ފެށުން. 25. އިބްރާހީމްގެފާނު އިތުރު ބޭކަނބަލަކާއި ކައިވެނި ބައްލަވައި ގެންނެވިއެވެ. އެކަނބުލޭގެ ނަމަކީ ޤަޠޫރަތު އެވެ. އަދި އެ ދެކަނބަލުންނަށް ހަ ފިރިހެން ދަރިން ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންނަކީ: ޒިމްރާން، ޔަޤްޝާން، މަދާން، މިދްޔާން، ޔަޝްބާޤް އަދި ޝޫޙާއެވެ. ޝަބާ އާއި ދަދާނުގެ ބަފައިކަލުންނަކީ ޔަޤްޝާން އެވެ. އަދި ދަދާނު ފުރާފުރިހަމަ ވުމުން އޭނާއަށް ތިން ދަރިން ލިބުނެވެ. އެ ދަރިންނަކީ: އައްޝޫރީމް، ލަޠޫޝީމް އަދި ލިއުއްމީމް އެވެ. މީގެ އިތުރުން މިދްޔާންއަށް ވެސް ފަސް ދަރިން ލިބުނެވެ. އެ ދަރިންނަކީ: ޢީފަތު، ޢިފްރު، ޙަނޫކު، އަބީދާޢު، އަދި އަލްދަޢަތުއެވެ. މިހުރިހާ ބޭފުޅުންނަކީ ޤަޠޫރަތުގެ ދަރިފަސްކޮޅެވެ. އިބްރާހީމްގެފާނުގެ އެންމެހާ ތަރިކަ މުދަލެއް އިސްޙާޤުގެފާނަށް ހިބަކޮށްދެއްވިއެވެ. ނަމަވެސް އިބްރާހީމްގެފާނު އަވަހާރަ ވުމުގެ ކުރިން ހާޖަރުގެ ދަރިންނަށާއި ޤަޠޫރަތުގެ ދަރިންނަށް ގިނަގުނަ ހަދިޔާތައް ދެއްވިއެވެ. އަދި އެ ހުރިހާ ކުދިން އިސްޙާޤުގެފާނާއި ދުރަށް ފޮނުވާލެއްވުމުގެ ގޮތުން ދުނިޔޭގެ އިރުމަތީ ބިތަށް ފޮނުވާލެއްވިއެވެ. އިބްރާހީމްގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭކަ ހަތްދިހަ ފަސް އަހަރުގައެވެ. އޭރު އެކަލޭގެފާނު ވަނީ އަބަހައްދަ އުމުރުފުޅުގައެވެ. މި ދިގު މުއްދަތުގައި އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިތްޕުޅު ހަމަޖެހި ވަޑައިގެންނެވެ. އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ އިސްޙާޤުގެފާނާއި އިސްމާޢީލްގެފާނާއި ދެބޭފުޅުން އެކަލޭގެފާނު ފަސްދާނު ލެއްވީ ޙިއްޘީއެއް ކަމުގައިވާ ޞޫޙަރުގެ ދަރި ޢިފްރޫންގެ އަތުން އެކަލޭގެފާނު ބައްލަވައިގެންފައިވާ މަމްރާގެ އިރުމަތީ ފަރާތުގައިވާ ދަނޑުފަނގުގެ ތެރޭގައިވާ މަކްފީލަތު ހޮހަޅައިގައެވެ. އަދި އެކަލޭގެފާނު ފަސްދާނު ލެއްވުނީ އެކަލޭގެފާނު އަނބިކަމަނާ ސާރާގެ ގަބުރުފުޅާއި ޖެހިގެންނެވެ. އިބްރާހީމްގެފާނު އަވަހާރަވުމަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނަށް މާތްﷲ ރަޙުމަތް ލެއްވިއެވެ. މި ދުވަސްތަކުގައި އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ބިއުރުލަޙައިރުއީގައެވެ. މިއީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅު އުފެދިގެން ދިޔަ ގޮތުގެ ވާހަކައެވެ. (އިސްމާޢީލްގެފާނުގެ މައިކަނބަލަކީ މިޞްރުގެ އަންހެނެއް ކަމުގައި ވީ ސާރާގެ އަޅު ހާޖަރު އެވެ.) އިސްމާޢީލްގެފާނަށް ބާރަ ފިރިހެން ބޭކަލުން ލިބިވަޑައި ގެންނެވީ މި ބަޔާންކުރާ ތަރުތީބުންނެވެ. އެގޮތުން ފުރަތަމަ ލިބިވަޑައިގެންނެވި ދަރިކަލުންނަކީ ނަބާޔޫތު އެވެ. އެއަށް ފަހު ޤީދާރު، އަދަބުއީލު، މިބްސާމު، މިޝްމާޢު، ދޫމަތު، މައްސާ، ހަދާރު، ތީމާ، ޔަޠޫރު، ނާފީޝް އަދި އެންމެފަހުން ލިބިވަޑައިގެންނެވީ ޤިދްމަތުއެވެ. އަދި މިބޭކަލުން ދިރިއުޅުއްވި ސަރަހައްދުތަކަށް މި ބޭކަލުންގެ ނަމުން ނަން ދެވިފައިވިއެވެ. އެގޮތުން މި ބާރަ ބެކަލުންނަކީ އޭރު ވެރިކަން ހިންގި ބާރަ ގަބީލާގެ ވެރިންވެސްމެއެވެ. އިސްމާޢީލްގެފާނު އަވަހާރަވި ހިނދު އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ ތިރީސް ހަތް އަހަރުފުޅެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދިރިއުޅެމުން ގެންދިޔައީ ޙަވީލާ އިން ފެށިގެން ޝޫރު އާއި ދެމެދުގައި ވީ ސަރަހައްދުތަކުގައެވެ. އެއީ އައްޝޫރުއަށް ދާން އޮންނަ މަގުން މިޞްރުގެ އިރުމަތީ ފަރާތުގައެވެ. އިސްމާޢީލްގެފާނާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުގެ އެހެން މީހުންނާއި މުޅިން އެކަހެރި ކޮށެވެ. މިއީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިފަސްކޮޅު އުފެދިގެން ދިޔަގޮތުގެ ވާހަކައެވެ. އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮތާމިޔާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ. ނަމަވެސް ރިފްޤާއަށް ދަރިކަލަކު ލިބިވަޑެއް ނުގެންނެވިއެވެ. އެގޮތުން އިސްޙާޤުގެފާނު އެކަމަނާގެ ޙާލަތު ބަޔާންކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެހިނދު މާތްރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ދެން ރިފްޤާ އާލާސްވެ އިންނަވައިފިއެވެ. ރިފްޤާ އާލާސްވެ އިންނެވީ ނިބޫ ދެ ދަރިކަލުންނާގެންނެވެ. އެދަރިން ރައްކާވެވަޑައިގަތުމުގެ ކުރީގައި އެކަމަނާގެ ރަޙިމުގެ ތެރޭގައި ތޮޅެން ފެށުމުން އެކަމަނާގެ ހިތަށް މިފަދައިން އެރިއެވެ. ”މިފަދަ ކަމެއް އަހަރެންނަށް މި ދިމާވަނީ ކީއްވެގެންބާ؟“ އެހެންވެ، އެކަމަނާ މާތްރަސްކަލާނގެ ކިބަފުޅުން ޖަވާބަކަށް އެދިވަޑައިގެން ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ އެކަމަނާއަށް ވަޙީކުރެއްވިއެވެ. ”ކަމަނާގެ ދެ ދަރިކަލުން ވާހުށީ ވަކި ދެ ޤައުމެއް ކަމުގައި. ދެ ދަރިކަލުންގެ ތެރެއިން ހަގު ދަރިކަލުން ދޮށީ ދަރިކަލުންގެ މައްޗަށް ބާރު ފޯރުވާނޭ. އަދި ދޮށީ ދަރިކަލުން ވާހުށީ ހަގު ދަރިކަލުންގެ ޚާދިމަކަށޭ.“ ރިފްޤާ ނިބޫ ދެ ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. ފުރަތަމަ ދަރިކަލުން ވަނީ ރަތް ކުލައިގައެވެ. އޭނާގެ ގައިގެ ހަން ވަނީ ލޯލީގެ ރިދާއެއް ފަދައިންނެވެ. އެދަރިފުޅަށް ޢީސޫ އޭކިޔައި ނަންދެއްވިއެވެ. ދެވަނަ ދަރިފުޅާއިގެން ރައްކާވެ ވަޑައިގެންނެވި ހިނދު އެ ދަރިކަލުން އޮންނެވީ ދޮށީ ދަރިކަލުން ޢީސޫގެ ފުންނާބުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އެދަރިފުޅަށް ޔަޢުޤޫބުއޭ ކިޔައި ނަން ދެއްވިއެވެ. އިސްޙާޤުގެފާނަށް މި ދެދަރިކަލުން ލިބިގަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް އަހަރު ގައެވެ. ދެ ދަރިކަލުން ބޮޑުވަމުން ދިޔައެވެ. އެ ދެ ދަރިކަލުން ތެރެއިން ޢީސޫ ޝިކާރަ ކުރުމުގެ ކުޅަދާނަ ބޭފުޅަކަށް ވިއެވެ. އަދި ހާމަކަންބޮޑު ދަނޑުތަކުގެ ތެރޭގައި އުޅުމަށް ލޯބި ކުރެއްވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު ވީ ބަސްމަދު ބޭފުޅެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނު ގިނަ ވަގުތު ފޭލިގެކޮޅު ކައިރީގައި ހޭދަކުރެއްވުމަށް ލޯބި ކުރެއްވިއެވެ. ޢީސޫ ޝިކާރަ ކުރައްވައި ވަލު ޖަނަވާރުތަކުގެ މަސް އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ފަރިއްކުޅުއްވުމަށް އަރުވައެވެ. އިސްޙާޤުގެފާނު ޢީސޫ ދެކެ ނުހަނު ލޯބިފުޅުވެއެވެ. ނަމަވެސް ޔަޢުޤޫބުގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅު، ރިފްޤާ އެންމެ ރުހޭ ދަރިކަލުންނެވެ. އެއްދުވަހަކު ޔަޢުޤޫބުގެފާނު ތަރުކާރީ ސުރުވާ ކައްކަވަމުން ގެންދަވަނިކޮށް ޢީސޫ ޝިކާރައިން އެނބުރި ގެއަށް ވަނެވެ. އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. އެހިނދު ޢީސޫ ޔަޢުޤޫބަށް މިފަދައިން ދެންނެވިއެވެ. ”އަހަރެން މިވަނީ ވަރަށް ބަނޑުހައިވެފަ. ތިބާ ތިޔަ ކައްކާ ރަތް ސުރުވާއިން ސުރުވާ ތައްޓެއް އަހަންނަށް ދީބަލަ.“ (ޢީސޫއަށް އަދޫމުގެ ނަމުން މީހުން މުޚާތަބު ކުރަނީ މިހެން ވެގެންނެވެ.) ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން ތިބާއަށް ސުރުވާ ތައްޓެއް ދޭނީ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ޙައްޤު އަހަރެންނަށް ވިއްކާ ގޮތުގެ މަތިން.“ ޢީސޫ ދެންނެވިއެވެ. ”އެންމެ ރަނގަޅު! އަހަރެން މިވަނީ ބަނޑުހައިވެގެން ގޮސް ހާންތިވެފައި. މި ގޮތުގައި އަހަރެން މަރުވެއްޖެނަމަ އެ ޙައްޤުން އަހަރެންނަށް ކުރާނީ ކޮން ފައިދާއެއް؟“ ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”މިތަނުގައި ހަމަމިހާރު އެ ޙައްޤު އަހަރެންނަށް ދިނުމަށް ތިބާ ވަޢުދުވޭ!“ އަދި ޔަޢުޤޫބުގެފާނު އެދިވަޑައިގެންނެވި ފަދައިން ޔަޢުޤޫބުގެފާނަށް އެ ޙައްޤު ދިނުމަށް ޢީސޫ ވަޢުދުވެ އެ ޙައްޤު ދެއްވިއެވެ. ދެން ޔަޢުޤޫބުގެފާނު ޢީސޫއަށް ބޯ ރޮއްޓާއި ސުރުވާ ދިނެވެ. އެކަލޭގެފާނު ފަރީއްކުޅުއްވައި ފެންފޮދު ހިއްޕެވުމަށް ފަހު ތެދުވެވަޑައިގެން ޙައްޤު ވިއްކާލެއްވުނު ކަމާމެދު އެއްވެސް ފިކުރުފުޅެއް ނުކުރައްވާ ވަޑައިގެންފިއެވެ.