ފެށުން. 23. ސަތޭކަ ހަތާވީސް އަހަރު ވަންދެން ސާރާ ދުނިޔޭގައި އިންނެވުމަށް ފަހު ޤަރްޔަތު އަރްބަޢު، (ކަންޢާނުގެ ރަށެއް ކަމުގައިވާ ޙަބްރޫނު) ގައި އެކަމަނާ އަވަހާރަވިއެވެ. ސާރާގެ އަވަހާރަވުމުން އިބްރާހީމްގެފާނަށް ފުން ހިތާމަތަކެއް ކުރިމަތިވެ ވަޑައިގަތެވެ. ދެން ސާރާގެ ގަބުރުފުޅު ކައިރިން އިބްރާހީމްގެފާނު ތެދުވެވަޑައިގެން އެރަށުގެ ބޮޑު ދޮރާށި ހުރި މައިދާނުގައި ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުންތަކާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ. ”އަހަރެންނަކީ ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެގެން އުޅޭ ބީރައްޓެއްސެއް. އަހަރެންގެ އަނބިމީހާ ފަސްދާނުލާނޭ ބިމެއް އަހަރެންގެ މިލްކިއްޔާތަކު ނެތް. އޭނާ ވަޅުލާނެ ބިންކޮޅެއް އަހަރެންނަށް ވިއްކާ.“ ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުން އިބްރާހީމްގެފާނަށް ޖަވާބުދެއްވިއެވެ. ”ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއްފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.“ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން ޙިއްޘީންގެ ޤައުމުގެ މީހުންނަށް ކުރުނީސްކޮށް ސަލާމް ކުރައްވައި ވިދާޅުވިއެވެ. ”ތިޔަބައިމީހުން އަހަރެންގެ އަނބިމީހާ މިރަށުގައި ފަސްދާނު ލެއްވުމަށް އެދޭނަމަ އަހަރެންނަށްޓަކައި ޞޫޙަރުގެ ދަރި ޢިފްރޫން އާއި ވާހަކަ ދައްކައިދީ. އޭނާގެ ދަނޑުފަނގުގެ ނިމޭ ހިސާބުގައިވާ މަކްފީލަތު ހޮހަޅަ އަހަރެންނަށް ވިއްކާށޭ ބުނެދީ. އަހަރެން އޭނާއަށް އެތަނުގެ ފުރިހަމަ އަގު އަދާކުރާނަށް. އަދި ތިޔަބައިމީހުން ހެކިކޮށް އަހަރެން އެތަން ގަތުމަށް ބޭނުންވަނީ ގަބުރުސްތާނެއް ހެދުމަށް.“ މައިދާނުގައި އެއްވެ ތިބި ޙިއްޘީންގެ ތެރޭގައި ޢިފްރޫން ވެސް ހުއްޓެވެ. އޭނާ އެންމެންނަށް އިވޭނޭހެން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ. ”ނޫން. ސާހިބާ. މިތަނުގައި މިތިބި އެންމެތަކުން ހެކިކޮށް މުޅި އެ ދަނޑުފަނގުގެ އިތުރުން ހޮހަޅަ ވެސް ކަލޭގެފާނަށް އަޅުގަނޑު ވެދުންކޮށްފިން. ކަލޭގެފާނުގެ އަނބިކަނބަލުން އެތަނުގައި ފަސްދާނު ލައްވާ.“ ދެވަނަ ފަހަރަށް ޙިއްޘީންނަށް އިބްރާހީމްގެފާނު ކުރުނީސް ކުރައްވާ އެކަލޭގެފާނު ޢިފްރޫންއަށް ވިދާޅުވިއެވެ. ”މިތަނުގައި މިތިބަ އެންމެތަކުން ހެކިކޮށް ބުނަން. އެބިމުގެ ޖުމުލަ އަގު އަހަރެންގެ ފަރާތުން ބަލައިގަނޭ. އެއަށް ފަހު އަހަރެންގެ އަންހެނުންގެ ގަބުރު އެތަނުގައި ވަޅުލާނަން. އަދި އަހަރެންގެ މިހުށަހެޅުމަށް އިހުތިރާމްކޮށް އެ ފައިސާ ބަލައިގަނޭ. އަހަރެންނަށް އެތަން ވިއްކާ. އެތަނުގެ ފުރިހަމަ އަގު ގަބޫލުކުރޭ.“ ޢިފްރޫން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ. ”ސާހިބާ. އެބިމުގެ އަގަކީ ހަތަރުސަތޭކަ ރިހި ލާރިފޮތި. މިފަދަ ކުޑަ އަގަކީ އަޅުގަނޑުމެން ފަދަ ގާތް ދެ ރަޙުމަތްތެރިންނަށް ކޮން އެއްޗެއް؟ އެ ބިމަކީ ކަލޭގެފާނުގެ ބިމެއް. އެތަނުގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ.“ މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި އިބްރާހީމްގެފާނު ބިމުގެ އަގަށް ވާ ހަތަރުސަތޭކަ ރިހި ލާރިފޮތި ޢިފްރޫންއަށް ދެއްވައި އެ ބިމުގެ އަގު އަދާ ކުރެއްވިއެވެ. އަދި އާދަވެގެން ވިޔަފާރިވެރިން ކަންތައް ކުރާ އުސޫލުން އެ ހަތަރުސަތޭކަ ރިހި ލާރިފޮތި މިނެކިރިއެވެ. އެގޮތުގެ މަތިން، މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި ޢިފްރޫންގެ މިލްކިއްޔާތުގައި ހިމެނިގެންވީ ޙަބްރޫންގެ އިރުމަތީ ފަރާތުގައިވާ ގަސްތަކާއި ދަނޑުފަނގުތަކުގެ އިތުރުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވިއެވެ. ދެން އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަބަލުން ސާރާ ކަންޢާނުގެ އެހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. އެގޮތުން ޙިއްޘީންގެ އަތުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވުމަށް ފަހު ގަބުރުސްތާނެއްގެ ގޮތުގައި އެތަން ހެއްދެވިއެވެ.