ނެރުއްވުން. 13. މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އިސްރާއީލީންގެ މީހުންނަށް ލިބޭ ފުރަތަމަ ފިރިހެން ދަރިފުޅު އަހަރެންގެ ކިބައަށް ޚާއްސަ ކުރޭ. އަދި ޖަނަވާރުތަކުގެ ދޮށީ އެއްޗާމެދު ވެސް އެފަދައިން ކަންތައް ކުރޭ. އެހެނީ އެއީ އަހަރެންނަށް ޚާއްސަ ތަކެތި.“ ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ. މި ދުވަހު، އަބީބު މަހު މިޞްރުން ކަލޭމެން ބޭރުކުރެވުނު. ކަލޭމެން ތިޔަ ވަނީ މިންޖު ކޮށްފަ. ކަލޭމެން ކަންޢާނީންނާއި ޙިއްޘީންނާއި އަމޫރީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް މާތްރަސްކަލާނގެ ގެންދަވާ މިދުވަހުގެ މަތިން ކޮންމެ އަހަރަކު ހަނދާން އާކޮށް އުފާފާޅު ކުރަން ވާނެ. މިއީ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންފައިވާ ބިން. އަދި އެއީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެމަހުގެ ހަތް ދުވަހު ކަލޭމެން ފިހާ ރޮއްޓަށް ކަމީރު ލައިގެން ނުވާނެ. ހަތްވަނައަށް ވާ ދުވަހު މާތްރަސްކަލާނގެއަށް ޚާއްސަ ޢީދެއް ފާހަގަ ކުރަން ވާނެ. މި ހަތްދުވަހު ކާ ރޮއްޓަކަށް ކަމީރު ލައިގެން ނުވާނެ. ކަލޭމެން އުޅޭ ސަރަހައްދަކު ވެސް މިދުވަސްތަކުގައި ކަމީރު ހުރެގެން ނުވާނެ. މި ޢީދުގެ ހަތްވަނަ ދުވަހު ކަލޭމެންގެ ދަރިން ގާތު، މިއީ ކީއްކުރަން ބާއްވާ ޢީދެއްކަން ކަލޭމެން ކިޔާދޭން ވާނެ. ކަލޭމެން ބުނާތި، ’ތިމަންމެން މިޢީދު މި ފާހަގަ ކުރަނީ މާތްރަސްކަލާނގެ ތިމަންމެން މިޞްރުން ނެރުއްވައި މިންޖު ކޮށް ދެއްވި ކަމުގެ ހަނދާން އާ ކުރުމަށޭ.‘ މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.‘ އެހެންކަމުން މިކަމަށް ޚާއްސަވެފައިވާ ދުވަހު ކޮންމެ އަހަރަކުވެސް މި ކަންތައް ކުރަމުން ގެންދަން ވާނެ. މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް ޢަހުދުކަށަވަރު ކުރެއްވި ކަންޢާނީންގެ ބިން ކަލޭމެންނަށް ދެއްވާ ހިނދު، ކަލޭމެންނަށް ލިބޭ ފުރަތަމަ ފިރިހެން ދަރިފުޅާއި ކަލޭމެންގެ ޖަނަވާރުގެ ފުރަތަމަ އެތި މާތްރަސްކަލާނގެއަށް ޚާއްސަ ކުރަން ވާނެ. އެއީ އެކަލާނގެއަށް ވާ ތަކެތި. އެކަމަކު ދޮށީ ހިމާރު އަލުން ގަންނަ ނަމަ އޭގެ ބަދަލުގައި ކަންބަޅިއެއް ހުށަހަޅަން ޖެހޭނެ. ހިމާރު ގަންނަން ބޭނުން ނުވާނަމަ އޭގެ ކަރު ބިންދާލަން ޖެހޭނެ. އެކަމަކު ކަލޭމެންގެ ދޮށީ ފިރިހެން ދަރިން އަލުން ގަންނަން ވާނެ. ފަހުން އަންނަ ކުދިން ކަލޭމެން ކުރެން އަހާނެ ’މީގެ މާނައަކީ ކޮބައިހޭ؟‘ ކަލޭމެން ބުނާތި ’ތިމަންމެން މިޞްރުގައި އަޅުވެތިވެފައި ތިއްބާ މާތްރަސްކަލާނގެ އެކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ތިމަންމެން މިޞްރުން ނެރުއްވައި މިނިވަން ކޮށްދެއްވިއޭ. ފިރުޢައުނު ގޮތްދޫނުކޮށް ތިމަންމެން މިޞްރުން ބޭރުވުމަށް ދެކޮޅު ހެއްދެވިއޭ. އެހެންކަމުން އެމީހުންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި އެކަލާނގެ މަރުގެންނެވިއޭ. ތިމަންމެން އެކަމުގެ ހަނދާނެއްގެ ގޮތުން ތިމަންމެންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި މާތްރަސްކަލާނގެއަށް މިހެން ޤުރުބާން ކުރަނީއޭ. އެކަމަކު ތިމަންމެންގެ ދޮށީ ފިރިހެން ދަރިން ޤުރުބާނީ ނުކޮށް އޭގެ ބަދަލުގައި ޖަނަވާރަކުން އަގުދައްކަނީއޭ.‘ މި ޢީދު ރަމްޒު ކޮށްދެނީ ކަލޭމެންގެ އަތްތިލައިގައި ނުވަތަ ނިއްކުރީގައި ޖަހާލެވޭ ފާހަގައެއްގެ ގޮތުގައި. މިކަމުން ދައްކައި ދެނީ މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން މިންޖުކޮށް ދެއްވި ކަން.“ އިސްރާއީލީން ދިއުމުގެ ހުއްދަ ފިރުޢައުނު ރަސްގެފާނު ދެއްވުމުން މާތްﷲ އެމީހުންނަށް ދެއްކެވި މަގަކީ ފިލިސްޠިއްޔާގެ ސަރަހައްދު ތެރޭން ދާން އޮންނަ މަގެއް ނޫނެވެ. މިއީ ވަޢުދުކުރެއްވި ބިމާ އެންމެ ކައިރި އެންމެ ކުރު މަގު ކަމުގައި ވިޔަސް ވެސް މެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ”އެމީހުންނާ ހަނގުރާމައެއް ކުރިމަތި ވެއްޖެއްޔާ އެމީހުން އަނބުރާލާފައި މިޞްރަށް ހިނގައިދާނެ.“ މިހެން ވަޙީކުރައްވާފައި މާތްﷲ އެމީހުން ގެންދެވީ ވަށާލައިގެން ހަނަފަސް ސަހަރާގެ ތެރޭން ރަތް ކަނޑާ ދިމާއަށެވެ. އެމީހުން މިޞްރުން ނުކުމެގެން ދިޔައީ ހަނގުރާމައަކަށް ދާ ލަޝްކަރެއް ފަދައިންނެވެ. މޫސާގެފާނު ވަޑައިގެންނެވީ ޔޫސުފުގެފާނުގެ ކަށިތައް ހިއްޕަވައިގެންނެވެ. އެހެނީ އިސްރާއީލީން ލައްވައި ޔޫސުފުގެފާނު ވަނީ މިގޮތަށް މިކަންތައް ކުރުމަށް ހުވާ ކުރުއްވާފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ”މާތްﷲ ކަލޭމެން ސަލާމަތް ކުރައްވަން މިތަނުގައި ވޮޑިގަންނަވާނެ. އެދުވަހަކުން ކަލޭމެން ދާން ވާނީ އަހަރެންގެ ކަށިތައް ހިފައިގެން.“ އިސްރާއީލީން ސުއްކޫތުން ނުކުމެ ސަހަރާގެ ކައިރިފަށުގައި ވާ އީޘާމުގައި ފޭލިގެ ޖަހައިފިއެވެ. މާތްރަސްކަލާނގެ އެމީހުންގެ ކުރީގައި ވޮޑިގެންވިއެވެ. ދުވާލުގެ ވަގުތުގައި އެމީހުންނަށް އެކަލާނގެ މަގު ދެއްކެވީ ވިލާގެ ތަނބަކުންނެވެ. ރޭނގަނޑުގެ ވަގުތުގައި މަގު ދެއްކެވީ އަލިފާނުގެ ތަނބަކުންނެވެ. މިގޮތުން އެމީހުންނަށް ރެއާއި ދުވާލު ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވިއެވެ. އެމީހުންގެ ކުރިމަތީގައި ހުރި ވިލާގެ ތަނބާއި އަލިފާނުގެ ތަނބު މާތްރަސްކަލާނގެ އެހުރިހާ އިރަކު އެމީހުންގެ ކުރިމަތީގައި އެގޮތުގައި ބެހެއްޓެވިއެވެ.