ފެށުން. 33. ޢީސޫ ހަތަރުސަތޭކަ ފިރިހެނުންނާއިގެން އަންނަތަން ދުރުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވިއެވެ. އެހެންވެ، އަވަސްއަވަހަށް އެކަލޭގެފާނުގެ ދަރިން އެ ކުދިންގެ މައިންނާއި އެކުގައި ތިން ޖަމާޢަތަށް ބައްސަވައިލެއްވިއެވެ. އަދި ދެ ޖާރިޔާއިން ކަމުގައިވާ ޒިލްފާ އާއި ބިލްހާ އާއި އަދި އެ ދެ ޖާރިޔާއިންނަށް ލިބިފައިވާ ދަރިން އެންމެ ކުރިޔަށް ނެރުއްވިއެވެ. އޭގެފަހަތަށް ލައިއަތު އާއި އެކަނބުލޭގެއަށް ލިބިފައިވާ ކުދިން ނެރުއްވައި އަދި އެންމެ ފަހަތުގައި ރާޙީލް އާއި ޔޫސުފުގެފާނު ބެހެއްޓެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އާއިލާގެ އެންމެ ކުރީގައި ހުންނަވައިގެން ޢީސޫއާއި ބައްދަލު ކުރުމަށް ހިންގަވާ ވަޑައިގެންނެވިއެވެ. އަދި ޢީސޫއާއި ހަމައަށް ދެވުމުގެ ކުރިން، ޢީސޫއަށް ޤަދަރު ކުރުމުގެ ގޮތުން ބިންމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުޖައްސަވައި ހަތްފަހަރު ގުދުވެ ކުރުނީސް ކުރެއްވިއެވެ. ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ. އެހިނދު އެތަނުގައި ވަށައިގެންތިބި އަންހެނުންނާއި ކުދިން ޢީސޫއަށް ފެނި މިފަދައިން ބުންޏެވެ. ”ތިބާ އާއިއެކުގައި މިވާ މީސްތަކުންނީ ކޮންބައެއް؟“ ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މިއީ މާތްﷲ ރަޙުމަތްފުޅުން ތިބާގެ ޚާދިމު ކަމުގައިވާ އަހަރެންނަށް ދެއްވި ދަރިން.“ އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ދެ ޖާރިޔާއިން އެކަނބަލުންގެ ދަރިންނާއިއެކު ކުރިއަށް އައިސް ޢީސޫއަށް އިޙުތިރާމް ކުރުމުގެ ގޮތުން ޢީސޫގެ ކުރިމަތީގައި ގުދުވެ ކުރުނީސް ކުރިއެވެ. އޭގެފަހުގައި ލައިއަތު އެކަނބުލޭގެ ދަރިންނާއިއެކު ޢީސޫގެ ކުރިމައްޗަށް އައިސް އިޙުތިރާމު ކުރުމުގެ ގޮތުން ގުދުވެ ކުރުނީސް ކުރިއެވެ. އަދި އެންމެ ފަހުން ރާޙީލް އާއި ޔޫސުފުގެފާނުވެސް ޢީސޫގެ ކުރިމައްޗަށް އައިސް ޢީސޫއަށް އިޙުތިރާމް ކުރުމުގެ ގޮތުން ގުދުވެ ކުރުނީސް ކުރިމެއެވެ. އެއަށް ފަހު ޢީސޫ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެން މި އައި މަގުމަތީގައި ދިމާވި އެންމެހާ ޖަނަވާރުތައް އަހަރެންނަށް ފޮނުވުމުގެ މާނައަކީ ކޮބާ؟“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ސާހިބާ، އެއީ ތިބާގެ ރަޙުމަތްތެރިކަމަށް އެދިގެން ފޮނުވުނު ހަދިޔާ.“ ޢީސޫ ޖަވާބުގައި ބުންޏެވެ. ”އަހަރެންގެ ލޮބުވެތި ކޮއްކޯ. އަހަރެންނަށް ގިނަގުނަ ތަކެތި ލިބިގެންވޭ. ތިބާގެ ބޭނުމަށްޓަކައި އެތަކެތި ބަހައްޓާ.“ ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނުހިނދު، މާތްﷲގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު. ތިބާއަށްޓަކައި އަހަރެން މިގެނައި ހަދިޔާ ބަލައިގަތުމަށް އަހަރެން އެދެން. މާތްﷲގެ ރަޙުމަތްވަންތަކަން އަހަރެންނަށް ލިބި އަހަރެންގެ އެންމެހާ ބޭނުންތަކެއް ފުދިގެންވޭ.“ އަދި ޔަޢުޤޫބުގެފާނު ކުރުނުކުރައްވައި އާދޭސް ދެންނެވުމުގެ ސަބަބުން އެ ތަކެތި ޢީސޫ ގަބޫލުކޮށް ބަލައިގަތެވެ. ޢީސޫ ޔަޢުޤޫބުގެފާނަށް ބުންޏެވެ. ”އަހަރެމެންގެ މަގުގައި ދަތުރުކޮށް ކުރިއަށް ދަމާހިނގާ. އަހަރެން ތިބާ އާއިއެކުގައިވާނަމު.“ ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ސާހިބާ، ޅަ ދަރިންނަށް ދަތުރު ކުރުމަކީ އުނދަގޫ ކަމެއް. އަދި އަހަރެންގެ ކަންބަޅިތަކާއި، ބަކަރިތަކުގެ ތެރޭގައި ޅަ އެއްޗެހި ހިމެނޭ. މާ ދުރަށް މާބާރަށް އެތަކެއްޗާއިގެން ދަތުރުކޮށްފިނަމަ އެތަކެތި މަރުވެދާނެ. އެހެންވީމާ، ސާހިބާ، ތިބާގެ ޚާދިމުންނާއި އެކުގައި ކުރިއަށްދޭ. އަހަރެންގެ ދަރިންނާއި، މި ޖަނަވާރު ތަކާއި އަދި އެހެނިހެން ތަކެއްޗާއިގެން މަޑުމަޑުން ހިނގާފައި ކުރިއަށް ދާނަން. އަހަރެމެން ސާހިބާއާ ބައްދަލު ކުރާނީ އަދޫމަށް ދެވުނީމަ.“ އެހިނދު ޢީސޫ ރައްދުގައި ބުންޏެވެ. ”އެހެންކަމުގައިވާނަމަ އަހަރެންނާއި އެކުގައި މިވާ މީސްތަކުންގެ ތެރެއިން ބައެއް މީހުން ތިބާގެ ސަލާމަތަށާއި މަގު ދައްކައިދިނުމަށް ތިބާ އާއިއެކުގައި ގެންދޭ.“ ޔަޢުޤޫބުގެފާނު އިޙުތިރާމާއެކު ވިދާޅުވިއެވެ. ”ވަރަށް ބޮޑަށް ޝުކުރުވެރިވަމު. ތިބާގެ ރުހުން އަހަރެންނަށް ލިބުމުން އެމިންވަރު އަހަރެންނަށް ފުދިގެންވޭ. އަހަރެން ހަމައެކަނި ބޭނުންވަނީ ތިބާގެ ރަޙުމަތްތެރިކަން.“ އެހެން ކަމަށްވުމާއެކު، ޢީސޫ އަދޫމަށް އެނބުރި ދިއުމަށް ދަތުރުފެށިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު ދަތުރުކުރައްވައި ވަޑައިގަތީ ސުއްކޫތަށެވެ. އެތަނުގައި އެކަލޭގެފާނު ފޭލިގެ ޖައްސަވައި އަދި އެކަލޭގެފާނުގެ ޖަނަވާރުތަކަށް ހިޔާވަހި ތައްޔާރު ކުރެއްވިއެވެ. އެތަނަށް ސުއްކޫތުއޭ ކިޔުނީ މިހެންވުމުންނެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނު ސަލާމަތްކަމާއެކު މެސޮޕޮތާމިޔާއިން ދަތުރު ކުރައްވައި ކަންޢާނަށް ވަޑައިގެންނެވިއެވެ. އަދި ކަންޢާނުގެ ރަށެއް ކަމުގައިވާ ޝަކީމްގެ ރަށްބޭރުގައި އެކަލޭގެފާނު ފޭލިގެތައް ޖެއްސެވިއެވެ. ޔަޢުޤޫބުގެފާނު ފޭލިގެތައް ޖެއްސެވި ބިމަކީ ޙަމޫރުގެ ދަރިފަސްކޮޅަށް މިލްކުވެގެންވީ ބިމެކެވެ. އެކަލޭގެފާނު މި ބިން ސަތޭކަ ރިހިލާރި ދެއްވާފައި ޝަކީމްގެ ބައްޕަ ޙަމޫރުގެ ދަރިންގެ އަތުން ބައްލަވައިގަތެވެ. އެއަށް ފަހު އެތަނުގައި ޤުރުބާން ކުރުމަށް ހުންނަ ޚާއްސަ އައްޓެއް ހައްދަވައި ”އީލު އިލާހު އިސްރާއީލު“ ގެ ނަމުން އެ އައްޓަށް ނަން ދެއްވިއެވެ.