ފެށުން. 44. ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސްވެރިއަކަށް ހުރި ޚާދިމަށް މިފަދައިން އަމުރުކުރެއްވިއެވެ. ”އެބައިމީހުންނަށް އުފުއްލެވޭނެ ވަރަކަށް އެބައިމީހުންގެ ގޯނިތަކަށް ގޮވާން އަޅައި ފުރާލާ. އަދި އެއިން ކޮންމެ މީހަކު ގެނައި ފައިސާ އެމީހެއްގެ ގޯނީގެ ތެރެއަށްލާ. އަދި އަހަރެންގެ އަމިއްލަ ރިހި ތަށި އެބައިމީހުންގެ އެންމެ ހަގު ކޮއްކޮގެ ގޯނީގެ ތެރެއަށް އޭނާގެ ފައިސާއާއި އެކުގައި އެތަށިވެސްލާ.“ ގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެ ހުރި ޚާދިމު ޔޫސުފުގެފާނު ވިދާޅުވި ފަދައިން ކަންތައް ކުރިއެވެ. ފަތިހުގެ ވަގުތުގައި އެބައިމީހުންގެ ހިމާރުތަކުގެ މަތީގައި ދަތުރަށް ފެށިއެވެ. އެބައިމީހުން އަވަށާއި މާދުރަށް ނުދެވެނީސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”އެބައިމީހުންގެ ފަހަތުންދޭ. އަދި ތިބާ އެބައިމީހުންނާއި ހަމައަށް ދެވުމުން މިފަދައިންބުނޭ. ’ހެޔޮ ކަމުގެ ބަދަލުގައި ތިޔަފަދަ ނުބައިކަމެއް ތިޔަ ކުރީ ކީއްވެ؟ މިއެއް ނޫންތަ އަހަރެންގެ ސާހިބުމީހާ ފާލުބައްލަވަން ގެންގުޅުއްވާ ޖޯޑުތައްޓަކީ؟ މިއީ ކަލޭމެން ކުރި ކިހާ ނުބައި ކަމެއްތަ؟‘“ ވުމާއެކު، ޚާދިމުކަލޭގެ އެބައިމީހުންގެ ފަހަތުން ގޮސް އެބައިމީހުން އަތުލައިގަތެވެ. އަދި އެބައިމީހުންނަށް ޔޫސުފުގެފާނު ވިދާޅުވުމަށް އެންގެވި ފަދައިން ޚާދިމުކަލޭގެ އެބައިމީހުންނަށް ބުންޏެވެ. ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ޚާދިމުކަލޭގެއާއި މުޚާތަބުކޮށް މިފަދައިން ބުންޏެވެ. ”ތިޔަފަދައިން ވާހަކަ ތިޔަދައްކަނީ ކީއްވެ؟ ތިޔަފަދަ ކަމެއް އަހަރެމެން ނުކުރަމު! އަހަރެމެންގެ ގޯނިތަކުގައި ވީ ފައިސާ އަހަރެމެންނަށް ކަންޢާނުން ފެނުނުހިނދު، އެ ފައިސާ އަނބުރާ އަހަރެމެން ގެނެސް ދިނީމު. ވީމާ، ތިބާގެ ސާހިބާގެ ގަނޑުވަރުން ރަންކޮޅެއްވެސް ރިހިކޮޅެއްވެސް އަހަރެމެން ވަގަކަށް ނުނަގަމު. ތިބާ ތިޔަ ބުނާ ރިހި ތަށި އަހަރެމެންގެ މީހެއްގެ ގޯނީގެ ތެރެއިން ފެނިއްޖެނަމަ، އެމީހަކު މަރާލާ. އަދި އަހަރެމެން އެންމެންނަކީ އަބަދަށް ތިބާގެ ސާހިބާގެ އަޅުންކަމުގައި ހަދާ.“ ޚާދިމްކަލޭގެ މިފަދައިން ބުންޏެވެ. ”ތިޔަބައިމީހުން ބުނިފަދައިން އަހަރެން އަމަލުކުރާނަން. ނަމަވެސް އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ނެގި މީހެއް. އެހެނިހެން އެންމެން މިނިވަން ކަމާއިއެކު ދިއުމަށް ދޫކޮށްލެވޭނެ.“ އެއަށް ފަހު، އެބައިމީހުން (ޔޫސުފުގެފާނުގެ އަޚުން) ނުހަނު އަވަހަށް ހިމާރުތަކުގެ މަތިން ގޯނިތައް ބިންމައްޗަށް ބާލައި ގޯނިތައް ހުޅުވިއެވެ. ޚާދިމްކަލޭގެ ގޯނިތައް ބަލަމުން ގެންދިޔައީ އެންމެ ދޮށީ ކުއްޖާއިން ފެށިގެން އެންމެ ހަގު ކުއްޖާއަށެވެ. އެންމެފަހުން އެ ތަށި ބަންޔާމީންގެ ގޯނީގެތެރެއިން ފެނިއްޖެއެވެ. އެބައިމީހުންނަށް މިތަން ފެނި ގަތް ބިރުންނާއި ވީ ދެރައިން އެބައިމީހުންގެ އަންނައުނުތައް ވީދަންފެށިއެވެ. އެއަށް ފަހު، ހިމާރުތަކުގެ ބުރަކަށިމައްޗަށް ގޯނިތައް އަރުވައިގެން އެނބުރި އަވަށުގެ ތެރެއަށް އެބައިމީހުން ދިޔައެވެ. ޔަހޫޛާ އާއި އެހެނިހެން އަޚުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ދިޔަހިނދު ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގައި ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެބައިމީހުން މޫނު ބިންމަތީގައި ޖައްސާ ގުދުވެ ކުރުނީސްކުރިއެވެ. ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ކުރީ ކޮންފަދަ ކަމެއް؟ އަހަރެން ކަހަލަ ފާލުބަލާ މީހަކަށް އެކަހަލަ ސިއްރެއް ދެނެގަނެވިދާނެކަން ކަލޭމެންނަކަށް ނޭނގޭތަ؟“ ޔަހޫޛާ ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެން ދަންނަވާނީ ކީކޭތޯ؟ އަދި އަޅުގަނޑުމެން ކުށެއް ނުކުރާކަން ދައްކުވައިދޭނީ ވެސް ކިހިނަކުން؟ އަޅުގަނޑުމެންގެ ފާފައިގެ ސަބަބުން މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ޝަޒާ ދެއްވައިފި. ވީމާ، ސާހިބާގެ އަޅެއްގެ ގޮތުގައި ވާނީ ހަމައެކަނި ބަންޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން އެންމެންނަކީވެސް މަނިކުފާނުގެ އަޅުން.“ ނަމަވެސް ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ތިޔަ އެންމެންތަކުން އަހަރެންގެ އަޅުންނަށް ނުހަދާނަމު! ހަމައެކަނި އަހަރެންގެ އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ވަގަށް ނެގި މީހާ. ދެން ތިބި އެންމެން މިނިވަންކަމާއެކު ތިޔަބައިމީހުންގެ ބަފައިކަލުންގެ ކައިރިއަށް ރަށަށްދޭ.“ އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށްވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު. އަޅުގަނޑުމެން މީގެކުރިން މިތަނުގައި ތިބި ފަހަރެއްގައި އަޅުގަނޑުމެންގެ ބައްޕަ ދުނިޔޭގައި ހުންނެވިތޯ އާއި އަޅުގަނޑުމެންގެ އިތުރު ކޮއްކޮއަކު ހުންނެވިތޯ މަނިކުފާނު އެއްސެވީމު. އަދި އަޅުގަނޑުމެން ޖަވާބުގައި އަޅުގަނޑުމެންގެ މުސްކުޅި ބަފަޔަކު ހުންނަ ކަމުގައްޔާއި އަދި އަޅުގަނޑުމެންގެ ބައްޕަގެ އުމުރުފުޅުން ޢަޖޫޒުވެފައިވީ ހިނދު ލިބިވަޑައިގެންނެވި އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ހުންނެވި ކަމުގައި އަޅުގަނޑުމެން ދެންނެވީމު. އަދި އޭނާ އާއި އެއްބަޑު އަނެއް ކޮއްކޮ ވަނީ ނިޔާވެފައި ކަމުގައިވެސް ދެންނެވީމު. ވީމާ، އެ ކޮއްކޮ އާއި އެއްބަނޑު އޭނާ ނޫން ދެވަނަ ކުއްޖަކު ނުވާކަމުގައިވެސް ދެންނެވީމު. އަދި އަޅުގަނޑުމެންގެ ބައްޕަ އެ ކޮއްކޮ ދެކެ ނުހަނު ލޯބިފުޅުވާ ކަމުގައިވެސް ދެންނެވީމު. އެއަށް ފަހު، މަނިކުފާނު އަޅުގަނޑުމެންގެ އެ ކޮއްކޮ ދުށުމަށް އެދިވަޑައިގެންވާތީވެ، މަނިކުފާނުގެ އަރިހަށް ގެނެސް ދިނުމަށް އަޅުގަނޑުމެންގެ ކިބައިން މަނިކުފާނު އެދިވަޑައިގަތީމު. ނަމަވެސް ބައްޕަ ދޫކޮށްފައި އޭނާ އަތުވެއްޖެނަމަ ބައްޕަ އަވަހާރަވުމާއި އެއްފަދަވާނެ ކަމުގައި އަޅުގަނޑުމެން މަނިކުފާނަށް ދެންނެވީމު. ނަމަވެސް އޭނާ ނުލައި އަޅުގަނޑުމެން މި ރަށަށް އައި ކަމުގައި ވިޔަސް މަނިކުފާނާއި ބައްދަލުނުވާނޭ ކަމުގައި މަނިކުފާނު ވިދާޅުވީމު. ވީމާ، އަޅުގަނޑުމެން އެނބުރި ރަށަށް ގޮސް މަނިކުފާނު ވިދާޅުވި ފަދައިން ހުރިހާ ވާހަކަތަކެއް އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު. އެއަށް ފަހު، ކެއުމަށްޓަކައި ގޮވާންކޮޅެއް ގަތުމަށް ދެވަނަ ފަހަރަށް މި ރަށަށް އައުމަށް އަޅުގަނޑުމެންގެ ބަފައިކަލުން ވިދާޅުވި. އެހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު. އެއަށް ފަހު، އަޅުގަނޑުމެންގެ ބަފައިކަލުން މިފަދައިން ވިދާޅުވި. ’އަހަރެންގެ އަނބި ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބިފައި ވަނީ އެންމެ ދެދަރިންނޭ. އޭގެތެރެއިން އެއް ކުއްޖަކު ވަނީ ގެއްލިފައޭ. އޭނާ ނެތި ދިޔައީ ވަލުޖަނަވާރެއްގެ ޝިކާރައިގައި ޖެހިގެންނޭ. އަދި އޭގެ ފަހުން އަހަރެން އޭނާއެއް ނުދެކެމޭ. މިހާރު ކަލޭމެން ތިޔަ އެދެނީ މި ދަރިފުޅުވެސް އަހަރެންނާއި ވަކިކޮށްލާށޭ. ނަމަވެސް އެއްވެސް ކަހަލަ ނިކަމެތިކަމެއް އޭނާއަށް ކުރިމަތި ވެއްޖެނަމަ އަހަރެން ނިމިދާނީވެސް ހިތާމަ ކުރުމުގައޭ.‘ ވީއިރު، އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން ބަފައިކަލުންގެ އަރިހަށް ރަށަށް ދާނީ ކިހިނަކުން؟ އަޅުގަނޑުމެންގެ ބައްޕަ ދިރިހުރުމުގެ މުހިންމު ބޭނުމަކީ އޭނާ. އަޅުގަނޑުމެންނާއި އެކުގައި ކޮއްކޮ ނެތްކަން އެނގިއްޖެނަމަ ބަފައިކަލުން މަރު ވެދާނެ. އަދި އެއީ އަޅުގަނޑުމެންނަށް ހެދޭނެ ވަރަށް ބޮޑު ގޯހެއްވެސްމެ. އޭރުން އަޅުގަނޑުމެންގެ ބަފައިކަލުންނަށް އެފަދަ ހިތާމައެއް ކުރިމަތި ކުރުވައި އަވަހާރަކޮށްލީ އަޅުގަނޑުމެން ކަމުގައިވާނެ. މި ޒުވާން ކޮއްކޮއަށް ރައްކާތެރިކަން ދޭނޭ ކަމުގައި ޚުދު އަޅުގަނޑު ބަފައިކަލުންނަށް ޔަޤީންކަން ދިނީމު. އަޅުގަނޑު ބަފައިކަލުންނަށް މިފަދައިން ދެންނެވީމު. ’އަޅުގަނޑުމެންގެ މި ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން އެނބުރި ބަފައިކަލުންގެ އަރިހަށް އަތުވެއްޖެނަމަ، އަޅުގަނޑުގެ މުޅި އުމުރު ދުވަހު އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އަޅުއްވާށޭ ދެންނެވީމު.‘ ވީމާ، އަޅުގަނޑު މިތަނުގައި ކަލޭގެފާނުގެ އަޅެއްގެ ގޮތުގައި ހުރުމުގެ ހުއްދަ ދެއްވާ. އަދި ކޮއްކޮގެ ބޭބެމެންނާއި އެކުގައި ކޮއްކޮ އެނބުރި ރަށަށް ފޮނުއްވުމަށް އެދި އަޅުގަނޑު ނުހަނު އާދޭސް ދަންނަވަން. ކޮއްކޮ އާއި ވަކިން އަޅުގަނޑަށް އެނބުރި ބަފައިކަލުންގެ އަރިހަށް ދާކަށް ނުކެރޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ބަފައިކަލުން އުފުއްލަވާނޭ ހިތާމަތައް ދުށުމަކީ އަޅުގަނޑަށް ކެތް ކުރެވޭނެ ކަމެއް ނޫން.“