ނެރުއްވުން. 4. އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.‘“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތުގައި ތިއޮތީ ކޮން އެއްޗެއް؟“ މޫސާގެފާނު ވިދާޅުވިއެވެ. ”މިއީ އަޅުގަނޑު އަސާއެއްގެ ގޮތުގައި ގެންގުޅޭ ދަނޑިބުރިއެއް.“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިޔަ އަސާ ބިންމައްޗަށް އެއްލާލަބަލަ.“ މޫސާގެފާނު އެ ދަނޑިބުރި އެއްލާލުމާއެކު އޭތި ވިހަ ހަރުފައަކައް ބަދަލުވެއްޖެއެވެ. އެތަން ފެނި ވަޑައިގެން މޫސާގެފާނު ފުރަގަހަތަށް އެއްލިގެންދިޔައެވެ. އެހިނދު މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކައިރިއަށް ގޮސް އޭތީގެ ނިގުލުގައި ހިފައި ނަގާ ބަލަ.“ ދެން މޫސާގެފާނު އޭތީގެ ކައިރިއަށް ވަޑައިގެން އޭގައި ހިއްޕެވިއެވެ. ހަމަ އެހިނދު އެ އެތި އެއަސާއަށް ބަދަލުވިއެވެ. ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް ކަލޭ ލައިގެން ތިހިރަ ހެދުމުގެ ތެރެއަށް ލާބަލަ.“ އެހިނދު މޫސާގެފާނު އެފަދައިން ކަންތައްކުރެއްވިއެވެ. މޫސާގެފާނު އަތްޕުޅު ނެންގެވިއިރު އެކަލޭގެފާނުގެ އަތްޕުޅަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ފަދަ ގޮތަކަށެވެ. މުޅި އަތްޕުޅުގައި ވަނީ ހުދު ލައްތަކެއް ޖަހާފައެވެ. ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް އަނެއްކާވެސް ހެދުމުގެ ތެރެއަށްލާ!“ މޫސާގެފާނު އެއަތްޕުޅު ހެދުމުގެ ތެރެއަށް ލައްވާފައި ނެންގެވި އިރު އެއަތްޕުޅު ވަނީ އެކަލޭގެފާނުގެ ހަށިކޮޅުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން ދުޅަހެއި ކޮށެވެ. އެކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އެމީހުންނަށް ފުރަތަމަ މުޢުޖިޒާތް ދެއްކުމުންވެސް ގަބޫލުނުކޮއްފިނަމަ ދެވަނަ މުޢުޖިޒާތް ދައްކާ. އަދި އެމީހުން މި ދެ މުޢުޖިޒާތް ފެނި އެކަން ބަލައިނުގެން އަދި ކަލޭ ބުނި ބަސްތައް އަހައި ގަބޫލު ނުކޮށްފިނަމަ އެމީހުންގެ ކުރިމަތީގައި ނީލަކޯރުން ފެންފޮދެއް ނަގައި އެފެން ބިންމައްޗަށް އޮއްސާލާ. އެހިނދު އެފެން ލެޔަށް ބަދަލުވާނެ.“ ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭސް ދެންނެވިއެވެ. ”ސާހިބުވަންތަ ކަލާކޯ! މިއަޅާއަކީ ދޫ ނުފަރިތަ މީހެއް. ކުރިން ވެސް އަދި މިހާރު ވެސް މިއަޅާއަކީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނޫން. މިއަޅާއަކީ ދޫކޮށި މީހެއް.“ މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟ މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.“ ނަމަވެސް މޫސާގެފާނު އަނެއްކާވެސް ދެންނެވިއެވެ. ”ސާހިބުވަންތަ ކަލާކޮ! އާދޭސްކޮށްފައި ދަންނަވަން. އެހެން މީހަކު ފޮނުއްވަވާ!“ މާތްރަސްކަލާނގެ މޫސާގެފާނުދެކެ ކޯފާވެވޮޑިގެންނެވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”ތިހެންވިއްޔާ ކަލޭގެ ބޭބެ ލާވީ ގަބީލާގެ ހާރޫނު އަކީ ކުޅަދާނަކަމާއެކު ވާހަކަ ދައްކާމީހެއްކަން އަހަރެން ދަންނަމު. ބަލާބަލަ! އޭނާ އެހެރަ އަންނަނީ ކަލޭގެ ގާތަށް. ކަލޭ ފެނުމުން އޭނާ ވަރަށް އުފާވާނެ. އޭނާ ގާތު ކަލޭ ހުރިހާ ވާހަކައެއް ކިޔައިދީ ދައްކަންވީ ވާހަކަ އޭނާގެ ގާތު ބުނޭ. ކަލޭމެން ދެމީހުން ވާހަކަ ދައްކާއިރު އަހަރެން ކަލޭމެންގެ ގާތުގައި ވާނަން. އަދި ކަންތައް ކުރަންވީ ގޮތް އަހަރެން ކަލޭމެންނަށް އަންގައިދޭނަން. ހާރޫނު އެމީހުންގެ ކުރިމަތީ ހުންނާނީ ކަލޭގެ ތަރުޖަމާނެއްގެ ގޮތުގައި. ކަލޭ ހުންނާނީ ތިމަންކަލާނގެ އޭނާ ގާތު ބުނަންވާ ވާހަކަތައް ބުނެދޭ އިލާހެއް ފަދައިން. ކަލޭ ދާއިރު އެމީހުންނަށް މުޢުޖިޒާތްތައް ދައްކަން ތިޔަ އަސާ ގެންދާތި.“ ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.“ ”ސަލާމަތް ކަމާއެކު ދޭ!“ ޔަޘްރޫ ބުންޏެވެ. މޫސާގެފާނު ވަޑައިގެން މިދްޔާނުގައި ހުންނަވަނިކޮށް މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރައްވާފައި ވެއެވެ. ”މިޞްރަށް އެނބުރި ދޭ. އެހެނީ އެރަށުގައި ކަލޭ މަރާލަން އުޅުނު އެންމެން މިހާރު މަރުވެއްޖެ.“ ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އެންގެވި ފަދައިން ﷲގެ އަސާކޮޅު ގެންދެވިއެވެ. މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާމީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ. ދެން ކަލޭ ފިރުޢައުނު ގާތު މިހެން ބުނޭ: ’މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ އިސްރާއީލަކީ އަހަރެން ދޮށީ ފިރިހެންދަރިކަލުންނޭ. އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!‘“ އޭގެ ފަހުން މޫސާގެފާނު ދަތުރުކުރައްވަމުން ވަޑައިގަތް މަގުމަތީ ރޭގަނޑު ހޭދަ ކުރެއްވުމަށް ތަނެއްގައި މަޑުކުރައްވައިފި އެވެ. މާތްރަސްކަލާނގެ އެތަނުގައި މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އުޅުއްވިއެވެ. އެހިނދު މޫސާގެފާނުގެ އަނބިކަނބަލުން ސޮފޫރާ ތޫނު ހިލަގަނޑަކުން އޭނާގެ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި އެވެ. އަދި އެހަންކޮޅު މޫސާގެފާނުގެ ފައިންޕުޅުގައި ޖައްސާފައި ބުންޏެވެ. ”މިހާރު ކަލޭގެފާނަކީ ލޭގެ ގޮތުން އަހަރެންގެ ފިރިމީހާ!“ އޭނާ ލޭގެ ގޮތުން ފިރިމީހާއޭ އެ ބުނީ އެ ޚިތާނު ކުރެވުމަށް ނިސްބަތް ކޮށެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނު ދޫކޮށްލައްވައިފިއެވެ. މާތްރަސްކަލާނގެ ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”ސަހަރާގެ ތެރެއަށް ގޮސް މޫސާގެފާނާ ބައްދަލު ކުރޭ!“ ދެން ހާރޫނުގެފާނު ވަޑައިގެން ﷲގެ ފަރުބަދަ ޠޫރުސީނާގެ ކައިރިން މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނަށް ބޮސްދެއްވައި ސަލާން ކުރެއްވިއެވެ. ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް ހާރޫނުގެފާނު ގާތު ވިދާޅުވެއްޖެއެވެ. އަދި ދައްކަން ޖެހޭ ހުރިހާ މުޢުޖިޒާތެއްގެ ވާހަކަ ވެސް ވިދާޅުވެއްޖެއެވެ. ދެން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރަށް ވަޑައިގެން ބަނީއިސްރާއީލުގެ ހުރިހާ ބޮޑުން އެއްކުރެއްވިއެވެ. އަދި ހާރޫނުގެފާނު މޫސާގެފާނަށް މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް އެމީހުންނަށް ވިދާޅުވެ ދެއްވައި އަދި ދެއްވި ހުރިހާ މުޢުޖިޒާތެއް ވެސް އެމީހުންގެ ކުރިމަތީގައި ދައްކަވައި ހައްދަވައިފިއެވެ. ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.