ނެރުއްވުން. 7. މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަހަރެން ފިރުޢައުނުގެ ކުރިމަތީގައި ކަލެއަކީ އިލާހު ކަމުގައި ހަދާނަން. އަދި ކަލޭގެ ބޭބެ ހާރޫނަކީ ކަލޭގެ ފޮނުވާ ނަބިއްޔާ ކަމަށް ހަދާނަން. އަހަރެން މިކުރާ އަމުރުތައް ހާރޫނުގެ ގާތު ބުނޭ. ބުނޭ ހާރޫނު ގޮސް ފިރުޢައުނު ރަސްގެފާނަށް އަމުރުކުރާށޭ. އިސްރާއީލީން އެރަށުން ދިޔަ ދޭށޭ. އެކަމަކުވެސް އަހަރެން ފިރުޢައުނުގެ ގޮތް ދޫނުކުރާނެހެން ހަދާނަން. އެއީ އަހަރެން މިޞްރު މީހުންނަށް ހައިރާންވާފަދަ ގިނަގުނަ މުޢުޖިޒާތްތަކާއި އަލާމާތްތައް ދެއްކި ކަމުގައި ވިޔަސްމެ. ދެންވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުުޖުުތަކެއްގެ ގޮތުގައި ނެރޭނަން. މިޞްރު މީހުންގެ މައްޗަށް ތިމަންކަލާނގެ އަތް އުފުލައި ގަދަފަދަ މުސީބާތެއް ފޮނުވައި އެރަށުން އިސްރާއީލީން ނެރުނީމާ އެމީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން.“ ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ކަންތައް ކުރެއްވިއެވެ. އޭރު މޫސާގެފާނުގެ އުމުރުފުޅުން 80 އަހަރެވެ. ހާރޫނުގެފާނުގެ އުމުރުފުޅުން 83 އަހަރެވެ. މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”ފިރުޢައުނު ރަސްގެފާނު ކަލޭމެންގެ ކިބައިން މުޢުޖިޒާތެއް ދެއްކުމަށް އެދިއްޖެނަމަ ހާރޫނު ގާތު ބުނޭ އޭނާގެ އަސާ ނަގައި ފިރުޢައުނުގެ ކުރިމައްޗަށް އެއްލާލާށޭ. އޭރުން އޭތި ހަރުފަޔަކަށް ވެދާނެ.“ ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައް ކުރެއްވިއެވެ. ހާރޫނުގެފާނު އެކަލޭގެފާނުގެ އަސާކޮޅު ފިރުޢައުނާއި ވަޒީރުންގެ ކުރިފުޅު މައްޗަށް ވައްޓަވާލެއްވުމާއެކު އެ އަސާކޮޅު ހަރުފަޔަކަށް ވެއްޖެއެވެ! ދެން ފިރުޢައުނު އޭނާގެ ބުއްދިވެރިންނާއި ފަންޑިތަވެރިން އެތަނަށް ގެންނަވައިފިއެވެ. އަދި އެމީހުންވެސް ފަންޑިތައިގެ ބާރުންވެސް އެކަންތައް ހަމަ އެފަދައިން ކޮށްފިއެވެ. އެމީހުންގެ އަސާތައް ވައްޓާލުމުން އެ އަސާތައް ވެސް ހަރުފަތަކަށް ބަދަލުވިއެވެ. އެކަމަކު ހާރޫނުގެފާނުގެ އަސާކޮޅުން އެ ހުރިހާ ހަރުފަތަކެއް ކާލިއެވެ. އެވަރުންވެސް ފިރުޢައުނުގެ ގޮތްދޫނުކުރުން ކުޑައެއް ނުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވާފައިވާ ފަދައިން، އެދެބޭކަލުން ވިދާޅުވި ބަސްފުޅު ފިރުޢައުނު ގަބޫލުފުޅެއް ނުކުރެއްވިއެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ފިރުޢައުނު ވަރަށް ބޯ ހަރުވާނެ. އޭނާ އެމީހުން ދިޔަކަ ނުދޭނެ. ވީމާ ފިރުޢައުނު ހެނދުނު ނީލަ ކޯރުދޮށަށް ދާއިރު އެތަނަށް ދޭ. ގޮސް ނީލަ ކޯރުދޮށުގައި އޭނާ އަންނަންދެން ތިބޭ. ކަލޭމެން ދާއިރު ހަރުފައަށް ބަދަލުވި ދަނޑިބުރި ގެންދާތި. ދެން އޭނާ ގާތު ބުނޭ. ’ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ތިމަން މެދުވެރިކޮށް އަންގަވައޭ ތިމަންކަލާނގެ މީހުން އަޅުކަން ކުރުމަށް ސަހަރާއަށް ދިޔަ ދޭށޭ. އެކަމަކު އަދިވެސް ތިމަންކަލާނގެ ބުނި އެބަސްތަކެއް ކަލޭ އަޑެއް ނާހައޭ.‘ އެހެންވެ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވިއޭ: ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެކަން ކަލެއަށް ދައްކައި ދޭނަމޭ. ބަލަންހުންނާށޭ! ތިމަންގެ އަތުގައި މިއޮތް އަސާއިން ނީލަކޯރުގެ ފެންގަނޑުގައި ޖަހާލުމުން މި ކޯރުގެ ފެންގަނޑު ލެޔަށް ވާނެއޭ. ކޯރުގައިވާ ހުރިހާ މަހެއް މަރުވެ ފެނުގައި ކުނިވަސް ދުވާނެއޭ. އޭރުން މިޞްރު މީހުންނަކަށް ނީލަކޯރުގެ ފެނެއް ނުބޮވޭނެއޭ.‘“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ހާރޫނުގެފާނު ގާތު ބުނޭ. ކަލޭގެ އަސާ ނަގައި މިޞްރުގެ ހުރިހާ ކޯރަކާއި، ފެންގަނޑުތަކާއި، ފެން ރައްކާކުރާ ތަންތަނާއި އަދި ފެންހެދިފައިވާ ކިސަޑުބިންތަކުގެ މައްޗަށް އުފުލާށޭ. އޭރުން މިޞްރުގައި ވާހައި މީރު ފެނެއް ލެޔަށް ބަދަލުވާނެޔޭ. މީސްމީހުންގެ ގޭގޭގައި ހުންނަ ލަކުޑި ބާލިދީއާއި ހިލަ ގުޅިތަކުގައި ހުރި ފެނަށް ދަންދެން ލެއަށް ބަދަލުވާނެއޭ.“ ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ފިރުޢައުނާއި އޭނާގެ ހުރިހާ ވަޒީރުން ބައްލަވަން ތިއްބަވަނިކޮށް ހާރޫނުގެފާނުގެ އަސާކޮޅު އުފުއްލަވައި ކޯރުގެ ފެންގަނޑުގައި އެއިން ޖައްސަވައިފިއެވެ. ހަމަ އެއާއެކު އެކޯރުގެ ހުރިހާ ފެނެއް ލެޔަށް ބަދަލުވެއްޖެއެވެ. ކޯރުގައި ހުރި ހުރިހާ މަސްތައް މަރުވެ ކުނިވަސް ދުވާ ވަރުން މިޞްރު މީހުންނަކަށް އެ ފެން ބޯކަށް ނުކެރުނެވެ. މުޅި މިޞްރުގެ ހުރިހާ ތަނެއްގައި ހުރީ ހުސް ލެއެވެ. އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ. ފިރުޢައުނު މިކަމާ އަޅާވެސް ނުލައްވައި އެނބުރި ގަނޑުވަރަށް ވަޑައިގެންފިއެވެ. މިޞްރު މީހުން ބޯފެން ހޯދުމަށް ނީލަކޯރު އައްސޭރީގެ އެތަން މިތަން ކޮންނަން ފަށައިފިއެވެ. އެހެނީ އެމީހުންނަކަށް ނީލަކޯރުގެ ފެން ބޯކަށް ނުކެރެއެވެ. މާތްރަސްކަލާނގެ ނީލަކޯރުގެ ފެންގަނޑު ލެއަށް ބަދަލުކުރެއްވިތާ އެއް ހަފުތާ ފާއިތުވެ ހިނގައްޖެއެވެ.