ފެށުން. 29. އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނު ކުރައްވަމުން ގެންދެވި ދަތުރުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އިރުމަތީގައި މީސްތަކުން ދިރިއުޅެމުން ގެންދާ ރަށްތަކާއި ހަމައަށް ވަޑައިގެންނެވިއެވެ. އެތަނުގައި ވީ ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތަކަށް ފެންދިނުމަށް އެ މައިދާނުގައި ހުރި ވަޅެއްގެ ކައިރިއަށް ގެންދަމުން ދިޔަތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އޭރު ތިން ކަންބަޅި އައިން އެ ވަޅުގެ ވަށައިގެން ތިއްބެވެ. ނަމަވެސް އެވަޅުގެ އަނގަމަތިވަނީ ވަރަށް ބޮޑު ހިލައަކުން ފޮރުވާފައެވެ. ހުރިހާ ކަންބަޅިތައް އެތަނަށް ޖަމާވުމުން ވަޅުގެ އަނގަ މަތީގައިވާ ހިލަ ބަކަރިގޮވިން އެއްފަރާތްކޮށް ކަންބަޅިތަކަށް ފެންދެއެވެ. އަދި ހުރިހާ ކަންބަޅިތަކަށް ފެންދިނުމަށް ފަހު އިހުނެކޭ އެއްގޮތަށް ވަޅުގެ އަނގަމަތީގައި އެމީހުން އެހިލަ ބާއްވައެވެ. ޔަޢުޤޫބުގެފާނު އެ ބަކަރިގޮވިންގެ ގާތަށް ވަޑައިގެންނެވުމަށް ފަހު އެމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނީ ކޮންތަނަކުން އައި ބައެއް؟“ އެމީހުން މިފަދައިން ޖަވާބުދިނެވެ. ”އަހަރެމެންނަކީ ޙާރާންގެ ބަޔަކީމު.“ ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ނާޙޫރުގެ ކާފަދަރި، ލަބާން ތިޔަބައިމީހުން ދަންނަމުތަ؟“ އެބައިމީހުން ރައްދުގައި ޖަވާބު ދިނެވެ. ”ލައްބަ، އަހަރެމެން އޭނާ ދަންނަމު.“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”އޭނާގެ ހާލު ކިހިނެއްތަ؟“ އެބައިމީހުން ޖަވާބު ދިނެވެ. ”އޭނާ ހެޔޮ ޙާލުގައި ފާގަތިކަމާއި އެކުގައިވޭ. ނިކަންބައްލަވާ! އޭނާގެ ކަންބަޅިތައް ގޮވައިގެން އެހަރަ އަންނަނީ އޭނާގެ އަންހެން ދަރިފުޅު ރާޙީލް.“ އެބައިމީހުންނަށް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ބަލާބަލަ، މި ވަގުތަކީ ދުވާލުގެ މެންދުރުގެ ވަގުތު. މި ވަގުތަކީ ކަންބަޅިތައް ރޭގަނޑަށް އެއްތަން ކުރުމަށް ކަމުދާ ވަގުތެއް ނޫން. އެހެންވީމާ، އެތަކެއްޗަށް ފެންދީ. އަދި އެތަކެތި ވިނަކެއުމަށް ހުއިދަނޑުގެ ތެރެއަށް ދޫކޮށްލާ.“ ނަމަވެސް އެބައިމީހުން ބުންޏެވެ. ”ދެންތިބި ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތައް ގެނެސް ޖަމާކުރަންދެން އަހަރެމެން މަޑުކުރަންޖެހޭ. އެއީ ވަޅުމަތީގައިވާ ހިލަ ފުރޮޅާލެވުމުގެ ކުޅަދާނަކަމެއް ލިބެނީ އަހަރެމެން އެންމެން އެއްތަން ވުމުން. އޭގެ ފަހުން އަހަރެމެންގެ ޖަނަވާރުތަކަށް ފެންދެވޭނީ.“ ޔަޢުޤޫބުގެފާނު އެބައިމީހުންނާއި ވާހަކަ ދައްކަން ހުންނަވަނިކޮށް ރާޙީލް އޭނާގެ ބައްޕަގެ ކަންބަޅިތަކާއިގެން އެތަނަށް އައެވެ. އެހެނީ ކަންބަޅިތައް ބެލެހެއްޓުމަކީ އޭނާ އާއި ޙަވާލުވެފައިވާ މަސައްކަތެވެ. ޔަޢުޤޫބުގެފާނަށް ލަބާންގެ އަންހެން ދަރިފުޅު ރާޙީލް އާއި އެކަލޭގެފާނުގެ ބޮޑުބޭބެ، ލަބާންގެ ކަންބަޅިތައް ފެނިވަޑައިގެންނެވި ހިނދު، ވަޅުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި ވަޅުގެ އަނގަމަތީގައިވާ ހިލަ އެއްފަރާތް ކުރައްވައި ލަބާންގެ ކަންބަޅިތަކަށް ފެންދެއްވިއެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލްއަށް ސަލާމް ކުރެއްވުމުގެ ގޮތުން ބޮސް ދެއްވިއެވެ. އެހިނދު އެކަލޭގެފާނަށް އުފާފުޅު ވީވަރުން ދެލޯފުޅުން ކަރުނަފޫދި ކީރިތި ކުރެއްވުނެވެ. ރާޙީލްއަށް އެކަލޭގެފާނާއި މެދު އޮޅުން ފިލުވައި ދިނުމުގެގޮތުން އެކަލޭގެފާނަކީ އެ ކަނބުލޭގެ ބައްޕަގެ އާއިލާގެ ފަރާތުން އެކަނބުލޭގެ އާއި ދެބެއިންގެ ދެދަރި ބޭކަލެއް ކަމާއި އެކަނބުލޭގެ ބޮޑުދައިތަ، ރިފްޤާގެ ފިރިހެން ދަރިފުޅުކަމުގައި ވިދާޅުވިއެވެ. އެހެންވެ، ރާޙީލް ނުހަނު އަވަސްކަމާއެކު ދުވެގޮސް އެކަނބުލޭގެ ބައްޕަ ލަބާންއަށް މިޚަބަރު ދިނެވެ. މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ. އެއަށް ފަހު ލަބާން ބުންޏެވެ. ”ތިބާ އަކީ އަހަރެންގެ އެއްލޭގެ ގުޅުމުގައިވާ އަންހެން ކޮއްކޮގެ ފިރިހެން ދަރިފުޅު. އަދި ތިބާއަކީ އަހަރެންގެ ޢާއިލީ މެމްބަރެއްމެ.“ ޔަޢުޤޫބުގެފާނު ލަބާންގެ ކައިރީގައި ހުންނަވާތާ މަސްދުވަސް ފަހުން، ލަބާން އެކަލޭގެފާނަށް ދެންނެވިއެވެ. ”ތިބާއަކީ އަހަރެންގެ ގާތްތިމާގެ ކުއްޖެއް ކަމުގައިވިއަސް އުޖޫރައެއް ނުލިބޭގޮތަށް އަހަރެންނަށް މަސައްކަތް ކޮށްދިނުމަކީ އެދެވޭ ރަނގަޅު ގޮތެއް ނޫން. އުޖޫރައެއްގެ ގޮތުން ތިބާއަށް އަހަރެން ދިނުމަށް އެދެނީ ކޮންއެއްޗެއް؟“ ލަބާންއަށް ދެއަންހެން ދަރިން ލިބިފައިވެއެވެ. އެ ދެދަރިންގެ ތެރެއިން ދޮށީ ދަރިފުޅަކީ ލައިއަތުއެވެ. އަދި ހަގު ދަރިފުޅަކީ ރާޙީލްއެވެ. ލައިއަތުއަށް ރީތި ދެލޯ ލިބިފައިވެއެވެ. ނަމަވެސް ހުރިހާ ގޮތަކުން ބަލާއިރު ރާޙީލް މާ ރީއްޗެވެ. އެކަނބުލޭގެ މޫނުގެ ފަރިކަމާއި ހަށިގަނޑުގެ ބައްޓަމުގެ ފުރިހަމަކަމެވެ. ޔަޢުޤޫބުގެފާނު ރާޙީލްގެ ޖަޒުބާތުގައި ޖެހި ރާޙީލް ދެކެ ލޯބިވާތީވެ، އެކަލޭގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”ތިބާގެ ހަގު އަންހެން ދަރިފުޅު، ރާޙީލް އާއި އަހަރެން ކައިވެނި ކުރުމަށް ތިބާ އެއްބަސް ވެއްޖެނަމަ އަހަރެން ހަތް އަހަރު ތިބާއަށް މަސައްކަތް ކޮށްދޭނަން.“ ލަބާން ރައްދުގައި ބުންޏެވެ. ”ރާޙީލް އެހެންމީހަކާއި ކައިވެނި ކުރުމަށް ވުރެން އެކަނބުލޭގެ ތިބާއާއި ކައިވެނި ކުރުން އަހަރެންނަށް މާއެދެވޭ.“ އެގޮތުން ޔަޢުޤޫބުގެފާނު ހަތް އަހަރު ދުވަހު ލަބާންއަށް މަސައްކަތް ކޮށްދެއްވިއެވެ. ރާޙީލްގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ފުން ލޯބީގެ ބޮޑުކަމުން އެ ހުރިހާ ދުވަސްތައް އެކަލޭގެފާނަށް ހީފުޅުވީ މަދު ދުވަސް ކޮޅެއް ކަމުގައެވެ. ހަތްއަހަރަށް ފަހު ޔަޢުޤޫބުގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”ތިބާ އެއްބަސްވި ގޮތުގެ މަތިން އަހަރެން ތިބާއަށް މަސައްކަތް ކޮށްދީފީމު. އެގޮތުން އަހަރެން ރާޙީލް އާއި ކައިވެނި ކުރުމަށް އެދޭ ވަގުތު މިވަނީ އައިސްފަ!“ އެގޮތުން ޔަޢުޤޫބުގެފާނުގެ ކައިވެނީގެ މުނާސަބަތުގައި ވަރަށް ބޮޑު ޖާފަތެއް ތައްޔާރުކޮށް އެންމެހާ އަވަށްޓެރިންނަށް ލަބާން ދަޢުވަތު ދިނެވެ. ނަމަވެސް އެރޭގެ އަނދިރީގެ ތެރޭގައި ރާޙީލްގެ ބަދަލުގައި ޔަޢުޤޫބުގެފާނާއި ކައިވެނި ކުރެއްވުމަށްޓަކައި ލަބާން ގެންދިޔައީ ލައިއަތު އެވެ. އަދި އެކަލޭގެފާނު ލައިއަތު އާއި ކައިވެނި ކުރެއްވުމަށް ފަހު އެރޭ އެކަނބުލޭގެ ކައިރީގައި އެއްދާން ކުރެއްވިއެވެ. ލަބާންގެ އަޅު އަންހެން ނޯކަރުންގެ ތެރެއިން ޒިލްފަތު ލައިއަތުގެ ޚިދުމަތަށްޓަކައި ލަބާން ވަނީ ދީފައެވެ. އަނެއްދުވަހުގެ ހެނދުނު ޔަޢުޤޫބުގެފާނަށް ހޭފުޅުލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ލައިއަތު އޮންނެވިތަން ފެނިވަޑައިގަންނަވާ އެކަލޭގެފާނަށް އެއްދާން ކުރެއްވުނީ ލައިއަތު އާ އެކުގައިކަން އެނގިވަޑައިގެންނެވިއެވެ. އެހިނދު ޔަޢުޤޫބުގެފާނު ކޯފާވެ ލަބާންގެ ގާތަށް ވަޑައިގެން މިފަދައިން ވިދާޅުވިއެވެ. ”މިއީ ކޮންފަދަ މަކަރުވެރި ކަމެއް؟ ރާޙީލްގެ ކައިވެންޏަށްޓަކައި ހަތްއަހަރު ދުވަހު ތިބާއަށް އަހަރެން މަސައްކަތް ކޮށްދިނީމު. މިފަދަ ހިންތާއެއް ހެދުމުގެ ބޭނުމަކީ ކޮބާ؟“ ލަބާން ރައްދުގައި ބުންޏެވެ. ”އަހަރެމެންގެ އާދަކާދައިގެ މަތިން ދޮށީ ދަރިފުޅަށް ވުރެން ކުރިން ހަގު ދަރިފުޅު މީހަކާއި ކައިވެނި ކުރުމުގެ އުސޫލެއް ނޯވޭ. ކައިވެނީގެ މި މުނާސަބު ފުރަތަމަ ހަފްތާ ނިމެންދެން މަޑުކުރައްވާ. ތިބާއަށް ރާޙީލް އާއި ކައިވެނި ކުރެއްވޭނެ. ނަމަވެސް ތިބާ އިތުރު ހަތްއަހަރު ދުވަހު އަހަރެންނަށް ޚިދުމަތް ކޮށްދޭން ޖެހޭނެ.“ މިގޮތަށް ޔަޢުޤޫބުގެފާނު ރުހިވަޑައިގެންނެވިއެވެ. އަދި ލައިއަތު އާއި ކައިވެނި ކުރެވުނު މުނާސަބު ހަފްތާ ފާހަގަކޮށް ނިމުމުން ލަބާން އޭނާގެ ދެވަނަ އަންހެން ދަރިފުޅު ރާޙީލްގެ ކައިވެނި ޔަޢުޤޫބުގެފާނާއި ކުރެވުނެވެ. ލަބާންގެ އަޅު އަންހެން ނޯކަރުންގެ ތެރެއިން ބިލްހާ ވަނީ ރާޙީލްގެ ޚިދުމަތަށް ދީފައެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލް އާއި އެކުގައި އެއްދާން ކުރެއްވިއެވެ. އެކަލޭގެފާނު ލައިއަތުއަށް ވުރެން ބޮޑަށް ރާޙީލްދެކެ ލޯބިފުޅު ވެ ވަޑައިގަތެވެ. އޭގެ ފަހުން އެކަލޭގެފާނު އިތުރު ހަތްއަހަރު ދުވަހު ލަބާންއަށް ޚިދުމަތް ކުރުމުގައި އެމީހުންގެ ގާތު މަޑުކުރެއްވިއެވެ. ޔަޢުޤޫބުގެފާނު ލައިއަތު ދެކެ ލޯބި ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވިއެވެ. އެހެންކަމަށް ވުމާއެކު މާތްރަސްކަލާނގެ ލައިއަތުއަށް ދަރިން ލިބިދެއްވުމަށް އިރާދަކުރެއްވި އެވެ. އެހިނދު ރާޙީލް ވަނީ ދަރިމައިވުމުން މަޙުރޫމް ވެފައެވެ. އެއަށް ފަހު ލައިއަތު ބަލިވެ އިނދެ ފިރިހެން ދަރިއަކު ވިހެއެވެ. އަދި އެ ދަރިފުޅަށް ރައޫބައިން އޭ ކިޔައި ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”މާތްރަސްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތައް ބައްލަވާ ވޮޑިގަންނަވާ އެންމެހާ ހިތާމަތައް ފިއްލަވައި ދެއްވައިފި. ދެން އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ލޯބިވެދާނެ.“ އެކަނބުލޭގެ ދޭތެރެއަވަސްކޮށް ބަލިވެއިނެވެ. އަދި އެހެން ފިރިހެން ދަރިއަކު ލިބުނެވެ. މި ދަރީގެ ނަމަކަށް ޝިމްޢޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ ފިރިކަލުން އަހަރެންދެކެ ލޯބިނުވާކަމުގެ ޚަބަރު މާތްރަސްކަލާނގެ އައްސަވާ ވޮޑިގެންފި.“ އަދި ލައިއަތު ތިންވަނަ ދަރިފުޅަށް ބަލިވެއިނދެ ވިހެއެވެ. އަދި މި ދަރިފުޅަށް ލާވީ އޭ ކިޔާ އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”މި ތިން ދަރިންގެ ސަބަބުން މިހާރު އަހަރެންގެ ފިރިކަލުންނާއި އަހަރެންނާއި ދެމެދުގައިވާ ގުޅުން ބަދަހިވާނެ.“ އެއަށް ފަހު އިތުރު ދަރިއަކަށް ލައިއަތު ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހޭމެއެވެ. މި ދަރިފުޅުގެ ނަމަކަށް ޔަހޫޛާގެ ނަމުން އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ޙަމްދު ކުރަމު.“ އޭގެ ފަހުން ލައިއަތުއަށް އިތުރު ދަރިއަކު ނުލިބެއެވެ.