ފެށުން. 24. އިބްރާހީމްގެފާނު ވަނީ މުސްކުޅިފުޅު ޢަޖޫޒު ވެފައެވެ. އަދި ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ރަޙުމަތްފުޅު އެކަލޭގެފާނާއި އެކުގައި ވިއެވެ. އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްﷲ ގަންދީ ހުވާކުރޭ. އޭގެ ބަދަލުގައި އަހަރެންގެ ބަފައިކަލުންގެ ރަށަށް ގޮސް އަހަރެންގެ ގާތްތިމާގެ މީހުންގެ ތެރެއިން އަހަރެންގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.“ ނަމަވެސް އެ ޚާދިމު ދެންނެވިއެވެ. ”އަޅުގަނޑު ޚިޔާރު ކުރާ އަންހެންކުއްޖާ އެކަނބުލޭގެ ރަށާއި ގެދޮރު ދޫކޮށްލާފައި އަޅުގަނޑާއިއެކުގައި މިތަނަށް އައުމަށް ދެކޮޅު ހަދައިފިނަމަ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟ ކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ގާތަށް އަޅުގަނޑު ދާހިނދު ކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު އަޅުގަނޑާއި އެކުގައި ގެންދަވަންތޯ؟“ އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”ނޫން، ކޮންމެ ޙާލަތެއްގައިވި ނަމަވެސް އަހަރެންގެ ދަރިފުޅު އިސްޙާޤު އެރަށަށް ގެންގޮސްގެން ނުވާނެ. އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްﷲ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްﷲ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ. ނަމަވެސް އަންހެންކުއްޖާ ތިބާ އާއިއެކުގައި އައުމަށް ޢުޒުރުވެރި ވެއްޖެނަމަ ތިބާ ކުރި ހުވާ ދަމަހައްޓާކަށް ނުޖެހޭނެ. ނަމަވެސް އަހަރެންގެ ދަރިފުޅު އިސްޙާޤު އެއްވެސް ޙާލަތެއްގައި އެރަށަށް ގެންގޮސްގެން ނުވާނެ.“ މިގޮތުގެ މަތިން އިބްރާހީމްގެފާނުގެ ޚާދިމު އެކަލޭގެފާނު ވިދާޅުވި ފަދައިން ކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި ހުވާ ކޮށްފިއެވެ. އެއަށް ފަހު އިބްރާހީމްގެފާނުގެ ޖަމަލުތަކުގެ ތެރެއިން ދިހަ ޖަމަލަށް އަގުހުރި އެތަކެއް ހަދިޔާތަކެއް އަރުވާ ބަރާ ކުރުމަށް ފަހު، މި ޚާދިމުކަލޭގެ ދަތުރުކޮށް ގޮސް މެސޮޕޮޓޭމިއާގެ ހުޅަނގު އުތުރުގައިވާ ނާޙޫރުގެ ސަހަރަށް ދިޔައެވެ. އޭނާ އެތަކެއް ދުވަހު ދަތުރު ކުރަމުންގޮސް ހަވީރު ވީއިރު އެ ސަހަރުގެ ރަށްބޭރުގައިވާ ވަޅުގެ ކައިރިއަށް ފޯރައިފިއެވެ. ދެން އޭނާގެ ޖަމަލުތައް ވަޅުގެ ކައިރީ އެއްފަރާތުގައި ބަނޑު ޖައްސުވައިގެން ހުއްޓެވެ. އެވަގުތަކީ ސަހަރުގެ ފުރާވަރުގެ އަންހެންކުދިންތައް އެ ވަޅުގެ ކައިރިއަށް ފެންބަލާ އަންނަ ވަގުތުވެސް މެއެވެ. އެހިނދު އޭނާ މިފަދައިން ދުޢާ ދެންނެވިއެވެ. ”މާތްﷲ. އަޅުގެ ސާހިބާ އިބްރާހީމްގެފާނުގެ ރަސްކަލާކޮ! އަދު އަޅާގެ މުހުތާދު ފުއްދަވައި ދެއްވައި، އަޅުގެ ސާހިބު އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އަޅާގެ މި ދަތުރުގެ މަގުސަދު އެދެވޭ ގޮތުގައި ފުރިހަމަ ކޮށްދެއްވުމަށް އަޅާއަށް މަދަދު ދެއްވާނދޭވެ. މިތަނުގައިވާ ފެންއާރުގެ އެއްފަރާތުގައި އަޅާ ކޮއްޅުން ހުރިތަން ބައްލަވާ ވޮޑިގަންނަވާނދޭވެ. މިވަގުތަކީ ސަހަރުގެ ޅަނދޮޅު ޒުވާން އަންހެން ކުދިން ފެންބަލާ އަންނަ ވަގުތު. އަޅާގެ އެދުމަކީ އެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ގާތު އެކުއްޖާގެ ބަނޑިޔަލުން ފެންފޮދަކަށް އެދި ބުނުމުން މިފަދައިން އެކުއްޖާ ރައްދު ދިނުން. ’އާނއެކޭ. ފެންފޮދެއްބޯށޭ. އަދި ތިބާގެ ޖަމަލުތަކަށް ވެސް އަހަރެން ފެންދޭނަމޭ.‘ މިގޮތުގެ މަތިން އަމަލު ކުރާނެ ކުއްޖަކީ އިސްޙާޤުގެ އަނތްބަކަށް އެކަށޭނަ ކުއްޖާ ކަމުގައި ލައްވައިފިނަމަ އެއީ އިނބަ ކަލާނގެ އޯގާވަންތަކަން އަޅުގެ ސާހިބު އިބްރާހީމްގެފާނާއި އެކުގައި ވޮޑިގެންވާކަން އަޅާއަށް ހާމަކޮށްދެއްވުން ކަމުގައި އަޅު ދެކޭނަމު.“ ޚާދިމުކަލޭގެ ދުޢާކޮށް ނިމުމުގެ ކުރިން ބަތޫއީލްގެ އަންހެންދަރި ރިފްޤާ ބަނޑިޔަލެއް ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައެވެ. (މި ރިފްޤާގެ ބައްޕަ ބަތޫއީލް އަކީ އިބްރާހީމްގެފާނުގެ ކޮއްކޮ ނާޙޫރު އާއި މަލްކަތުގެ ދަރިއެކެވެ.) ރިފްޤާ އަކީ ނުހަނު ރީތި ބިކުރުވެރި އަންހެންކުއްޖެކެވެ. މި ކަނބުލޭގެ ދުވަހަކުވެސް ފިރިހެނަކާއެކު ރޭކޮށްފައި ނުވޭމެއެވެ. މި ކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ތަނާ އިބްރާހީމްގެފާނުގެ ޚާދިމު ދުވެފައި އައިސް އެ ކަނބުލޭގެއަށް ބުންޏެވެ. ”ކަނބުލޭގެ އަތުގައިވާ ތިޔަ ފެން ބަނޑިޔަލުން އަހަރެންނަށް ފެންފޮދެއް ދީފާނުތަ؟“ ”ފެން ބައްލަވާ ސާހިބާ!.“ މިހެން ބުނެފައި އެކަނބުލޭގެ އަވަސްކަމާއެކު ބަނޑިޔާ ތިރިކޮށް ޚާދިމުކަލޭގެއަށް ފެން ބޯން ދިނެވެ. ޚާދިމުކަލޭގެ ފެންބޮއި އަވަދިވުމުން ރިފްޤާ ބުންޏެވެ. ”ސާހިބާގެ ޖަމަލުތަކަށްވެސް އެތަކެތި އަލާކެނޑޭވަރަށް އަހަރެން ފެންދޭނަން.“ އެގޮތުން ޖަމަލުތައް ފެން ބުއިމަށްޓަކައި ބެހެއްޓިފައިވާ ފެންއޮޑީގެ ތެރެއަށް ބަނޑިޔަލުގައި ހުރި ފެން އޮއްސާލިއެވެ. އެއަށް ފަހު ވަޅު ދޮށަށް ގޮސް ބަނޑިޔަލަކަށް ފަހު ބަނޑިޔަލެއް ފުރާ ފެން ގެނެސް އެ ހުރިހާ ޖަމަލުތަކަށް ވެސް އެކަށީގެންވާ ވަރަށް ފެން ބޯންދީފިއެވެ. ހަނުހިމޭނުން ހުރެ އިބްރާހީމްގެފާނުގެ ޚާދިމު ހަނުހިމޭނުން ހުރެ އެކަނބުލޭގެ ކުރަމުންދިޔަ ކަންތައްތަކަށް ފަރުވާވެ ބަލަމުން ގެންދިޔައެވެ. ސަބަބަކީ މާތްރަސްކަލާނގެ އޭނާގެ މިދަތުރު ކާމިޔާބު ކޮށްދެއްވައި އެކަލާނގެ ޚިޔާރު ކުރެއްވި ކަނބުލޭގެއަކީ މިއީ ކަން ޔަޤީން ކުރުމަށްޓަކައެވެ. އެންމެހާ ޖަމަލުތައް ފެންބޮއި ނިމުމުން އެޚާދިމުކަލޭގެ ރިފްޤާގެ ނޭފަތުގައިލުމަށް ރަނުގެ މުއްޖަކާއި، އަތުގައި އެޅުމަށް ބޮޑެތި އުޅާގެ ރަން ދެ އުޅާ ދިނެއެވެ. އެއަށް ފަހު ޚާދިމުކަލޭގެ ރިފްޤާއަށް ބުންޏެވެ. ”ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްކަން ބުނެދީފާނަންތަ؟ އަހަރެންނާއި އަދި އަހަރެންނާއި އެކުގައިވާ މީސްތަކުންނަށް އެ ބޭކަލެއްގެ ހިޔާވަހީގައި މިރޭ ވޭތު ކުރުމަށް ޖާގައެއް ލިބިދާނެތަ؟“ ޖަވާބުގައި ރިފްޤާ ބުންޏެވެ. ”އަހަރެންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލް. އަހަރެމެންގެ ގޭގައި ތިބާގެ ޖަމަލުތަކަށް އެކަށީގެންވާ ވަރަށް ކާންދޭނޭ ވިނަވެސް ހުންނާނެ. އަދި އަހަރެމެންގެ ހިޔާވަހި ކަމުން ތިބާއާއި ތިބާގެ ބައިވެރިންނަށް ޖާގަ މިރޭ ލިބޭނެ.“ ދެން ޚާދިމުކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް މިފަދައިން ދުޢާ ދެންނެވިއެވެ. ”މާތްﷲ، އަޅާގެ ސާހިބު އިބްރާހީމްގެފާނުގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުސަނާ ދަންނަވަމު. އިނބަ ﷲ އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާ އަދި ތެދުވެރިވެ ވޮޑިގަންނަވާ. އަޅާގެ ސާހިބާގެ ގާތްތިމާގެ ފަރާތްތަކާއި އަޅާ ބައްދަލު ކުރުވައިފީމު.“ ރިފްޤާ ދުވެފައި ސީދާ ދިޔައީ ގެޔަށެވެ. އަދި މިހިނގާ ދިޔަ ކަންތައްތަކުން އެ އާއިލާއަށް ޚަބަރު ދިނެވެ. އެކަނބުލޭގެ ގެއަށް އައިސް ޚާދިމުކަލޭގެ ދެއްކި ވާހަކަތައް ކިޔާދިން ހިނދު އޭނާގެ ބޭބެ ލަބާން އަޑުއަހަން ހުއްޓެވެ. އަދި އެކަނބުލޭގެ ނޭފަތުގައިއޮތް ރަނުގެ ނޭފަތު މުއްޖާއި އަތުގައި އަޅާފައިވީ ރަނުގެ އުޅާތައް އޭނާއަށް ފެނުނެވެ. ދެން ލަބާން ދުވެފައިގޮސް އިބްރާހީމްގެފާނުގެ ޚާދިމާއި ބައްދަލު ކުރިއެވެ. އޭރުވެސް ޚާދިމުކަލޭގެ ހުރީ ސަހަރުގެ ބޭރުގައިވާ ވަޅުގެ ކައިރީގައެވެ. އަދި ލަބާން އޭނާއަށް ބުންޏެވެ. ”މާތްރަސްކަލާނގެ ތިބާ ރައްކާތެރިކަމާއެކު މިހިސާބަށް ގެނެސް ދެއްވައިފި. އަހަރެންނާއި އެކުގައި ގެއަށް ހިނގާ. މިތާ ބޭރުގައި ތިބާ ކޮޅަށް ހުންނާނެ ކަމެއްނެތް. އަހަރެމެންގެ ގެއިން ތިބާއަށާއި ޖަމަލުތަކަށް ހިޔާވަހިކަމާއި ޖާގަ ލިބޭނެ.“ އެހެންވެ އިބްރާހީމްގެފާނުގެ ޚާދިމު ލަބާން އާއިއެކުގައި އެ ގެއަށް ދިޔައެވެ. އަދި ޖަމަލުތަކުގެ މަތީގައިވާ އެންމެހާ މުދާތައް ލަބާން ބާލައިދީ ޖަމަލުތަކަށް ވިނަ ކާންދީހެދުމަށް ފަހު ޚާދިމުކަލޭގެއަށް ފެން ގެނެސް ދިނެވެ. އެއީ އެކަލޭގެ އާއި އަދި އެކަލޭގެއާއި އެކުގައި ވީ މީސްތަކުންގެ ފައި ދޮވުމަށެވެ. އޭގެފަހުގައި ލަބާން ޚާދިމުކަލޭގެއަށް ކެއުން ގެނެސް ދިނެވެ. ނަމަވެސް ޚާދިމުކަލޭގެ މިފަދައިން ބުންޏެވެ. ”އަހަރެން މިތަނަށް އައިބޭނުން ތިބާއަށް ބުނެނުދެވޭހާ ހިނދަކު އަހަރެން ނުކާނަން.“ ލަބާން ބުންޏެވެ. ”އެހެންވީއިރު އަހަރެމެންނަށް އެ ވާހަކަ ބުނެދޭންވީނު.“ ޚާދިމުކަލޭގެ އޭނާގެ ވާހަކަ ތަފުސީލުކޮށް ކިޔައިދެމުން ގެންދިޔައެވެ. ”އަހަރެންނަކީ އިބްރާހީމްގެފާނުގެ ޚާދިމެއް. ކޮންމެ ކަމެއްގައިމެ އަހަރެންގެ ސާހިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވައި އެކަލޭގެފާނަށް ތަނަވަސްކަން ދެއްވި. އެކަލޭގެފާނަށް ގިނަ ޢަދަދެއްގެ ކަންބަޅިބަކަރިތަކާއި، ނަޢަމްސޫތްޕާއި، ޖަމަލު އަދި ހިމާރުގެ އިތުރުން ރަނާއި ރިހި ދެއްވައި ގިނަ ޢަދަދެއްގެ އަޅުން އެކަލާނގެ ދެއްވި. އަހަރެންގެ ސާހިބާގެ އަނބިކަމަނާ، ސާރާ އުމުރުން ދުވަސްވެ މުސްކުޅިވެފައި ވަނިކޮށް އެކަމަނާ އާލާސްވެ އިނދެ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވި. އަދި އަހަރެންގެ ސާހިބާއަށް މިލްކުވެގެންވީ އެންމެހާ ތަކެތި އެ ދަރިކަލުންނަށް ހިބަކޮށް ދެއްވި. އަހަރެންގެ ސާހިބާ އަހަރެންގެ ފަރާތުން މިފަދައިން ހުވާ ކަށަވަރު ކުރުވި. ’މި ކަންޢާނުގެ ވަށައިގެން ދިރިއުޅެމުންދާ އަންހެން ކުދިންގެ ތެރެއިން ތިމަން ކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ހޯދައިދީގެން ނުވާނެ. އޭގެބަދަލުގައި ތިމަން ކަލޭގެފާނުގެ ބަފާކަލުންގެ ރަށަށް ގޮސް ތިމަން ކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ތެރެއިން ތިމަން ކަލޭގެފާނުގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.‘ އަހަރެން އެކަލޭގެފާނަށް މިފަދައިން ދެންނެވީމު. ’އަޅުގަނޑު ޚިޔާރު ކުރާ އަންހެން ކުއްޖާ އަޅުގަނޑާ އެކުގައި އައުމަށް ދެކޮޅު ހަދައިފިނަމަ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟‘ ނަމަވެސް އަހަރެންގެ ސާހިބާ މިފަދައިން ޖަވާބުދެއްވި. ’ތިމަންކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރަނީ އަބަދުވެސް މާތްރަސްކަލާނގެއަށް. ތިމަންކަލޭގެފާނުގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތް ކާމިޔާބު ކޮށްދިނުމަށްޓަކައި މާތްރަސްކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ. ނަމަވެސް އެމީހުން އެ އަންހެންކުއްޖާ އާއިއެކުގައި އައުމަށް އިންކާރުކޮށްފިނަމަ ތިބާ ކުރި ހުވާ ދަމަހައްޓާކަށް ނުޖެހޭނެ.‘ އަހަރެންނަށް ވަޅުގެ ކައިރިއަށް މިއަދު އާދެވުނު ހިނދު ހަނުހިމޭން ކަމާއިއެކު މިފަދައިން ދުޢާ ދެންނެވީމު. ’މާތްﷲ. އަޅުގެ ސާހިބާ އިބްރާހީމްގެފާނު އަޅުކަން ކުރައްވާ ރަސްކަލާކޮ! އަޅުގެ ސާހިބާގެ ދަރިކަލުންނަށް އަނތްބަކު ހޯދުމަށްޓަކައި އަޅާއަށް މަގުދައްކަވާނދޭވެ.‘ ދެން އަހަރެން ވަޅުގެ ކައިރީގައި ހުއްޓާ ފުރާވަރުގެ އަންހެން ކުދިންތައް ފެންބަލާ ވަޅު ކައިރިއަށް އަންނަންފެށި. ވަޅުކައިރިއަށް ފެންބަލާ އަންނަ ކުދިންގެ ތެރެއިން ކުއްޖެއްގެ ގާތުން ތިބާ ފެންފޮދެއް ދިނުމަށް އެދުމުން އެކުއްޖާ އޭގެ ޖަވާބުގައި މިހެން ބުނާނެ. ’އާނއެކޭ. ފެންފޮދެއްބޯށޭ. އަދި ތިބާގެ ޖަމަލުތަކަށް ވެސް ތިމަން ފެންދޭނަމޭ. މިގޮތުގެ މަތިން އަމަލުތައް ހުންނާނެ ކުއްޖަކީ އަހަރެންގެ ސާހިބާގެ ދަރިކަލުންގެ އަނތްބަކަށް އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާނެ ކުއްޖާ ކަމުގައި އަޅާ ދެކޭނަމުއޭ.‘ އަހަރެން ހަނުހިމޭނުން ދުޢާކޮށް ނިމުމުގެ ކުރިން ރިފްޤާ އެކަނބުލޭގެ ފެންއުފުލާ ބަނޑިޔާ ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައި. އަދި އެކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ހިނދު އަހަރެން އެކަނބުލޭގެ ކައިރިން ފެންފޮދަކަށް އެދުނީމު. އެހިނދު އެކަނބުލޭގެ ފެން ބަނޑިޔާ އަވަސްކަމާއެކު ތިރިކޮށް މިފަދައިން ބުނި. ’ފެން ބައްލަވާ. އެއަށް ފަހު ސާހިބާގެ ޖަމަލުތަކަށްވެސް އެތަކެތި އަލާކެނޑެންދެން އަހަރެން ފެންދޭނަން.‘ ދެން އަހަރެން ފެންބުއީމު. އަދި އެއަށް ފަހު އެކަނބުލޭގެ ގޮސް އަހަރެންގެ ޖަމަލުތަކަށް ފެން ވެސް ދިންމެ. އަހަރެން އެކަނބުލޭގެއަށް ’ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްތޯ؟‘ އަހައި ސުވާލު ކުރީމާ އެކަނބުލޭގެ ޖަވާބުގައި މިފަދައިން ބުނި. ’ތިމަންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލްއޭ.‘ ދެން އަހަރެން އެކަނބުލޭގެ ނޭފަތުގައި ރަނުގެ ނޭފަތު މުއްޖެއް ލައިދީ އަދި އެކަނބުލޭގެ އަތުގައި ބޮޑެތި އުޅާގެ ރަން ދެ އުޅާ އަޅުވައިދިނީމު. ދެން އަހަރެން، އަހަރެންގެ ސާހިބާ އިބްރާހީމްގެފާނުގެ ކަލާނގެ ﷲއަށް ކުރުނީސް ކޮށް ޝުކުރު ދެންނެވީމު. އަދި ﷲގެ ކިބަފުޅަށް ޙަމްދާސަނާ ދެންނެވީމު. ސަބަބަކީ މާތްﷲ ސީދާ ގޮތެއްގައި އަހަރެންގެ ސާހިބާގެ ގާތްތިމާގެ މީހުންނާ ބައްދަލު ކުރުވައި އެބައިމީހުންގެ ތެރެއިން އެކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ދެއްވުމުން. މިހިނދު ތިޔަބައިމީހުން އަހަރެންނަށް ބުނެދީބަލަ، ތިޔަބައިމީހުން އަހަރެންގެ ސާހިބާއަށް އިޚުލާސްތެރިވެ ތެދުވެރި ވެދޭނަމުތޯ؟ އަދި ތިޔަބައިމީހުންގެ ނިންމުން ހުރިގޮތް އަހަރެންނަށް ބުނެދީ. އެއަށް ފަހު އަހަރެން އަމަލު ކުރަންވީގޮތެއް އަހަރެންނަށް އެނގިދާނެ.“ ލަބާން އާއި ބަތޫއީލް ޖަވާބު ދިނެވެ. ”މިހުރިހާ ކަމަކީ މާތްރަސްކަލާނގެ ނިންމެވުން. އަދި މިހިނގާދިޔަ އެއްވެސް ކަމެއް ބަދަލު ކުރުމަކަށް އަހަރެމެން ނޭދެން. ތިބާއާ އެކުގައި ރިފްޤާ ގެންދޭ. މާތްރަސްކަލާނގެ އެދިވޮޑިގެންނެވި ފަދައިން ތިބާގެ ސާހިބާގެ ދަރިކަލުންނާއި އެކަނބުލޭގެއަށް ކައިވެނި ކުރެވޭނެ.“ އިބްރާހީމްގެފާނުގެ ޚާދިމަށް މިބަސްތައް އިވިގެން ދިއުމުން އެކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް ތިރިވިއެވެ. އެއަށް ފަހު އެކަލޭގެ ރިފްޤާއަށް ރަނާއި ރިހީގެ ގަހަނާއާއި އަންނައުނު ދިނެވެ. މީގެ އިތުރުން އަގުބޮޑެތި ހަދިޔާތައް އެކަނބުލޭގެ މަންމައަށާއި ބޭބެއަށް ވެސް ދިނެވެ. އިބްރާހީމްގެފާނުގެ ޚާދިމާއި އޭނާއާ އެކުގައި ވީ މީސްތަކުން ކައިބޮއި ހެދުމަށް ފަހު އެރޭ އެގޭގައި ހޭދަކުރިއެވެ. އޭގެ އަނެއްދުވަހުގެ ހެނދުނު އެބައިމީހުންނަށް ނިދިން ހޭލެވުމާއިއެކު ރިފްޤާގެ މަންމައަށާއި ބޭބެއަށް ޚާދިމުކަލޭގެ ބުންޏެވެ. ”މިހާރު އަހަރެން އެނބުރި އަހަރެންގެ ސާހިބާގެ އަރިހަށް ދިއުމަށް އެދެން.“ އެހެނަސް ރިފްޤާގެ މަންމައާއި ބޭބެ މިފަދައިން ޖަވާބުދިނެވެ. ”އަދި ހަފުތާއެއް ނޫނީ ދިހަ ދުވަސް ރިފްޤާ އަހަރެމެންގެ ގާތު މަޑުކުރުމަށް ފަހުގައި އޭނާ ހިނގައިދާނެ.“ ނަމަވެސް ޚާދިމު ކަލޭގެ އެބައިމީހުންނަށް ބުންޏެވެ. ”އަހަރެން މަޑުކުރުވުމަށް މަސައްކަތް ނުކުރޭ. ސަބަބަކީ މާތްރަސްކަލާނގެ އަހަރެންގެ މި ދަތުރުގެ މުހުތާދުތައް ފިއްލަވައި ދެއްވައި ކާމިޔާބު ކޮށްދެއްވައިފި. އަހަރެންގެ ސާހިބާގެ އަރިހަށް ދިޔަދީ.“ އެހިނދު ރިފްޤާގެ ބޭބެ އާއި މަންމަ ބުންޏެވެ. ”އަހަރެމެން ރިފްޤާ ގެނެސް އޭނާ އެދޭ ގޮތަކީ ކޮބައިތޯ އަހާނަން.“ ދެން އެބައިމީހުން ރިފްޤާ ގެނެސް އޭނާގެ ކައިރިން އެހިއެވެ. ”ކަނބުލޭގެ މި ފިރިހެނާ އާއިއެކުގައި މިހާރު ދިއުމަށް އެދެމުތަ؟“ ރިފްޤާ ޖަވާބުގައި ބުންޏެވެ. ”އާނ. އަހަރެން ބޭނުން.“ އެހެންވެ ރިފްޤާ އާއި އޭނާގެ ބާނދީއާއި އިބްރާހީމްގެފާނުގެ ޚާދިމުކަލޭގެއާއި އަދި އެކަލޭގެ އާއި އެކުގައި ވީ މީސްތަކުންނާ އެކުގައި ދިއުމުގެ ހުއްދަ އެބައިމީހުން ދިނެވެ. ރިފްޤާގެ އާއިލާ އެކަނބުލޭގެއަށް ރަޙުމަތް ލެއްވުން އެދި މިފަދައިން ދުޢާކުރިމެއެވެ. ”އުޚުތާ، ތިބާއަކީ އެތައްހާސް ބައެއްގެ މަޔަކަށް ވާށި. އަދި ތިބާގެ ދަރިފަސްކޮޅު، އެމީހުންގެ ޢަދާވާތްތެރިންގެ ޤައުމުތައް ޙިސާރު ކުރާށި.“ އެއަށް ފަހު ރިފްޤާއާއި އެކަނބުލޭގެ ބާނދީން ދަތުރު އެރެހެއްޓުމުގެ ތައްޔާރީތައް ކޮށް ނިންމުމަށް ފަހު ޖަމަލުގެ މައްޗަށް ސަވާރުވިއެވެ. އަދި ޚާދިމުކަލޭގެއާއި އެކަލޭގެއާއި އެކުގައި ވީ މީސްތަކުން އެކުއެކީގައި ދިޔައެވެ. އެ ދުވަސްތަކުގައި އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ބިއުރުލަޙައިރުއީ އަވަށާ ޖެހިގެން އޮންނަ ކަންޢާނުގެ ދެކުނު ސަރަހައްދުގައެވެ. އެއް ދުވަހެއްގެ ހަވީރުގެ ވަގުތުގައި އެކަލޭގެފާނު ދަނޑުބިންތަކުގެ ތެރޭގައި ހިންގަވަން ހުއްޓާ ޖަމަލުތަކެއް އަންނަތަން ފެނިވަޑައިގެންނެވިއެވެ. އެހިނދު ރިފްޤާއަށް ވެސް އިސްޙާޤުގެފާނު ފެނިއްޖެއެވެ. އެއާއެކު އެކަނބުލޭގެ ޖަމަލުގެ މަތިން ފުންމާލިއެވެ. އަދި ޚާދިމުކަލޭގެ ކައިރިން މިފަދައިން އެހިއެވެ. ”އެ ދަނޑުބިންތަކުގެ ތެރެއިން ހިނގާފައި އަހަރެމެންނާއި ދިމާއަށް އެއަންނަނީ ކާކު؟“ ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”އެއީ އަހަރެންގެ ސާހިބާ.“ އެހިނދު ރިފްޤާ އޭނާގެ ކޮޑުމަތީގައިވާ ބުރުގާއިން މޫނު ނިވާކުރިއެވެ. ދެން ޚާދިމުކަލޭގެ މިހިނގާދިޔަ ޙާދިސާތަކުން އިސްޙާޤުގެފާނަށް ޚަބަރު ދެއްވިއެވެ. ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.