ފެށުން. 50. ޔަޢުޤޫބުގެފާނު އަވަހާރަވި ވަގުތު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅުގައި ބައްދާލައްވައި ކީރިތި ކުރެއްވައި އަދި ބޮސްދެއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ބަފައިކަލުން ބެލެހެއްޓެވުމަށް ހަމަޖައްސަވާފައި ތިބި ޙަކީމުންނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅު ތައްޔާރު ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. ޙަކީމުން ޔަޢުޤޫބުގެފާނުގެ ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި ތައްޔާރު ކުރެއްވިއެވެ. ފަސްދާނު ލެއްވުމުގެ ކަންތައް ތައްޔާރު ކުރުމަށް ސާޅީސް ދުވަސް ނެގިއެވެ. އެއަށް ފަހު، ޔަޢުޤޫބުގެފާނުގެ މައްޗަށް މިޞްރުގެ އަހުލުވެރިން ހިތާމަ ފާޅުކުރެއްވުމަށް ހަތްދިހަ ދުވަސް ނެންގެވިއެވެ. ހިތާމައިގެ ދުވަސްތައް ނިމުމަކަށް އައުމުން، ޔޫސުފުގެފާނު ފިރުޢައުނުގެ އެންމެހާ ވަޒީރުންނަށް މިފަދައިން ދެންނެވިއެވެ. ”ތިޔަބައިމީހުން އަހަރެންނާއި މެދުގައި ރުހިގެންވާނަމަ، ރަސްގެފާނަށް މިފަދައިން ނަންގަނެދެއްވާ. ’އަޅުގަނޑުގެ ބަފައިކަލުންގެ އަވަހާރަވުމުގެ ދާންމަތީގައި، އެކަލޭގެފާނު ފަސްދާނުލެއްވުމަށް ހަމަޖައްސަވާފައިވާ ތަން ކަމަށްވާ ކަންޢާނުގައި ފަސްދާނުލައި ދޭނެ ކަމަށް އަޅުގަނޑު ވަނީ ވަޢުދު ވެފައި. ވީމާ، އެތަނުގައި ބަފައިކަލުން ފަސްދާނު ލުމަށް ފަހު، އެނބުރި އައުމުގެ އަމުރު ދެއްވުމަށް އެދި ދަންނަވައިދީ.‘“ ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިބާގެ ވަޢުދުފުއްދުމަށް، ބަފައިކަލުން ފަސްދާނު ލެއްވުމަށް ދޭ.“ އެހެންވެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލައްވަން ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ރަސްގެފާނުގެ އެންމެހައި ވަޒީރުންނާއި، ކޯޓުގެ ބޮޑުންނާއި، އަދި މިޞްރުގައި ކަމުވޮށިވެގެންވާ އެންމެތަކުން ދިޔައެވެ. ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އެންމެހާ އަޚުންނާއި އެކުގައި ދިރިއުޅެމުން ގެންދިޔަ އެންމެތަކުންނާއި އެކަލޭގެފާނުގެ ބަފައިކަލުންނާއި އެކުގައި ދިރިއުޅުނު މީސްތަކުންވެސް އެކަލޭގެފާނާއި އެކުގައި ގެންދިޔައެވެ. ނަމަވެސް އެބައިމީހުން ދިޔައީ އެބައިމީހުންގެ ކުދިންނާއި ބަކަރިތަކާއި ކަންބަޅިތައް ޖާސާންގައި ބައިތިއްބާފައެވެ. އެބައިމީހުން ޔޫސުފުގެފާނާއި އެކުގައި ދިޔައީ އަސްވާރުންނާއި އެކު އަސްގާޑިޔަލުގެ ގާފިލާތަކުގައެވެ. އެހިނދު އެ ބައިމީހުންގެ އަދަދު ނުހަނު ގިނައެވެ. އެބައިމީހުން ދަތުރުކޮށްގޮސް އުރުދުން ކޯރުގެ އިރުމަތީ ފަރާތުން އަޠާދުގައި އޮންނަ ތޮށިނޮޅާ ތަނަށް އާދެވުނު ހިނދު ޔަޢުޤޫބުގެފާނުގެ މައްޗަށް ހިތާމަކޮށް އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ޔޫސުފުގެފާނު މި މުނާސަބަތު ހަފްތާއެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވިއެވެ. އެ ރަށުގައި ދިރިއުޅެމުން ގެންދާ ކަންޢާނުގެ އަހުލުވެރިންނަށް އަޠާދުގައި އެބައިމީހުން ހިތާމަ ފައުޅު ކުރާތަން ފެނުމުން މިފަދައިން ބުނެވުނެވެ. ”މިޞްރުގެ އަހުލުވެރިން އެދައްކައިދޭ ހިތާމައެއްގެ ބޮޑުކަމާއެ!“ އެހެންވެ، އެތަނަށް މިހާރު ދީފައިވާ ނަމަކީ އަބަލް މިޞްރާއިމުއެވެ. ޔަޢުޤޫބުގެފާނުގެ ދަރިން އެކަލޭގެފާނު އަމުރުކުރައްވަފައިވާ ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ކަންޢާނުއަށް ގެންގޮސް މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. މި ބިމަކީ އިބްރާހީމްގެފާނު ޙިއްޘީންގެ ޢިފްރޫނު އަތުން ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ބައްލަވައިގަތް ބިމެވެ. ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލެއްވުމަށް ފަހު އެކަލޭގެފާނުގެ އެންމެހައި އަޚުންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލެއްވުމަށް މިޞްރުން އައި އެންމެތަކުންނާއި އެކުގައި މިޞްރަށް އެނބުރި ވަޑައިގެންނެވިއެވެ. ޔަޢުޤޫބުގެފާނު އަވަހާރަވުމަށް ފަހު، ޔޫސުފުގެފާނުގެ ބޭބެމެން މިފަދައިން ބުންޏެވެ. ”ޔޫސުފު އަހަރެމެންދެކެ ރުޅިން ހުރެދާނެ. އަހަރެމެން އޭނާއާމެދުގައި ނުހަނު އިހާނެތިކޮށް ކަންތައް ކުރީމު. އޭނާ އަހަރެމެންގެ ކިބައިން ބަދަލު ހިފުމަށް ރާވައިފާނެ.“ ވުމާއެކު، އެބައިމީހުން ޔޫސުފުގެފާނަށް މިފަދައިން ޚަބަރު ދެއްވިއެވެ. ”ކަލޭގެފާނުގެ ބަފައިކަލުން އަވަހާރަވުމުގެ ކުރިން މިފަދައިން އަހަރެމެންނަށް އިރުޝާދު ދެއްވި. ކަލޭގެފާނުގެ އަރިހުން މިފަދައިން އެދިވަޑައިގަތުމަށް އެކަލޭގެފާނު ވިދާޅުވި. ’ތިބާގެ ބޭބެމެން ތިބާ އާއި މެދުގައި ކުރި ނުބައި ކަންތައްތަކާއި މެދުގައި އެބައިމީހުންނަށް މަޢާފްކޮށްދެއްވާށޭ.‘ އެހެންވީމާ، އަހަރެމެންނަށް ކުރެވުނު ނުބައި ޢަމަލަށް އަހަރެމެންނަށް މިހާރު މަޢާފް ކޮށްދިނުމަށް އެދި އާދޭސް ދަންނަވަމު. އަހަރެމެންނަކީ ކަލޭގެފާނުގެ ބަފައިކަލުންގެ ރަސްކަލާނގެ މާތްﷲގެ އަޅުންމެ.“ ޔޫސުފުގެފާނަށް މި ޚަބަރުފުޅު ލިބިވަޑައިގެންނެވުމާއެކު އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ. ދެން އެކަލޭގެފާނު އެންމެހާ ބޭބެމެން އެކަލޭގެފާނުގެ އަރިހަށް އައުމަށް ފަހު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސްކޮށް މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުމެންނަކީ ކަލޭގެފާނުގެ އަޅުންނީމު.“ ނަމަވެސް ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”އަހަރެންދެކެ ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި މެދުގައި އިންސާފުކޮށް ޢުޤޫބާތް ދިނުމަށް އަހަރެން ވަނީ މާތްﷲގެ މަޤާމުގައިތަ؟ ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްﷲ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން. އެހެންވީމާ، ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އެންމެހާ ކަންތައްތައް އަހަރެން ބަލަހައްޓާނަން.“ ޔޫސުފުގެފާނު އެފަދައިން ވިދާޅުވެ އެބައިމީހުންނަށް ނުހަނު ޔަޤީންކަން ދެއްވިއެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އެބައިމީހުންނާއި އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ. ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާ އާއި އެކުގައި މިޞްރުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭހަ ދިހަ އަހަރުގައެވެ. އަފްރާއީމްއަށް ދަރިން ލިބި އަދި ކާފަ ދަރިން ލިބުނީވެސް ޔޫސުފުގެފާނު ދުނިޔޭގައި ހުންނަވަނިކޮށެވެ. އަދި ޔޫސުފުގެފާނުގެ ދަރިކަލުން މަނައްސާއަށް ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ މާކީރު އެވެ. މާކީރުގެ ދަރިންނަކީ ޔޫސުފުގެފާނުގެ އުފަންދަރިން ކަމުގައި ހެއްދެވިއެވެ. ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްﷲ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.“ އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ދަރިންގެ ކިބައިން ޔޫސުފުގެފާނު މިފަދައިން ޢަހުދު ކަށަވަރު ހިއްޕެވިއެވެ. ”މާތްﷲ ތިޔަބައިމީހުން މިރަށުން ނެރުއްވައި ތިޔަބައިމީހުން ކަންޢާނަށް އަލުން އަނބުރާ ގެންދަވާ ހިނދު އަހަރެންގެ ހަށިގަނޑު ތިޔަބައިމީހުންނާއި އެކުގައި ގެންދިއުމަށް ވަޢުދުވޭ.“ ޔޫސުފުގެފާނު އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ ދިހަ އަހަރުގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ޙަކީމުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅުފުޅުލުމަށް ތައްޔާރު ކޮށް އެހަށިކޮޅު ސަންދޯކަށް ލައިފިއެވެ.