ފެށުން. 38. އެދުވަސްތަކުގައި ޔަހޫޛާ އޭނާގެ އަޚުންނާއި ވަކިން ޢަދުއްލާމްއަށް ދިޔައެވެ. އަދި އެރަށުގައި ޙީރަތުއޭ ކިޔާ މީހެއްގެ ގާތު ދިރިއުޅެމުން ދިޔައެވެ. އެރަށުގައި ޔަހޫޛާ ދިރިއުޅެމުން ދިޔަ ދުވަސްތަކުގައި ކަންޢާނުގެ އަންހެންކުއްޖެއް ކަމުގައި ވީ ޝޫޢުގެ އަންހެން ދަރިފުޅާއި އޭނާ އާއި ބައްދަލުވެ ކައިވެނި ކުރުމަށް ފަހު ރޭކުރިއެވެ. އަދި މިކަނބުލޭގެ ބަލިވެއިނދެ ޔަހޫޛާއަށް ފިރިހެން ދަރިއަކު ވިހެއެވެ. ޔަހޫޛާ އެދަރިފުޅަށް ޢީރާ އޭ ކިޔައި ނަން ދިނެވެ. އެއަށް ފަހު މިކަނބުލޭގެ ޔަހޫޛާއަށް އިތުރު ފިރިހެން ދަރިއަކު ވިހެއެވެ. މިކަނބުލޭގެ އެދަރިފުޅަށް އޫނާން އޭ ކިޔައި ނަން ދިނެވެ. އޭގެފަހުގައި ޔަހޫޛާ އާއި އޭނާގެ އަންހެނުންނަށް ތިންވަނަ ފިރިހެން ދަރިފުޅު ލިބުނެވެ. މި ދަރިފުޅުގެ ނަމަކަށް ޝީލަތު ގެ ނަމުން މިކަނބުލޭގެ ނަންދިނެވެ. ޔަހޫޛާ އާއި އޭނާގެ އަންހެނުންނަށް ތިންވަނަ ދަރިފުޅު ލިބުނުއިރު އެ ދެމަފިރިން ދިރިއުޅެމުން ގެންދިޔައީ ކަޒީބު ގައެވެ. ޔަހޫޛާގެ ދޮށީ ދަރިފުޅު ޢީރު ހެދިބޮޑުވެ ފުރާފުރިހަމަވި ހިނދު އެދަރިފުޅުގެ އަނތްބަކަށް ތާމާރު އޭ ކިޔާ އަންހެންކުއްޖަކު ޔަހޫޛާ ޚިޔާރު ކުރިއެވެ. އަދި މިކަނބުލޭގެ އާއި ޢީރު ކައިވެނި ކުރުވިއެވެ. ނަމަވެސް ޔަހޫޛާގެ ދޮށީ ދަރިފުޅު ޢީރުގެ ނުބައިވެގެންވީ އަޚުލާގުގެ ސަބަބުން މާތްރަސްކަލާނގެ އޭނާގެ މަރުހިއްޕެވިއެވެ. ޢީރު ނިޔާވުމުން ތާމާރު އާއި ކައިވެނި ކުރުމަށް ޔަހޫޛާގެ ދެވަނަ ފިރިހެން ދަރިފުޅު އޫނާންގެ ކިބައިން އޭނާ މިފަދައިން އެދުނެވެ. ”ތިބާގެ ބޭބެގެ ހުވަފަތްވެފައިވާ އަނބިމީހާއި ތިބާ ކައިވެނި ކުރުމަށް ފަހު ތިބާގެ އަޚާއަށް ދަރިން ހޯދައިދިނުމަކީ ތިބާގެ މަސްއޫލިއްޔަތެއް.“ އެގޮތުން އޫނާން އޭނާގެ ބޭބެގެ ހުވަފަތް އަނބިމީހާ އާއި ކައިވެނިކުރިއެވެ. ނަމަވެސް އޫނާންއަށް މިފަދައިން ލިބޭނޭ ދަރިއަކީ އޭނާގެ ވާރުތަ ލިބިދޭނޭ ފަރާތަކަށް ނުވާތީވެ އެކަނބުލޭގެ އާއި އެކުގައި އޭނާ ރޭކުރާ ކޮންމެ ހިނދަކު ދަރިމައިވުމުގެ ދިޔަވަރު ބިންމައްޗަށް އޮއްސާލައެވެ. މިހެން ހަދައި އޭނާގެ ބޭބެ ޢީރުގެ ވާރުތަ ލިބިދޭނޭ ދަރިއަކު ނުލިބޭނެގޮތް އޭނާ ހެދިއެވެ. ނަމަވެސް އޫނާންގެ މި ނުބައިވެގެންވީ ޢަމަލާއިހެދި މާތްރަސްކަލާނގެ ރުހިވޮޑިގަތުން އޭނާއަކަށް ނުލިބުނެވެ. ދެން އެކަލާނގެ އޭނާގެ މަރު ހިއްޕެވިއެވެ. މިއަށް ފަހު ޔަހޫޛާ އޭނާގެ ދަނބިދަރިފުޅު ތާމާރުއަށް މިފަދައިން ބުންޏެވެ. ”ކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ގޮސް އަދި އެގޭގައި ކަނބުލޭގެ ދިރިއުޅުމާއިގެން ކުރިއަށްދޭ. ނަމަވެސް އަހަރެންގެ ހަގު ފިރިހެން ދަރިފުޅު ޝީލަތު ބާލިޣުވުމަށް ދާންދެން އިތުރު ކައިވެންޏެއްނުކޮށް ކަނބުލޭގެ މަޑުކުރޭ.“ ނަމަވެސް ޔަހޫޛާ މި ގޮތަށް ހެދުމަކަށް ގަސްދެއް ނުކުރެއެވެ. ސަބަބަކީ އޭނާގެ ދޮށީ ދެފިރިހެން ދަރިން ނިޔާވެދިޔަ ފަދައިން ޝީލަތު ވެސް ނިޔާވެދާނޭތީ އެކަމުގެ ބިރު އޭނާގެ ހިތުގައި ވުމުންނެވެ. އެހެންވީމާ، ޔަހޫޛާގެ އެދުމުގެ މަތިން ޘާމާރު އެކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ދިޔަމެއެވެ. އޭގެ އަހަރުތަކެއް ފަހުން ޔަހޫޛާގެ އަންހެނުން ނިޔާވިއެވެ. އަދި އެކަމުގެ ހިތާމައިގެ މުއްދަތު ނިމުމާއެކު ޔަހޫޛާ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމުގެ މަސައްކަތްތައް ކުރަމުން ގެންދާ މީހުންގެ ގާތަށް ތިމްނާއަށް އޭނާ ދިޔައެވެ. އަދި އޭނާ އާއި އެކުގައި ޢަދުއްލާމްގެ އޭނާގެ އެކުވެރިޔާ ޙީރަތު ވެސް ތިމްނާއަށް ދިޔައެވެ. ޔަހޫޛާ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށް ތިމްނާއަށް އަންނަ ޚަބަރު ތާމާރުއަށް ލިބުނެވެ. މިއިރު ޔަހޫޛާ ވަނީ އޭނާގެ ތިންވަނަ ދަރި ޝީލަތު ފުރާވަރަށް އެރުމުންވެސް ތާމާރުއާ އޭނާގެ ކައިވެނި ކޮށް ނުދީފައެވެ. ޔަހޫޛާ ތިމްނާއަށް އަންނަ ޚަބަރު ތާމާރުއަށް ލިބުމުން އޭނާ ލައިގެންހުރި ހުވަފަތް އަންހެނުންގެ ހެދުން ބަދަލުކުރުމަށް ފަހު އެހެން ހެދުމެއްލައި އެކަނބުލޭގެ މޫނު ބުރުގާއިން ނިވާކުރިއެވެ. އަދި ތިމްނާއަށް ދެވެންއޮންނަ މަގުމަތީ އަވަށެއް ކަމުގައިވާ ޢައިނާއިމްގެ މައިދޮރާށި ކައިރީގައި ގޮސް އިނދެއްޖެވެ. ޔަހޫޛާއަށް މިކަނބުލޭގެ ފެނުނު ހިނދު އެއީ ކަސްބީ އަންހެން ކުއްޖެއްކަމުގައި އޭނާއަށް ހީވިއެވެ. ސަބަބަކީ ބުރުގާއިން މިކަނބުލޭގެ މޫނު ނިވައިކޮށްފައި ވުމުންނެވެ. އެހެންވީމާ، ޔަހޫޛާ އެކަނބުލޭގެ ގާތަށް ދިޔައެވެ. އަދި މި ކަނބުލޭގެ އަކީ އޭނާގެ ޅީދަރިފުޅުކަން އެނގިގެންނުވާ ޙާލުގައި އެކަނބުލޭގެ އާއިއެކުގައި ޖިމާޢުވުމަށް އެދި މިފަދައިން ވާހަކަ ދެއްކިއެވެ. ”އަހަރެން ކަނބުލޭގެއާ އެކުގައި ޖިންސީގުޅުން ހިންގުމަށް އެދިގެންވަމު.“ އެކަނބުލޭގެ މިފަދައިން ޖަވާބު ދިނެވެ. ”އަހަރެން ތިބާއާއި އެކުގައި ޖިންސީގުޅުން ހިންގުމުން ތިބާ އަހަރެންނަށް ދޭނީ ކޮންއެއްޗެއް؟“ ޔަހޫޛާ މިފަދައިން ޖަވާބު ދިނެވެ. ”އަހަރެންގެ ބަކަރިތަކުގެ ތެރެއިން ޅަ ބަކަރިއެއް ކަނބުލޭގެއަށް އަހަރެން ފޮނުވައިދޭނަން.“ އެކަނބުލޭގެ ރައްދުގައި މިފަދައިން ބުންޏެވެ. ”އަހަރެންނަށް ޅަ ބަކަރިއެއް ތިބާ ފޮނުވައިދޭނޭ ކަމުގެ އިތުބާރެއްގެ ގޮތުން އަހަރެންގެ އަތުގައި ތިބާ ކޮންމެވެސް އެއްޗެއް ބާއްވަން ޖެހޭނެ.“ ޔަހޫޛާ މިފަދައިން އެކަނބުލޭގެ ގާތުން އެހިއެވެ. ”މިކަމުގެ އިތުބާރެއްގެ ގޮތުގައި ކަނބުލޭގެ އަތުގައި ބޭއްވުމަށް އެދެނީ ކޮންއެއްޗެއް؟“ ތާމާރު ޖަވާބު ދިނެވެ. ”އަހަރެން ބޭނުމީ ތިބާގެ ކަރުގައި އަޅާފައިވާ ފަށާއި، ފަށުފުލުގައިވާ ސިއްކަ ޖަހާ އެހާއި، ތިބާގެ އަތުގައި ތިއޮތް އަސާ.“ އެގޮތުން އެކަނބުލޭގެއަށް ޔަޤީންކަން ދިނުމުގެ ގޮތުން ޔަހޫޛާ އެތަކެތި އެކަނބުލޭގެ އަތަށް ދިނެވެ. އެއަށް ފަހު ތާމާރު އާއި ޔަހޫޛާ ޖިންސީގުޅުން ހިންގިއެވެ. ދެން ތާމާރު ބަލިވެއިނދެއްޖެއެވެ. ގެއަށް އެނބުރި ދިއުމަށް ފަހު ތާމާރު އޭކަނބުލޭގެ ލައިގެންހުރި ހެދުމާއި ބުރުގާ ނެގުމަށް ފަހު އިހުނެކޭ އެއްފަދައިން އެކަނބުލޭގެ ލައިގެން ހުންނަ ހުވަފަތް އަންހެނުން އަޅާ ހެދުން އެޅިއެވެ. އެއަށް ފަހު ޢަދުއްލާމު އަވަށުގެ ޔަހޫޛާގެ ރަޙުމަތްތެރިޔާ ޙީރަތު އާއި ޅަ ބަކަރިއެއް ހަވާލު ކުރުމަށް ފަހު އެކަނބުލޭގެ ހޯދައި ދިނުމަށް ފަހު ޔަހޫޛާގެ ނިޝާނީ ހަނދާނާއި އަސާ އަނބުރާ ގެނައުމަށް އޭނާގެ ރަޙުމަތްތެރިޔާ ފޮނުވިއެވެ. ނަމަވެސް ޙީރަތު މުޅި އެ ސަރަހައްދު ހޯދައިގެންވެސް އެކަނބުލޭގެ އެއް ނުފެނުނެވެ. އެންމެފަހުން ޢައިނާއިމް އަވަށުގެ މީސްތަކުން ކުރެން ޙީރަތު މިފަދައިން އެހިއެވެ. ”ތިޔަބައިމީހުންގެ އަވަށު މައި ދޮރާށި ކައިރީގައި އިށީނދެގެން އިންނަ ކަސްބީ ކަނބުލޭގެ ކޮބައިތަ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެންގެ މިއަވަށުގައި ދުވަހަކުވެސް ނާސި ކަނބުލޭގެއަކު ނުވޭމެ.“ ޔަހޫޛާގެ ރަޙުމަތްތެރިޔާ ޙީރަތުއަށް އެކަނބުލޭގެ ނުފެނުމުން އެނބުރި ޔަހޫޛާގެ ކައިރިއަށް ގޮސް މިފަދައިން ބުންޏެވެ. ”އަހަރެންނަކަށް އެކަނބުލޭގެއެއް ނުފެނުނު. އަދި ޢައިނާއިމްގެ އަހުލުވެރިން އެބައިމީހުންގެ ތެރޭގައި ދުވަހަކުވެސް ނާސި ކަނބުލޭގެއަކު ނުވާނޭ ކަމުގައި ބުނި.“ ޔަހޫޛާ ރައްދުގައި ބުންޏެވެ. ”އެކަނބުލޭގެއަށް އަހަރެން ދިން ތަކެއްޗާއިގެން ދިޔަދީ. އަހަރެމެން އެކަނބުލޭގެ ހޯދަން އެ އަވަށަށް ހިނގައްޖެނަމަ މީސްތަކުންގެ މަލާމާތް އަހަރެމެންނަށް ލިބޭނެ. އަހަރެން ވަޢުދުވި ފަދައިން އެކަނބުލޭގެއަށް ޅަ ބަކަރިއެއް އަހަރެން ފޮނުވީމު. ނަމަވެސް ތިބާއަށް އެކަނބުލޭގެ ނުއެއް ފެނުނު.“ ގާތްގަނޑަކަށް އޭގެ ތިންމަސް ދުވަސް ފަހުން ޔަހޫޛާގެ ޅީދަރިފުޅު ކޮންމެވެސް ފިރިހެނަކާއެކު ބަދުއަޚުލާގީ ޢަމަލެއް ހިންގައި ޒިނޭކުރުމުން ބަލިވެއިން ޚަބަރު މީހެއްގެފަރާތުން ޔަހޫޛާއަށް ލިބުނެވެ. އެހިނދު ޔަހޫޛާ އަޑުލައި މިފަދައިން އަމުރުކުރިއެވެ. ”އޭނާ ދަމައި ގެނެސް އަވަށުން ބޭރުގައި ދިރިހުއްޓާ އަންދާލާ!“ ނަމަވެސް މީސްތަކުން އެކަނބުލޭގެ މަރާލުމަށް އަވަށުން ބޭރަށް ގެންދިއުމަށް ބަލާ ދިޔަހިނދު މީހަކު މެދުވެރިކޮށް އެކަނބުލޭގެ ބަފައިބެ ޔަހޫޛާއަށް ޚަބަރު ކުރުވިއެވެ. ”މި ތަކެތީގެ މިލްކުވެރިޔަކީ އަހަރެން ބަލިވެ ބޭންދި މީހާ. މި އަސާ އަށާއި އަދި މި ފަށާއި ފަށު ފުލުގައިވާ ޚާންދާނީ ނިޝާނުން ސިއްކަ ޖެހިފައިވީ އަނގޮޓި އަކީ ކާކުގެ ތަކެއްޗެއްކަން އެނގޭތޯ؟“ ޔަހޫޛާއަށް އެތަކެއްޗަކީ އޭނާގެ ތަކެތިކަން އެނގުނެވެ. އެހިނދު އޭނާއަށް މިފަދައިން ބުނެވުނެވެ. ”އެކަނބުލޭގެ އަކީ އަހަރެންނަށް ވުރެން ހެޔޮލަފާ އިންސާނެއް. އެކަނބުލޭގެ މިފަދައިން އަމަލުކުރި ސަބަބަކީ އަހަރެންގެ ފިރިހެން ދަރިފުޅު ޝީލަތުގެ ކައިވެނި ކޮށްދިނުމަށް އަހަރެން އެކަނބުލޭގެއަށް ވީ ވަޢުދު އުވާލުމުން.“ އަދި އޭގެ ފަހުން ޔަހޫޛާ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުމެއް ނުހިންގައެވެ. ތާމާރު ވިހެމުގެ ވަގުތު ކުޑަތަންވަމުން އައިހިނދު އެކަނބުލޭގެ ނިބޫ ދެކުދިންނާއިގެން ބަލިވެއިންކަން އެނގުނެވެ. އެކަނބުލޭގެ ވިހެއުމުގެ ވޭންވަރު އުފުލަމުން ދިޔަހިނދު ނިބޫ ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އަތް ބޭރަށް އައެވެ. އެހިނދު ފޫޅުމައިމީހާ އެ ކުއްޖާގެ އަތުގައި ރަތްކުލައިގެ ރޮދިފަށެއް އެއްސުމަށް ފަހު މިފަދައިން ބުންޏެވެ. ”ފުރަތަމަ ވިހެއި ދަރިފުޅަކަށް ވާނީ މި ދަރިފުޅު.“ އެހެނަސް އެ ތުއްތު ކުއްޖާގެ އަތް އެތެރެއަތް ދަމައިގަތެވެ. އެހެންކަމުން، އަނެއްކުއްޖާ ކުރިން ވިހެއެވެ. އެހިނދު ބޭކިނބިއަށް މިފަދައިން ބުނެވުނެވެ. ”އެހެންވީމާ، ފަޅާލައިފައި ފުރަތަމަ ނުކުތުމުގެ ކުޅަދާނަކަން ލިބުނީ ތިބާއަށް ދޯ!“ އަދި އެބައިމީހުން އެ ދަރިފުޅަށް ފާރަޞްގެ ނަމުން ނަން ދިނެވެ. އޭގެފަހުގައި އަތުގައި ރަތް ކުލައިގެ ރޮދިފަށް އެއްސި ކުއްޖާ ވިހޭމެއެވެ. އަދި ޒާރަޙުގެ ނަމުން އެދަރިފުޅަށް ނަން ދިނެވެ.