ނެރުއްވުން. 5. އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”ބަނީއިސްރާއީލީންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.‘“ ފިރުޢައުނު ވިދާޅުވިއެވެ. ”ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!“ އެދެބޭކަލުން ދެންނެވިއެވެ. ”ޢިބްރާނީންގެ ވެރި އިލާހު އަޅުގަނޑުމެންނަށް ފާޅުވެވޮޑިގެންފި. އަޅުގަނޑުމެން ސަހަރާތެރެއަށް ތިން ދުވަހުގެ ދަތުރެއްކޮށް އަޅުގަނޑުމެންގެ ވެރިކަލާނގެ، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ދިއުމުގެ ހުއްދަ ދެއްވާ. އެހެންނޫނީ އެކަލާނގެ އަޅުގަނޑުމެންގެ މައްޗަށް ބަލިމަޑުކަމެއް ފޮނުއްވައިގެން ނުވަތަ ކަނޑިއެއްގެ ދަށުލައްވައި އަޅުގަނޑުމެން މަރާލައްވާނެ.“ ރަސްގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ކަލޭމެން އެ މީހުންގެ މަސައްކަތަށް ހުރަސް އަޅަނީ ކީއްވެ؟ އެ އެމީހުންގެ މަސައްކަތް ކުރިޔަދީ! ނިކަން ބަލާބަލަ، ކަލޭމެންގެ މީހުން މިޞްރު މީހުންނަށް ވުރެން ގިނަ. އެކަމަކު ކަލޭމެން ތިޔަ އުޅެނީ އެމީހުން މަސައްކަތް ކުރިޔަ ނުދޭންތަ؟“ އެދުވަހު އަޅުންގެ ސާހިބުންނަށާއި އިސްރާއީލުގެ ސަރުދާރުންނަށް ފިރުޢައުނު އެންގެވިއެވެ. ”އެކަކަށްވެސް މީގެ ކުރީގައި ދިންހެން ގާއަޅާ ހުއި ނުދޭތި. އެމީހުން ލައްވާ އެއެއްޗެހި ގެނުވާ! އެކަމަކު އެމީހުން މީގެ ކުރިންވެސް ގާއަޅާ އަދަދަށް ގާ އަޅަން ޖައްސާ. އެންމެ ގަލެއްވެސް މަދު ވިޔަ ދީގެން ނުވާނެ. އެމީހުން އަހަރެންގެ ގާތަށް އައިސް އެމީހުންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ އެކިޔަނީ އެމީހުން ކުރާނެ މަސައްކަތެއް ނެތިފައި ތިބީމާ! އެމީހުންނަށް ރަނގަޅަށް މަސައްކަތް ޖައްސާ. އޭރުން އެމީހުންގެ ގާތަށް މިމީހުން އައިސް ދައްކާ ދޮގުވާހަކަތައް އަޑުއަހާކަށް ވަގުތެއް ނޯންނާނެ.“ އެހެންވެ އަޅުންގެ ސާހިބުންނާއި ސަރުދާރުން ގޮސް އެމީހުންގެ ގާތު ބުނެފިއެވެ. ”މީ ފިރުޢައުނުގެ އަމުރުފުޅު: ’ތިމަންރަސްގެފާނު ކަލޭމެންނަކަށް ހުއިދަނޑިއެއް ނުދެއްވާނަމޭ. ކަލޭމެން ހޯދާނެ ގޮތަކަށް ހޯދާނެ ތަނަކުން ހުއި ދަނޑި ހޯދާށޭ. އެކަމަކު ކަލޭމެން ކުރީގައި ގާއަޅާ އަދަދަށް ގާ އަޅަން ޖެހޭނެއޭ.‘“ އެހެންވެ އެމީހުން ހުއިދަނޑި ހޯދަން މިޞްރުގެ އެތަން މިތަނަށް ފެތުރިގެންފިއެވެ. އަޅުންގެ ސާހިބުން އެމީހުން ލައްވައި ގަދަ ކަމުން ގާއަޅުވަމުން ގެންދިޔައެވެ. އަދި ހުއިދަނޑި ދީގެން އެމީހުން ގާއަޅަމުން ދިޔަ އަދަދަށް އެމީހުން ލައްވާ ގާ އަޅުވަން މަޖުބޫރު ކުރަން ފަށައިފިއެވެ. އަދި ބަނީއިސްރާއީލު މީހުންގެ ތެރެއިން ސަރުދާރުންނަށް ލާފައި ތިބި މީހުންގައިގައި އަޅުންގެ ސާހިބުން ހަންމުށިން ތަޅަމުން ދިޔައެވެ. އެމީހުން ބުނަމުން ދިޔައެވެ. ”ކަލޭމެންގެ މީހުން މީގެކުރީގައި ގާ އަޅާވަރަށް މިއަދު ގާ ނޭޅީ ކީއްވެތަ؟“ އެހެންވެ އިސްރާއީލީންގެ ސަރުދާރުން ފިރުޢައުނު ރަސްގެފާނުގެ ފައިންޕުޅުދެކެ ޝަކުވާ ދެންނެވިއެވެ. ”އިއްޒަތްތެރި ރަސްގެފާނު އަޅުގަނޑުމެންނާ މެދު މިގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟ އަޅުގަނޑުމެންނަކަށް ހުއި ދަނޑިއެއް ނުދެއްވާ. އެކަމަކު އަޅުންގެ ސާހިބުން އައިސް އަޅުގަނޑުމެންގެ ގައިގައި އެބަ ތަޅާ! ގާތައް މަދުވަނީ މަނިކުފާނުގެ މީހުންގެ ގޯހުން.“ އެކަމަކު ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”ކަލޭމެން ހަމަ ކަންނެތީ! ކަލޭމެންނަކީ ހަމަ ބަރުހެލި ބައިގަނޑެއް! އެހެންވެ، ކަލޭމެން އައިސް މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ ކިޔައިގެން މަގޭ ގާތަށް ތިޔަ އަންނަނީ. މިހާރު ދޭ މަސައްކަތް ކުރަން! ކަލޭމެންނަކަށް ހުއިދަނޑިއެއް ނުލިބޭނެ. އެކަމަކު ކުރީގައިވެސް ގާ އަޅާވަރަށް ކަލޭމެން ގާ އަޅަން ޖެހޭނެ.“ އިސްރާއީލީންގެ ސަރުދާރުންނަށް އެމީހުން ކުރީގައި ވެސް އަޅާވަރަށް ގާ އަޅަން އެންގެވުމުން އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެއްޖެކަން ވިސްނިއްޖެއެވެ. އެމީހުން ފިރުޢައުނުގެ ދަރުބާރުން ނުކުތް އިރު މޫސާގެފާނާއި ހާރޫނުގެފާނާއި އެމީހުންގެ އިންތިޒާރުގައި ތިއްބަވަނިކޮށް އެމީހުންނާ ދިމާވިއެވެ. އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.“ ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ކުއްތަންވެ އެކަލާނގެ ހަޒްރަތުގައި ދެންނެވިއެވެ. ”ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މީހުންނާ މެދު އިނބަރަސްކަލާނގެ ދެރަގޮތް މެދުވެރި ކުރައްވަނީ ކީއްވެތޯ؟ މިއަޅާ މިތަނަށް ތިޔަ ފޮނުއްވީ ކީއްވެތޯ؟ އިނބަރަސްކަލާނގެ ފޮނުއްވައިގެން މިއަޅާ ފިރުޢައުނުގެ ގާތަށް އައީއްސުރެން އެމީހުންގެ މައްޗަށް އިހުނަށް ވުރެން ބޮޑަށް އަނިޔާވެރިވާން ފަށައިފި. އެ މީހުންނަށް އެހީވުމަށް އިނބަ ރަސްކަލާނގެ ކުރެއްވި ހަމަ އެއްކަމެއް ވެސް ނެތް!“