ނެރުއްވުން. 3. އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި ﷲގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ. އެތަނުގައި މާތްރަސްކަލާނގެ މަލާއިކަތާ އަލިފާނުގެ ހުޅުގަނޑެއް ފަދައިން އެކަލޭގެފާނަށް ފާޅުވެ ވަޑައި ގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ ގަސްގަނޑުގައި އަލިފާން ރޯވެފައިވާ ތަނެވެ. ގަސްބޮނޑީގައި އަލިފާން ހުޅު ރޯވެފައި ހުރި އިރުވެސް އެގަސްތައް އަނދަމުންނެއް ނުދެއެވެ. މޫސާގެފާނު ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”މިއީ އަޖައިބުވާވަރުކަމެއް! މި ގަސް ނައަނދަނީ ކީއްވެ؟ މިވާގޮތެއް ބަލަން ކައިރިއަށް ދާން ވެއްޖެ.“ މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”މޫސާ!، މޫސާ!“ މޫސާގެފާނު ވިދާޅުވިއެވެ. ”އާދެ! އަޅުގަނޑު އެބަހުރިން.“ މާތްﷲ ވަޙީކުރެއްވިއެވެ. ”ތިޔަށް ވުރެ ކައިރިއަށް ނާދޭ! ކަލޭ އަރައިގެން ތިޔަ ހުރި ފައިވާނުން ފައިބާ! ކަލޭ ތިޔަ ހުރީ ޙުރުމަތްތެރި ބިމެއްގަ. އަހަރެން މިއީ ކަލޭގެ ކާބަފައިން ކަމުގައިވާ އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ ﷲއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުންދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ. އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން. އަހަރެންގެ މީހުންގެ ރުއިމުގެ އަޑު އަހަންނަށް އެބަ އިވޭ. އެމީހުންނާމެދު މިޞްރު މީހުން ކުރަމުންގެންދާ އަނިޔާތައްވެސް އަހަރެން މިދަނީ ބަލަމުން. އެހެންވީމާ އަހަރެން ކަލޭ ފޮނުވާނަން މިޞްރު ރަސްގެފާނުގެ ގާތަށް. ކަލޭ ގޮސް އެމީހުން މިޞްރުން ނެރޭ.“ ނަމަވެސް މޫސާގެފާނު ﷲއަށް ދެންނެވިއެވެ. ”މިޞްރު ރަސްގެފާނުގެ އަރިހަށް ދިއުމަށް އަޅުގަނޑު މިއީ ކާކުތޯ އަޅުގަނޑު ގޮސް ބަނީއިސްރާއީލީން މިޞްރުން ނެރެން؟“ އެކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންﷲއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.“ އަނެއްކާވެސް މޫސާގެފާނު މާތްﷲއަށް ދެންނެވިއެވެ. ”އަޅުގަނޑު އެމީހުންގެ ގާތަށް ގޮސް އަޅުގަނޑު މިއައީ ކަލޭމެންގެ ކާބަފައިންގެ ވެރި ކަލާނގެ ފޮނުއްވީމައޭ ބުނާއިރަށް އެމީހުން އަހާނެ. ’އެކަލާނގެ ނަންފުޅަކީ ކޮބައިހޭ؟‘ ދެން އަޅުގަނޑު ބުނާނީ ކީކޭތޯ؟“ މާތްﷲ ވަޙީކުރެއްވިއެވެ. ”ވޮޑިގެންވާ ކަލާނގެއަކީ މިއީ. އިސްރާއީލުގެ މީހުންގެ ގާތު މިހެން ބުނޭ. ’ވޮޑިގެންވާ ކަލާނގެއޭ ކަލޭމެންގެ ގާތަށް ތިމަން ފޮނުވީ.‘“ އަނެއްކާވެސް މާތްﷲ މިފަދައިން ވަޙީކުރެއްވިއެވެ. ”އިސްރާއީލީންގެ ގާތުގައި ބުނޭ: ’އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. ތިމަން ކަލާނގެއަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެން ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެން ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.‘ ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. އެކަލާނގެ ވަޙީ ކުރެއްވިއޭ. ”ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ. އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.“‘ ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.‘ އެކަމަކު މިޞްރުގެ ރަސްގެފާނު ކަލޭމެން ދިއުމަށް ހުއްދަ ނުދޭނެކަން އަހަރެންނަށް އެނގޭ. އޭނާއަށް މަޖުބޫރުވެގެން ނޫނީ އެމީހުން ދާކަށް ދުލެއް ނުކުރާނެ. އެހެންކަމުން އަހަރެންގެ އަތް އުފުލާ ޖަހައި މިޞްރު މީހުން ބިރުން ފިތްކަނޑައިގެންދާ ފަދަ ގަދަފަދަ މުޢުޖިޒާތްތަކެއް ދައްކާނަން. އޭގެ ފަހުން އެ ރަސްގެފާނު ކަލޭމެން ދިއުމުގެ ހުއްދަދެއްވާނެ. އަހަރެންގެ މީހުން މިޞްރު ދޫކޮށް ދާއިރު ކަލޭމެން ހުސްއަތާ ދާކަށް ނުޖެހޭނެ. މިޞްރު މީހުން ކަލޭމެންނާ ރުހޭނެގޮތް އަހަރެން މެދުވެރި ކުރާނަން. ޢިބްރާނީންގެ އަންހެނުން އެމީހުންގެ އަވަށްޓެރީންނާއި އެމީހުން އުޅޭގޭގެ މިޞްރު އަންހެނުންގެ ގާތުން ހެދުމާއި ރަން ރިހީގެ ޒޭވަރުތައް ދިނުމަށް އެދޭނެ. މިތަކެތި އެމީހުންގެ ފިރިހެންދަރިންނާއި އަންހެން ދަރިންގެ ގައިގައި އަޅާނެ. މި ގޮތުން ކަލޭމެން ދާއިރު ދާނީ މިޞްރުގެ މުއްސަނދިކަން ވެސް ހިފައިގެން.“