ނެރުއްވުން. 9. މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ފިރުޢައުނުގެ ގާތަށް ދޭ. ގޮސް ބުނޭ، ’ޢިބްރާނީންގެ އިލާހު، މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ. ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުވާލަ ދެއްވާށޭ. މަނިކުފާނު އެމީހުން ދިޔަ ނުދީ ހިފަހައްޓައިގެން އުޅުއްވާނަމަ މާތްރަސްކަލާނގެ އަތްޕުޅު އުފުއްލަވައި މިރަށުގެ ހުރިހާ ޖަނަވާރުތަކަށް މުސީބާތެއް ފޮނުއްވާފާނެޔޭ. އެ މުސީބާތް ފޮނުއްވާނީ މަނިކުފާނުގެ އަސްތަކާއި ހިމާރުތަކާއި ޖަމަލު ތަކާއި ގެރިބަކަރި ކަންބަޅިތަކަށޭ. އިސްރާއީލީންގެ ޖަނަވާރުތަކާއި މިޞްރުގެ ޖަނަވާރުތަކާ މެދު މިކަންތަކުގައި ތަފާތު ކުރައްވާނަމޭ. އިސްރާއީލީންގެ އެންމެ ޖަނަވާރެއްވެސް މަރެއް ނުވާނެޔޭ. މާތްރަސްކަލާނގެ މިކަންތައް ކުރެއްވުމުގެ ވަގުތު ކަނޑައަޅުއްވައިފިއޭ. ތިމަންކަލާނގެ މިކަންތައް މާދަމައިން ފެށިގެން ކުރައްވާނަމޭ.‘“ މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެކަންތައް ކުރެއްވިއެވެ. އަނެއް ދުވަހު މިޞްރު މީހުންގެ ގެރިބަކަރި ޖަނަވާރުތައް މަރުވެއްޖެއެވެ. އެކަމަކު އިސްރާއީލީންގެ އެންމެ ޖަނަވާރެއްވެސް މަރެއް ނުވެއެވެ. ދެން ފިރުޢައުނު ރަސްގެފާނުގެ ވަޒީރުން ފޮނުއްވައިގެން މިކަންތައް ތަހުޤީޤު ކުރައްވައިފިއެވެ. އެއީ ތެދެކެވެ. އިސްރާއީލުގެ މީހުންގެ އެންމެ ޖަނަވާރެއްވެސް މަރުވެފައެއް ނެތެވެ. އެހެން ވިޔަސް ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. ރަސްގެފާނު އެމީހުން ދިޔަކަ ނުދެއްވިއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”އުނދުނު ފުށްގަނޑުން އަޅި މުށްވަރުތަކެއް ނަގައި މޫސާ ގޮސް ފިރުޢައުނުގެ ކުރިފުޅުމަތީގައި ވައިގެތެރެއަށް އުކާލާ. އެ އަޅި ހިމުން ހިރަފުސް ފަދައިން މިޞްރުގެ ބިމަށް ފެތުރިގެން ދާނެ. އެއާއެކު މިޞްރުގެ ހުރިހާ މީހުންނާއި ތިބިހާ ޖަނަވާރުތަކެއްގެ ގައިގައި ފޮޅުނަގައި ފާރުވާނެ.“ ދެން އެދެބޭލަކުން އަޅި މުށެއް ހިއްޕަވައިގެން ވަޑައިގެން ފިރުޢައުނުގެ ކުރިފުޅުމަތީ ހުއްޓި ވަޑައިގަތެވެ. މޫސާގެފާނު އެ އަޅި މުށްވަރު ވައިގެތެރެއަށް ބުރުއްސަވާ ލައްވައިފިއެވެ. އެހިނދު މީސްމީހުންނާއި ޖަނަވާރުތަކުގެ ގައިގައި ފޮޅުނަގައި ފާރު ހެދެން ފަށައިފިއެވެ. ސިހުރުވެރިންނަށް ވެސް މޫސާގެފާނުގެ ކުރިފުޅުމައްޗަކަށް ނާދެވުނެވެ. އެއީ އެމީހުންގެ މުޅިގައިގައިވެސް އެހެނިހެން މިޞްރުގެ މީހުންނެކޭ އެއްފަދައިން ފޮޅުތައް ނަގާފައި ހުރީމައެވެ. އޭރު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ބޯހަރު ކުރައްވާފައެވެ. އެހެންވެ ފިރުޢައުނު މޫސާގެފާނުގެ ބަސްފުޅެއް ނޭހިއެވެ. އެކަން ހިނގީ ހަމަ އެކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިންނެވެ. މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ފަތިހު ތެދުވެގެން ގޮސް ފިރުޢައުނުގެ ކުރިފުޅުމައްޗަށް ދޭ. ގޮސް ބުނޭ، ’މިއީ ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ވަޙީބަސްފުޅޭ. ތިމަންކަލާނގެ މީހުން ތިމަން ކަލާނގެއަށް އަޅުކަން ކުރަން ދިޔަ ދެއްވާށޭ. މަނިކުފާނު އެކަންތައް އެގޮތަށް ނުކުރައްވައިފިނަމަ އިތުރު މުސީބާތްތައް މަނިކުފާނަށާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ފޮނުއްވާނަމޭ. އޭރުން ތިމަންކަލާނގެ ފަދަ ދެވަނަ ފަރާތެއް މިދުނިޔެމަތީގައި ނުވާކަން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެޔޭ. މިހާރު ތިމަންކަލާނގެ ބޭނުންފުޅުނަމަ ތިމަންކަލާނގެ އަތްޕުޅު އުފުއްލަވައި މަނިކުފާނާއި މަނިކުފާނުގެ މީހުންގެ މައްޗަށް ވަބާއެއް ފޮނުއްވައި މިދުނިޔޭގެ ބިމުން ތިޔަ ހުރިހާއެންމެން ފުހެލެއްވީމުހޭ. އެކަމަކު އެކަންތައް ތިމަން ކަލާނގެ ނުކުރައްވައި މިހުންނެވީ ވަކި މަގުސަދަކަށްޓަކައޭ. އެއީ ތިމަންކަލާނގެ ކުޅަދުންވަންތަކަން މަނިކުފާނަށް ދައްކަވައި ތިމަންކަލާނގެ ނަންފުޅު ދުނިޔޭގައި ދެންތިބިހާ ބަޔަކަށް ދައްކަވައި ހާމަ ކުރެއްވުމަށޭ. މިހެން ކަންތައް ހުރި އިރު ވެސް މަނިކުފާނު ތިޔަ އުޅުއްވަނީ އަދިވެސް ތިމަންކަލާނގެ މީހުންގެ މައްޗަށް ގަދަ ބާރު ހިންގަވައި އެމީހުން ދިޔަ ނުދެއްވަން ކަމަށޭ. އެހެން ވިއްޔާ މާދަމާގެ މިވަގުތު ތިބޭފުޅުންގެ މައްޗަށް މިޞްރުގެ ތާރީޚުގައިވެސް ފެނިފައި ނުވާފަދަ ގެއްލުންބޮޑު ގަނޑުފެނުގެ ތޫފާނެއް ފޮނުއްވާނަމޭ. އަވަސް ކުރައްވާށޭ! މަނިކުފާނުގެ ޚާދިމުންނާއި ޖަނަވާރުތައް ދަނޑުތަކުން ގެންނަވައި ހިޔާ ކުރައްވާށޭ. ގަނޑުފެން އޮހޭ އިރު ބޭރުގައި ހުރި މީހަކު ވިޔަސް އަދި ޖަނަވާރަކުވިޔަސް ސަލާމަތެއް ނުވާނެޔޭ.‘“ މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތައް އިވުމުން ފިރުޢައުނުގެ ބައެއް ވަޒީރުން ބިރުގެންފިއެވެ. އެމީހުން އަވަހަށް އެމީހުންގެ މީހުންނާއި ޖަނަވާރުތައް ދަނޑުތަކުން ގެނަސްފިއެވެ. އެކަމަކު މާތްރަސްކަލާނގެ މި އެންގެވި އެންގެވުމާމެދު އަޅާ ނުލިބަޔަކު އެމީހުންގެ މީހުންނާއި ޖަނަވާރުތައް ހިޔާ ކުރާކަށް ނޫޅުނެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެ އަތް އުޑާ ދިމާއަށް އުފުލާ. އޭރުން މިޞްރުގެ މީހުންނާއި ޖަނަވާރުތަކާއި ގަސްގަހާގެއްސަށާއި މުޅި މިޞްރުގެ ބިމަށް ގަނޑުފެނުގެ ވާރޭ ވެހިގެންފާނެ.“ ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އުޑާ ދިމާއަށް ދިއްކުރެއްވުމާއިއެކު ވިދާ ގުގުރައި ގަނޑުފެނުގެ ވާރޭ މުޅި މިޞްރުގެ ބިމަށް ވެހެން ފެށިއެވެ. މިވަރުގެ ގަދަފަދަ ތޫފާނެއް މުޅި މިޞްރުގެ ތާރީހުގައި ވެސް ފެނިފައެއް ނުވެއެވެ. މިއީ މެދުކެނޑުމެއް ނެތި ވިދާ ގުގުރަމުން ވެހެމުން ދިޔަ ގަނޑުފެނުގެ ފަނާ ކުރަނިވި ގަދަ ތޫފާނެކެވެ. މުޅި މިޞްރަށް އޮހެމުން ދިޔަ ގަނޑުފެންތައް ހާމަ ތަންތަނުގައި ހުރި ހުރިހާއެއްޗެއް ފަނާކޮށްލައިފި އެވެ. މިތޫފާނުގައި އެތައްބަޔަކާއި ޖަނަވާރުތަކާއި ދަނޑުތަކާއި ބިޔަ ގަސްތައްވެސް ސުންނާފަތިވެ ހިނގައްޖެއެވެ. މި ތޫފާނުގެ އަސަރު ނުފޯރާ އޮތީ ޖާސާންގެ ސަރަހައްދު އެކަންޏެވެ. އެއީ އިސްރާއީލީން ދިރިއުޅެމުން ދިޔަ އަވަށެވެ. ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”މިފަހަރު އަހަރެން ފާފަވެރި ވެއްޖެ.“ ފިރުޢައުނު އިޢުތިރާފުވެ ވަޑައިގަތެވެ. ”މާތްރަސްކަލާނގެ ވަނީ ޙައްޤު ގޮތުގައި. އަހަންނާއި އަހަރެންގެ މީހުންނަކީ ގޯސް ބައެއް. ކަލޭގެ އިލާހަށް އާދޭސް ދަންނަވާ، މި ބިރުވެރިކަން ބޮޑު ގުގުރުމާއި ގަނޑުފެނުގެ ތޫފާން ހުއްޓުވައި ދެއްވުން އެދި. މިހާރު ފުދޭވަރު ވެއްޖެ. މިފަހަރު އަހަރެން ކަލޭމެން ދިޔަ ދޭނަން. ކަލޭމެން ހިނދުކޮޅަކުވެސް މަޑުކުރާނެ ކަމެއް ނެތް.“ ”އެންމެ ރަނގަޅު.“ މޫސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު މިތަނުން ނުކުމެގެން ދާއިރު އަޅުގަނޑުގެ އަތް އުފުލައި މާތްރަސްކަލާނގެއަށް ދުޢާ ދަންނަވާނަން. އޭރުން މިތޫފާން ހުއްޓިދާނެ. އަދި އޭރުން މަނިކުފާނަށް އެނގި ވަޑައިގަންނަވާނެ މި ދުނިޔޭގެ ވެރިއަކީ މާތްރަސްކަލާނގެ ކަން. އެކަމަކު ރަސްގެފާނާއި ރަސްގެފާނުގެ ވަޒީރުން އަދިވެސް އެ އިލާހު، މާތްރަސްކަލާނގެ ދެކެ ބިރުނުގަންނަކަން އަޅުގަނޑަށް އެނގޭ.“ އޭރު ހުރިހާ ބާރުލީއަކާއި އަދި ޝައީރުތައް ހުރީ ފޯދިފައެވެ. އެހެންކަމުން މިހުރިހާ އެއްޗެއްވެސް ފަނާވެ ނެތިދިޔައެވެ. އެކަމަކު އޭރަކު އަދި ގޮދަން ކުރާތަކެއް ނުފޯދެއެވެ. އެހެންކަމުން އެއަކަށް ގެއްލުމެއް ނުވެއެވެ. މޫސާގެފާނު ފިރުޢައުނުގެ އަރިހުން ރަށްބޭރަށް ނުކުމެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އަތްޕުޅު އުފުއްލަވައި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. އެއާ އެކު ގުގުރުމާއި ވިދުމާއި ގަނޑުފެނުގެ ތޫފާން މައިތިރިވެއްޖެ އެވެ. އޮހެމުން ދިޔަ ވާރޭވެސް ހުއްޓާލައިފި އެވެ. އެ ވަރުގަދަ ތޫފާނު ހިމޭންވެގެން ދިޔަތަން ފިރުޢައުނަށް ފެނި ވަޑައިގަތުމުންވެސް، އެރަސްގެފާނާއި ރަސްގެފާނުގެ ވަޒީރުން އަނެއްކާވެސް ނުކިޔަމަންތެރި ވެއްޖެއެވެ. އެބޭފުޅުންގެ ބޯހަރުކަން އަދިވެސް ބޮޑަށް އިތުރުވެއްޖެއެވެ. މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވި ފަދައިން ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. އަދި އިސްރާއީލީން ދިއުމަކަށް އެރަސްގެފާނު ހުއްދައެއް ވެސް ނުދެއްވިއެވެ.