ނެރުއްވުން. 8. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ފިރުޢައުނު ގާތަށް ގޮސް ބުނޭ. ’މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ދިޔަ ދެއްވާށޭ. މަނިކުފާނު މިކަމާ ދެކޮޅު ހައްދަވައިފިނަމަ ތިޔަ ރަށަށް ބޮކުގެ މުސީބާތެއް ފޮނުއްވާނަމޭ. ނީލަކޯރު ބޮއްތަކުން ފުރި ބަނޑުންވެ އެއެއްޗެހިތައް އައިސް މަނިކުފާނުގެ ގަނޑުވަރަށް ވަދެ މަނިކުފާނު އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް ވަދެ މަނިކުފާނުގެ އެނދުދާންކޮޅަށް އަރައި، މަނިކުފާނާއި ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ ގޭގެއަށް ވަންނާނެއޭ. އަދި މަނިކުފާނުގެ ބަދިގޭ އަވަނަށާއި ތެލިތައްޓަށް އަރައި ފުމޭނެޔޭ. އެބޮއްތައް މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެގަޔަށް ފުމެ އަރާނެޔޭ.‘“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ހާރޫނުގެ ގާތު ބުނޭ އޭނާގެ އަސާ މިޞްރުގެ ހުރިހާ ކޯރަކާއި ފެންއާރަކާއި، ފެންފެންގަނޑަކަށް ދިއްކުރާށޭ. އެގޮތުން މިޞްރުގެ ހުރިހާ ތަނަކަށް ބޮއްތައް އަރުވާށޭ.“ ހާރޫނުގެފާނު އެކަލޭގެފާނުގެ އަތްޕުޅު މިޞްރުގެ ހުރިހާ ފެންފެންގަނޑެއްގެ މައްޗަށް އުފުއްލެވުމުން ބޮއްތައް އައިސް މުޅި މިޞްރުގެ ބިން ފުރާލައިފިއެވެ. އެކަމަކު ފިރުޢައުނުގެ ސިހުރުވެރިންވެސް އެމީހުންގެ ސިހުރުގެ ބާރުން މިޞްރު ބިމަށް ހަމަ އެގޮތަށް ބޮއްތައް އަރުވައިފިއެވެ. ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ދަންނަވައިގެން، މި ބޮއްތައް އަހަންނާއި އަހަރެންގެ މީހުންގެ ކިބައިން ދުރުކޮށް ދީ. އޭރުން އަހަރެން ކަލޭގެ މީހުން މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިޔަ ދޭނަން.“ މޫސާގެފާނު ވިދާޅުވިއެވެ. ”ރަސްގެފާނު ވަގުތެއް ކަނޑައަޅުއްވާ! ރަސްގެފާނަށާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންނަށްޓަކައި އަޅުގަނޑު ދުޢާ ދަންނަވަން މަނިކުފާނު އެދި ވަޑައިގަންނަވާ ވަގުތެއް ވިދާޅުވޭ. އޭރުން ރަސްގެފާނާއި ރަސްގެފާނުގެ ގަނޑުވަރުތަކުން ބޮކުގެ މުސީބާތް ފިލައިގެން ދާނެ. އޭގެ ފަހުން ނީލަ ކޯރު ނޫންތަނެއްގައި ބޮކެއް ނުއުޅޭނެ.“ ފިރުޢައުނު ވިދާޅުވިއެވެ. ”މާދަމާ ދުޢާ ދަންނަވާ!“ މޫސާގެފާނު ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. ރަސްގެފާނު އެދި ވަޑައިގެންނެވި ގޮތަށް ތިޔަ ކަންތައް ކޮށްދޭނަން. އޭރުން ރަސްގެފާނަށް އެނގި ވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން އިލާހެއް ނުވާކަން. އެ ބޮއްތައް ރަސްގެފާނުގެ ގަނޑުވަރުންނާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންގެ ކިބައިން ފިލައިގެން ހިނގައިދާނެ. އޭރުން ނީލަކޯރު ނޫންތަނެއްގައި އެއްވެސް ބޮކެއް ނޫޅޭނެ.“ ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގަނޑުވަރުން ވަޑައިގެން ރަސްގެފާނުގެ މައްޗަށް އެކަލާނގެ ފޮނުއްވި ބޮކުގެ މުސީބާތުން ސަލާމަތް ކޮށް ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައިފިއެވެ. މޫސާގެފާނު ދެންނެވި ދުޢާ މާތްރަސްކަލާނގެ އައްސަވައިފިއެވެ. އެއާއެކު ގޭގެއާއި ގޯތިތަކުގައިއާއި ދަނޑުފަނގުތަކުގައި ހުރި ހުރިހާ ބޮއްތަކެއް މަރުވެ ހުސްވެއްޖެއެވެ. ދެން މިޞްރު މީހުން އެބޮއްތައް ނެރެ ފުނި ޖަހައިފިއެވެ. އެއާއެކު މުޅި މިޞްރު ކުނިވަހުން އެއްވަސް ވެއްޖެއެވެ. ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ. މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ހާރޫނުގެފާނު ގާތު ބުނޭ. ’ކަލޭގެ އަސާ އުފުލައި ބިމުގައި ޖަހާށޭ. އެތަނުން އަރާ ހިރަފުހުން ހަފާމެހީގެ ބައިގަނޑެއް އުފެދޭނެޔޭ. އަދި މިޞްރުގައި ހުރި ހުރިހާ ހިރަފުހެއް ހަފާމެއްސަށް ވާނެއޭ.‘“ ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ހާރޫނުގެފާނު އަސާކޮޅުން ބިމުގެ ހިރަފުހުގައި ޖެއްސެވުމާއެކު އެ ހިރަފުސްތައް މުޅި މިޞްރުގެ ބިމަށް ހަފާމެހިތަކެއް ފަދައިން ފެތުރިގެންފިއެވެ. އެއާއެކު މިޞްރު މީހުންނާއި ޖަނަވާރުތަކުގެ މައްޗަށް އޭގެ މުސީބާތް ފޯރަން ފަށައިފިއެވެ. ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެ ބާވަތުގެ މެހި އުފައްދަން އުޅެފިއެވެ. އެކަމަކު މިފަހަރު އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އެ މެހިތައް އައިސް އިންސާނުންނާއި ޖަނަވާރުންގެ ގަޔަށް އަރައިގެންފިއެވެ. ސިހުރުވެރިން ރަސްގެފާނު ފިރުޢައުނަށް ދެންނެވިއެވެ. ”މިއީ ﷲގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!“ އެކަމަކުވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިންވެސް މެއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ. މަނިކުފާނު މިކަމާ ދެކޮޅު ހައްދަވާނަމަ މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ މައްޗަށް މެހީގެ ބައިގަނޑެއް ފޮނުއްވާނަމޭ. މިޞްރު މީހުންގެ ގޭގެއަށް މި މެހިތައް ވަދެ ފުރޭނެޔޭ. މުޅި މިޞްރުގެ ބިން މެހީން ފޮރުވޭނެޔޭ. އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން. ތިމަންކަލާނގެ މީހުންނާއި މަނިކުފާނުގެ މީހުން ތިމަންކަލާނގެ ތަފާތު ކުރައްވާނަމޭ. މިމުޢުޖިޒާތް މާދަމާ ފެންނާނެޔޭ.‘“ ދެން މާތްރަސްކަލާނގެ އެކަލާނގެ ވަޙީކުރެއްވި ފަދައިން ކަންތައް ކުރެއްވިއެވެ. މެހީގެ ބޮޑު ބައިގަނޑެއް އައިސް ފިރުޢައުނު ރަސްގެފާނާއި ވަޒީރުންގެ ގަނޑުވަރުތައް ފުރާލިއެވެ. އެއާއެކު މުޅި މިޞްރުގެ ބިން ހައިޖާނެއް ފަދައިން ފަނާވެގެން ދިޔައެވެ. ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”އެންމެ ރަނގަޅު. ދޭ ކަލޭމެންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން. އެކަމަކު އެކަންތައް ކުރަން ވާނީ މިތާ މިރަށުގައި.“ މޫސާގެފާނު ދެންނެވިއެވެ. ”ތިޔަ ގޮތެއް ކަމަކު ނުދާނެ. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުންކުރާ ގޮތާ މިޞްރު މީހުންނެއް ނުރުހޭނެ. މިޞްރު މީހުންނަށް އެތަން ފެނިގެން އަޅުގަނޑުމެން ގަލުން ތަޅާ މަރާލާނެ. އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއް ކުރަން ބޭނުން. އެއީ އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެ އެންގެވި ފަދައިން އެކަލާނގެއަށް ޤުރުބާނީ ވެދުން ކުރުމަށް.“ ”އެންމެ ރަނގަޅު. ދޭ!“ ފިރުޢައުނު ވިދާޅުވިއެވެ. ”ސަހަރާތެރެއަށް ކަލޭމެންގެ އިލާހު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކަލޭމެން ދިއުމުގެ ހުއްދަ ދީފިން. އެކަމަކު މާ ދުރަށް ނުދާތި. މިހާރު އަހަރެންގެ މައްޗަށް ދުޢާ ކޮށްދީ.“ މޫސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު ދާން ނުކުންނަމުން މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައިދޭނަން. އޭރުން މާދަމާ ރަސްގެފާނާއި ވަޒީރުންނާއި އެހެން ވެސް މީހުންގެ މަތިން މެހީގެ އުނދަގޫ ފިލައިގެން ދާނެ. އެކަމަކު އަޅުގަނޑު ރަސްގެފާނަށް އިންޒާރުކޮށް ދަންނަވަން، އަނެއްފަހަރު އަޅުގަނޑުމެންނަށް އިތުރުފުޅު ނުހައްދަވާތި. އަޅުގަނޑުމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދިއުން ހުއްޓުވައިގެން ނުވާނެ.“ ދެން މޫސާގެފާނު ރަސްގެފާނުގެ ގަނޑުވަރުން ވަޑައިގެން އެ މެހިތައް ދުރުކޮށް ދެއްވުން އެދި މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނު އެދި ވަޑައިގެންނެވި ފަދައިން މެހީގެ ބައިގަނޑު އެރަށުން ބޭރުކޮށް ލައްވައިފިއެވެ. އެހިނދު ރަސްގެފާނާއި ރަސްގެފާނުގެ ވަޒީރުންނާއި ރަސްގެފާނުގެ މީހުންގެ ތެރޭގައި އެންމެ މެއްސެއްވެސް ނެތި ހުސްވެއްޖެއެވެ. އެކަމަކު މިފަހަރުވެސް ރަސްގެފާނުގެ ގޮތްކޮޅެއް ދުލެއް ނުކުރެއްވިއެވެ. ހަމަހިލާ އެމީހުން ދިޔަކަ ނުދެއްވިއެވެ.