ފެށުން. 45. ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ޚާދިމުންގެ ކުރިމަތީގައި އިތުރަށް ކެތެއް ނުކުރެއްވުނެވެ. ވީމާ، އެކަލޭގެފާނު ހަރުއަޑުފުޅުން އެކަލޭގެފާނުގެ ނޯކަރުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެމެން މިތަނުގައި ބައިތިއްބާފައި އެހެން އެންމެން ބޭރަށްދޭ.“ ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުން އެކަހެރިވި ހިނދު އެކަލޭގެފާނީ ޔޫސުފުގެފާނުކަން އެބައިމީހުންނަށް ހާމަކޮށްދެއްވިއެވެ. އެކަލޭގެފާނު އަޑުހަރުކޮށް ކީރިތި ކުރެއްވުމުގެ ސަބަބުން މިޞްރުގެ މީސްތަކުންނާއި އަދި ރަސްގެފާނުގެ ގަނޑުވަރުގައި ތިބި މީސްތަކުންނަށް އެކަލޭގެފާނު ކީރިތި ކުރެއްވި އަޑު އިވުނެވެ. އެކަލޭގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނަކީ ޔޫސުފު. އަހަރެންގެ ބަފައިކަލުން މިއަދު ދުނިޔޭގައި އެބަ ހުންނެވިތަ؟“ ނަމަވެސް އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައި ހަނުހިމޭނުން ތިއްބެވެ. އެއީ ކަލޭގެފާނުދެކެ އެބައިމީހުން ބިރުގަނެފައި ވުމުގެ ސަބަބުންނެވެ. ވީމާ، ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެންގެ ގާތަށް އައިސްބަލަ.“ އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް އައުމުން، އެބައިމީހުންނަށް މިފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެންނަކީ ތިޔަބައިމީހުންގެ އެއްބަފާ ޔޫސުފު. އަޅު ކުއްޖެއްގެ ގޮތުގައި ތިޔަބައިމީހުން އަހަރެން މިޞްރަށް ވިއްކާލީމު. އެކަމާއި ހެދި މިހާރު ތިޔަބައިމީހުންގެ ކަންބޮޑުވެ ހާސްވާނެ ކަމެއް ނެތް. ސަބަބަކީ ތިޔަބައިމީހުން އަހަރެން ވިއްކާލީ މިތަނަށް ކަމުގައި ވާތީ. މިކަން މިގޮތަށް ހިންމަވައި ދެއްވީ މާތްﷲ. އެއީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކޮށްދެއްވުމަށްޓަކައި ވެސްމެ. ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވީ ތަދުމަޑު ކަމުގެ ސަބަބުން އެއްވެސް އެއްޗެއް ނުހެއްދޭނެ. އަދި މި ތަދުމަޑުކަން އިތުރު ފަސްއަހަރު ދުވަހު ދެމި އޮންނާނެ. އިތުރު އެއްވެސް ގޮވާމެއް ނުހެއްދޭނެމެ. ވީމާ، މާތްރަސްކަލާނގެ އަހަރެން މި ރަށަށް ފޮނުއްވީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ދަރިފަސްކޮޅު ހައިރާން ކުރުވަނިވި ގޮތެއްގައި މަރުން ސަލާމަތް ކުރެއްވުމަށްޓަކައި. އަހަރެން މިރަށަށް ފޮނުވީ ތިޔަބައިމީހުންނެއް ނޫން. އެއީ މާތްރަސްކަލާނގެ. މިޞްރުގެ ރަސްގެފާނުގެ އެންމެ މަތީ އޮފިސަރު ކަމުގައި މާތްރަސްކަލާނގެ ވަނީ އަހަރެން ހަމަޖައްސަވާފަ. އެ ރަސްގެފާނުގެ ގަނޑުވަރުގެ އެންމެހާ ކަމެއް އަހަރެންނާއި ވަނީ ހަވާލު ކުރެވިފަ. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު އެކަލާނގެ އަހަރެންނަށް ދެއްވި. ވީމާ، އަހަރެންގެ ބަފައިކަލުންގެ އަރިހަށް އަވަހަށްދޭ. ގޮސް މިފަދައިން ބުނޭ. ’ކަލޭގެފާނުގެ ދަރިކަލުން ޔޫސުފު ދިރި ދުނިޔޭގައި އެބަ ހުއްޓޭ: މާތްﷲ އޭނާއަށް މުޅި މިޞްރުގެ ވެރިކަންވަނީ ދެއްވާފައޭ. އެހެންވީމާ، އަހަރެންގެ ގާތަށް އަވަހަށް އަންނާށޭ. އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ. ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ހައިހޫނު ކަމުގައި އަހަރެން ތިޔަބައިމީހުންނާއި ބަފައިކަލުން ބަލަހައްޓާނެ ކަމުގައިވެސް ބުނެދީ. އޭރުން، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އިތުރުން ތިޔަބައިމީހުންގެ ކައިރީގައިވާހާ ތަކެއްޗެއް ހައިހޫނުކަމުން ސަލާމަތްވާނެ.‘ މިހާރު ތިޔަބައިމީހުންނަށާއި އަދި އަހަރެންގެ ކޮއްކޮ ބަންޔާމީންއަށް އަހަރެންނަކީ ޔޫސުފުކަން ރަނގަޅަށް އެނގޭނެ. ވީމާ، މިޞްރުގައި އަހަރެންނަށް ލިބިފައިވާ މަތިވެރިކަން އަހަރެންގެ ބަފައިކަލުންނަށް ބުނެދީ. އަދި ތިޔަބައިމީހުންނަށް ފެނިދެނިވި ކަންތައްތަކުގެ ޚަބަރު ވެސް ބަފައިކަލުންނަށް ދެއްވާ. އަދި މިހާރުގޮސް އަވަހަށް ބަފައިކަލުން އަހަރެންގެ ގާތަށް ގެނެސްދީ.“ އެއަށް ފަހު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ކޮއްކޮ ބަންޔާމީންގެ ގައިގައި ބައްދާލައްވައި ކީރިތި ކުރެއްވިއެވެ. އަދި ބަންޔާމީނުވެސް ރުއިމެއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ އެންމެހާ އަޚުންގެ ގައިގައި ބޮސްދެއްވުމަށް ފަހު ކީރިތި ކުރައްވަމުން އެބައިމީހުންގެ ގައިގައި ބައްދަވައި ހެއްދެވިއެވެ. މިއަށް ފަހު، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާއި ވާހަކަ ދައްކާހެދިއެވެ. މިޞްރުގެ ރަސްގެފާނާއި އަދި އެރަސްގެފާނުގެ ވަޒީރުންނަށް ޔޫސުފުގެފާނުގެ އަޚުން އެރަށަށް އައިކަން އެނގިވަޑައިގަތުމުން އެބޭފުޅުން ވަރަށް އުފާފުޅުވިއެވެ. އެހެންވެ މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އަޚުންގެ ގާތު ބުނޭ އެބައިމީހުންގެ ސަވާރީތަކަށް ގޮވާން ލައިގެން ކަންޢާނުއަށް ދާށޭ. އަދި އެބައިމީހުންގެ އާއިލާތަކާއި އެބައިމީހުންގެ ބަފައިކަލުން އަހަރެންގެ ގާތަށް މިރަށަށް ގެންނާށޭވެސް ބުނޭ. އަހަރެން މިރަށުގެ އެންމެ ރަނގަޅު ސަރަހައްދުން އެބައިމީހުންނަށް ބިން ދޭނަމޭ. އޭރުން އެ ތަނުން އެބައިމީހުންނަށް އެންމެ ރަނގަޅު ކާތަކެތި ލިބި ހިތްހަމަޖެހުން ލިބޭނެ. އަދި އެބައިމީހުންގެ އަނބި ދަރިންނާއި އެބައިމީހުންގެ ބަފައިކަލުން ގެނައުމަށްޓަކައި މިޞްރުން އަސްގާޑިޔާތައްވެސް ހިފައިގެން ދިއުމަށް ބުނޭ. އަދި އެބައިމީހުންގެ އަތުގައި ހުރި ތަކެއްޗެއް ކޮންމެހެން ގެންނާނެ ކަމެއް ނެތޭ ވެސް ބުނޭ. ސަބަބަކީ މުޅި މިޞްރުން ލިބެން ހުރި އެންމެ ރަނގަޅު ބިން އެބައިމީހުން ދިރިއުޅުމަށްޓަކައި އަހަރެމެން ދޭނެތީވެސްމެ.“ ވީމާ، މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް އެންގެވި ފަދައިން ޔަޢުޤޫބުގެފާނުގެ ދަރިންނަށް އަސްގާޑިޔާ ތަކާއި ދަތުރު މައްޗަށް ބޭނުންވާނޭ ކާނާ ދެއްވިއެވެ. ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ތެރެއިން ކޮންމެ މީހަކަށް ހެދުމެއްވެސް ދެއްވިއެވެ. ނަމަވެސް ބަންޔާމީންއަށް ފަސްހެދުމާއި ތިންސަތޭކަ ރިހި ލާރި ދިނެވެ. ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނަށް ދިހަ ފިރިހެން ހިމާރަށް މިޞްރުން ލިބެން ހުރި އެންމެ ރަނގަޅު ތަކެތި ބަރުކޮށް ފޮނުވިއެވެ. އަދި ދިހަ އަންހެން ހިމާރުގައި ދަތުރުމަތީ ބޭނުން ކުރާނެ ކާބޯތަކެތި ގެންދިޔައެވެ. އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ދަތުރާއިގެން ކުރިއަށް ދިއުމަށް އެންގެވިއެވެ. އަދި އެބައިމީހުން ދަތުރަށް ތައްޔާރުވި ހިނދު މިފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަތުރުމަތީގައި އެކަކު އަނެކަކަށް ޒުވާބުކޮށް ދެބަސްވެ ނުހަދާތި.“ އެއަށް ފަހު، ޔޫސުފުގެފާނުގެ އަޚުން މިޞްރުން ފުރިއެވެ. އަދި އެބައިމީހުންގެ ބަފައިކަލުންގެ އަރިހަށް ކަންޢާނުއަށް ދިއުމަށް ފަހު، އެބައިމީހުން ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”ޔޫސުފުގެފާނު ދުނިޔޭގައި އެބަ ހުންނެވި. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގަވަނީ އޭނާ.“ އެބައިމީހުންގެ ބަފައިކަލުން ޙައިރާންވެ ވަޑައިގަންނަވައި އެބައިމީހުން އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެއްވިއެވެ. ނަމަވެސް ޔޫސުފުގެފާނު ވިދާޅުވި ހުރިހާ ވާހަކަތަކެއް އެބައިމީހުން ޔަޢުޤޫބުގެފާނަށް ދެންނެވުމުންނާއި، އަދި ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުމަށްޓަކައި ޔޫސުފުގެފާނު ފޮނުއްވި އަސްގާޑިޔާ ފެނިވަޑައިގަތުމުން އެކަލޭގެފާނު ހިތްޕުޅުހަމަޖެހި ވަޑައިގަތެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެންގެ ތިޔަ ބުނި ބުނުން އަހަރެން މިހާރު ގަބޫލުކޮށްފިން. އަހަރެންގެ ދަރިފުޅު ޔޫސުފު ދިރި ދުނިޔޭގައި އެބަ ހުންނެވި. އަދި އަހަރެން މަރުވުމުގެ ކުރިން އޭނާ ދުށުމަށް އަހަރެން ދާނަމު.“