ފެށުން. 49. އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އެންމެހާ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަ އެންމެހާ ކުދިން އަހަރެންގެ ކައިރިއަށް އައިސްބަލަ. އަދި މުސްތަޤުބަލުގައި ތިޔަ ކުދިންނާއި މެދުގައި ކަންތައްތައް ވާނެ ގޮތް އަހަރެން ބުނެދޭނަމު.“ ”ޔަޢުޤޫބުގެ ދަރިންނޭވެ! ތިޔަ ކުދިންގެ ބައްޕަ އިސްރާއީލުގެ ބަސްތައް އަޑުއެހުމަށް އެކުގައި މިކޮޅަށް އާދޭ.“ ”ރައޫބައިން. ތިބާއީ އަހަރެންގެ ފުރަތަމަ ދަރިފުޅު. ތިބާގެ އުފަންވުން ދައްކައިދިނީ އަހަރެންގެ ފިރިހެންވަންތަ ކަމުގެ ބާރު. އަހަރެންގެ ދަރިންގެ ތެރެއިން ތިބާއަށް ވަނީ އެންމެ މަތިވެރި މަޤާމު. އަދި ތިބާއީ އެންމެ ބާރުގަދަ ކުއްޖާވެސްމެ.“ ”ނަމަވެސް ތިބާ އަކީ ގަދަ ކަނޑެއްކަހަލަ މީހެއް. ތިބާގެ ކޮއްކޮމެންގެ މައްޗަށް ތިބާ ވެރިއެއް ނުކުރާނަން. ސަބަބަކީ ތިބާ ވަނީ ތިބާގެ ބައްޕާގެ އެނދުގައި ނިދާފައި. އަދި އަހަރެންގެ ޖާރިޔާ އަކާއި އެކު ތިބާ ވަނީ ރޭކޮށްފައި. އެގޮތުން ތިބާގެ ބައްޕަ ލަދުވެތި ކުރުވާފަ.“ ”ޝިމްޢޫން އާއި ލާވީ އަކީ އެއް މިޒާޖެއްގެ ދެބެއިން. އެހެނީ އެބައިމީހުންގެ ކަނޑިތައް ބޭނުންކުރާނީ އަނިޔާވެރިކަންމަތީގަ.“ ”އެބައިމީހުން ސިއްރުން ދައްކާ ވާހަކަތަކުގައި އަހަރެން ބައިވެރިއެއް ނުވަމު. އަދި އެބައިމީހުންގެ ނުބައި ރޭވުންތަކުގައިވެސް އަހަރެން ބައިވެރިއެއް ނުވަމު. އެބައިމީހުން ރުޅި އައުމުގެ ސަބަބުން މީހުން މަރައި އަދި މަޖަލަކަށް ގޮންގަނޑު ގެރިތަކުގެ މައިނާރު ބުރިކުރި.“ ”އެމީހުންގެ ރުޅިވެރި ކަމާހެދި އެމީހުންގެ މައްޗަށް ލަޢުނަތް ލައްވާނެ. އެއީ އެމީހުން ކުރާ އަނިޔާވެރި ޢަމަލަކަށް ވާތީވެ. އެބައިމީހުންގެ އަނިޔާވެރިކަމަށްޓަކައި އެމީހުންނަށް ލަޢުނަތް ލައްވާނެ. ސަބަބަކީ އެ ޢަމަލަކީ އެއްވެސް އޯގާތެރިކަމެއް ނެތް ޢަމަލަކަށް ވާތީ. އަދި ބަނީ އިސްރާއީލުންގެ އެންމެހާ ގަބީލާތަކުގެ މައްޗަށް އަހަރެން އެބައިމީހުން ވިއްސިވިހާލި ކުރުވާނަމު.“ ”ޔަހޫޛާ. ތިބާގެ އަޚުން ތިބާއަށް ތާރީފު ކުރާނެ. ތިބާގެ ދުޝްމަނުންގެ މައްޗަށް ތިބާ ފަތަޙަ ހޯދާނެމެ. އަދި ތިބާގެ އަޚުން ތިބާގެ ކުރިމަތީގައި ކުރުނީސް ކުރާނެ.“ ”ޔަހޫޛާ ވަނީ ޒުވާން ސިންގާއެއް ފަދައިން. އަހަރެންގެ ދަރިޔާ! ސިންގާއެއް ޝިކާރަ ކުރުމަށް ފަހު، އަރާމު ކުރާފަދައިން ތިބާވެސް އަރާމު ކުރަމު. އަދި އެއްވެސް މީހަކަށް އޭނާ ހޭލެއްވުމުގެ ހިތްވަރެއް ލިބިފައިނުވޭމެ.“ ”ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.“ ”އެކަލޭގެފާނު މޭބިސްކަދުރު ވެލުގައި އެކަލޭގެފާނުގެ ހިމާރު އައްސަވާނެ. މޭބިސްކަދުރު ވެލުގެ އެންމެ ރަނގަޅު އޮފިގަނޑުގައި އެކަލޭގެފާނުގެ ޅަ ހިމާރު ވެސް ބަންނަވާނެ. މޭބިސްކަދުރުގެ ދިޔައިން އެކަލޭގެފާނުގެ ހެދުންކޮޅުތައް ދޮވުމުގެ ތަނަވަސްކަން އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނެ. އަދި މޭބިސްކަދުރުގެ އެންމެ މޮޅު ދިޔައިން އެކަލޭގެފާނު ހެދުންކޮޅުތައްވެސް ދޮންނެވޭހާ ވާނެމެ.“ ”މޭބިސްކަދުރުގެ ދިޔައަށް ވުރެން އެކަލޭގެފާނުގެ ލޯފުޅުގެ ކުލަ ގަދަވެގެން ވާނެ. އަދި އެކަލޭގެފާނުގެ ދަތްޕިލާފުޅު ބޯކިރު ފަދައިން ހުދުކުލައިގައިވާނެ.“ ”ޒަބޫލޫން ދިރިއުޅޭނީ ކަނޑުގެ އައްސޭރި ފަށުގައި. އަދި އެ އައްސޭރިފަށަކީ ނައުފަހަރަށް އަމާން ބަނދަރެއް ކަމުގައިވާނެ. ހަމައެހެންމެ އޭނާގެ ސަރަހައްދު ޞައިދޫން އާއި ހަމައަށް ފެތުރިގެން ދާނެ.“ ”ޔައްސާކަރު ވާނީ ނިކަމެތި ހިމާރެއް ފަދަ މީހަކަށް. އޭތި އޮންނާނީ ބަރުދަން ބޮޑުވެ ހިނގައި ނުގަނެވިފައި.“ ”އެކަމަކު އެއެއްޗަށް ހިތްހަމަޖެހޭ ކަހަލަ ބިމެއް ފެނުމާއެކު އޭގެ ވަރުބަލިކަން ހަނދާން ނައްތާލައި، އޭގެ ބުރަކަށި މަތީގައި ހުރިހާ ބަރުދަނެއް އުފުލާނެ. އަދި އޭނާ އެހެން މީހުންގެ އަޅެއްގެ ގޮތުގައި ހުންނާނެ.“ ”ދާނު ބަނީއިސްރާއީލުންގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރާނެ. އޭނާގެ ގަބީލާ ވާނީ އެމީހުންގެ ގަބީލާއެއް ފަދައިން.“ ”މަގުގެ އެއްފަރާތުގައި އޮންނަ ހަރުފައެއް ފަދައިން އޭނާ ވާނެ. އެއީ މަގުމަތީ އޮންނަ ނުރައްކާތެރި ހަރުފައެއްވެސްމެ. އެ ހަރުފަ އަހުގެ ފައިގައި ދަތްއަޅާނެ. އަދި އެއަސްވާރު އިދިފުށަށް ވެއްޓޭނެ.“ ”މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ ދިންނެވުމުގެ އިންތިޒާރުގައި މިއަޅާ ވަމު.“ ”ފޭރޭ މީހުން ޖާދުއަށް ޙަމަލަ ދޭނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް އޭނާ ފަތަޙަ ހޯދައި އެބައިމީހުން ފައްސައިލާނެ.“ ”އަޝީރު ރަނގަޅު ކާނާ އުފައްދާނެ. އެތަކެތި ރަސްރަސްކަލުންގެ ކެއުމަށް ފުރިހަމަ ވެގެންވާ ތަކެތި ކަމުގައިވާނެ.“ ”ނަފްތާލީ ވަނީ މިނިވަންކަމާއެކުގައި ދުވަމުންދާ އަންހެން ފުއްލާއެއް ފަދައިންމެ. އެ ފުއްލާ ރީތި ޅަ ފުއްލާތައް ވިހާނެ.“ ”ޔޫސުފު ވާނީ ފެންއާރެއްގެ ކައިރީގައި ވާ މޭބިސްކަދުރުވެލެއް ހެން. އޭގައި ގިނައިން މޭވާ އަޅާނެ. އެ ވެލުގެ އޮފިތައް މުޅި ފާރަށް ފެތުރިގެންވި.“ ”ދުނިދަނޑި ޖަހާ މީހުން އޭނާއަށް އަނިޔާވެރި ގޮތުގައި ޙަމަލާދީ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް ތީރު އުކި.“ ”ނަމަވެސް އޭނާގެ އަތުގެ ބާރުގަދަ. އޭނާގެ ދުނިދަނޑިވެސް އަމާޒު. އޭނާއަށް ބާރު ލިބިފައި ވަނީ ޔަޢުޤޫބުގެފާނުގެ ކަލާނގެ، މަތިވެރި މާތް ރަސްކަލާނގެ ކިބަފުޅުން. އެކަލާނގެއީ ބަނީއިސްރާއީލުންގެ މަތިވެރި ހިލަ. އެކަލާނގެއީ އެބައިމީހުންގެ ހުރި ހުއިހައްޕާ ފަރާތް.“ ”ތިބާއަށް އެހީތެރިވާ ފަރާތަކީ ތިބާގެ ބައްޕަގެ ކަލާނގެ ﷲ. އެކަލާނގެއީ ތިބާއަށް އުޑުން ބަރަކާތުގެ ވާރޭ ފޮނުއްވާ ކުޅަދުންވަންތަ ކަލާނގެ. އެކަލާނގެއަކީ ބިމުގެއަޑިން ތިބާއަށް ފެން ދެއްވާ ކަލާނގެ. ތިބާއަށް ގެރިބަކަރިތަކާއި ދަރިން ދެއްވާ ކަލާނގެ ވެސްމެ.“ ”ތިބާއަށް އަހަރެން މިއެދޭ ބަރަކާތަކީ ދުވަސްވީ ފަރުބަދަތަކަށް ވުރެން މަތިވެރި ބަރަކާތެއް. އަހަރެންގެ ބައްޕަގެ ކިބައިން އަހަންނަށް ލިބުނު ބަރަކާތަށް ވުރެންވެސް މަތިވެރި ބަރަކާތެއް. އެ ބަރަކާތުގެ ނިޢުމަތްތައް ފަރުބަދަތަކަށް ވުރެން ގަދަފަދަ ވެގެންވާނެ. މިހުރިހާ ނިޢުމަތެއް ޔޫސުފަށް ލިބިގެންވާށި. އެހެނީ އޭނާ ވަނީ އޭނާގެ ބޭބެމެންގެ އަމީރަކަށް ހައްދަވާފައި.“ ”ބަންޔާމީން ވަނީ ބަނޑުހައި ވެފައިވާ ވަލު ކުއްތާއެއް ފަދައިން. ހެނދުނުގެ ވަގުތުގައި އޭނާ ނާސްތާ ކުރާނީ އޭނާގެ ޝިކާރައިން. އަދި އޭނާ އަތުލައިގަތް ތަކެތިން ހަވީރުގެ ވަގުތުގައި އޭނާ ބައިކުރާނެ.“ މަތީގައި ބަޔާންކުރެވިފައި އެވަނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާއެވެ. އަދި އެބައިމީހުންނާއި މުޚާތަބު ކުރައްވައި ޔަޢުޤޫބުގެފާނު ވިދާޅުވި ބަސްފުޅުން ކޮންމެ ކުއްޖަކަށް އެކަށޭނަ ގޮތުގެ މަތިން އެކަލޭގެފާނު ބަރަކާތް ލެއްވުމަށް އެދި ދެންނެވިއެވެ. އެއަށް ފަހު އިސްރާއީލުގެފާނު އެބައިމީހުންނަށް މިފަދައިން އަމުރު ކުރައްވައި ވިދާޅުވިއެވެ. ”އަހަރެން މިހާރު މިވަނީ ނިޔާވުމާއި ދާދި ކައިރީގައި. އަހަރެން ނިޔާވުމުން ޙިއްޘީއިންގެ ތެރޭންވާ ޢިފްރޫންގެ ދަނޑުގައިވާ ހޮހަޅައިގައި އަހަރެންގެ ކާބަފައިންގެ ކައިރީގައި އަހަރެން ވަޅުލައިދީ. އެ ހޮހަޅައަކީ ކަންޢާނުގެ ރަށެއްކަމުގައިވާ މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައެއް. ޙިއްޘީއެއް ކަމުގައިވާ ޢިފްރޫންގެ އަތުން އިބްރާހީމްގެފާނު މި ހޮހަޅަ ބައްލަވައިގަތީ ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށްޓަކައި. އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ފަސްދާނު ލެވިފައި ވަނީ އެތަނުގައި. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ރިފްޤާ ވެސް ފަސްދާނު ލެވިފައި ވަނީ ހަމަ އެތަނުގައި. ހަމައެހެންމެ، އަހަރެންގެ އަނބި ލައިއަތު އަހަރެން ވަޅުލީވެސް އެތަނުގައި. އެ ހޮހަޅަ އާއި އެ ބިމަކީ ޙިއްޘީންގެ އަތުން ގަނެފައިވާ ބިމެއް.“ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އެނދުގައި އޮށޯވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ދެފައިންޕުޅު އެނދަށް ނެންގެވުމަށް ފަހު، އެންމެފަހުގެ ނޭވާފުޅު ދޫކުރައްވައި އަވަހާރަވިއެވެ.