީރޫޘުގެ ކާރީގައި ފޭލިގެ ޖަހައިގެން ތިއްބައެވެ. ފިރުޢައުނުގެ ލަޝްކަރު އަންނަތަން ފެނުމުން އިސްރާއީލީން ކަންބޮޑުވެ ތެޅިފޮޅިގެންފިއެވެ. އެމީހުން ގަދަ އަޑުން މާތްރަސްކަލާނގެއަށް ގޮވައި ރޮއިހޭރެން ފަށައިފިއެވެ. އަދި އެމީހުން މޫސާގެފާނާ ޝަކުވާކުރިއެވެ. ”މި ސަހަރާތެރޭގައި އަހަރެމެން މަރާލަން އަހަރެމެން ގެނައީ ކީއްކުރަންތަ؟ އަހަރެމެން މަރުވީމާ ވަޅުލާނެ ބިން މިޞްރުގައި ނެތީތަ؟ ކޮންމެހެން އަހަރެމެން މިތަނަށް ގެންނަން ޖެހޭތަ؟ ކަލޭ އަހަރެމެން މިޞްރުން ނެރުނީ ކީއްވެ؟ އަހަރެމެން މިޞްރުގައި ތިބެފާ ވެސް މިކަންތައް ވާނީ މިހެންނޭ ނުބުނަންތަ؟ އަހަރެމެން ބުނީމު، ’އަހަރެމެން ތިބިޔަ ދޭށޭ، އަހަރެމެން މިޞްރު މީހުންގެ އަޅުންގެ ގޮތުގައި އުޅެފާނަމޭ. ސަހަރާތެރޭގައި މަރުވެ ދިއުމަށް ވުރެން މިޞްރުގައި އަޅުވެތިވެފައި ތިބުންވެސް މާ ރަނގަޅޭ!‘“ އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”ބިރު ނުގަނޭ. ހަމަ ޖެހިގެން ތިބޭ. މާތްރަސްކަލާނގެ މިއަދު ކަލޭމެން ސަލާމަތް ކުރައްވާތަން ބަލަން ތިބޭ. މިއަދު ކަލޭމެންނަށް މިފެންނަ މިޞްރު މީހުންނެއް ދެނެއް ކަލޭމެންނަކަށް ނުފެންނާނެ. މާތްރަސްކަލާނގެ ކަލޭމެންނަށްޓަކައި ހަނގުރާމަ ކުރައްވާނެ. ހަމަޖެހިގެން ތިބޭ!“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭ ތިޔަ ރޮއި އާދޭސް ކުރަނީ ކީއްވެ؟ އެމީހުން ގާތު ބުނޭ ’ކުރިއަށް ހިނގައިގަންނާށޭ!‘ ކަލޭގެ އަސާ ތިއޮތް ކަނޑާއި ދިމާއަށް އުފުލާ. އޭރުން ކަނޑު ދެފަޅިވެދާނެ. ކަލޭމެން އެ ދެމެދުން ހިކިފައިވާ ބިމުން ހިނގާފައި ގޮސް އަނެއް ފަރާތު އެއްގަމަށް އަރާ. އަހަރެން މިޞްރު މީހުންގެ ގޮތްދޫނުކުރާނެހެން ހަދާނަން. އޭރުން އެމީހުން ކަލޭމެންގެ ފަހަތުން ދާނެ. ފިރުޢައުނަށާއި އޭނާގެ ސިފައިންނާއި އަސްވާރުންނާއި އަސްގާޑިޔާތަކުގެ މައްޗަށް ފަތަޙަ ހޯދުމުން އެކަމުގެ ސަބަބުން އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އުފުލިގެންދާނެ. އަހަރެން ފިރުޢައުނާއި އޭނާގެ މީހުން ބަލިކޮށްލާތަން ފެނުމުން މިޞްރު މީހުންނަށް އެނގޭނެ، މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން ބަނީ އިސްރާއީލުންނަށް މަގުދައްކަވަމުން ވަޑައިގެންނެވި މާތް ﷲގެ މަލާއިކަތާ އެ ލަޝްކަރުގެ ފުރަގަހަށް ވަޑައިގެންފިއެވެ. އަދި ވިލާގެ ތަނބުވެސް ކުރިމަތީގައި ހުރެފައި އެ މީހުންގެ ފުރަގަހަށް އައިސް ހުއްޓިއްޖެއެވެ. ވިލާގަނޑު މަޑުކޮށްލީ މިޞްރު މީހުންނާއި އިސްރާއީލީންގެ ދެމެދުގައެވެ. ރޭގަނޑުވުމުން އެވިލާގަނޑު އަލިފާންގަނޑަކަށް ބަދަލުވެ އިސްރާއީލީންގެ ފޭލިގެތަކަށް އަލިކޮށް ދީފައިވެއެވެ. އެކަމަކު އެއިން މިޞްރު މީހުންގެ ފޭލިގެތަކަށް އެޅިފައި ވަނީ އަނދިރިކަމެވެ. އެރެއަކު މިޞްރު މީހުންނާ އިސްރާއީލީންނާ ދެމެދަކު ކުރިމަތިލުމެއް ނުހިނގައެވެ. ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އަދި އެއާއެކު މާތްރަސްކަލާނގެ އިރުމަތިން ގަދަވައެއް ފޮނުއްވައިފިއެވެ. މުޅިއެރޭގެ ހަތަރުދަމު އެހެން ވައިޖެހެމުންގޮސް ކަނޑު ތިލަވެ ހިކިފަސްތަނެއް ހެދިއްޖެއެވެ. ކަނޑު ދެބައިވެއްޖެއެވެ! އެހެންވެ ބަނީ އިސްރާއީލީން ކަނޑުމެދުން ހިކިފައިވާ ބިމުގައި ހިނގާފައި ދިޔައެވެ. އޭރު އެމީހުންގެ ދެފަރާތުގައި ކަނޑުގެ ލޮނުގަނޑު ފާރެއްހެން އުފުލިފައި ހުއްޓެވެ! ދެން މިޞްރުގެ ލަޝްކަރުގައި ތިބި ފިރުޢައުނުގެ އަސްތަކާއި އަސްވާރުންނާއި އަސްގާޑިޔާތައް އިސްރާއީލީން ފަހަތުން އަންނަން ފަށައިފިއެވެ. ފަތިސްދަމަށް އެޅުނުތަނާ މާތްރަސްކަލާނގެ އަލިފާނާއި ވިލާގެ ތަނބުގެ ތެރޭން މިޞްރު މީހުންގެ މައްޗަށް ބައްލަވާ ވޮޑިގެން އެމީހުންގެ ލަޝްކަރު އޮޅުން ބޮޅުންވާނެހެން ހައްދަވައިފިއެވެ. އަދި އެމީހުންގެ އަސްގާޑިޔާތަކުގެ ފުރޮޅުތައް އުޅާސް ކޮށްލެއްވިއެވެ. އެހެންވެ އެގާޑިޔާތައް ދުއްވުން ދަތިވެއްޖެއެވެ. ”އިސްރާއީލީން ދޫކޮށް މިތަނުން އަވަހަށް ދާން ހިނގާ!“ މިޞްރު މީހުން ހަޅޭއްލަވަން ފެށިއެވެ. ”މާތްރަސްކަލާނގެ އަހަރެމެން މިޞްރު މީހުންނާ ދެކޮޅަށް އިސްރާއީލީންނަށްޓަކައި އެބަ ހަނގުރާމަ ކުރައްވާ!“ އިސްރާއީލީންނަށް ކަނޑުގެ އަނެއް ފަރާތަށް ދެވުމުން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެ އަސާ ކަނޑާ ދިމާއަށް އަނެއްކާވެސް އުފުލާ. އޭރުން ކަނޑު އައިސް ބެދި މިޞްރު މީހުންނާއި އަސްވާރުންނާއި އަސްގާޑިޔާތައް ކަނޑުވެދާނެ.“ މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އިރުއެރިއިރު ކަނޑުގެ ލޮނުގަނޑު އޭގެ އަސްލު މަޤާމަށް ރުޖޫޢަ ވެއްޖެއެވެ. އެވަގުތު މިޞްރު މީހުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މާތްރަސްކަލާނގެ އެމީހުން ކަނޑުލައްވައިފިއެވެ. ކަނޑުގެ ލޮނުގަނޑު އައިސް އަސްވާރުންނާއި އަސްގާޑިޔާތަކާއި ފިރުޢައުނުގެ ލަޝްކަރު އެއްކޮށް ގަންބާލިއެވެ. އިސްރާއީލީން ފަހައި އައި މިޞްރުގެ އެންމެން ޣަރަގުވެ ހިނގައްޖެއެވެ. އޭގެ އެކަކުވެސް ސަލާމަތެއް ނުވެއެވެ. އެކަމަކު ބަނީ އިސްރާއީލީން ކަނޑުމެދުން ހިނގާފައި އައިސް ހިކިފަސްތަނަށް އަރައިފިއެވެ. އެމީހުން އައިއިރު ކަނޑުގެ ލޮނުގަނޑު ހުރީ އެމީހުންގެ ދެފަރާތުގައި ފާރެއްހެން އުފުލިފައެވެ. މާތްރަސްކަލާނގެ އެދުވަހު އިސްރާއީލީން މިޞްރު މީހުންގެ އަތްދަށުން ސަލާމަތްކުރެއްވީ އެފަދައިންނެވެ. މިޞްރު މީހުންގެ މުޅަމަސްތައް ގޮނޑުދޮށަށް ލައްގަމުން ދިޔަތަން އިސްރާއީލީން ދުއްޓެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތަ ގަދަފަދަ ބާރުފުޅު މިޞްރުގެ މީހުންގެ މައްޗަށް ދެއްކެވިތަން ފެނުމުން އިސްރާއީލީން ހައިރާންވެ ބިރުގެންފައި ތިއްބެވެ. އެމީހުން މާތްރަސްކަލާނގެއާއި އެކަލާނގެ ޚާދިމު މޫސާގެފާނަށް އީމާންވެ ތިއްބެވެ.