ފެށުން. 32. ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އާއިގެން ރަށަށް އެނބުރި ވަޑައިގަތުމަށް މަގުގައި ދަތުރުކުރައްވާ ކުރިއަށް ވަޑައިގަންނަވުން ގެންދެވި ހިނދު މާތްﷲގެ މަލާއިކަތުންގެ ޖަމާޢަތެއް ވަޑައިގެން އެކަލޭގެފާނާއި ބައްދަލު ކުރެއްވިއެވެ. ޔަޢުޤޫބުގެފާނަށް އެމަލާއިކަތުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މިފަދައިން ވިދާޅުވެވުނެވެ. ”މިއީ މާތްރަސްކަލާނގެ މައިދާން!“ އެގޮތުން އެތަނަށް މަޙަނާއިމް އޭ ވިދާޅުވެ އެކަލޭގެފާނު ނަންދެއްވިއެވެ. ޔަޢުޤޫބުގެފާނުގެ އެތަނުގައި ހުންނަވައި އެކަލޭގެފާނުގެ ބޭބެ ޢީސޫގެ ގާތަށް ޚަބަރާއިގެން ބަޔަކު ފޮނުއްވިއެވެ. އަދި އެ ދުވަސްތަކުގައި ޢީސޫ ދިރިއުޅެމުން ގެންދިޔައީ ސަޢީރުގެ ބިން ނުވަތަ އަދޫމް ގައެވެ. ޔަޢުޤޫބުގެފާނު އެމީހުންނަށް މިފަދައިން ޚަބަރު ދެއްވުމަށް އެދިވަޑައިގަތެވެ. ”މި ޚަބަރު އަހަރެންގެ ސާހިބު ޢީސޫއަށް ދީ: ’ތިބާގެ ޚާދިމު ޔަޢުޤޫބުގެ ފަރާތުން ނިކަމެތި ކަމާއެކުގައި ތަހުނިޔާ ފޮނުވަމޭ! މިއަދާއި ޖެހެންދެންވެސް އަހަރެން ދިރިއުޅެމުން ގެންދިޔައީ ބޮޑުބޭބެ ލަބާންގެ ކައިރީގައޭ. އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.‘“ މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.“ މިޚަބަރު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވި ހިނދު އެކަލޭގެފާނު ކަންބޮޑުވެ ބިރުފުޅުގެންވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ތިބިހާ ކަންބަޅިތަކާއި، ބަކަރިތަކާއި، ނަޢަމްސޫތްފިތަކާއި އަދި ދެންވެސް ހުރި ހުރިހާތަކެއްޗެއް ދެބަޔަށް ބައްސަވާލައްވައިފިއެވެ. އެކަލޭގެފާނުގެ ހިތްޕުޅަށް މިފަދައިން އަރާވަޑައިގަތެވެ. ”ޢީސޫ އައިސް މިއިން އެއް ގާފިލާއަށް ޙަމަލަދިން ކަމުގައިވިއަސް އަނެއް ގާފިލާއަށް ސަލާމަތްވެގެން ދެވިދާނެ.“ ދެން ޔަޢުޤޫބުގެފާނު މާތްﷲއަށް މިފަދައިން ދުޢާ ދެންނެވިއެވެ. ”އިނބަރަސްކަލާނގެއީ އަޅާގެ ކާފައާއި އަދި އަޅާގެ ބައްޕަގެވެސް ވެރި ރަސްކަލާނގެ މާތްﷲ! މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅުގެ ރަށަށާއި އަޅާގެ ގާތްތިމާގެ މީހުންގެ ގާތަށް އެނބުރި ދިއުމަށް ވަޙީކުރެއްވީ އިނބަ ރަސްކަލާނގެ. އަދި އިނބަރަސްކަލާނގެ އަޅާގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާނޭކަމުގެ ވަޢުދުވެވޮޑިގެންނެވީމު. އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތްހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި! މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު. އަޅާއާ މެދު އޯގާތެރިވެވޮޑިގަންނަވާ އަދި އަޅާގެ ދަރިފަސްކޮޅު ބިމުގެ ވެލި ފަދައިން ގުނައި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރު ކޮށްދެއްވާނެ ކަމުގެ ވަޢުދު ބަސްފުޅު އިނބަރަސްކަލާނގެ އަޅާއަށް ވަޙީކުރެއްވީމު.“ އެރޭ ޔަޢުޤޫބުގެފާނު އެތަނުގައި ހޭދަ ކުރެއްވުމަށް ފަހު، އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ދުއިސައްތަ ބަކަރިތަކާއި ވިހި ގިތެލާއި، ދުއިސައްތަ އަންހެން ކަންބަޅިއާއި، ވިހި ފިރިހެން ކަންބަޅިއާއި ތިރީސް އަންހެން ޖަމަލު އެތަކެތީގެ ދަރިންނާއި އެކުގައްޔާއި، ސާޅީސް އަންހެން ގެރިއާއި ދިހަ ފިރިހެން ގެރީގެ އިތުރުން ވިހި އަންހެން ހިމާރާއި ދިހަ ފިރިހެން ހިމާރު ޢީސޫއަށް ހަދިޔާގެ ގޮތުގައި ޔަޢުޤޫބުގެފާނު ތައްޔާރު ކުރެއްވިއެވެ. ޔަޢުޤޫބުގެފާނު މި ޖަނަވާރު އައިންތައް ބައިބަޔަށް ބައިކުރައްވައި ކޮންމެ ބައެއް ބެލެހެއްޓުމަށްޓަކައި އެކަލޭގެފާނުގެ ޚާދިމުންނާއި ޙަވާލުކުރައްވައި ވިދާޅުވިއެވެ. ”އަހަރެންނަށް ވުރެން ކުރިން މިތަކެތި ގޮވައިގެންދޭ. ކޮންމެ ޖަނަވާރު އައިނެއް ގޮވައިގެން ދާއިރު ވަކިވަކިން އައިންތައް ގެންދޭ. އަދި ޖަނަވާރު އައިންތައް ގެންދާއިރު ކޮންމެވެސް މިންވަރެއްގެ ދުރުމިނެއް ދެ އައިން ދޭތެރޭގައި ބަހައްޓާ.“ އެއަށް ފަހު ޖަނަވާރު އައިނުގެ ފުރަތަމަ އައިން ބަލަހައްޓަންހުރި ޚާދިމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާއާ ޢީސޫ ބައްދަލުވާހިނދު އެކަލޭގެފާނު ތިބާގެ ގާތުން ތިބާއަކީ ކާކުގެ ޚާދިމެއްތޯ ސުވާލުކުރާނެ. ތިބާ ދަނީ ކޮންތާކަށްތޯ އާއި އަދި ތިބާގެ ކުރިމަތީގައިވާ ޖަނަވާރުތަކުގެ މިލްކުވެރިޔަކީ ކާކުތޯ ބަލަން އޭނާ ބޭނުންވާނެ. އެހިނދު ތިބާ އޭނާއަށް މިފަދައިން ބުނޭ. ’މިތަކެތި މިލްކު ވެގެންވަނީ ޢީސޫގެ ޚާދިމު ޔަޢުޤޫބަށޭ. އޭނާ މިމަގުން ހިނގާފައި އެބަ އާދެޔޭ. މިތަކެއްޗަކީ އޭނާގެ ސާހިބު، ޢީސޫއަށް ފޮނުވި ހަދިޔާއޭ.‘“ އެކަލޭގެފާނު ޖަނަވާރު އައިންތައް ބަލަހައްޓަން ތިބި އެންމެހާ ޚާދިމުންނަށް އިހު ބުނި ފަދައިން އިރުޝާދު ދެއްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަ އެންމެތަކުން ޢީސޫއާއި ބައްދަލުވާހިނދު އަހަރެން އިހު ބުނެދިން ފަދައިން ޢީސޫއަށް ބުނޭ. އަދި ޔަޤީން ކަމާއެކު މިހެންވެސް ބުނަންވާނެ. ’ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.‘“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.“ އެގޮތުން އެކަލޭގެފާނަށް ވުރެން ކުރީގައި އެ ހަދިޔާތައް ފޮނުއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެތަނުގައި އެރޭ މަޑުކުރެއްވިއެވެ. އެރޭ ޔަޢުޤޫބުގެފާނުގެ ތެދުވެވަޑައިގަންނަވައި އެކަލޭގެފާނުގެ ދެއަނބިކަނބަލުންނާއި، އެކަލޭގެފާނުގެ ދެ ޖާރިޔާއިންނާއި އަދި އެގާރަ ދަރިކަލުންގެ އިތުރުން އެކަލޭގެފާނުގެ މިލްކުގައި ވީ އެންމެހާ މުދަލާއިގެން ރައްކާތެރިކަމާއި އެކުގައި ޔައްބޫޤު ކޯރު ހުރަސް ކުރެއްވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މީސްތަކުންގެ ބިއްދޮށުގައި އެކަލޭގެފާނުގެ އާއިލާ އާއި އެކަހެރިވެވަޑައިގެން ހުންނެވިއެވެ. އެތަނުގެ ފުރަގަހުގައި އެކަލޭގެފާނު ގިނިކަންޏާ ހުންނަވަނިކޮށް ކުއްލިއަކަށް މީހަކު އައިސް އެކަލޭގެފާނުގެ ހަށިކޮޅުގައި ބެއްދިއެވެ. އަދި ފަތިސް ވެއްޖައުމަށް ދާންދެން އެމީހާ ޔަޢުޤޫބުގެފާނާއި ބަނޑުމުސާރައަށް ބައްދަމުން ދިޔައެވެ. އެމީހާއަށް ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަ ނުވެވޭނޭހެން ހީވުމުން އެކަލޭގެފާނުގެ އުކުޅުވަޅުގައި އަތްޖައްސައި، އެކަލޭގެފާނުގެ އުކުޅުވަޅުގެ ހުޅު ނައްޓުވައިފިއެވެ. އެހިނދު އެމީހާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެން ދިޔަ ދެއްވާ! މިހާރު އިރުއަރަން ކައިރިވެއްޖެ.“ ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ މައްޗަށް ބަރަކާތްލައި ނުދޭހާ ހިނދަކު އަހަރެން ތިބާ ދިޔަކަ ނުދޭނަން.“ އެމީހާ ޔަޢުޤޫބުގެފާނުގެ އަރިހުން އެއްސެވިއެވެ. ”ތިބާގެ ނަމަކީ ކޮބާ؟“ ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”ޔަޢުޤޫބު.“ އެއަށް ފަހު އެމީހާ ބުންޏެވެ. ”މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްރަސްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން ތިބާ މޮޅުވުން.“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”މިހާރު ތިބާގެ ނަން އަހަރެންނަށް ބުނެދޭންވާނެ.“ އެމީހާ ބުންޏެވެ. ”އަހަރެންގެ ނަމަކީ ކޮބައިތޯ ތިބާ ތިޔަ އަހަނީ ކީއްވެ؟“ މިހެން ބުނުމަށް ފަހު ޔަޢުޤޫބުގެފާނުގެ މައްޗަށް އެމީހާ އެތަނުގައި ބަރަކާތް ލެއްވިއެވެ. އެހެންވެ ޔަޢުޤޫބުގެފާނު އެތަނަށް ފަނޫއީލްގެ ނަމުން ނަންދެއްވައި މިފަދައިން ވިދާޅުވިއެވެ. ”މިކަމުގެ ސަބަބަކީ އަހަރެންނަށް މާތްﷲ އެކަލާނގެ މޫނުފުޅު ހުރަހެއްނެތި ދައްކަވައި އަދި އަހަރެން މަރުން ދިންނަވައި ދެއްވުން.“ އިރު އަރަމުން ދިޔަ ހިނދު ޔަޢުޤޫބުގެފާނު ފަނޫއީލު ދޫކުރައްވައި ވަޑައިގަންނަވަނީއެވެ. ނަމަވެސް އެކަލޭގެފާނުގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ވޭނުން ހިންގެވެނީ ކޮރު ޖައްސަވަމުންނެވެ. މިސަބަބަށްޓަކައި މިކަމުގެ ހަނދާނެއްގެ ގޮތުން މިއަދާއި ހަމައަށް ވެސް އިސްރާއީލު ބާގައިގެ މީހުން އެއްވެސް ޖަނަވާރެއްގެ އުކުޅުވަޅުގެ ހުޅުގައިވާ މަހެއް ނުކައެވެ.