ފެށުން. 26. މި ދުވަސްވަރު އިބްރާހީމްގެފާނުގެ ޒަމާނުގައި ކުރިމަތިވިފަދަ ތަދުމަޑުކަމެއް މުޅި ރަށަށް ކުރިމަތިވެފައި ވުމުން ފިލިސްޠީނު ރަސްގެފާނު އަބީމާލިކުގެ އަރިހަށް ޖަރާރަށް އިސްޙާޤުގެފާނު ވަޑައިގެންނެވިއެވެ. އެރަށުގައި އިސްޙާޤުގެފާނު ހުންނެވިހިނދު މާތްރަސްކަލާނގެ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ފައުޅުވެ ވަޑައިގަންނަވައި މިފަދައިން ވަޙީ ކުރެއްވިއެވެ. ”މިޞްރަށް ނުދާތި! ތިމަންކަލާނގެ އެދިވޮޑިގަންނަވާ ރަށެއްގައި ތިބާ ދިރިއުޅެމުން ގެންދޭ. މިރަށުގައި ތިބާ ކުޑަ ދުވަސްކޮޅަކު މަޑުކުރޭ. މިފަދައިން ތިބާ އަމަލު ކޮށްފިނަމަ ތިމަންކަލާނގެ ތިބާއާއެކުގައި ވޮޑިގެންވެ ތިބާއަށް ރަޙުމަތް ލައްވާނަން. ތިބާގެ ބަފައިކަލުން އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވަޑައިގެންނެވި ފަދައިން މުޅި މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށިން. ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު. ތިމަންކަލާނގެ ތިބާއަށް ރަޙުމަތްލައްވާ ސަބަބަކީ އިބްރާހީމްގެފާނު ތިމަންކަލާނގެ އެންގެވި އެންމެހާ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާ ކުރައްވައި ތިމަންކަލާނގެ އަމުރުކުރެއްވި ފަދައިން އަމަލު ކުރައްވާފައި ވާތީ.“ އެހެންވެ، އިސްޙާޤުގެފާނު އެކަލޭގެފާނުގެ ރީތި އަނބިކަނބަލުން ރިފްޤާއާއި އެކު ޖަރާރުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އަދި ރިފްޤާގެ ރީތިކަމާއި ޅަނދޮޅު ކަމުގެ ސަބަބުން އެބައިމީހުންގެ ތެރެއިން މީހަކު ރިފްޤާގެ ބޭނުމުގައި އެކަލޭގެފާނު އަވަހާރަ ކޮށްލައިފާނޭ ކަމުގެ ބިރުފުޅަށްޓަކައި އެކަމަނާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެންމެހާ ރައްޔިތުންގެ ގާތު ވިދާޅުވިއެވެ. އިސްޙާޤުގެފާނު އެރަށުގައި ދުވަސްތަކެއް ވަންދެން ދިރިއުޅުއްވިއެވެ. މި ދުވަސްތަކުގެ ތެރެއިން އެއް ދުވަހަކު އަބީމާލިކު ރަސްގެފާނު އެމަނިކުފާނުގެ ގަނޑުވަރުގެ ކުޑަދޮރަކުން ބޭރު ބައްލަވައިލި ހިނދު އިސްޙާޤުގެފާނު ރިފްޤާއާއި ގައިގޯޅި ކަމާއެކު ލޯބިކުރައްވަމުން ގެންދަވަނިކޮށް ފެނިވަޑައިގަތެވެ. އެހިނދު އަބީމާލިކު އިސްޙާޤުގެފާނު ޙާޟިރުކުރައްވައި ވިދާޅުވިއެވެ. ”މިއީ ކަލޭގެފާނުގެ އަނބިކަމަނާކަން ކަށަވަރު! ވީއިރު އެއީ ކަލޭގެފާނުގެ ކޮއްކޯފުޅު ކަމުގައި ވިދާޅުވީ ކީއްވެ؟“ އިސްޙާޤުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”ސަބަބަކީ އެކަމަނާ އަކީ އަޅުގަނޑުގެ އަނބިމީހާ ކަމުގައި ބުނެފިނަމަ އެކަމަނާ ހޯދުމުގެ އެދުމުގައި ތިޔަބޭކަލުންގެ ތެރެއިން ބޭކަލަކު އަޅުގަނޑު ޤަތުލުކޮށްފާނެ ކަމުގެ ބިރަށްޓަކައި.“ އަބީމާލިކު ވިދާޅުވިއެވެ. ”ކަލޭގެފާނަށް ތިޔަ ކުރެއްވެވުނު ކަމެއް ކަލޭގެފާނަށް އެނގިލައްވާތަ؟ އަހަރެމެންގެ ތެރެއިން މީހަކު އެކަމަނާގެ އަރިހުގައި ރޭ ކުރިނަމަ ކަލޭގެފާނުގެ ސަބަބުން އަހަރެމެންގެ މުޅި މި ޤައުމު ފާފަޔާ މަތިވީސް.“ އެގޮތުން އެ އެންމެތަކުންނަށް އަބީމާލިކު މިފަދައިން އަމުރު ކުރެއްވިއެވެ. ”މި ކަލޭގެފާނާއި އަދި އެކަލޭގެފާނުގެ އަނބިކަމަނާއަށް ގޯނާއެއް ކޮށްފި ކޮންމެ މީހަކުމެ ޤަތުލު ކުރާނަން.“ އެބިމުގައި އިސްޙާޤުގެފާނު ގޮވާން އިންދެވިއެވެ. އެއަހަރު އެކަލޭގެފާނުގެ އިންދެވި ގޮވާމުން ސަތޭކަ ބައި އިތުރަށް ލިބިވަޑައިގަތެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙުމަތާއި ބަރަކާތް ލެއްވިއެވެ. އަދި އެއްދުވަހުން އަނެއްދުވަހަށް އެކަލޭގެފާނަށް ތަނަވަސްކަން ލިބި މުއްސަނދިވަމުން އައެވެ. އެގޮތުން އެތަކެއް ގިނަ ގެރި ބަކަރިތަކާއި ދެ ޖިންސުގެ އަޅުން އެކަލޭގެފާނަށް މިލްކު ވިއެވެ. މި ސަބަބަށްޓަކައި ފިލިސްޠީނުގެ އަހުލުވެރިން އެކަލޭގެފާނާއި މެދު ހަސަދަ ވެރި ވިއެވެ. އެހެންވެ އިބްރާހީމްގެފާނު އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުގެ ޚާދިމުންލައްވާ ކޮނެފައިވީ އެންމެހާ ފެންވަޅުތަކަށް އެރަށުގެ އަހުލުވެރިން ފަސްއަޅާ ފުރާލުމަށް ފަހު ބަންދުކޮށްލިއެވެ. އެންމެފަހުން އަބީމާލިކު އިސްޙާޤުގެފާނަށް ވިދާޅުވިއެވެ. ”އަހަރެމެންގެ ތެރޭގައި ނުހުންނަވައި ކަލޭގެފާނު ވަޑައިގަންނަވާ. ކަލޭގެފާނު މިހާރު އަހަރެމެންނަށް ވުރެން މާ ބާރުގަދަ ވެއްޖެ.“ އެހެންވެ އިސްޙާޤުގެފާނު އެރަށް ދޫކުރައްވާ ޖަރާރުގެ ވާދީގެ ތެރެއަށް ވަޑައިގަންނަވާ އެތަނުގައި ފޭލިގެ ޖެއްސެވުމަށް ފަހު ވަގުތީގޮތުން އެތަނުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. އެތަނުގައި އެކަލޭގެފާނު ދިރިއުޅުއްވަމުން ގެންދެވި ހިނދު ފިލިސްޠީނުގެ އަހުލުވެރިން ފަސްއަޅައި ފޮރުވާލި އެކަލޭގެފާނުގެ ބައްޕާފުޅު، އިބްރާހީމްގެފާނުގެ ދުވަސްވަރުގައި އެތަނުގައި ކޮނެފައިވާ ވަޅުތައް އިތުރަށް ކޮންނެވުމަށް ފަހު ސާފު ކުރައްވައި އެކަލޭގެފާނުގެ ބައްޕާފުޅު އެވަޅުތަކަށް ދެއްވާފައިވީ ނަންތައް އިހުނެކޭ އެއްގޮތަށް ދެއްވިއެވެ. އިސްޙާޤުގެފާނުގެ ނޯކަރުންގެ ގޮތުގައިތިބި ބަކަރިގޮވިންގެ ބަޔަކު ޖަރާރުގެ ވާދީތެރޭގައި ވަޅެއް ކޮންނަމުން ދަނިކޮށް ފެން އާރެއް ފެނުނެވެ. ނަމަވެސް ޖަރާރުގެ ބަކަރިގޮވިން އިސްޙާޤުގެފާނުގެ ބަކަރި ގޮވިންނާއި ދެބަސްވެ ބުނެފިއެވެ. ”މި ފެންއާރު މިލްކު ވެގެންވަނީ އަހަރެމެންނަށް.“ އެހެންވެ އިސްޙާޤުގެފާނު އެވަޅަށް ޒުވާބުގެ ނަމުން ނަން ދެއްވިއެވެ. ސަބަބަކީ އެރަށުގެ އަހުލުވެރިން އެ ވަޅާމެދު އެކަލޭގެފާނާއި ދެބަސްވެ ޒުވާބު ކުރުމުންނެވެ. އިސްޙާޤުގެފާނުގެ ޚާދިމުން އެހެން ވަޅެއް ވެސް ކޮނުނެވެ. އެވަޅާ މެދުގައިވެސް އެރަށުގެ ބަކަރިގޮވިން ޒުވާބުކޮށް ނަފުރަތު ކުރިއެވެ. މިކަމާއި ގުޅިގެން އިސްޙާޤުގެފާނު އެވަޅަށް ”ސިޠްނަތު“ އޭ ވިދާޅުވެ ނަންދެއްވިއެވެ. އެންމެފަހުން އެކަލޭގެފާނު އެތަނުން ދުރަށް ވަޑައިގެންނެވުމަށް ފަހު އިތުރު ވަޅެއް ކޮންނެވިއެވެ. މިވަޅާ މެދު އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. އެހެންކަމަށް ވުމާއެކު އެވަޅަށް އިސްޙާޤުގެފާނު ”މިނިވަންވުން“ ކަމުގައި ވިދާޅުވެ ނަން ދެއްވިއެވެ. އަދި އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”މިހާރު އަހަރެމެންނަށް މިރަށުގައި މިނިވަންކަމާއެކު ދިރިއުޅެވޭނެގޮތް މާތްރަސްކަލާނގެ މެދުވެރި ކޮށްދެއްވައިފި. އެކަލާނގެ މިބިމުގައި އަހަރެމެންނަށް ތަނަވަސްކަން ދެއްވާނެ.“ އެއަށް ފަހު އިސްޙާޤުގެފާނު އެސަރަހައްދު ދޫކުރައްވައި ބިއުރުސަބްޢައަށް ވަޑައިގަތެވެ. އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެ މެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންﷲ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.“ އިސްޙާޤުގެފާނު އެތަނުގައި ޤުރުބާން ކުރުމަށްޓަކައި ޚާއްސަ އައްޓެއް ހެއްދެވުމަށް ފަހު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވިއެވެ. އަދި އެއަށް ފަހު އެތަނުގައި މަޑުކުރައްވައި ފޭލިގެ ޖެއްސެވިއެވެ. އަދި އެކަލޭގެފާނުގެ ޚާދިމުން ލައްވާ އެތަނުގައި އިތުރު ވަޅެއް ކޮންނެވިއެވެ. މި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޖަރާރުން ދަތުރު ކުރައްވައި އަބީމާލިކު އިސްޙާޤުގެފާނާއި ބައްދަލު ކުރެއްވުމަށް ވަޑައިގަތެވެ. އެ ރަސްގެފާނުގެ އަރިހުގައި ޚާއްސަ މުޝީރު އަޙުއްޒާތު އާއި ސިފައިންގެ ކޮމާންޑަރު ފީކޫލް ވެސް ވަޑައިގަތެވެ. މި ބޭފުޅުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތުމުން އިސްޙާޤުގެފާނު މިފަދައިން ސުވާލު ކުރެއްވިއެވެ. ”އަހަރެންނާއި ބައްދަލު ކުރުމަށް ތިޔަ ބޭކަލުން ވަޑައިގަތީ ކީއްވެ؟ ތިޔަބޭކަލުންނީ އަހަރެންގެ ޢަދުއްވުން. ތިޔަބޭކަލުންގެ ރަށުން ބޭރުވުމަށް އަހަރެންނަށް މަޖުބޫރު ކުރުވީމު.“ އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”މާތްރަސްކަލާނގެ ވޮޑިގެންވަނީ ކަލޭގެފާނާއި އެކުގައިކަން މިހާރު އަހަރެމެންނަށް ޔަޤީންވެއްޖެ. އެހެންވީމާ ކަލޭގެފާނާއި އަހަރެމެންނާއި ދެމެދު ސުލްޙައިގެ މުޢާހަދާއެއް އޮތުމަށް އަހަރެމެން އެދެމު. އެއީ އަހަރެމެން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވުމަށް. ހަނދާންކުރައްވާ، އަހަރެމެން ކަލޭގެފާނަށް އަނިޔާވެރިއެއް ނުވަމު. އަދި ކަލޭގެފާނު އަހަރެމެންގެ ޤައުމުން ވަޑައިގަތުމަށް އަހަރެމެން އެދުނީ ސުލްޙަވެރިކަމާއެކު. ހަމަކަށަވަރުން މާތްރަސްކަލާނގެ ކަލޭގެފާނަށް ރަޙުމަތްލައްވައިފި.“ އެހެންވެ އިސްޙާޤުގެފާނު ބޮޑު ޖާފަތެއް އެބޭކަލުންނަށް ތައްޔާރު ކުރެއްވިއެވެ. ދެން އެބޭކަލުން ކައި ބޮއި ހެއްދެވިއެވެ. އޭގެ އަނެއް ދުވަހުގެ ހެނދުނު އެރަސްގެފާނާއި އެކަލޭގެފާނާއި ދެމެދު ޢަހުދު ކުރައްވައި އެއްބޭކަލަކު އަނެއްބޭކަލަކަށް ސުލްޙައިގެ މުޢާހަދާ ކަށަވަރު ކުރެއްވިއެވެ. ދެން ސުލްޙަވެރި ކަންމަތީ އެބޭކަލުން އެރަށުން އެނބުރި ވަޑައިގެންފިއެވެ. ހަމަ އެދުވަހު އިސްޙާޤުގެފާނުގެ ޚާދިމުން އެމީހުން ކޮންނަމުން ދިޔަ ވަޅާބެހޭ ގޮތުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުމެންނަށް އެވަޅުން ފެން ފެނިއްޖެ.“ އެހެންވެ އިސްޙާޤުގެފާނު އެވަޅަށް ޝިބްޢާ ގެ ނަމުން ނަން ދެއްވިއެވެ. އަދި މިއަދާއި ހަމައަށް ވެސް އެ ވަޅު ހުރި އެވަށުގެ ނަމަކީ ބިއުރުސަބްޢަ އެވެ. ޢީސޫގެ އުމުރުން ސާޅިސް އަހަރުގައި ޙިއްޘީންގެ ދެ އަންހެނުންނާއި އޭނާ ކައިވެނި ކުރިއެވެ. އެއީ ބީރީގެ އަންހެން ދަރިފުޅު ޔަހޫދީތު އާއި އީލޫންގެ އަންހެން ދަރިފުޅު ބަސްމަތު އެވެ. މި ދެ އަންހެނުންގެ ސަބަބުން ޢީސޫގެ މައިންބަފައިން ކަމުގައިވާ އިސްޙާޤުގެފާނާއި ރިފްޤާއަށް އެތައް ހިތާމަތަކާއި އުނދަގޫތަކެއް ލިބުނެވެ.